ސިލްސިލާ ދަރުސް ’މަރުވުމަށްފަހު‘ ދެން އޮންނާނީ ޠައިބާ މިސްކިތުގައި

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ރަމަޟާންމަހުގެ ޢަޞްރު ނަމާދަށްފަހު މިސްކިތުގައި ކުރިޔަށް ގެންދާ ސިލްސިލާ ދަރުސް ’މަރުވުމަށްފަހު’، ދެން ކުރިޔަށް އޮންނާނީ މަސަޖިދު ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތުގަ) އެވެ. މި ރަމަޟާންމަހުގެ ފުރަމަތަ 10 އެއްގެ ދަރުސްތައް ބާއްވާފައިވަނީ ފުރުޤާން މިސްކިތުގައެވެ. އަދި ދެވަނަ 10 ގެ ދަރުސްތައް ބާވައިފައިވަނީ މަސްޖިދު މުޙައްމަދު ބިން ޢަބްދު ﷲ (ވިޔަފާރިވެރިންގެ މިސްކިތް) ގައެވެ.

މި ސިލްސިލާ ދަރުސްތަކުގެ ކޯޑިނޭޓަރ އައްޝައިޚް ޙަސަން މޫސާ ފިކުރީ ވިދާޅުވިގޮތުގައި، ފާއިތުވެދިޔަ ހަތަހަރު އަހަރުވެސް ޖަމްޢިއްޔާގެ ފަރާތުން ކޮންމެ ދުވަހެއްގެ ޢަޞްރު ނަމާދަށްފަހު ބާއްވަމުންގެންދާ ދަރުސްތައް ކުރިޔަށް ގެންގޮސްފައިވާނީ ފުރުޤާން މިސްކިތުގައެވެ. ނަމަވެސް މިއަހަރު ތިން މިސްކިތުގައި ބާއްވަން ޖެހުނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ފުރުޤާން މިސްކިތް ހަމަޖައްސައިދީފައި ނުވާތީ ކަމަށެވެ. އަދި މިގޮތަށް މިސްކިތް ބަދަލުވުމުގެ ސަބަބުން ބޮޑެތި ދަތިތަކާވެސް ކުރިމަތިވެފައިވާކަމުގައި ޝެއިޚް ވިދާޅުވިއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން މި ރަމަޟާންމަހު ކުރިޔަށްގެންދާ ތަފާތު އެކި އިވެންޓްތަކުގެ ތެރެއިން، ކޮންމެ ދުވަހައެއްގެ ޢަޞްރުނަމާދަށްފަހު ބާއްވާ ދަރުސްތަކަށް އާންމުންގެ ތަރުހީބުދަނީ ވަރަށް ބޮޑަށް ލިބެމުންކަމުގައިވެސް ޝެއިޚް ޙަސަން ފިކުރީ ވިދާޅުވިއެވެ. މިދަރުސް ސިލްސިލާގައި މިއަހަރު ކުރިޔަށްގެންދާ މައިގަނޑު މައުޟޫޢަކީ “މަރުވުމަށްފަހު” އެވެ. މި މައިގަނޑު މައުޟޫޢުގެ ދަށުން މިއަހަރު ދަރުސްދެވާ ޝެއިޚުންގެ ތެރޭގައި، އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމާއި، އައްޝައިޚް އަޙްމަދު ސަމީރުއާއި، އައްޝައިޚް ޢަބްދުއްސަލާމް ބިން ދާވޫދާއި، އައްޝައިޚް ޙަސަން މޫސާ ފިކުރީއާއި، އައްޝައިޚް މުޙައްމަދު ނަޝީދު އާދަމްގެ އިތުރުންވެސް އެތައް ޝެއިޚުންނެއް ބައިވެރިވެ ވަޑައިގަންނަވައެވެ.