ދީނީގޮތުން ހައްދުފަހަނައަޅާފައިވާ ޖަމާޢަތެއްކަމަށްވާ އައިއެސްއައިއެސްގެ މަންހަޖަކީ ނަބަވީ މަންހަޖާއި ސީދާ އިދިކޮޅު، ޠާޣޫތީ މަންހަޖެއްކަމަަށް ޖަމްޢިއްޔަތުއްސަލަފުގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޝައިޚް ޢަބްދުﷲ މިއަދު ކުރެއްވި ޓްވީޓެއްގައި، މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމް، އެކަލޭގެފާނުގެ އަޞްޙާބުންގެ ނަން އެޅިގެންތިބި މުނާފިޤުން ޤަތުލު ނުކުރެއްވުމަކީ ދީނަށް ލޯބިކުރާ މިއަދުގެ ޒުވާނުންނަށް އޮތް ނަމޫނާއަކަށް ނުވަނީތޯ ވިދާޅުވެ ސުވާލުކުރައްވާފައިވެއެވެ.
“މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމް، އެކަލޭގެފާނުގެ އަޞްޙާބުން ޤަތުލުކުރާކަމަށް މީސްތަކުން ވާހަކަ ދައްކަފާނެތީ މުނާފިޤުން ޤަތުލު ނުކުރެއްވުމަކީ ދީނަށް ލޯބިކުރާ މިއަދުގެ ޒުވާނުންނަށް އޮތް ނަމޫނާއަކަށް ނުވަނީ ކީއްވެހެއްޔެވެ؟ މިކަމުން ސާފުވެދަނީ އައިއެސްއައިއެސްގެ މަންހަޖަކީ ނަބަވީ މަންހަޖާއި ސީދާ އިދިކޮޅު، ޠާޣޫތީ މަންހަޖެއްކަން” ޝައިޚްގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
“Mohamed eynage Ashābun Qathulu kurākamah meesthakun wāhaka dhakkafaanethee ” Munaafiqun Qathulu Nukewwumaki Dheenah loabi kurā miadhuge Zuwaanunnah oi Namoonā akah nuwanee keevve? Mi kamun sāf wedhanee ISIS ge manhajaki Nabawi Manhajā seedhaa idhikolhu Thoaghoothee manhajekkan.
— Abdullah bin janaab (@binjanaab) July 10, 2019
އިރާޤާ ސޫރިޔާގައި ފާޅުވެގެން އުޅޭ އައިއެސްއައިއެސް ޖަމާޢަތަކީ ހައްދުފަހަނައަޅާފައިވާ ބައެއްކަމަށް މިޒަމާނުގެ އިތުބާރު ހުރި ޢިލްމުވެރިންވަނީ ވިދާޅުވެފައެވެ. އަދި މި ޖަމާޢަތުން ޢިއުލާނުކޮށްފައިވާ ޚިލާފަތަކީ ބާޠިލު ޚިލާފަތެއްކަމަށްވެސް ޢިލްމުވެރިންވަނީ ފަތުވާދެއްވާފައެވެ.