مسائل الجاهلية (1) : އަޅުކަމުގައި ޝިރުކު ކުރުން

ތިރީގައި ހިމަނާލާފައި މިވަނީ އައްޝައިޚް މުޙައްމަދު ބުން ޢަބްދިލްވައްހާބް ރަޙިމަހު ﷲ ލިޔުއްވާފައިވާ ކުޑަކުޑަ ރިސާލާއެއްޮތެއްގެ) ތަރުޖަމާއިން ބައެކެވެ. އެފޮތަކީ مسائل الجاهلية التي خالف فيها رسول الله أهل الجاهلية އެވެ. މާނައަކީ: “ޖާހިލިއްޔަ ޒަމާނުގެ މީސްތަކުންގެ ކަންކަމުގެ ތެރެއިން ރަސޫލު ﷲ صَلَّى اللّٰهُ عَلَيْهِ وَسَلَّمَއެކަންކަމާއި ޚިލާފުވެލައްވާފައިވާ ކަންކަން” މިއެވެ.

މިފޮތުގައި ބަޔާންކުރައްވާފައިވަނީ ޖާހިލިއްޔަ ޒަމާނުގައި ފެތުރިގެން ގޮސްފައިވާ ބާޠިލު ޢަޤީދާތަކާއި ޚުރާފާތްތަކުގެ ވާހަކައެވެ. އަދި ކީރިތި ޤުރްއާނުން އެކަންކަމުގެ ބާޠިލުކަމުގެ މައްޗަށްވަނީ ދަލީލު ދައްކަވާފައެވެ. އަދި އެކަންކަމުގެ މައްޗަށް ރަސޫލު ﷲ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ގެ ބަސްފުޅުތައް ވަނީ ބަޔާންކޮށްދެއްވާފައެވެ. މިފޮތުގައި ހިމެނިގެންވާ ގިނަ ކަންކަމަކީ އަހަރެމެންގެ ތެރޭގައި މިއަދުވެސް ފެންނަންހުރި ޚުރާފާތްތަކާއި ބިދުޢަތަކެވެ.

އަޅުގަނޑުގެ އުންމީދަކީ މިފޮތުގެ ތަރުޖަމާ އެކުގައި ތިޔަބޭފުޅުންނާއި ހަމައަށް ގެނެސްދިނުމެވެ.

އައްޝައިޚް މުޙައްމަދު ބުން ޢަބްދިލްވައްހާބް ރަޙިމަހު ﷲ ވިދާޅުވެފައިވެއެވެ.

މިއީ ރަސޫލު ﷲ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ އާއި ޖާހިލިއްޔަ ޒަމާނުގެ މީސްތަކުންގެ ތެރެއިން އަހުލުކިތާބީންނާއި އުއްމިއްޔީންނާއި (އެބަހީ ޣާފިލުކަންމަތީގައިތިބި އެއްވެސް ޢިލްމެއް ލިބިފައިނުވާ މީސްތަކުންނާއި)އެކަލޭގެފާނު ޚިލާފުވެލައްވާފައި ކަންކަމެވެ. މިކަންކަން ދެނެގަތުން ކޮންމެ މުސްލިމެއްގެ މައްޗަށްމެ ނުހަނު މުހިންމުވެގެންވެއެވެ.

އެކަންކަމުގެ ތެރެއިންވެސް އެންމެ މުހިންމު އަދި އެންމެ ބޮޑަށް ރައްކާތެރިވާންޖެހޭ އެއްކަމަކީ، ރަސޫލު ﷲ صَلَّى اللّٰهُ عَلَيْهِ وَسَلَّمَގެންނެވިހައި ކަމަކަށް ހިތުގެ އަޑިން އީމާން ނުވެވުމުގެ މައްސަލައެވެ. މިކަމުގެ މައްޗަށް ޖާހިލިއްޔަތުގެ ކަންކަމަށް ތިމާގެ ހިތް ލެނބުން އިތުރުވެ، އެކަންކަމަށް ލޯބިޖެހިއްޖެނަމަ އެހިސާބުން މަގުފުރެދުމާއި ގެއްލެނިކަން ފުރިހަމަވީއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. وَالَّذِينَ آمَنُوا بِالْبَاطِلِ وَكَفَرُوا بِاللَّهِ أُوْلَئِكَ هُمُ الْخَاسِرُونَ (العنكبوت : 52 ) މާނައީ: “އަދި ބާޠިލުކަންތަކަށް އީމާންވެ އަދި ﷲ އަށް ކާފަރުވެގެންވާމީހުން ދަންނާށެވެ! ގެއްލެނިވެގެންވާ މީހުންނަކީ ހަމައެއުރެންނެވެ.

އެކެއް:

އެމީހުން މާތް ﷲ އަށް އަޅުކަންކުރުމުގައި ޞާލިޙު އަޅުތަކުން ބައިވެރިކޮށް، މާތް ﷲ އަށް ދުޢާކުރުމުގައި އެފަރާތްތައް އެކަލާނގެއާއެކުގައި ޝަރީކު ކުރިއެވެ. އެފަރާތްތަކުން އެމީހުންނަށްޓަކައި މާތް ﷲ ގެ ޙަޟްރަތުގައި ޝަފާޢަތްތެރިވުމަށް އެދެއެވެ. އެކަމަކީ މާތް ﷲ ލޯބިވެވޮޑިގެންވާކަމެއް ކަމުގައި ހީކުރިއެވެ. އަދި އެ ޞާލިޙު އަޅުތަކުންވެސް އެކަމަށް ލޯބިކުރާ ކަމުގައި ހީކުރެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. وَيَعْبُدُونَ مِن دُونِ اللّهِ مَا لاَ يَضُرُّهُمْ وَلاَ يَنفَعُهُمْ وَيَقُولُونَ هَـؤُلاء شُفَعَاؤُنَا عِندَ اللّهِ (يونس : 18 )މާނައީ: “އެމީހުން ﷲ ފިޔަވައި އަޅުކަންކުރަނީ، އެމީހުންނަށް ގެއްލުމެއްވެސް ނުދެވޭ، އަދި އެމީހުންނަށް މަންފާއެއްވެސް ނުދެވޭ ތަކެއްޗަށެވެ. އަދި އެމީހުން ބުނެތެވެ. މިތަކެއްޗަކީ ﷲ ގެ ޙަޟްރަތުގައި ތިމަންމެންނަށް ޝަފާޢަތްތެރިވާނޭ ތަކެއްޗެވެ.

އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. وَالَّذِينَ اتَّخَذُوا مِن دُونِهِ أَوْلِيَاء مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَا إِلَى اللَّهِ زُلْفَى (الزمر : 3 )މާނައީ: “އަދި އެކަލާނގެ ފިޔަވައި އެހީތެރިންތަކެއް ހިފިމީހުން ބުނޫއެވެ. ﷲ އަށް ތިމަންމެން ކުއްތަންކޮށްދިނުމަށް މެނުވީ، ތިމަންމެން އެފަރާތްތަކަކަށް އަޅުކަމެއް ނުކުރަމެވެ.

ޖާހިލިއްޔަ ޒަމާނުގެ ކަންކަމުގެ ތެރެއިން އެމީހުންނާ އެންމެ ބޮޑަށް ރަސޫލު ﷲ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ޚިލާފުވެވަޑައިގެންފައިވަނީމިކަމުގައެވެ. އެކަލޭގެފާނު ގޮވައިލެއްވީ الإخلاض އަށެވެ. (މާތް ﷲ އަށް އަޅުކަން ޚާލިޞް ކުރުމަށެވެ.) އަދި ﷲ ގެ ދީނަކީ އެއީކަމާއިއެންމެހައި ރަސޫލު ބޭކަލުން ގޮވައިލެއްވީ އެކަމުގެ މައްޗަށް ކަމުގައި ބަޔާންކޮށްދެއްވިއެވެ. އަދި ޢަމަލުތަކުގެ ތެރެއިން މާތް ﷲ އަށް ޚާލިޞް ކުރެވިފައިވާ ޢަމަލެއް މެނުވީ އެކަލާނގެ ޤަބޫލު ނުކުރައްވާކަން ބުނެދެއްވިއެވެ.

އަދި އެމީހަކަށް ރަނގަޅުހެން ހީވާހާ ކޮންމެ ކަމެއް ކުރާމީހެއްގެ މައްޗަށް މާތް ﷲ ވަނީ ސުވަރުގެ ޙަރާމްކުރައްވާފައެވެ. އޭނާ ދާނޭ ތަނަކީ ނަރަކައެވެ.

މި މައްސަލައިގެ ސަބަބުން މީސްތަކުން ދެބަޔަކަށް ބެހި، އެއްބަޔަކީ މުސްލިމުން އަދި އަނެއްބަޔަކީ ކާފަރުން ކަމުގައި ވެގެންދިޔައެވެ. އެހިސާބުން އެ ދެބައިމީހުންގެ މެދުގައި ޢަދާވާތްތެރިކަން ފެށުނީއެވެ. މާތް ﷲ ޖިހާދު ޝަރުޢު ކުރެއްވީ މިކަމަށްޓަކައެވެ. وَقَاتِلُوهُمْ حَتَّى لاَ تَكُونَ فِتْنَةٌ وَيَكُونَ الدِّينُ لِلّهِ (البقرة : 193 ) މާނައީ: “އަދި (ދީނާއިދެކޮޅަށް އުފައްދާ) ފިތުނަވެރިކަން ނެތިއްޖައުމަށްދާންދެން އަދި، ދީން ﷲ އަށް ޚާލިޞްވެއްޖައުމަށް ދާންދެން ތިޔަބައިމީހުން އެއުރެންނާ ހަނގުރާމަ ކުރާށެވެ!

(މިޒަމާނުގައިވެސް، މާތް ﷲ އަށް ޝިރުކު ކުރުމުގައި ޞާލިޙު އަޅުތަކުން މެދުވެރިކޮށް ދުޢާކުރުމަކީ ބައެއް މީހުން ކޮށް އުޅޭކަމެކެވެ. އަދި އެކަމަށް ދަޢުވަތުދޭފަރާތްތައްވެސް އަޅުގަނޑުމެންގެ މުޖްތަމަޢުގައިވެސް މަދުން ނަމަވެސް އެބަ ތިއްބެވެ. މިކަމުން އެއްކިބާވެ، ރައްކާތެރިވެވެވޭނީ ކީރިތި ޤުރްއާނާއި ރަސޫލު ﷲ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ގެ ސުންނަތް ރަނގަޅަށް އުނގެނިގެންނެވެ.)