ﷲ ތަޢާލާދެކެ ލޯބިވާ މީހެއްނަމަ، ﷲއާއި އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ފުރައްސާރަ ކުރާ ފަރާތެއްދެކެ ލޯބި ނުވެވޭނެ ކަމަށާއި ބުއްދީގެ ހަމަތަކުން ބެލިކަމުގައިވިޔަސް މިއީ އަޅުގަނޑުމެންނަށް އެނގޭ އެއްޗެއްކަމަށް އައްޝައިޚް މުޙައްމަދު ޝަމްޢޫނު ވިދާޅުވެއްޖެއެވެ.
ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ރޭ ގެނެސްދިން ‘އޮނަތިރީސް މިނިޓް’ ގެ 84 ވަނަ ޕްރޮގްރާމުގައި ‘އެންމެ ލޯބިވާ ފަރާތް’ މި މައުޟޫއަށް ވާހަކަފުޅު ދައްކަވަމުން ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރު އައްޝައިޚް މުޙައްމަދު ޝަމްޢޫނު ވިދާޅުވީ ﷲ ތަޢާލާއާއި ޢަދާވާތްތެރިކަން ފާޅު ކުރަމުންދާއިއިރުވެސް، ﷲ ތަޢާލާގެ ދީނާއިދެކޮޅު ހަދަމުންދާ ހިނދުވެސް އަދި ﷲގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ފުރައްސާރަ ކުރަމުންދާ ހިނދު، އެމީހެއްދެކެ ލޯބިވާކަމަށްވާނަމަ ހަގީގަތުގައި އެމީހަކަށް ﷲ ތަޢާލާދެކެ ލޯބި ނުވެވެނީކަމަށެވެ.
“ﷲ ތަޢާލާއާއި ޢަދާވާތްތެރިކަން ފާޅު ކުރަމުންދާއިއިރުވެސް، ﷲ ތަޢާލާގެ ދީނާއިދެކޮޅު ހަދަމުންދާ ހިނދުވެސް އަދި ﷲގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ފުރައްސާރަ ކުރަމުންދާ ހިނދުވެސް އެމީހެއްދެކެ ލޯބިވާކަމަށްވާނަމަ އަސްލު ހަގީގަތުގައި ﷲ ތަޢާލާދެކެ ލޯބި ނުވެވެނީ. ﷲ ތަޢާލާދެކެ ލޯބިވާ މީހެއްނަމަ ކިހިނެއްތޯ ﷲއާއި އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ފުރައްސާރަ ކުރާ ފަރާތެއްދެކެ ލޯބިވާނީ؟ ބުއްދީގެ ހަމަތަކުން އަޅުގަނޑުމެން ބަލާލިޔަސް މިއީ އަޅުގަނޑުމެންނަށް އެނގޭ ވިސްނޭ ކަންތައްތައް” ޝައިޚް ވިދާޅުވިއެވެ.
ޝައިޚް ޝަމްޢޫން އިތުރަށް ވިދާޅުވިގޮތުގައި ޤިޔާމަތްދުވަހުން ﷲ ތަޢާލާގެ ވަޖުހުފުޅު ދެކެންބޭނުންވާކަމަށްވާނަމަ އަޅުގަނޑުމެން މިއަދު ދުނިޔެމަތީގައި އެންމެ ލޯބިވާން ޖެހޭނީ ﷲ ތަޢާލާދެކެކަމަށާއި އަދި އަޅުގަނޑުމެން އެހެންފަރާތްތައްދެކެ ވާ ލޯބިވެސް ބިނާކުރަން މިޖެހެނީ ﷲ ތަޢާލާދެކެ ވާ ލޯބީގެ ތެރެއިންވާ ލޯތްބެއްގެ ގޮތުގައިކަމަށެވެ.
“މިއަދު އަޅުގަނޑުމެން މިދުނިޔޭގައި ވަގުތުތައް ހޭދަކުރަމުންދާއިރު، އަޅުގަނޑުމެން ކަނޑައަޅަންވީ ޤިޔާމަތްދުވަހުން އަޅުގަނޑުމެން އުޅެން ބޭނުންވަނީ ކޮން ބަޔަކާ އެކީގައިތޯ. ޤިޔާމަތްދުވަހުން އަޅުގަނޑުމެން ވާން ބޭނުމީ ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި އެކީގައިތޯ. އެކަލޭގެފާނުގެ ޞަހާބީންނާއެކީގައިތޯ ނުވަތަ ﷲ އާއި ޢަދާވާތްތެރިވެފައިވާ ﷲގެ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ފުރައްސާރަ ކޮށްފައިވާ ބަޔަކާ އެކީގައިތޯ. އެހެންވީމާއި އުޚުރަވީ ޙަޔާތުގައި އަޅުގަނޑުމެން ނިޢުމަތުގެ ގޮވަތީގައި ނިއުމަތުގެ އަހުލުވެރީންނާއެކުގައި، ޞިއްދީޤުންނާއި، ނަބިއްޔުންނާއި، ޝަހީދުންނާއި، ޞާލިޙުންނާއެކީގައި ވާން ބޭނުންކަމަށްވާނަމަ އަދި ﷲ ގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދެކެންބޭނުންކަމަށް ވާނަމަ، ﷲ ގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި އެއް ޒުމުރާއެއްގައިވާން ބޭނުންކަމަށްވާނަމަ، އަދި ކިއެއް ﷲ ތަޢާލާގެ ވަޖުހުފުޅު ދެކެންބޭނުންވާކަމަށްވާނަމަ އަޅުގަނޑުމެން މިއަދު ދުނިޔެމަތީގައި ﷲ ތަޢާލާދެކެ އެންމެ ލޯބިވާން ޖެހޭނީ އަދި އަޅުގަނޑުމެން އެހެންފަރާތްތައްދެކެ ވާ ލޯބިވެސް ބިނާކުރަން މިޖެހެނީ ﷲ ތަޢާލާދެކެ ވާ ލޯބީގެ ތެރެއިންވާ ލޯތްބެއްގެ ގޮތުގައި ހަދަން މިޖެހެނީ” ޝައިޚް ޝަމްޢޫން ވިދާޅުވިއެވެ.