ފިރިހެނުން އިތުރު މީހަކާއި ކައިވެނި ކުރުމަށް އިނދެގެން އުޅޭ އަނބިމީހާގެ ހުއްދަ ހޯދަން ނުޖެހޭނެކަމަށާއި އެއީ ފިރިހެނުންނަށް ﷲ ތަޢާލާ ދެއްވާފައިވާ އިޚްތިޔާރެއްކަމަށް އައްޝައިޚް މުޙައްމަދު ޠައްޔިތު ވިދާޅުވެއްޖެއެވެ.
ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ރޭ ގެނެސްދިން ‘އޮނަތިރީސްމިނިޓް’ ގެ 88 ވަނަ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ޝައިޚް ޠައްޔިބު ވިދާޅުވީ ފިރިހެނުން އެކަކަށްވުރެ ގިނަ މީހުންނާއި ކައިވެނި ކުރުމަކީ އޭނާއަށް ލިބިގެންވާ ޙައްޤެއްކަމަށާއި އެ ޙައްޤު އޭނާވެސް ބޭނުން ކުރަން ޖެހޭނީ ޝަރީޢަތުގައި އަންގަވާފައިވާ ގޮތަށް ކަމަށެވެ.
“ފިރިހެނުން 2 އަނތްބަށް ނުވަތަ 3 އަނތްބަށް ކައިވެނި ކުރުމަކީ އެފަދަ ކުޅަދާނަކަމެއް ހުރިކަމަށްވަންޏާ އޭނާއަށް ލިބިގެންވާ ޙައްޤެއް. ނަމަވެސް އިތުރު މީހުންނާއި ކައިވެނި ކުރާއިރު ފިރިހެން މީހާވެސް ވިސްނަންޖެހޭ ކަންތައްތަކެއް އެބަހުރި. އަނބިންގެ މެދުގައި ޢަދުލުވެރިކަމާއެކު ޙައްޤުތައް އަދާކުރަންޖެހޭނެ. ބަރާބަރަށް ޚަރަދު ކުރަން ޖެހޭނެ. އަދި އޭނާގެ ކެޕޭސިޓީ ހުންނަންޖެހޭނެ އެކަން ކުރުމުގެ” ޝައިޚް ވިދާޅުވިއެވެ.
ދެމަފިރިންގެ ޙައްޤުތަކާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ޝައިޚް އިތުރަށް ވިދާޅުވިގޮތުގައި ބައެއް އަނބިން އެމީހުންގެ ފިރިން އިތުރު މީހުންނާއި ކައިވެނި ކުރުމުން އެކަމާދެކޮޅު ހަދާކަމަށާއި އަދި އޭގެ ސަބަބުން ބައެއް ކައިވެނިތައް ރޫޅިގެންދާކަމަށެވެ. ނަމަވެސް އެއީ އެއްވެސް ހާލަތެއްގައި ކައިވެނި ރޫޅިގެންދާންޖެހޭ ސަބަބެއްނޫންކަމަށާއި އަންހެން މީހާ ވަރިއަށް އެދެންޖެހޭފަދަ ޝަރުޢީ ސަބަބެއްވެސް ނޫންކަމަށް ޝައިޚް ވިދާޅުވިއެވެ.
“ޝަރުޢީ ސަބަބެއްނެތި ވަރިއަށް އެދިގެން ނުވާނެ. އެއީކީ އަންހެން މީހާއަށް ހުއްދަވެގެންވާނެ ކަމެއްނޫން. ދެމީހެއްގެ ކައިވެނި ރޫޅިގެންގޮސްގެން ނުވާނެ އެކަމުގައި ޝަރުޢީ ސަބަބެއްނެތި. ދެން އަޅުގަނޑުމެން ބަލާލަންޖެހެނީ ފިރިހެން މީހާ 2 އަނބަތް ނުވަތަ 3 އަނތްބަށް ކައިވެނި ކުރުމަކީ އެއީ އިނދެގެން އުޅޭ އަނބިމީހާއަށް ވަރިއަށް އެދެވިދާނެ ޝަރުޢީ ޢުޒުރެއްތޯ. ބަލާލާއިރު އެއީކީ ޝަރުޢީ ޢުޒުރެއްނޫން. އެހެންވީމަ އަނބީން ވަރަށްބޮޑަށް ވިސްނަންޖެހޭ ކަމެއްމީ ވަރިއަށް އެދޭއިރު ޝަރުޢީ ސަބަބެއް ނެތި ވަރިއަށް އެދުން. އެއީ ދީނުގައި ވަރަށްބޮޑަށް ނަހީކުރައްވާފައިވާކަމެއް. އަދި ޝަރުޢީ އެއްވެސް ޢުޒުރެއްނެތި ވަރިއަށް އެދޭ މީހާއަށް ސުވަރުގޭގެ ވަސްވެސް ނުލިބޭނެކަމަށް ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމް ގެ ޙަދީޘްބަސްފުޅުތަކުން ސާބިތުވޭ”. ޝައިޚް މުޙައްމަދު ޠައްޔިބު ވިދާޅުވިއެވެ.