1439 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހު ޖަމްޢިއްޔަތުއްސަލަފުން ހިންގި ޙަރަތާތްތަކުގައި އެކި ގޮތްގޮތުން އެހީތެރިވި ފަރާތްތަކަށް ޖަމްޢިއްޔަތުއްސަލަފުގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ޝުކުރު ދަންނަވައިފި އެވެ.
“1439 ވަނަ އަހަރުގެ ރަމަޟާންމަހު ޖަމްޢިއްޔަތުއްސަލަފުން ހިންގާފައިވާ އެންމެހައި ޙަރަކާތްތަކުގައި އެކިގޮތްގޮތުން އެހީތެރިވެދެއްވި އެންމެހައި ފަރާތްތަކަށް އަޅުގަނޑުގެ ނަމުގައާއި ޖަމްޢިއްޔާގެ ނަމުގައި ޝުކުރު އަދާކުރަން” ޝައިޚް ޢަބްދުﷲ މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
މިކަމާގުޅޭގޮތުން ޖަމްޢިއްޔާގެ ވެބްސައިޓަށް ޝައިޚް ދެއްވި އިންޓަވިއުގައި ވިދާޅުވިގޮތުގައި ފާއިތުވީ ރަމަޟާންމަހު ޖަމްޢިއްޔާގެ ފަރާތުން ގިނަ ޕްރޮގްރާމްތަކެއް ހިންގާފައިވާކަމަށާއި އެއީ ﷲ ގެ ރަޙްމަތާއެކު ވަރަށްގިނަ އަޚުންގެ މިންނެއް މަސައްކަތް ކަމަށެވެ. އަދި އެކިއެކި އިވެންޓުތަކަށް ޝައިޚުންގެ ފަރާތުން ލިބުނު އެއްބާރުލުމަށްވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވާކަމަށާއި ހުރިހާ ޙަރަކާތްތަކެއް ކާމިޔާބުކަމާއެކީ ނިންމާލެވުނީ ﷲ ގެ ރަޙްމަތުން ހުރިހާ ބޭފުޅުންގެ އެއްބާރުލުމާއެކީގައިކަމަށެވެ.
“ރަމަޟާންމަހު ޖަމްޢިއްޔާއިން އިންތިޒާމުކޮށްގެން ހިންގާފައިވާ އެންމެހާ ދީނީ ޕްރޮގުރާމުތަކާއި އަދި ޙަރާކާތްތަކުގައި ބައިވެރިވެލެއްވި ޝައިޚުންނާއި އަދި މިކަންކަން އިންތިޒާމުކުރުމުގައި ބައިވެރިވެލެއްވި އެންމެހާ ބޭފުޅުންނާއި އަދި އެކަމަށް މާލީގޮތުންނާއި މަޢުނަވީ ގޮތުން އެހީތެރިވެ އެންމެހާ ބޭފުޅުނަށް އަޅުގަނޑުގެ އިޚްލާޞްތެރި ޝުކުރު ދަންނަވަން. އަދި ޖަމްޢިއްޔަތުއްސަލަފުގެ ނަމުގައާއި މެމްބަރުންގެ ނަމުގައި އެބޭފުޅުންނަށް ޝުކުރުދަންނަވަން.” ޝައިޚް ޢަބްދުﷲ ވިދާޅުވިއެވެ.
ނިމިދިޔަ ރަމަޟާންމަހު ސަލަފުން ހިންގި ބައެއް ޙަރަކާތްތަކުގެ ތެރޭގައި، ޤިޔާމަތުގެ ޢަލާމާތްތަކާއިގުޅޭގޮތުން “އަޝްރާތު”ގެ ނަމުގައި ރަމަޟާންމަހުގެ ކޮންމެ ދުވަހަކު ފުރުޤާން މިސްކިތުގައި ކުރިއަށް ގެންދިޔަ ޙަރާކާތާއި، އަލް ހިޖްރަ ޖަމްޢިއްޔާއާއި ގުޅިގެން ޞަޙާބީންގެ ޙަޔާތްޕުޅުގެ މައްޗަށް އަލިއަޅުވާލާ “ދަ ޔަންގް ކޮމްޕޭނިއަން”ގެ ނަމުގައި ކުރިއަށްގެންދިޔަ ދަރުސް ޕްރޮގްރާމްތަކާއި ‘ފަހުދިހައެއް’ ގެނަމުގައި ވިލިމާލެ މަސްޖިދުއްއިޚްލާޞްގައި ކުރިއަށްގެންދިޔަ ދަރުސް ޕްރޮގްރާމްތައް ފާހަގަކޮށްލަން ޖެހެއެވެ. އޭގެއިތުރުން
މާލެފިޔަވައި ރާއްޖޭގެ އެހެން ރަށްރަށުގެ ޖަމްޢިއްޔާތަކާއި ކައުންސިލްތަކާ ގުޅިގެން ކުރިއަށްގެންދިޔަ ދަރުސް ޕްރޮގްރާމްތަކާއި ‘ޖިންނި’ ގެނަމުގައި ދ.އަތޮޅު ކުޑަހުވަދޫގައި ބޭއްވި ޚާއްޞަ ފޯރަމް ހިމެނެއެވެ. އަދި ކޮންމެ އަހަރެއްގެ ރަމަޟާންމަހު ކުރިޔަށް ގެންދާ ‘ސަލަފް ސުވާލު މުބާރާތް’ މިއަހަރުވެސްވަނީ ކުރިއަށް ގެންގޮސްފައެވެ.
ދީނީ ހޭލުންތެރިކަމުގެ ހަރަކާތްތަކުގެ އިތުރުން ނިކަމެތި ޢާއިލާތަކަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ‘ވާބިލު’ ގެ ނަމުގައި މިއަހަރު ވަނީ މުޅިން އަލަށް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުތަކުން 44 ޢާއިލާއަކަށްވަނީ ރަމަޟާންމަހުގެ ކެއުންބުއިމަށް ބޭނުންވާ މައިގަނޑު ހުރިހާ ބާވަތެއް ފޯރުކޮށްދީފައެވެ. އަދި މީގެ އިތުރުން ރޯދަވެރިންނަށް ރޯދަ ވީއްލުމަށް ތަކެތި ފޯރުކޮށްދިނުމުގެ ނަމުގައި 1438 ވަނަ އަހަރު ފެށި ‘ހަދާޔާ’ ޕްރޮގުރާމު މިއަހަރުވެސްވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ފާއިތުވި ރަމަޟާންމަހު 3000 ހަދާޔާ ފޮށިވަނީ އައި.ޖީ.އެމް.އެޗް ގައި ތިބޭ ބަލިމީހުންނާއި އެމީހުންގެ އެހީތެރިންނަށް ފޯރުކޮށްދީފައެވެ.