ދެން އޮތީ ޙައްޖުވެރިން “ސެކިއުލަރިޒަމް” އަށް ނޫނެކޭ ބުނުމެވެ

ހިޖްރީ ސަނަތުން ސާދަސަތޭކަ އޮނަސާޅިސްވަނަ އަހަރުގެ ޙައްޖުގެ މަނާސިކުތައް މިވަނީ ނިމުމަކާއި ގާތަށް އައިސްފައެވެ. ޢަރަފާތުބިމުގައި ހުރުމާއި ޙައްޖުގެ ޠަވާފުކުރުންފަދަ ޙައްޖުގެ މުހިއްމު ރުކުންތައްވަނީ މިހާރު ނިންމާފައެވެ. ދެންއޮތީ އެނބުރި މައްކާއަށްގޮސް ފުރުމުގެކުރިން ވަދާޢުގެ ޠަވާފުކޮށްލުން ފަދަ މަދުކަމެކެވެ. އެގޮތުން ޙައްޖުގެ މަނާސިކުތައް ނިމުމަށްފަހު ކުރުމަށް ﷲ އަންގަވާފައިވާ ކަންތައްތަކުގެ ތެރޭގައި “ލާދީނީ ސެކިއުލަރ” މީހުންނާއި އެމީހުންގެ “ބާޠިލު” އެ ފިކުރުން ބަރީޢަވާކަމަށް ޙައްޖުވެރިން ﷲގެ ޙަޟްރަތުގައި ދެންނެވުން އޮވެއެވެ. ހައިރާންވެ ވަޑައިގަންނަވާނެކަމެއް ނެތެވެ. މިއީ މިކަން އޮންނަ ގޮތެވެ.

ޙައްޖުގެ މަނާސިކުތައް ބަޔާންކުރައްވާ ﷲ ތަޢާލާ ކީރިތި ޤުރްއާނުގެ ބަޤަރާސޫރަތުގެ 197 ވަނަ އާޔަތުން ފެށިގެން 202 ވަނަ އާޔަތާއި ހަމައަށް ބައްލަވާލައްވާށެވެ. މި އާޔަތްތަކުގައި ޙައްޖުގެ އަޅުކަން އަދާކުރުމަށް ނިޔަތްގަނެވިދާނެ މަސްތަކާއި އަދި ޢަރަފާތު ބިމުގައި ތިބުމާއި މުޒްދަލިފާގައި ރޭކުރުމާއި އަދި ހަދުޔުކަތިލުމާއި މިފަދަ އެތައް އަޅުކަންތައް (މަނާސިކުތަކަށް) ވަނީ އިޝާރާތްކުރައްވާފައެވެ.

ހަމައެގޮތަށް މިއާޔަތްތަކުގައި ޖާހިލިއްޔަ ޒަމާނުގައި މައްކާގެ މުޝްރިކުން ޙައްޖުގެ ތެރެއަށް ވައްދާފައިވާ އެތައް ކަންތައްތަކެއް ބާޠިލުކުރައްވާފައިވެއެވެ. އެގޮތުން މައްކާގެ ޤުރައިޝްވަންހައަށް ނިސްބަތްވާ މީހުން ޢަރަފާތު ބިމަށް ނުނިކުމެ ޙަރަމްފުޅުގެ ސަރަޙަދުގައި ޖާހިލިއްޔަ ޒަމާނުގައި ތިބޭތިބުން ބާޠިލުކުރައްވައި ރަސޫލާ ( صلى الله عليه وسلم)) ވެސް އެހެންމީސްތަކުން ފަދައިން ޢަރަފާތުބިމުގައި ހުންނެވުމަށާއި އަދި އެބިމުން މުޒްދަލިފާއަށް މީސްތަކުންނާއިގެން އައުމަށް އަމުރުކުރައްވާ އަންގަވާފައިވެއެވެ.:
” ثُمَّ أَفِيضُوا مِنْ حَيْثُ أَفَاضَ النَّاسُ ” މާނައީ: ދެން (عرفات ން مزدلفة ޔަށް) އެނބުރި އަންނަ މީސްތަކުންނާއެކު ތިޔަބައިމީހުންވެސް އެނބުރި އަންނާށެވެ!”

ހަމައެގޮތުން ޙައްޖުގެ މުހިއްމު މަނާސިކުތައް ނިމުމުން އޭރު އެޒަމާނުގައި ޢަރަބިން ޖަމްރާތައް ކައިރީގައި ތިބެ އެބައިމީހުންގެ ކާބަފައިންގެ މަތިން ހަނދާކޮށް ފަޚުރުވެރިވެ އުޅޭއުޅުން ބާޠިލުކުރައްވާ އަންގަވާފައިވަނީ : فَإِذَا قَضَيْتُم مَّنَاسِكَكُمْ فَاذْكُرُوا اللَّـهَ كَذِكْرِكُمْ آبَاءَكُمْ أَوْ أَشَدَّ ذِكْرًا ۗ
މާނައީ: ފަހެ، ތިޔަބައިމީހުންގެ حج ގެ އަޅުކަންތައް އަދާކޮށް ނިމިއްޖެހިނދެއްގައި ތިޔަބައިމީހުން، ތިޔަބައިމީހުންގެ ކާބަފައިން ހަނދުމަކޮށް އުޅުނު ފަދައިން ނުވަތަ އެއަށްވުރެ ގަދަވެގެންވާ ހަނދުމަކުޅައުމަކުން ތިޔަބައިމީހުން اللَّه ހަނދުމަކުރާށެވެ!
އެއަށްފަހު ﷲ ވަނީ އެބައިމީހުން އެއިލާހުގެ ހަޟްރަތުން އެދޭއެދުން ބަޔާންކުރައްވާ އެކަމަށްހުރި ވަޢީދުގެ ވާހަކަ ޒުކުރުކުރައްވާފައެވެ. އެއިލާހު ވަޙީކުރައްވާފައި ވެއެވެ.” فَمِنَ النَّاسِ مَن يَقُولُ رَبَّنَا آتِنَا فِي الدُّنْيَا وَمَا لَهُ فِي الْآخِرَةِ مِنْ خَلَاقٍ
މާނައީ: [އަޅަމެންގެ ވެރިރައްބެވެ! ދުނިޔޭގައި އަޅަމެންނަށް (ހެޔޮކަން) ދެއްވާނދޭވެ] އޭ ކިޔައި ބުނެ ދުޢާ ކުރާ މީހުން، މީސްތަކުންގެ ތެރެއިންވެއެވެ. އެއިން މީހަކަށް آخرة ގައި އެއްވެސް نصيب އެއް ނެތެވެ.”
މިއާޔަތަގެ ތަފްސީރުގައި އެއީ މައްކާގެ މުޝްރިކުންކަމަށް މުފައްސިރުން ބަޔާންކުރައްވާފައިވެއެވެ. އަދި އެބައިމީހުން އެދެނީ ހަމައެކަނި ދުނިޔޭގެ މޮޅުކަން އެކަނިކަން ސާފުކޮށް އެގެއެވެ.
މީގެ ސާދަސަތޭކަ އަހަރުކުރިން އަބޫޖަހުލުމެން އެދެމުން އައި ދުނިޔޭގެ މޮޅުކަމަށް އެކަންޏެވެ. މިއީ ގޮވަމުން މިޒަމާނުގެ ދޮންފަރަންޖީ ބަހުން ބުނާނަމަ “ލާދީނީ ސެކިއުލަރިޒަމެވެ.” އެހެނީ ސެކިއުލަރިޒަމުގެ ތަޢާރަފުގައި “ކޭމްބުރިޖް ޑިކްޝަނަރީ” ގައި ވަނީ ލިޔެފައިވަނީ އަންނަ ޢިބާރާތެވެ. :
“the belief that religion should not be involved with the ordinary social and political activities of a country”
މާނައީ: އެއީ ޤައުމުގެ ސިޔާސީކަންކަމުންނާއި އާއްމު އިޖްތިމާޢީ ދިރިއުޅުމުގެ ތެރެއަށް “ދީން” ވަދެގެންނުވާނެކަމަށް ޤަބޫލުކުރާ ފަލްސަފާއެކެވެ. ނުވަތަ ޤަބޫލުކުރުމެކެވެ.” ހަމައެގޮތަށް އިގިރޭސިވިލާތުގައި 1866ވަނަ އަހަރުން ފެށިގެން ޙަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާއެއް ކަމަށްވާ “ނޭޝަނަލް ސެކިއުލަރ ސޮސައިޓީ” ގެ ރަސްމީ ސައިޓުގައިވެސް “ސެކިއުލަރިޒަމް” މާނަކޮށްފައިވަނީ ސެކިއުލަރިޒަމަކީ ދަޢުލަތާއި ދީން ވަކިކުރުމެވެ. ދަޢިލަތުގެ ކަންކަމަށް ދީން ނުވައްދައި އަދި ދީނުގެ ކަންކަމަށް ދަޢުލަތް ނުވެއްދުމެވެ.

ކޮންމެގޮތަކަށް “ސެކިއުލަރިޒަމް” މާނަކުރިޔަސް އެހުރިހާ މާނައަކުން ދޭހަކޮށްދެނީ އިންސާނުންގެ މާއްދިއްޔަތާއި ރޫޙާނިއްޔަތު ވަކިކޮށް ހަމައެކަނި މާއްދިއްޔަތުގެ މައްޗަށް ނަފްސުތައް ހާނުވައި ތަރުބިއްޔަތުކުރުމެވެ. މިއީ ކަނޑައެޅިގެން އިސްލާމްދީނާ ޚިލާފުކަމެކެވެ. އެހެނީ އެދީނަކީ ދެދުނިޔެއަށްޓަކައި ﷲ ބާވައްލެވި ދީނެކެވެ. އެހެންވެ އެކަން ހާމަކޮށް އެގޮތަށް ޙައްޖުގެ އަޅުކަންތައް އަދާކުރުމަށް ފަހު ﷲ ގެ ޙަޟްރަތުގައި އަންނަނިވި ޢިބާރާތުން ދުޢާކުރުމަށް އެންގެވިއެވެ. އެއިލާހު ވާޚީކުރައްވާފައިވެއެވެ. :” وَمِنْهُم مَّن يَقُولُ رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ
އަދި [އަޅަމެންގެ ވެރިރައްބެވެ! ދުނިޔޭގައި ހެޔޮކަން އަދި آخرة ގައިވެސް ހެޔޮކަން އަޅަމެންނަށް ދެއްވާނދޭވެއެވެ. އަދި ނަރަކައިގެ ޢަޒާބުން އަޅަމެން ދިންނަވާނދޭވެ] އޭ ކިޔައި، دعاء ކުރާ މީހުންވެސް އެއުރެންގެ ތެރެއިންވެއެވެ. މިއާޔަތުގައިވާ މީހުންގެ މުރާދަކީ “މުސްލިމުންނެވެ.” އެހެނީ ހިޖްރައިން 10 ވަނައަހަރާއި ހަމައަށް ހައްޖުކުރަނީ ކާފިރުންނާއި މުސްލިމުން އެކުއެކީގައެވެ. ނަމަވެސް ހިޖްރައިން 9 ވަނައަހަރަށްފަހު އެކަން މަނާކުރުމަށް ފަހު 10ވަނަ އަހަރު ރަސޫލާ ( صلى الله عليه وسلم)) ޙައްޖުވެވަޑައިގަތެވެ.

ކޮންމެއަކަސް އިސްވެދިޔަ ދުޢާގައި ދެދުނިޔޭގެ ބާއްޖެވެރިކަމަށް ދުޢާކުރުމަށް މުސްލިމުންނަށް އެވަނީ އިރުޝާދު ދެއްވާފައެވެ. މިކަމުން އިސްލާމްދީނަކީ ހަމައެކަނި އާޚިރަތް ބިނާކުރުމަށް އައިދީނެއްނޫންކަމާއި އަދި އެއީ ދުނިޔޭގެ އާއްމު ހަޔާތުގެ ކަންކަމުން އެކަހެރިކޮށްލެވޭނެ ދީނެއް ނޫންކަން ސަބިތުވެއްޖެއެވެ. އެހެންކަމަން މިދުޢާ އެކަނިވެސް “ސެކިއުލަރިޒަމް” ގެ ބާޠިލުކަން ހާމަކުރަން ފުދެއެވެ.

މިދުވަސްވަރަކީ މިއަހަރުގެ ޙައްޖުގެ މުހިއްމުއަޅުކަންތައް އަދާކުރުމަށް ފަހު އިސްވެދިޔަ މަތިވެރި ދުޢާކުރުމަށް ޙައްޖުވެރިން އަވެސްވެގަންނަވަގުތެވެ. އިއްތިފާޤަކުންނަމަވެސް “ސެކިއުލަރިޒަމް” ފެތުރުމަށް ގޮވާލެވޭ ގޮވެލި މިވަނީ އަނެއްކާވެސް ގަދަވެފައެވެ. މިފަދަ ދަނޑިވަޅެއްގައި ޙައްޖުވެރިން އެމީހުން ކުރާ ދުޢާއިން “އެފަދަ ގޮވެލިތަކަށް” ރައްދު ދޭއިރު ތިބާ އެކަމަށް ރައްދުދޭން ކުރީ ކޮންކަމެއްތޯ ވިސްނާލުން ހުއްޓެވެ.