ޢަޤީދާގެ 200 ސުވާލާއި ޖަވާބު (3): ސުވާލު 6 އިން 10 އަށް

ސ6 : އަޅަކު އޭނާގެ ވެރި ربّ  ދެކެ ލޯބިވާކަމުގެ ޢަލާމާތަކީ ކޮބާ؟

ޖ: އެކަމުގެ ޢަލާމަތަކީ: ﷲ ތަޢާލާ ލޯބިވެވޮޑިގެންވާ ކަންތައްތަކަށް އެމީހަކު ލޯބިކުރާނެއެވެ. އަދި އެކަލާނގެ ރުހިވޮޑިގެންނުވާ ކަންތައްތަކަށް އެމީހަކު ނުރުހޭނެއެވެ. ފަހެ، އެހައިރުން އެމީހަކު އެކަލާނގެ އަމުރުކުރެއްވި ކަންތައްތައްކޮށް، ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވެ އެއްކިބާވާނެއެވެ. އަދި އެމީހަކު ވާނީ އެކަލާނގެއަށް ނަޞްރުދޭ މީހުންނާ އެކީގައެވެ. އަދި އެއިލާހުގެ ޢަދާވާތްތެރިންދެކެ އެފަދަ މީހަކު ޢަދާވާތްތެރިވާނެއެވެ. ﷲއަށްޓަކައި ލޯބިވުމާއި، އެއިލާހަށްޓަކައި ރުޅިއައުމަކީ އީމަންކަމުގެ އެންމެ މަތިވެރި ހަރުފަތްކަމުގައި ވެފައިވަނީ މިސަބަބާހުރެއެވެ.

ސ7 : ﷲ ލޯބިވޮޑިގެންވާ ކަންތައްތަކާއި، ރުއްސަވާ ކަންތައްތައް އަޅަކަށް އެނގޭނީ ކިހިނެއް؟

ޖ: އަޅަކަށް އެކަންތައްތައް އެނގޭނީ: ﷲ ތަޢާލާ ފޮނުއްވި ރަސޫލުންނާއި، އެއިލާހު ލޯބިވޮޑިގެންވާ ކަންތައްތަކަށް އަމުރުކުރައްވައި، އަދި އެއިލާހު ރުހިވޮޑިގެންނުވާ ކަންތައްތައް ނަހީ ކުރައްވާފައިވާ އެއިލާހުގެ ފޮތްތަކުގެ ޒަރީޢާއިންނެވެ. ވުމާއިއެކު، އެއިލާހުވަނީ އެބައިމީހުން (އެބަހީ: އެއިލާހުގެ އަޅުން) ގެ މައްޗަށް އިޢްތިރާޟު ނުކުރެވޭނެ ޙުއްޖަތް ޤާއިމުކުރައްވާފައެވެ. އަދި އެއިލާހުގެ މަތިވެރިވެގެންވާ ޙިކުމަތްފުޅު ފާޅުކުރައްވަފައެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ﴿رُّسُلًا مُّبَشِّرِينَ وَمُنذِرِينَ لِئَلَّا يَكُونَ لِلنَّاسِ عَلَى اللَّـهِ حُجَّةٌ بَعْدَ الرُّسُلِ﴾ النساء: ١٦٥ މާނައީ: “އުފާވެރިކަމުގެ ޚަބަރުދެއްވާ، އަދި އިންޒާރުކުރައްވާ ރަސޫލުބޭކަލުންތަކެއް ފޮނުއްވީމެވެ. (އެއީ) ރަސޫލުން ފޮނުއްވުމަށްފަހު، ﷲގެ މައްޗަށް މީސްތަކުން ދައްކާނޭ ޙުއްޖަތެއް ލިބިގެން ނުވުމަށްޓަކައެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿قُلْ إِن كُنتُمْ تُحِبُّونَ اللَّـهَ فَاتَّبِعُونِي يُحْبِبْكُمُ اللَّـهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللَّـهُ غَفُورٌ رَّحِيمٌ﴾ آل عمران: ٣١ މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، ﷲއަށް ލޯބިވާކަމުގައި ވަނީނަމަ، ފަހެ، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް ތަބާވާށެވެ. އޭރުން، ﷲ، ތިޔަބައިމީހުންދެކެ ލޯބިވެވޮޑިގެންވާނެއެވެ. އަދި، ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެއެވެ. ﷲއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ އިލާހެވެ.”

ސ8 : އަޅުކަމެއްގައި އެކުލެވިގެންވަނީ ކިތައް ޝަރުޠު؟

ޖ: (އަޅުކަމެއްގައި އެކުލެވިގެންވަނީ) ތިން (ޝަރުޠެވެ.) ފުރަތަމައީ: އިޚްލާޞްތެރިކަމާއެކު ތެދުކޮށް ކަށަވަރުކޮށް ގަތުމެވެ. އެއީ އެ އަޅުކަމެއް ޝަރުޢުވެގެންވާކަމަށް ޤަބޫލުކުރުމެވެ. ދެވަނައީ: ނިޔަތުގައި އިޚްލާޞްތެރިވުމެވެ. ތިންވަނައީ: ﷲ ތަޢާލާ ބާވާލެއްވި ޝަރުޢުއާ އެއްގޮތްވުމެވެ. ފަހުން ބުނެވުނު ދެ ޝަރުޠަކީ (ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި އަޅުކަމެއް) ޤަބޫލުވުމަށް އޮތް ދެ ޝަރުޠެވެ.

ސ9 : އިޚްލާޞްތެރިކަމާއެކު ތެދުކޮށް ކަށަވަރުކޮށް ގަތުމަކީ ކޮބާ؟

ޖ: އެއީ ކަންނެތްކަމާއި ބަރުހެލިވުމުން އެއްކިބާވެ، އެމީހާ ބުނާބަސް ޢަމަލުން ޘާބިތުކޮށް ދިނުމަށް ގަދައަޅައި ހިތްވަރުކުރުމެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا لِمَ تَقُولُونَ مَا لَا تَفْعَلُونَ * كَبُرَ مَقْتًا عِندَ اللَّـهِ أَن تَقُولُوا مَا لَا تَفْعَلُونَ﴾ الصف: ٢ – ٣ މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ނުކުރާ ކަންތަކުގެ ވާހަކަ ތިޔަބައިމީހުން ބުނެއުޅެނީ ކީއްވެގެން ހެއްޔެވެ؟ ތިޔަބައިމީހުން ނުކުރާ ކަންތަކުގެ ވާހަކަ ބުނުން، ﷲގެ ޙަޟްރަތުގައި ނުރުއްސެވުން ބޮޑުވެގެންވެއެވެ.”

ސ10 : ނިޔަތުގައި އިޚްލާޞްތެރިވުމުގެ މާނައަކީ ކޮބާ؟

ޖ: ނިޔަތުގައި އިޚްލާޞްތެރިވުމުގެ މާނައަކީ: އަޅަކު އޭނާ ބުނާ ހުރިހާ ބަސްތަކާއި، އަދި އެތެރެއާއި ބޭރުފުށުގެ ޢަމަލުތަކަކީ ހަމައެކަނި ﷲއަށް އަދައިގެން ބުނާ ބަސްކަމުގައި، ނުވަތަ ކުރާ ކަންކަންކަމުގައި ހެދުމެވެ. ﷲ عزّ وجلّ ވަޙީ ކުރައްވާފައިވެއެވެ. ﴿وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّـهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ﴾ البينة: ٥ މާނައީ: “ﷲއަށް ދީން ޚާލިޞްކުރާ ޙާލު، އެއިލާހަށް އަޅުކަންކުރުމަށް މެނުވީ އެބައިމީހުންނަށް އަމުރުކުރެވިގެންނުވެއެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿وَمَا لِأَحَدٍ عِندَهُ مِن نِّعْمَةٍ تُجْزَىٰ * إِلَّا ابْتِغَاءَ وَجْهِ رَبِّهِ الْأَعْلَىٰ﴾ الليل: ١٩ – ٢٠ މާނައީ: “(އޭނާ މުދަލުން ހޭދަކުރަނީ) އެހެންމީހެއްގެ ފަރާތުން އޭނާޔަށް ލިބޭނެ ހެޔޮކަމެއްގެ ބަދަލުގައެއް ނޫނެވެ. އެހެނެއްކަމަކު )އޭނާ ހޭދަކުރަނީ( އޭނާގެ ވެރި، މަތިވެރިވަންތަ އިލާހުގެ ވަޖުހުފުޅު އަދައިގެންނެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿إِنَّمَا نُطْعِمُكُمْ لِوَجْهِ اللَّـهِ لَا نُرِيدُ مِنكُمْ جَزَاءً وَلَا شُكُورًا﴾ الإنسان: ٩ މާނައީ: “ތިމަންމެން ތިޔަބައިމީހުންނަށް ކާންދޭކަން ކަށަވަރީ، ﷲގެ ވަޖުހުފުޅަށްޓަކައެވެ. ތިޔަބައިމީހުންގެ ކިބައިން އެކަމުގެ އުޖޫރައެއް، އަދި ޝުކުރެއްވެސް ތިމަންމެން ނޭދެމުއެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿مَن كَانَ يُرِيدُ حَرْثَ الْآخِرَةِ نَزِدْ لَهُ فِي حَرْثِهِ وَمَن كَانَ يُرِيدُ حَرْثَ الدُّنْيَا نُؤْتِهِ مِنْهَا وَمَا لَهُ فِي الْآخِرَةِ مِن نَّصِيبٍ﴾ الشورى: ٢٠ މާނައީ: “އާޚިރަތުގެ ސަވާބަށްއެދި މަސައްކަތްކުރާ މީހާއަށް އޭނާގެ ސަވާބު، ތިމަންއިލާހު އިތުރުކުރައްވާ ހުށީމެވެ. އަދި ދުނިޔޭގެ މަންފާތަކަށް އެދޭމީހާއަށް، ތިމަންއިލާހު އެއިން ދެއްވާހުށީމެވެ. އަދި އާޚިރަތުގައި އޭނާޔަށް (ސަވާބުގެ) އެއްވެސް ނަޞީބެއްނެތެވެ.” މިފަދަ އެހެނިހެން އާޔަތްތަކެވެ.