އެއީ ރޭގަނޑެއްގެ ވަގުތެވެ. މުޅި އެގޭގެ ވަށައިގެން ކަނޑިތައް އުރައިން ދަމާލައިގެން ދިހަވަރަކަށް ޒުވާނުން ތިއްބެވެ. އެއީ އެގޭގެ ފާރައަށް ތިބި ބައެއްނޫނެވެ. އެކަމަކު އެމީހުން އެތަނުގައި ރޭގަނޑުގެ އެވަގުތުގައި އެތިބީ ފާރައަށެވެ. ގޭގެ ވެރިމީހާ ނުކުމޭތޯ ފާރައަށެވެ. އެވެރިމީހާ ޙިމާޔަތް ކުރާކަށްނޫނެވެ. ނަމަވެސް އެބޭކަލަކު ޤަތުލު ކޮށްލުމަށެވެ.
ވަގުތު ކުރިއަށް ހިނގަމުންދިޔައެވެ. އެބޭކަލަކު ޤަތުލުކޮށްލުމަށް އެގޭގެވަށައިގެން އެތިބަ ޒުވާނުންތައް ފޯރީގައި އޮލަވާހަކައެެއްގެ ތެެރޭގައި ތިއްބެވެ. އިރު އިރުކޮޅާ ހެދިފައި އިން ބާކޮޅަކުން އެތަނުން ޒުވާނަކު ގޭގެ އެތެރެ ބަލާލައެވެ. އަދި އެނދުގައި އެމީހުން ޤަތުލުކޮށްލަންބޭނުންވާ ބޭކަލަކު އެބަ އޮތްކަމަށް ކޮންމެ ފަހަރަކުވެސް އެހެން ބަލާފައި ބުނެއެވެ. މިހާރު އެތައްދަމެއް ހިނގައިފިއެވެ. “ހިނގާ އެންމެވެގެން ގޭތެރެއަށް ވަދެ މިކަން ނިންމާލަން” ޒުވާނަކު އޭނާގެ އެކުވެރިންނަށް ޚިޔާލުދިނެވެ.
” ނޫން! ކަމަކު ނުދާނެ. އޭރުން މީހުން މަލާމާތް ކުރާނެ. އަންހެނުންނާއި ޅަދަރިން ތިއްބައި އެހެން ވަންނާނެކަމެއް ނެތް. ދެން މާގިނަ އިރެއްވެސް ނެތް ފަޖުރުލާކަށް. އޭނާ ފަޖުރުލީމާ ތެދުވާނެ. ތެދުވެ ބޭރަށް ނުކުންނަ ވަގުތު އެންމެން އެކީ އެއްފަހަރާ ހަމަލާދޭނީ” އެހެން މީހަކު ޖަވާބުދިނެވެ.
މިހާރު އިރާކޮޅު ފާއިތުވެ ރޭގަނޑުގެ ދަންވަރު ފެށިއްޖެއެވެ. ކުއްލިއަކަށް އެގޭގެ ދޮރުކޮޅު ހުޅުއްވާލާފައި ޢުމުރުން ފަންސާހުގެ އަހަރުތައް ގުނަމުންދާ ފިރިހެނެއް ނުކުތެވެ. އެކަލޭގެފާނު ހަމަ ނުކުންނެވުމާއި އެކު އެއްކަލަ ކަނޑި ހިފައިގެން ތިބި ޒުވާނުންތަކަށް ނިދި ޖެހިއްޖެއެވެ. ދެން އަވަސްއަވަހަށް އެޒުވާނުންތަކުގެ ތެރެއިން ނުކުމެ ރަށުގެ ދެކުނުފަރާތާއި ދިމާއަށް އެ ނުކުންނެވި ބޭކަލަކު މިސްރާބު ޖެއްސެވިއެވެ.ގާތްގަނޑަކަށް ހަތަރު ފަސްވަރަކަށް ކިލޯމީޓަރު ހިންގެވިފަހުން ފަރުބަދައެއް ކައިރިއަށް ދެވުނެވެ. އެތަނުން އެހެން ފިރިހެނަކާއި ބައްދަލުވިއެވެ. ދެން ދެ ބޭކަލުން ކުރިމަތީގައި ހުރި ފަރުބަދައަށް އަރުއްވަން ފެއްޓެވިއެވެ. އެއްވެސް އަލިކަމެއްނެތް އެމާޙައުލުގައި ވަނީ ހަމަ ހިމޭންކަމެވެ. މައްޗަށް އަރަމުން އަރަމުން ގޮސް ހަ ސަތޭކަ މީޓަރުގެ އެއުސް ފަރުބަދައިގެ އެންމެ އުހަށް އެރުއްވިއެވެ. އަދި އެތަނުގައި އިން ހޮހަޅައަކަށް އެބޭކަލުން ވެންނެވިއެވެ. އެއީ ގާތްގަނޑަކަށް ދެމީޓަރު އުސް ހޮހަޅައެކެވެ. އުޅުއްވާ ގޮތުން ހިވަނީ މާކުރިން ރާއްވަވާފައިވާ ކަމެއްހެނެވެ.
” މިތަނުގައި ކީއްތަ ތިކުރަނީ” އެއްކަލަ ގޭގެ ދޮރު ހުޅުވާލާފައި ވިއްސަކަށް އަހަރުގެ ޒުވާނެެއް ނުކުމެ އެގޭގެ ކައިރީގައި ތިބިޒުވާނުންކުރެން ސުވާލުކުރިއެވެ. އެމީހުން ހައިރާންވިއެވެ. މިހުރިހާ އިރު ނިދާފައި އެއޮތީ އެމީހުން ޤަތުލުކޮށްލަން ބޭނުންވި މީހާކަމަށްހިތާ މުޅި ރޭ ދަމަށް ތިބެ މިކުރެވުނު ކަންތައް ފަނުފުލުން ދިޔައީމައެވެ.
ދެން އިސާހިތަކު މުޅިރަށަށް ޢިއުލާނެއް ނުކުތެވެ. މިވެނި ދެމީހަކު ދިރިހުއްޓާ ނުވަތަ މަރާލައިގެން ވިޔަސް އެދެމީހުންގެ ބޯ ގެނެސްދީފިނަމަ މީހަކަށް އެއްހާސް ޖަމަލުގެ އިނާމެއް ލިބޭގޮތަށެވެ. އެދުވަހު ރަށުގެ ފިރިހެންވެރިންގެ ކަމަކީ ފަރުބަދަތަކާއި ރަށުގެ އެތަންމިތަނުން އެދެބޭކަލުން ފެނޭތޯ އަތްފުނާ އެޅުމެވެ. ބައެއްމީހުން އަމިއްލަ އަމިއްލައަށެވެ. އަނެއްބަޔަކު ގުރޫޕު ގުރޫޕަށެވެ. އެތަނުން ބަޔަކު އެފަރުބަދައަށް އެރި ދެވަނަ ބޭކަލެއްގެ ގެއަށްވެސް ދިޔައެވެ. އޭރު އެގޭގައި ތިބީ އެބޭކަލެއްގެ ދެފިރިހެން ދަރީންނާއި ދެއަންހެންދަރިންނާއި އަނބިމީހާއެވެ. އަދި ލޯ އަނދިރިވެފައި އިން މުސްކުޅި ބައްޕައެވެ. އެތަނުން އެންމެ ދޮށްޓަށް ހުރި އަންހެން ކުއްޖާގާތު އެހޯދަން ދިޔަ މީހުންގެ ތެރޭގައި ހުރި ރަށުގެ ކަމުވޮށިގެންވާ މީހަކު ސުވާލުކުރުމުން ބައްޕަ ވީތަނެއް ނުބުންޏެއެވެ. މިކަމާއި އޭނާ އައި ރުޅީގައި އެކުއްޖާގެ ކޯތާފަތްމަތީގައި ޖެހިލެއް ބާރުކަމުން އެތަންނޫފައިގަތެވެ.
އެދުވަހުގެ އިރު އޮއްސުނު އިރުވެސް އެރަށުގެ މީހުންނަށް އެދެބޭކަލުންނެއް ނުފެނުނެވެ. ޒަމާނަކީ ކަރަންޓުގެ ޒަމާނަށް ނުވާތީ އިރުއޮއްސި އަނދިރިވުމުން މީސްތަކުން ގެތަކަށް ވަދެއްޖެއެވެ. މިހާރު އިރުއޮއްސުނުތާ އެތަކެއް ސާޢަތެއް ފާއިތުވެއްޖެއެވެ. ބައެއްމީހުން ގެތަކުގައި ރޭގަނޑުގެ އަރާމު ނިންޖަށް އިންސާފު ކުރަންފަށައިފިއެވެ. މިއަދު ކޯތާފަތްމަތީގައި ޖެހުމުގެ ސަބަބުން އެތަން ނޫފައިގަނެފައިވާ އަންހެން ކުއްޖާ އަދިވެސް ނިދާކަށް ނޫޅެއެވެ. އެކަމަނާ އުޅެނީ އެހެން ކަމެއްގައި ޝާމިލުވެގެންނެވެ. ކުރިމަތީގައި ފެންއަޅާފައި ހުރި ކުޑަވަރެއްގެ ޓައްޕެއްޒާތު އެއްޗެއް ހުއްޓެވެ. އަދި ދެން ހުރީ ކާއެއްޗެހި އަޅާފައި ހުރި ހަމަ އެފާޑުގެ އެއްޗެކެވެ. އެދޭތި އެކަމަނާގެ އުނަގަނޑުގައި އަޅާ ކަމަރުފާޑު ފޮތިގަނޑެއް ގެ އެއްކޮޅު ވީދާލާފައި ފެނާއި ކާއެއްޗެހި އަޅާފައި ހުރިދޭތީގައި އެއްސިއެވެ. ދެން އަނެއްކޮޅު އުނަގަނޑުގައި އައްސައިގެން މަޑުމަޑުން ގެއިން ނުކުތެވެ.
ވަށައިގެންވަނީ ހަމަ ހިމޭންކަމެވެ. މުޅި މާޙައުލުވަނީ އަދިރިކަމުގެ ތެރެއަށް ޣަރަޤުވެގެންނެވެ. އަލިކަމަށް ކުޑަވެސް ޖާގައެއް އެމާހައުލުގައި ނެތެވެ. އެކަނިމާއެކަނި ފައިމަގުގައި ހިނގާފައި އެޒުވާން ކަމަނާ އެހެރަ ދަނީ ރޭގައި ބައްޕައާއި ބައްޕަގެ އެކުވެރިޔާ އަރައިވަޑައިގެންނެވި ފަރުބަދަ ހުންނަ ދިމާލަށެވެ. ފަސްވަރަކަށް ކިލޯމީޓަރު ހިނގިފަހުން އެހިސާބަށް ފޯރިއެވެ. އެއަށް ފަހު ބައްޕަ އާދޭތޯ އެފަރުބަދަ ކައިރީގައި އިންތިޒާރުކުރަން ހުރިީއެއް ނޫނެވެ. އަދި ވަރުބަލި ފިލުވަން މަޑެއްވެސް ކުރީއެއް ނޫނެވެ. މަޑުވެސް ކޮށްނުލައި ހަސަތޭކަ ބަޔާޅިސް މީޓަރުގެ އެއުސް ފަރުބައަށް އަރަން ފެށިއެވެ. ގެއިން ގެނައި ކާއެތިކޮޅާއި ފެންފޮދު ވެރިދާނެތީ ވަރަށް މަޑުމަޑުން ބަލައިގެނެވެ. އެކަމަކު އަތުގައި ޓޯޗުބައްތިއެއް ކަހަލަ އެއްޗެއްވެސް ނެެތެވެ. ބޮޑެތި އުސް ހިލަތަކުގެ ތެރެއިން ސީދަލަަށް ވާގޮތަށް އެރިއެވެ. ފައްސަތޭކަ މީޓަރަށް އެރިފަހުން ދެން ފަރުބަދައަށް އެރެން އޮތީ ވަށްކޮށް އޮތް ތަނެއް ހުރަސްކޮށެވެ. ހިތްވަރުކޮށްލާފައި އެބައިވެސް ކަޑައްތުކުރިއެވެ. އެންމެ ފަހުން ބައްޕަމެން ތިބި ފަރުބަދައިގެ އެންމެ އުހަށް އެކަމަނާ އަރައިފިއެވެ. އަދި ބައްޕަމެންނަށް ގެނައި ކާތަކެތި ދީފައި އެފެށީ އެ ފަރުބަދައިން ތިރިއަށް ފައިބާށެވެ. އެތައް ވަގުތެއްގެ ފަހުން ފަރުބަދައިން ފައިބައިގެން އެ ކަނު އަނދިރީގައި ފައިމަގުގައި އަނެއްކާވެސް އެޖެހެނީ ފަސްވަރަކަށް ކިލޯމީޓަރު ހިނގާށެވެ. އެކަމަނާ ހިތްވަރު ކުރެއްވިއެވެ. އެންމެ ފަހުން ގެއާއި ހަމައަށް ސަލާމަތްތެރިކަމާއި އެކު ވަޑައިގަތެވެ. ކިހާވަރުބަލިކަމެއް އަޅެ އިޙްސާސު ވާނެތޯއެވެ. ނަމަވެސް އެކަމަކަށް ފަރުވާލެއް ނުބަހައްޓައެވެ. އަނެއް ރޭ ވެސް އަދި އެއާއި ޖެހިގެން އައި ރޭވެސް އެކަން ތަކުރާރު ކުރެއްވިއެވެ.
ތިންރޭ ޖައްސަ ޖައްސާގެން ހަސަތޭކަ ކިލޯމީޓަރުގެ އެއުސް ޘައުރު ފަރުބަދައިގެ އެންމެ މައްޗަށް މައްކާގެ އެހިލަ ބިމުގައި ފަސްކިލޯމީޓަރު ހިނގާފައި ގޮސް އަރައި ވަޑައިގެންނެވީ މިއުއްމަތުގެ “ޛާތުއް ނިޠާގައިނި” ގެ ލަޤަބުން މަޝްހޫރުވެފައިވާ އަސްމާ ބިންތު އަބީ ބަކުރުރަޟިޔައްﷲ ޢަންހުމާ އެވެ. އެއީ މަދީނާއިން މައްކާއަށް އަބޫބަކުރުގެފާނާއި މިއުއްމަތުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ހިޖްރަކުރެއްވުމުގެ ކުރިން މައްކާގެ ދެކުނުފަރާތުގައި މަސްޖިދުލް ޙަރާމު އާއި ފަސްކިލޯމީޓަރު ދުރުގައިވާ އެފަރުބަދާގައި ތިންރޭވަންދެން މައްކާގެ މީސްތަކުންނަށް ފިލުމަށްޓަކައި މަޑުކުރެއްވިއެވެ. މިމުއްދަތުގައި ކޮންމެ ރެއަކު އިރުއޮއްސި މައްކާގެ މުޝްރިކުން ގެތަކަށް ނިދަންވަނީމައި އެދެބޭކަލުންގެ ކޮއްތާއި ބޯނެފެން ހިއްޕަވައިގެން ގިނިކަންޏާއި އެދުރުވަނީ އަސްމާގެފާނެވެ.
މިއީ ﷲގެ ދީނަށްޓަކައި ޤުރުބާންވުމުގައި އެކަނބަލުން ދައްކަވާފައިވާ ނަމޫނާއެވެ. އެފަރުބަދައަށް އަރަން އެކަމަނާ އެޅި ކޮންމެ ފިޔަވަޅެއް ﷲގެ ޙަޟްރަތުގައި ހައުދަހައި މާތްވެ މަތިވެރިވާނެއެވެ. އޭ ލޮބުވެތި އުޚުތުންނޭ! އެފަދަ ފިޔަވަޅެއް މަރުވުމުގެ ކުރިން އެޅޭތޯ ބަލާށެވެ. މަދުވެގެން އެންމެ ފިޔަވަޅެއް އެޅުނަސް އެއީ މަދާމާ ހައުދަހައި ބޮޑުވެގެންވާ ޘަވާބަކަށް ވާނެކަން ކަށަވަރެވެ.