‘ދީން ޙިމާޔަތް ކުރުން’ މައުޟޫއަށް ޖަމްޢިއްޔަތުއްސަލަފުން ބާއްވަން އުޅުނު ފޯރަމް ސަރުކާރުން ހުއްޓުވައިފި

ދީން ޙިމާޔަތް ކުރުން، މި މައުޟޫއަށް ޖަމްޢިއްޔަތުއްސަލަފުން މިރޭ ބާއްވަން އުޅުނު ފޯރަމް ސަރުކާރުން ހުއްޓުވައިފިއެވެ.

އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތަކުގެތެރެއިން ’ދީން ޙިމާޔަތް ކުރުން‘ މި މައުޟޫއަށް ޖަމްޢިއްޔަތުއްސަލަފުން މިރޭ ޢަރަބިއްޔާސްކޫލު ހޯލުގައި ކުރިއަށްގެންދިއުމަށް ރާވައި، ވަރަށްބޮޑަށް އިޝްތިހާރު ކޮށްފައިވާ މި ފޯރަމް ހުއްޓުވާފައިވަނީ އިސްލާމިކް މިނިސްޓްރީއިން ނަގަން ޖެހޭކަމަށް ބުނާ ހުއްދައެއް ނުނަގާ ބާއްވަން އުޅުމުގެ ބަހަނާގައެވެ.

ޖަމްޢިއްޔަތުއްސަލަފްގެ އިސް އޮފިޝަލަކު ވިދާޅުވިގޮތުގައި، ފޯރަމަށް ޢަރަބިއްޔާސްކޫލު ހޯލު ތައްޔާރު ކުރުމަށް މިއަދު މެންދުރުފަހު އެ ސްކޫލަށް ދިއުމުން އެތަނަށް ވަނުން މަނާކޮށްފައިވާކަމަށާއި އަދި މިރޭގެ ފޯރަމް އެ ސްކޫލު ހޯލުގައި ކުރިއަށް ނުގެންދެވޭނެކަމަށް ސްކޫލުގައި އެވަގުތު ހުރި ގާޑު މީހާ ބުނެފައިވާކަމަށެވެ. އަދި އެމީހާއަށް އެކަން އަންގައި އަމުރުކޮށްފައިވަނީ ސްކޫލުގެ މުދީރުކަމަށެވެ.

“މިރޭގެ ފޯރަމަށް ޢަރަބިއްޔާ ސްކޫލު ހޯލު ތައްޔާރު ކުރުމަށް އަޅުގަނޑުމެން އެ ސްކޫލަށް ދިޔައީ މިއަދު މެންދުރުފަހު 2:15 ގަ. ދިޔަތަނުން ސްކޫލުގެ ގާޑު މީހާ ބުނެފި މުދީރު އަންގައިފިޔޭ އަޅުގަނޑުމެން އެއްވެސް މީހަކު ސްކޫލަށް ނުވައްދައްޗޭ. މިރޭގެ ދަރުސެއް މިތާކު ނޯންނާނޭ މިހާރު. އެހެންވީމަ އަޅުގަނޑުމެން ނުވައްދައްޗޭ. ދެން އަޅުގަނޑު ބުނީ އަޅުގަނޑުމެންނަކަށް ނެތޭ ތިކަން އަންގާފައެއް. ދަރުސް މިތާ ހަމަޖެހިފައިވާ ކަމުގެ ލިޔުންވެސް އެބައޮތޭ އަޅުގަނޑުމެންގެ އަތުގަ. އަދި މިފޯރަމް ބޭއްވުމަށް ފައިސާވެސް ދައްކާފައޭ ވާނީ. އެކަމު އެމީހުން ބުނީ ނެތޭ ވެއްދޭކަށް. އަންގާފައޭ އޮތީ ނުވައްދަން. އެވަގުތު އެތާގަ އުމުރުން ދުވަސްވީ ފިރިހެން މީހަކާ އަންހެނެއް ހުރީ. އެ ދެމީހުންވެސް ހަމަ އެކައްޗެއް ކިޔަމުން ދިޔައީ” ސަލަފްގެ އޮފިޝަލް ވިދާޅުވިއެވެ.

މި ފޯރަމް ކެންސަލުވުމާއި ގުޅިގެން، ޖަމްޢިއްޔަތުއްސަލަފްގެ ނައިބުރައީސް ދެއްވި އިންޓަވި އެއްގައި ވިދާޅުވެފައިވަނީ ދަރުސް ބޭއްވުމަށް އިތުރު ހުއްދައެއް ނަގަން ނުޖެހޭނެ ކަމުގައެވެ. އަދި މިހާތަނަށް ޖަމްޢިއްޔާއިން ބާއްވާފައިވާ ހުރިހާ ދަރުސްތަކާއި ފޯރަމްތައްވެސް ބާއްވަމުން ގެންގޮސްފައިވާނީ، ޤާނޫނާއި ޤަވާޢިދުތަކާ އެއްގޮތަށް ޖަމްޢިއްޔަތުއްސަލަފަށް ލިބިފައިވާ ހުއްދައިގެ ދަށުން، ރާއްޖޭގައި ދީނީ ނަޞޭޙަތް ދިނުމުގެ ހުއްދަ އޮންނަ ޢިލްމުވެރިން މެދުވެރިކޮށެވެ.

“ދަރުސް ބޭއްވުމަށް އިތުރު ހުއްދައެއް ނަގަންޖެހޭނެކަމަށް މިނިސްޓްރީއިން އަންގާފައިވަނީ އެ މިނިސްޓްރީއިން 2018 ގައި ޢާއްމުކޮށްފައިވާ ސާކިޔުލާއަކާ ޙަވާލާދީ. އެސިޓީއަށް އަޅުގަނޑުމެން އޭރު ޖަވާބު ދިނުމުން ޢާއްމުކޮށް ހުއްދަ ލިބިގެން ބާއްވަމުން ގެންދާ ދަރުސްތަކަށް އިތުރު ހުއްދައެއް ނެގުމަކާ ނުލާ ދަރުސް ބޭއްވޭނޭކަމަށް މިހާރުގެ މިނިސްޓަރު އަދި އޭރު ޑިރެކްޓަރެއްގެ ގޮތުގައި ހުންނެވި ޑރ. އަޙްމަދު ޒާހިރު ލިޔުމުން އަޅުގަނޑުމެންނަށްވަނީ ޖަވާބު ދެއްވާފަ”

12 އަހަރަށްފަހު، ޖަމްޢިއްޔަތުއްސަލަފްގެ ދަރުސެއް ބޭއްވުމަށް ހުރަސްއަޅައި، ހުއްޓުވާފައި މިވަނީ މުޅިން އަލަށެވެ. 2007 ވަނަ އަހަރު ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން ދަރުބާރުގޭގައި ބޭއްވި ދަރުސަކަށް ފުލުހުން ފޮނުވައިގެން އޭރުގެ ސަރުކާރުންވަނީ ދަރުސް ހުއްޓުވާފައެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން މިރޭ ބޭއްވުމަށް ހަމަޖައްސާފައި އޮތީ ސަލަފް ފޯރަމްގެ 6 ވަނަ ފޯރަމެވެ. ފާއިތުވި 5 ފޯރަމްވެސް ބާއްވާފައިވާނީ ލިބިފައިވާ ހުއްދައިގެ ދަށުން، އެވިދާޅުވާ އިތުރު ހުއްދައަކާއި ނުލައެވެ. މިރޭގެ ފޯރަމްގައި ވާހަކަ ދައްކަވަން ހަމަޖެހިފައިވަނީ އައްޝައިޚް އަޙްމަދު ސަމީރު، އައްޝައިޚް ޙަސަން މޫސާ ފިކްރީ އަދި އައްޝައިޚް ޢަބްދުއްސަލާމް ދާޥޫދު އެވެ.  

މިފޯރަމް ހުއްޓުވާފައިމިވަނީ އިސްލާމްދީނުގެ ޝިޢާރުތަކާއި ޙުކުމްފުޅުތަކަށް ފާޅުގައި ހަޖޫޖަހަމުންދާ މީހުންނަށް އެއްވެސް ފިޔަވަޅެއް އެޅުމެއްނެތި ދޫކޮށްލެވިފައިވުމުގެ ސަބަބުން ދިވެހި ރައްޔިތުން ނުހަނު ކަންބޮޑުވެފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލަމެވެ. ވަކިން ޚާއްޞަކޮށް މިއީ މިމައުޟޫއަށް ވާހަކަ ދެއްކުމަށް ދީނީ ޢިލްމުވެރިންގެ އަރިހުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ދިވެހިރައްޔިތުން ނުހަނު އެދިއެދިތިބި ދަނޑިވަޅެއްވެސް މެއެވެ.