ދަމުނަމާދާއި ތަރާވިސް؛ ކުރާނީ ކޮން ނަމާދެއް؟

ދުވަސްތައް ފާއިތުވަމުންގޮސް ރަމަޟާންމަސް ނިމެނީއެވެ. އެމަހުގެ އެންމެ މަތިވެރި ރޭތައް ބައްދަލުކޮށްފިއެވެ. އެއްހާސް މައްސަރުގެ ހެޔޮކަން ހުރި ލައިލަތުލްޤަދުރި ވިލޭރޭ ހިމެނޭ ފަހުދިހައެއް ފެށިއްޖެއެވެ.ސުވާލަކީ ފަހުދިހައެއްގައި ކުރާނީ ދަމުނަމާދުތޯ ނުވަތަ ތަރާވީސްނަމާދުތޯއެވެ. މިއީ ކޮންމެ އަހަރަކު ތަކުރާރު ކުރެވޭ ސުވާލެކެވެ. އެހެންކަމުން މިސުވާލުގެ ޖަވާބުވެސް ތަކުރާރުކޮށް ދެވިފައިވާނެކަން ޔަޤީނެވެ. ނަމަވެސް އަދިވެސް ތަކުރާރުކޮށްލަމާތޯއެވެ.

ދަމުނަމާދަކީވެސް އަދި ތަރާވީސްނަމާދަކީވެސް އެއީ ރޭގަނޑުގެ ވަގުތުތަކުގައި ކުރާ ސުންނަތް ނަމާދެކެވެ. އެއީ ޢަޞްލު އެއްނަމާދަށް ކިޔޭ ދެނަމެކެވެ.

އަޅުގަނޑުމެން ދިވެހިން ދަމުނަމާދޭ އާއްމުކޮށް ކިޔަނީ ޢަރަބި ބަހުން ކިޔާ ޞަލާތުއްތަޙަޖުދަށެވެ. އެއީ ރޭގަނޑުން ބައެއްގައި ނިދާލުމަށްފަހު ދެން ތެދުވެ ކުރާނަމާދެވެ. ޚާއްޞަކޮށް ހާރުދަމުގެ ވަގުތުގައެވެ. އެއީ ﷲތަޢާލާ ދުނިޔޭގެ އުޑަށް ފައިބާވެ ވޮޑިގަންނަވާ ވަގުތުކޮޅެވެ. ބައެއް ޢިލްމުވެރިންގެ ގާތުގައި ފަޖުރުލުމުގެ ކުރިން ރޭގަނޑު ކުރާ ކޮންމެ ސުންނަތްނަމާދަކީވެސް ތަހައްޖުދު ނަމާދެވެ.

ދެން އޮތީ ތަރާވީސް ނަމާދުގެ ވާހަކައެވެ. ތަރާވީޙު އަކީ ޢަރަބިބަހުގައި އަރާމުކޮށްލުމެވެ. ވަރުބަލި ފިލުވާލުމެެވެ. މި ނަން މިގޮތަށްދެވުނީ،ރަމަޟާންމަހުގެ ޢިޝާނަމާދަށްފަހު އިރާކޮޅު މިސްކިތްތަކުގައި އިމާމެއްގެ ފަހަތުގައި ހަތަރު ރަކްޢަތުން ހަތަރު ރަކްޢަތުން އަރާމުކޮށްލާ ވަރުބަލިކަން ފިލުވާލުމަށް ކުޑަވަގުތުކޮޅެއްދީގެން ކުރާ ސުންނަތް ނަމާދަކަށް ވާތީއެވެ. އެގޮތުގެމަތިން އެނަމާދަށް އެ ނަން ދެވި މަޝްހޫރުވެގެން ދިޔައީއެވެ. ނަމަވެސް މިއީވެސް ހަމަ ރޭގަނޑު ކުރެވޭނަމާދެވެ. ނުވަތަ ދަމުނަމާދެވެ. ނުވަތަ ތަހައްޖުދު ނަމާދެވެ. 

ވީމާ އިރާކޮޅު ރޭގަނޑުގެ ސުންނަތް ނަމާދު ކުރަން ބޭނުންފުޅުވާ ބޭފުޅުން ކުރައްވަންވީއެވެ. އެއީ އަބޫބަކުރުގެފާނު ކުރެއްވި ގޮތެވެ. އަދި އިރާކޮޅު ނިދާފައި ދަންވަރު ތެދުވެ ނަމާދުކުރައްވަން ބޭނުންނަމަ އެގޮތަށްވެސް ކުރައްވަންވީއެވެ. އޭގައި މައްސަލައެއްނެތެވެ. އެއީ ޢުމަރުގެފާނު ކުރެއްވި ގޮތެވެ. އެކަލޭގެފާނަކީ އަޅުގަނޑުމެން މިހާރު މިކިޔާ ތަރާވިސްނަމާދު، ރަސޫލާ-ޞައްލަﷲ ޢަލައިހިވަސައްލަމަ-އަށް ފަހު ރޯދަމަހުގެ އިރާކޮޅުވަގުތުގައި އެއް އިމާމެއްގެ ޖަމާޢަތުގައި ކުރައްވަން އަމުރުކުރެއްވި ޚަލީފާއެވެ. ދެން އޮތީ އިރާކޮޅު ކޮށްފައި ދަންވަރު ތެދުވެ އަނެއްކާ ނަމާދުކުރެވިދާނެތޯ ކުރެވޭ ސުވާލެވެ. ޖަވާބަކީ އާއެކެވެ. އެކަމަކު މިގޮތަށް ކުރާއިރު ހަނދާނުގައި ބަހައްޓަންވީ އިރާކޮޅު ނަމާދުކޮށްފައި ވިތުރި ނުކުރުމަށެވެ. އަދި ދަންވަރު ތެދުވެނަމާދުކޮށްފައި އެންމެ ފަހު ކަމަކަށް ވިތުރިކުރުމެވެ.

އިރާކޮޅު ނަމާދާއި ވިތުރިކޮށްގެން ނިދާފައި ދަންވަރު ހޭލެވިއްޖެނަމަ ދެން ހަދާނީ ކިހިނެއްތޯ މިހާހިސާބުން ސުވާލު އުފެދިދާނެއެވެ. މިޙާލަތުގައި ބޭނުމިއްޔާ ނަމާދު ކުރެވޭނެއެވެ. ނަމަވެސް ދެން އެރެއަކު އިތުރަށް ވިތުރިކޮށްގެން ނުވާނެއެވެ. އަދި މިފަދަ ޙާލަތެއްގައި ދަންވަރު ވަގުތުނަމާދު ނުކޮށް ދުޢާކުރުމާއި ޤުރްއާންކިޔެވުމުގައި އެވަގުތު ހޭދަކުރެވޭނެއެވެ. އޭރުންވެސް ހަމަ ރޭއަޅުކަމަށްވާނެއެވެ. 

ރޭއަޅުކަމަކީ ހަމައެކަނި ސުންނަތް ނަމާދުކުރުމެއްނޫނެވެ. އޭގެއިތުރުން ޛިކުރު ކުރުމާއި ދުޢާކުުރުންވެސް އެއީ ހަމަ ރޭއަޅުކަމެވެ.

ނިންމާލަމުން މިނުކުތާ ފާހަގަ ކޮށްލާނަމެވެ. އިރުއޮއްސުމަށްފަހު ފަޖުރުލުމުގެ ކުރިން ރޭގަނޑުގެ ކޮންމެ ވަގުތަކު ރޭގަނޑުގެނަމާދުގެ ނިޔަތުގައި ސުންނަތް ނަމާދުކުރިއަސް ރޭއަޅުކަމުގެ ޘަވާބު އިންޝާﷲ ލިބޭނެއެވެ.