އެންމެ މާތްދުވަސްތަކާއި ގުޅޭގޮތުން އަލިއަޅުވާލައި، ދޭ ދަރުސްތަކެއް މިރޭ މާލޭގެ އެކިއެކި މިސްކިތްތަކުގައި އިންޝާﷲ އޮންނާނެއެވެ.
ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްދާ މި ދަރުސްތައް އޮންނާނީ މިރޭ ޢިޝާ ނަމާދަށްފަހު މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ބައެއް މިސްކިތްތަކުގައެވެ. މިދަރުސްތައް ދެއްވާނީ އައްޝައިޚް މުޖްތަބާ ޙަމީދު، އައްޝައިޚް ޙަސަން މޫސާ ފިކްރީ، އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް، އައްޝައިޚް މުޙައްމަދު ޠައްޔިބު، އައްޝައިޚް ނިމާލް މުޙައްމަދު، އައްޝައިޚް މުޙައްމަދު މަންޞޫރު، އައްޝައިޚް ޢަބްދުއްސަލާމް ބިން ދާޥޫދު، އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް، އައްޝައިޚް ޝިހާމް މުޙައްމަދު، އައްޝައިޚް ޝުޢައިބު ނާޒިމް، އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން އަދި އައްޝައިޚް ޢަބްދުﷲ މިފްޒާލް އެވެ.
މިރޭ އޮންނަ ދަރުސްތައް އިންތިޒާމު ކުރުމުގައި އިސްކޮށް ޙަރަކާތްތެރިވާ ކޯޑިނޭޓަރ އައްޝައިޚް މުޖްތަބާ ޙަމީދު ވިދާޅުވިގޮތުގައި ފަހަކަށްއައިސް ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން މި ފޯމެޓަށް (އެއް މައުޟޫއަކަށް އެއްވަގުތެއްގައި ގިނަ މިސްކިތްތަކެއްގައި) ދަރުސް ދިނުމަށް ވަރަށްބޮޑަށް އަހައްމިއްޔަތުކަން ދޭކަމަށާއި މިގޮތަށް ދަރުސް ދިނުމުން ވަރަށްގިނަ ބަޔަކަށް ފައިދާ ކުރާކަމަށެވެ.
“އެންމެ މާތްދުވަސްތަކުގެ ނަމުގައި ކުރިއަށްދާ މިދަރުސްތަކުގައި ޙައްޖުމަހުގެ ފުރަތަމަ 10 ދުވަހުގެ މާތްކަން، ޢަރަފާތްދުވަހާއި އަދި ޢީދު ދުވަހުގެ މައްޗަށް އަލިއަޅުވާލާނެ” ޝައިޚް މުޖްތަބާ ވިދާޅުވިއެވެ.
މިރޭ ކުރިއަށްދާ ދަރުސްތަކުގެތެރެއިން ޖަމްޢިއްޔަތުއްސަލަފުގެ ފޭސްބުކް ޕޭޖުން ލައިވްކުރާގޮތަށް ހަމަޖެހިފައިވަނީ އައްޝައިޚް އަޙްމަދު ސަމީރު ގެ ދަރުސެވެ.