“لَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ” މި ޒިކުރު ކިޔުމުގެ މާތްކަން

ޢަރަބި ބަހުގައި “الحَوْلُ” ގެ މާނައަކީ ޙަރަކާތެވެ. ނުވަތަ އެއްޙާލަތުން އަނެއްޙާލަތަށް ބަދަލުވުމެވެ. އަދި “القُوَّةُ” ގެ މާނައަކީ ބާރެވެ. އެހެންކަމުން މިޒިކުރުގެ މުރާދަކީ؛ ހިތާމަވެރިކަމުންނާއި، ފާފަކުރުމުންނާއި، ނުކުޅެދުންތެރިކަމުންނާއި، ފަޤީރުކަމުންފަދަ އެންމެހާ ޙާލަތްތަކުން ރަނގަޅު ޙާލަތްތަކަށް ބަދަލުވެވޭހުށީ، އަދި އެ ބަދަލުވުމުގެ އާރާއިބާރުވަނީ ހަމައެކަނި ﷲ ގެ ޙަޟްރަތުންނެވެ.

މި ޒިކުރަކީ ސުވަރުގޭގެ މަތިވެރި ކަންޒުތަކުގެ ތެރެއިން ކަންޒެކެވެ. މި ޒިކުރު ކިޔައި، މި ޒިކުރުން އަންގައިދޭ މާނައާއި އެއްގޮތަށް ޢަމަލުކުރާމީހުންނަށް އެ ކަންޒު ޙާޞިލުވާހުއްޓެވެ. އަބޫ މޫސަލް ޢަޝްޢަރީ ރަޟިޔަﷲ ޢަންހުއަށް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((أَلَا أَدُلُّكَ عَلَى كَلِمَةٍ مِنْ كَنْزٍ مِنْ كُنُوزِ الْجَنَّةِ ؟)) މާނައީ: “ސުވަރުގޭގެ ކަންޒުތަކުގެ ތެރެއިން ކަންޒެއްކަމުގައިވާ ކަލިމައަކަށް ތިމަންކަލޭގެފާނު ތިބާއަށް މަގުދައްކަވަމުތޯއެވެ؟” އެހިނދު ތިމަން އާދޭހޭ ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ. ((لَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ)) އެވެ.