އިސްލާމީޝަރީޢަތް ނޭނގި ޝަރުޢީ ދާއިރާގައި މަސައްކަތް ކުރެވިގެން ނުވާނެ: ޝައިޚް އަޙްމަދު ސަމީރު

ދިވެހި ދައުލަތަކީ ﷲތަޢާލާގެ ޝަރުޢީ ނިޒާމުގެ މައްޗަށް ބިނާވެފައިވާ ދައުލަތެއްކަމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާއިރު މި ދައުލަތުގައި ޝަރީޢަތް ހިންގުމުގެ ދާއިރާގައި އިސްލާމީޝަރީޢަތް އުނގެނިފައިނުވާ މީހުންނަށް މަސައްކަތް ކުރެވިގެން ނުވާނެކަމަށް އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން މިދިޔަ ހުކުރު ދުވަހުގެ ރޭ ފުރުޤާން މިސްކިތުގައި ބޭއްވި ދަރުސްގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް ސަމީރު ވިދާޅުވީ ޝަރީޢަތުގެ މަޖިލީހުގައި ޝަރީޢަތް ނުކިޔަވާ މީހަކަށް ވަކާލާތު ކުރެވިގެން ނުވާނެކަމަށާއި މިރާއްޖޭގެ ޝަރުޢީ ނިޒާމުގެ އަސާސްކަމުގައި އިސްލާމީ ޝަރީޢަތް ކަނޑައެޅިފައިވާއިރު ހަމައެކަނި ވަޟުޢީ ޤާނޫނު ކިޔަވައިގެން ވަކާލާތު ކުރުމުގެ ފުރުސަތު އޮވެގެން ނުވާނެކަމަށެވެ.  

“ޢިލްމުވެރިން ބަޔާންކޮށްފައިވާގޮތުގައި ޤާޟީއެއް ވެއްޖެއްޔާ ފުރަތަމަވެސް އޭނާ ވާންޖެހޭނެ މުޖްތަހިދަކަށް. އޭގެ މާނައަކީ އޭނާ އަމިއްލައަށް ޤުރްއާނާއި ސުންނަތުން ޙުކުމްތައް އިސްތިންބާޠު ކުރެވޭވަރުގެ މީހަކަށްވުން. ފިޤްހުވެރިން ވިދާޅުވަނީ އެފަދަ މީހުން ނެތްނަމަ މަޖުބޫރީ ހާލަތުގައި މުޤައްލިދުން ޤާޟީކަމަށް އިސްކުރުން ހުއްދަވާކަމަށް. ނަމަވެސް މިއަދު އަޅުގަނޑުމެންގެތެރޭގައި މަޒްހަބްތަކުގެ އިމާމުންނަށް ތަޤްލީދުކުރަން އެނގޭ މީހުންވެސް ނެތް. މިއީ ހަގީގަތުގައި ވަރަށްބޮޑު މައްސަލައެއް” ޝައިޚް ވިދާޅުވިއެވެ.  

އޯގާތެރި ޝަރީޢަތް، މި މައުޟޫއަށް ވާހަކަފުޅު ދައްކަވަމުން ޝައިޚް އިތުރަށް ވިދާޅުވީ މިއަދު އަޅުގަނޑުމެންގެ ކޯޓުތަކުގައި ހަމައެކަނި ވަޟުއީ ޤާނޫނު ކިޔަވައިގެން އަންނަ މީހުންނަށް ވަކާލާތު ކުރުމުގެ ފުރުސަތު އެބައޮތްކަމަށާއި ނަމަވެސް އިސްލާމީޝަރީއަތް ކިޔަވައިގެން އަންނަ މީހުންނަށް ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ފުރުސަތު ނުލިބޭނޭގޮތަށް ބިލެއް ޑްރާފްޓުކޮށް ފާސްކުރުމުގެ މަސައްތެއް މިހާރު ކުރިއަށްދާކަމަށެވެ.

“މިހާރު އަޅުގަނޑުމެންގެތެރޭގައި އައިސްގެން އުޅޭ މުސީބާތެއް އެބައުޅޭ، ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގައި ނުވަތަ ޤާނޫނީ ނިޒާމުގެތެރޭގައި ހަމައެކަނި ﷲ ގެ ޝަރީޢަތް ކިޔަވައިގެން ތިބި މީހުންނަށް ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ނުލިބޭ ‘އިސްލާހް’ އެއް މިހާރު ޑްރާފްޓްކޮށް މަޖިލީހުން ފާސްކުރަން ތައްޔާރުވެފައިވަނީ. މިއަދުއަޅުގަނޑުމެންގެ ކޯޓުތަކުގައި ﷲ ގެ ޝަރީޢަތް ނުކިޔެވިޔަސް ހަމައެކަނި ވަޟުޢީ ޤާނޫނު ކިޔަވައިގެން ޤާނޫނީ ވަކީލުކަން ކުރެވޭ. “ނަމަވެސް (މީގައިވާގޮތުން)  ﷲ ގެ ޝަރީޢަތް ކިޔަވައިގެން އަންނަ މީހާ، ވަޟޫޢީ ޤާނޫނު ނުކިޔަވާ އަދި ނެތް ޤާނޫނީ ވަކީލުކަން ކުރުމުގެ ފުރުސަތެއް. ﷲ ގެ ޝަރީޢަތް ކިޔެވި މީހާއަށް އެނގޭނެ ޝަރީޢަތް ކުރާނެ ގޮތާއި، ހެކިބަސް ހޯދާނެގޮތާއި ކިހިނެއްކަން ޝަރީޢަތް ކުރާނީ، މިހުރިހާ އެއްޗެއް ކިޔަވައިގެން މިއަންނަނީ” ޝައިޚް އަޙްމަދު ސަމީރު ވިދާޅުވިއެވެ.

28 ނޮވެމްބަރ 2018 ގައި ސަރުކާރުގެ ފަރާތުން މާފަންނު އުތުރުދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ރައްޔިތުން މަޖްލީހަށް ހުށަހަޅާފައިވާ “ދިވެހިރާއްޖޭގެ ޤާނޫނީ ޚިދުމަތުގެބިލް” ގައިވާގޮތުން ހަމައެކަނި ޤާނޫނީ ދާއިރާއިން ޑިގްރީއެއް ހާޞިލުކޮށްގެން އަންނަ މީހުންނަށް ޝަރީޢަތުގެ މަޖީލީހުގައި ވަކީލުކަން ކުރުމުގެ ހުއްދަލިބުނަސް އިސްލާމީ ޝަރީޢަތުގެ ދައިރާއި ކިޔަވައިގެން އަންނަމީހަކަށް ވަކީލުކަމުގެ ހުއްދައެއް ނުލިބޭނެއެވެ. މި ބިލު ރައްޔިތުން މަޖިލީހަށް ވެއްދި ހިސާބުން ފެށިގެން ދިވެހި ރާއްޖޭގެ ދީނީ ޢިލްމުވެރިންވަނީ މިކަމުގެ ނުރައްކާތެރިކަން ފާހަކަގޮށް ނުރުހުންތެރިކަން ފާޅުކުރައްވާފައެވެ. އަދި މިބިލަކީ ރާއްޖޭގެ ޝަރުޢީނިޒާމް ސެކިލަރކުރުމަށް ދުރާލާ ރޭވިގެން ހިންގާ ޙަރަކާތެއްކަމުގައި ގިނަ ޢިލްމުވެރިންދަނީ ޞިފަކުރަމުންނެވެ.