Categories
ދީނީ ލިޔުން

ނަމާދަށް ކޮޅަށް ތެދުވާނީ ޤަމަތުގައި قَدْ قَامَت الصَّلَاة ކިޔުމުން ތަ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. أما بعد.


ޤަމަތް ދިނުމުން، އެކި ވަގުތުތަކުގައި މައުމޫމުން ނަމާދަށް ކޮޅަށް ތެދުވެއެވެ. ބައެއް މީހުން ކޮޅަށް ތެދުވަނީ ޤަމަތް ދޭން ފެށުމުންނެވެ. އަނެއްބައި މީހުން ތެދުވަނީ އިމާމު މީހާ قَدْ قَامَت الصَّلَاة ކިޔުމުންނެވެ. އަދި އަނެއްބައި މީހުން ޤަމަތުގެ މެދުތެރެއިންވެސް ކޮޅަށް ތެދުވެއެވެ. އަދި ޤަމަތްދީ ނިމުނީމާވެސް ކޮޅަށް ތެދުވާ ބަޔަކު އުޅެއެވެ. މިލިޔުމުގައި އަލި އަޅުވާލާނީ މިކަމާ ބެހޭގޮތުން އައިސްފައިވާ ނައްޞުތަކަށާއި ޢިލްމުވެރިންގެ ބަސްފުޅުތަކަށާ އަދި މިކާ ގުޅުން ހުރި ބައެއް ޙުކުމްތަކަށެވެ.

ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގައި ބަންގި ދެއްވާ އުޅުއްވީ ބިލާލު ބުން ރަބާޙާއި ޢަމްރު ބުން އުންމު މަކްތޫމާއި [1] އަބޫ މަޙްޛޫރާއެވެ. [2] ދާއިމީ ގޮތެއްގައި މަދީނާގައި ބަންގި ދީ އުޅުއްވީ ބިލާލުގެފާނެވެ. އަދި ފަތިސް ނަމާދުގައި އިބްނު އުންމު މަކްތޫމު ބަންގިދެއްވާ އުޅުއްވިއެވެ. އަދި އަބޫ މަޙްޛޫރާ ބަންގި ދެއްވާ އުޅުއްވީ މައްކާގައެވެ. رضي الله عنهم. [3]

ނަބިއްޔާ صلى الله عليه وسلم ގެ އަނބިއަނބިކަނބަލުންގެ ކޮޓަރިކޮޅުތައް ހުންނަނީ މިސްކިތާ އިންވެގެންނެވެ. އެކަލޭގެފާނު ޢާންމު ގޮތެއްގައި ސުންނަތް ނަމާދުތައް ކުރައްވަނީ އެކޮޓަރިކޮޅުތަކުގައެވެ. [4] ނަމާދު ވަގުތުވުމުން ބަންގި ދެއްވާފައި ބިލާލުގެފާނު ޤަމަތް ދެއްވަނީ ނަބިއްޔާ صلى الله عليه وسلم ފެނިވަޑައިގަތުމުންނެވެ. އަންނަނިވި ރިވާޔަތުން އެކަން އެނގިގެން ދެއެވެ.  

«كَانَ بِلَالٌ يُؤَذِّنُ، ثُمَّ يُمْهِلُ فَإِذَا رَأَى النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَدْ خَرَجَ أَقَامَ الصَّلَاةَ» [رواه أبو داود في سننه برقم: (537) وصححه الألباني في صحيح أبي داود برقم: (548)]

މާނައީ: “ބިލާލުގެފާނު ބަންގިދެއްވާފައި ދެން މަޑުކުރައްވައެވެ. ފަހެ ނަބިއްޔާ صلى الله عليه وسلم ނުކުމެވަޑައިގަންނަވާތަން ފެނުމުން އެކަލޭގެފާނު ޤަމަތް ދެއްވައެވެ.”

އަދި އެއް ފަހަރެއްގައި ޤަމަތް ދިނުމަށް ފަހު ނަބިއްޔާ صلى الله عليه وسلم މީހަކާ ކޮންމެވެސް ވާހަކައެއް ދެއްކެވުމަށްޓަކައި މިސްކިތުގެ އެއްފަރާތުގައި މަޑުކުރެއްވިއެވެ. ދެން އެއަށްފަހުގައި ވަޑައިގެން ނަމާދު ފެއްޓެވިއެވެ. [5]



މިފަދަ ޙާލަތްތައް މެދުވެރިވާތީ، މިމައްސަލައިގައި ހުރި ދަލީލުތަކުގެ އަލީގައި ޤަމަތްދިނުމުން ތެދުވާންވި ވަގުތާމެދު ޢިލްމުވެރިން ވާހަކަފުޅުދައްކަވާފައިވެއެވެ. މިކަން އެބޭފުޅުން މައިގަނޑު ދެ ޙާލަތަކަށް ބައްސަވައެވެ.



ފުރަތަމަ ޙާލަތް: ޤަމަތް ދިން އިރު އިމާމު މީހާ ހުރީ މިސްކިތުގެ ބޭރުގައި


މިސްކިތް ތެރޭގައި އިމާމު މީހާ ނެތީސް ޤަމަތް ދީފިނަމަ މައުމޫމުން ނަމާދަށް ތެދުވާނީ މައުމޫމުންނަށް އިމާމުމީހާ ފެނުމުންނެވެ. އަންނަނިވި ޙަދީޘުގައި އެކަމަށް އިޝާރާތްކުރައްވާފައިވެއެވެ.

«إِذَا أُقِيمَتِ الصَّلَاةُ فَلَا تَقُومُوا حَتَّى تَرَوْنِي» [رواه مسلم في صحيحه برقم: (156 – (604)]

މާނައީ: “ޤަމަތްދިނުމުން، ފަހެ ތިމަންކަލޭގެފާނު ފެނިވަޑައިނުގަންނަވާހާ ހިނދަކު ތިޔަބައިމީހުން ކޮޅަށް ނުތެދުވާށެވެ.”

ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނު ނަމާދުކުރަން ހުއްޓިވަޑައިގަންނަވާ މަޤާމަށް ވަޑައިގެންނެވުމުގެ ކުރިންވެސް ޞަޙާބީބޭކަލުން ސަފު ހައްދަވާކަމުގައި ވާރިދުވެފައިވެއެވެ. އެހެނަސް އެކަލޭގެފާނު ބޭރުގައި ހުންނަވަނިކޮށް ޤަމަތް ދިނުމުން އެކަލޭގެފާނު މިސްކިތަށް ވެދެވަޑައިގަތުން ލަސްވާފަދަ ކަމެއް މެދުވެރިވެދާނެކަމުގެ އިޙްތިމާލު އޮންނާތީވެ އެކަލޭގެފާނަށް އިންތިޡާރުކުރުމަށް ކޮޅަށް ތިބުން ނަހީކުރެވުނީއެވެ. އެހެންކަމުން އިމާމުމީހާ މިސްކިތް ތެރޭގައި ހުއްޓާ ޤަމަތްދީފިނަމަ ޤަމަތްދޭން ފަށާއިރަށް ކޮޅަށް ތެދުވިދާނެއެވެ. [6]

އައްތިރްމިޡީ رحمه الله ވިދާޅުވިއެވެ. 

“ނަބިއްޔާ صلى الله عليه وسلم ގެ އަޞްޙާބުބޭކަލުން ކުރެ ބޭކަލުންތަކަކާއި (އެއަށްފަހު ވަޑައިގެންނެވި) ޢިލްމުވެރިންތަކެއްވަނީ ކޮޅަށް ތިބެ އިމާމަށް އިންތިޡާރުކުމާމެދު ނުރުހުންތެރިވެވަޑައިގެންފައެވެ.” [7]



ދެވަނަ ޙާލަތް: ޤަމަތް ދިން އިރު އިމާމު މީހާ ހުރީ މިސްކިތުގެ އެތެރޭގައި


ދިވެހިރާއްޖޭގައި ޢާންމު ގޮތެއްގައި އިމާމުވެ ނަމާދުކުރަނީ ބަންގިގޮވާ މީހާއެވެ. އެހެންކަމުން ރާއްޖޭގައި ޢާންމުގޮތެއްގައި މެދުވެރިވާނީ މި ޙާލަތެވެ.

މިޙާލަތުގައި ޢަމަލުކުރަންވީ ގޮތާމެދު ޢިލްމުވެރިންގެ ބަސްފުޅުތައް ތަފާތުވެގެންވެއެވެ. ސަބަބަކީ މިކަމާ ބެހޭ ސާފު ދަލީލެއް ވާރިދުވެފައި ނުވާތީއެވެ. އެހެންކަމުން ޢިލްމުވެރިން މިމައްސަލައިގައި އިޖުތިހާދު ކުރައްވާފައިވެއެވެ.


ފުރަތަމަ ބަސްފުޅު: ނަމާދަށް ކޮޅަށް ތެދުވާނީ ޤަމަތްދޭން ފެށުމުން (މިއީ ޢުމަރު ބުން ޢަބްދުލްޢަޒީޒާއި މުޙައްމަދު ބުން ކަޢުބު އަލްޤުރަޡީއާއި ސާލިމު ބުން ޢަބްދުﷲ ބުން ޢުމަރާއި އަބޫ ޤިލާބާއާއި ޢައްރާކު ބުން މާކިލާއި ޒުހުރީއާއި ސުލައިމާނު ބުން ޙަބީބު އަލްމުޙާރިބީއާއި ޢަޠާގެ ބަސްފުޅު [8])

ދެވަނަ ބަސްފުޅު: ނަމާދަށް ކޮޅަށް ތެދުވާނީ ޤަމަތުގައި حي على الصلاة ކިޔުމުން (މިއީ ޙަނަފީންގެ ބަސްފުޅު [9])

ތިންވަނަ ބަސްފުޅު: ނަމާދަށް ކޮޅަށް ތެދުވާނީ ޤަމަތްދީ ނިމުމުން. އަދި ލަހުން ތެދުވެވޭ މީހެއްނަމަ ކޮޅަށް ތެދުވާނީ ޤަމަތުގައި قد قامت الصلاة ކިޔުމުންނެވެ. (މިއީ ޝާފިޢީންގެ ބަސްފުޅު [10])

ހަތަރުވަނަ ބަސްފުޅު: ނަމާދަށް ކޮޅަށް ތެދުވަން ވަކި ވަޤުތެއް ނުވޭ. ޤަމަތުގެ ކުރީކޮޅުގައި ނުވަތަ މެދުތެރޭގައި ނުވަތަ ޤަމަތް ދީ ނިމުމުންވެސް ތެދުވިދާނެއެވެ. (މިއީ މާލިކީންގެ ބަސްފުޅު [11])

ފަސްވަނަ ބަސްފުޅު: ނަމާދަށް ކޮޅަށް ތެދުވާނީ ޤަމަތުގައި قد قامت الصلاة ކިޔުމުން (މިއީ އަނަސްގެފާނާއި [12] ޢަބްދުﷲ ބުން އަލްމުބާރަކާއި [13] ޙަންބަލީ މަޛްހަބުގެ ބަސްފުޅު [14])

ހަވަނަ ބަސްފުޅު: ނަމާދަށް ކޮޅަށް ތެދުވާނީ އިމާމުމީހާ ނަމާދަށް ކޮޅަށް ތެދުވުމުން (މިއީ އިބްނުލް މުންޛިރުގެ ބަސްފުޅު [15])


މިކަމުގައި ފާހަގަކޮށްލަން ޖެހޭ މުހިންމު ނުކުތާއަކީ މިތަނުން އެއްވެސް ބަސްފުޅަކަށް ސުންނަތުން ޞައްޙަ ދަލީލެއް ނުވާކަމެވެ. މިއީ މިމައްސަލައިގައި ޢިލްމުވެރިންކުރައްވާފައިވާ އިޖުތިހާދުތަކެކެވެ.


އިމާމު މާލިކު رحمه الله ވިދާޅުވިއެވެ.

“ނަމާދަށް ޤަމަތް ދިނުމުން މީސްތަކުން ނަމާދަށް ތެދުވުމާމެދު ދަންނައެވެ. ފަހެ ހަމަކަށަވަރުން އެކަމާމެދު ކަނޑައެޅިގެން ސާފު ދަލީލެއް އޮތްކަމެއް އެނގިފައެއް ނެތެވެ. އެހެނަސް ތިމަންކަލޭގެފާނު ދެކިވަޑައިގަންނަވަނީ އެއީ މީސްތަކުންގެ ޙާލަތާ ގުޅިފައިވާ ކަމެއްގެ ގޮތުގައެވެ. އެހެނީ މީސްތަކުންގެ ތެރޭގައި ފަސޭހަކަމާއެކު އަވަހަށް ތެދުވެވޭނެ މީހުންނާއި ބުރަކަމާއެކު ލަހުން ތެދުވެވޭ މީހުން އުޅޭނެއެވެ. އެކަމުގައި އެންމެން އެއްގޮތެއް ނުވާނެއެވެ.” [16]

އައްޝައިޚު ޢަބްދުލްޢަޒީޒު ބުން ބާޒު رحمه الله ވިދާޅުވިއެވެ.

“ޤަމަތް ދިނުމުން ނަމާދަށް ތެދުވުމުގައި ޝަރުޢީ ގޮތުން ވަކި ވަގުތެއް ކަނޑައަޅުއްވާފައި ނުވެއެވެ. އަދި ކިއެއް ހެއްޔެވެ. ޤަމަތްދޭން ފެށުމުން ނުވަތަ ޤަމަތުގެ ތެރޭގައި ނުވަތަ ޤަމަތްދީ ނިމުމުންވެސް މައުމޫމުން ކޮޅަށް ތެދުވުމަކީ ހުއްދަކަމެކެވެ. އެއީ ވަރަށް ތަނަވަސް މައްސަލައެކެވެ. ޤަމަތް ދިނުމުން މައުމޫމުން ކޮޅަށް ތެދުވަންވީ ވަގުތު ޚާއްޞަކުރާނޭ ޝަރުޢީ ދަލީލެއް އޮތްކަމެއް އެނގިފައެއް ނެތެވެ. ބައެއް ފިޤުހުވެރިން ވިދާޅުވަނީ ނަމާދަށް ކޮޅަށް ތެދުވާނީ ޤަމަތުގައި قد قامت الصلاة ކިޔުމުންނެވެ. އެހެނަސް އެކަމަށް ދަލީލެއްވާކަމެއް އެނގިފައެއް ނުވެއެވެ.

ޤަމަތްދޭއިރު އިމާމުމީހާ މިސްކިތުގައި ފެންނަން ނެތް ނަމަ، ސުންނަތް ގޮތަކީ އިމާމު ނުފެންނަނީސް މައުމޫމުން ކޮޅަށް ނުތެދުވުމެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«إِذَا أُقِيمَتِ الصَّلَاةُ فَلَا تَقُومُوا حَتَّى تَرَوْنِي» [رواه مسلم في صحيحه برقم: (604)]

މާނައީ: “ޤަމަތްދިނުމުން، ފަހެ ތިމަންކަލޭގެފާނު ނުކުމެވަޑައިގަންނަވާ ތަން ތިޔަބޭކަލުންނަށް ފެނިވަޑައި ނުގަންނަވާހާ ހިނދަކު ތިޔަބޭކަލުން ކޮޅަށް ނުތެދުވާށެވެ.”

والله ولي التوفيق.” [17]

އަދި ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙުލް ޢުޘައިމީން رحمه الله އާ މިމައްލަސައިގައި ސުވާލު ދެންނެވުނެވެ.

ޤަމަތް ދިނުމުން ތެދުވަންޖެހޭ ވަކި ވަގުތެއް ސުންނަތުގައި ވާރިދުވެފައިވޭ ހެއްޔެވެ؟

ޖަވާބުގައި ވިދާޅުވިއެވެ.

“ޤަމަތް ދިނުމުން ތެދުވަން ޖެހޭ ވަކި ވަގުތެއް ސުންނަތުގައި ވާރިދުވެފައި ނުވެއެވެ. މިކަމުގައި ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވަނީ މިފަދައިންނެވެ.

«فَلَا تَقُومُوا حَتَّى تَرَوْنِي» [رواه مسلم في صحيحه برقم: (156 – (604)]

މާނައީ: “(ޤަމަތްދިނުމުން) ފަހެ ތިމަންކަލޭގެފާނު ފެނިވަޑައިނުގަންނަވާހާ ހިނދަކު ތިޔަބައިމީހުން ކޮޅަށް ނުތެދުވާށެވެ.”

އެހެންކަމުން ޤަމަތްދޭން ފެށުމުންވެސް، ޤަމަތުގެ މެދު ތެރެއިން އަދި ޤަމަތްދީ ނިމުމުންވެސް ކޮޅަށް ތެދުވުމަކީ ޖާއިޒުކަމެކެވެ.” [18]

އަދި އެއަށްފަހުގައި އިމާމު މީހާ، ސަފުތައް އެއްވަރުކުރުމަށާއި ހުސްޖާގަތައް ފުރާލުމަށް ގޮވާލައި އެކަން ނިމުމުން، ދެން ނަމާދު ފަށާނީއެވެ. [19]



ޚުލާޞާ:


– އިމާމުމީހާ މިސްކިތުގެ ބޭރުގައި ހުއްޓާ ޤަމަތް ދީފިނަމަ މައުމޫމުން ކޮޅަށް ތެދުވާނީ އިމާމުމީހާ ފެނުމުންނެވެ.

– އިމާމުމީހާ މިސްކިތުގެ ތެރޭގައި ހުއްޓާ ޤަމަތް ދީފިނަމަ ޤަމަތުގެ ކުރީކޮޅުގައި، މެދުތެރޭގައި ނުވަތަ ޤަމަތްދީ ނިމުމުންވެސް ކޮޅަށް ތެދުވިދާނެއެވެ.

އެކަމުގައި މުހިންމު ކަމަކީ ނަމާދު ފެށުމުގެ ކުރިން ކޮޅަށް ތެދުވެ ސަފުއެއްވަރުކޮށް ތަރުތީބުކުރުމެވެ.



 [1] އިބްނު އުންމު މަކްތޫމުގެ ނަންފުޅާމެދު ޢިލްމުވެރިންގެ އަރިހުގައި ޚިލާފެއް އޮވެއެވެ. ފުރިހަމަ ނަންފުޅަކީ ޢަމްރު ބުން އުންމު މަކްތޫމު ކަމުގައި ބައެއް ބޭކަލުން ވިދާޅުވެއެވެ. އަދި އަނެއްބައި ބޭކަލުންގެ އަރިހުގައި އެއީ ޢަބްދުﷲ ބުން އުންމު މަކްތޫމެވެ. ގިނަ ރިވާޔަތްތަކުގައިވަނީ ޢަމްރެވެ. (ބައްލަވާ: الإسيعاب لابن عبدالبر (3/1198) وأسد الغابة لابن الأثير (3/364) والإصابة لابن حجر (4/494)).

[2] ބައްލަވާ: صحيح أبي داود للألباني (3/48).

[3] ބައްލަވާ: صحيح أبي داود للألباني (2/395).

ބައްލަވާ: صحيح مسلم، رقم الحديث: 105 – (730). [4]

[5] ބައްލަވާ: صحيح البخاري (642).

[6] ބައްލަވާ: نيل الأوطار للشوكاني (3/227).

جامع الترمذي (2/487). [7]

[8] ބައްލަވާ: الأوسط لابن المنذر (4/166 – 167).

[9] ބައްލަވާ: المحيط البرهاني لابن مازة (4/166).

[10] ބައްލަވާ: المجموع للنووي (3/255).

[11] ބައްލަވާ: حاشية الدسوقي (1/200).

[12] ބައްލަވާ: الأوسط لابن المنذر (4/166).

 [13] ބައްލަވާ: جامع الترمذي (2/487).

 [14] ބައްލަވާ: شرح منتهى الإرادات للبهوتي (1/182) وكشاف القناع له (1/327).

 [15] ބައްލަވާ: الأوسط لابن المنذر (4/168).

[16] موطأ مالك (2/96).

[17] مجموع فتاوى ابن باز (10/367).

 [18] مجموع فتاوى ورسائل العثيمين (13/16).

[19] ބައްލަވާ: تمام المنة للألباني (ص: 152).

Categories
ދީނީ ލިޔުން

ބިދުޢަ (ތާބިޢީ ބޭކަލުންނާއި އެއަށްފަހު ވަޑައިގެންނެވި ބޭކަލުންގެ އަރިހުން ވާރިދުވެފައިވާ ބައެއް ބަސްފުޅުތައް)


ދެވަނައީ: ތާބިޢީ ބޭކަލުންގެ އަރިހުން ވާރިދުވެފައިވާ ބައެއް ބަސްފުޅުތައް


 1) އަބޫ ޤިލާބާ رحمه الله ވިދާޅުވިއެވެ.

“ބިދުޢަވެރިންނާއެކު މަޖުލީސް ނުކުރާށެވެ. އަދި އެބައިމީހުންނާ ޖަދަލުވެސް ނުކުރާށެވެ. ފަހެ ތިޔަބައިމީހުން މަގުފުރެދުމެއްގެ ތެރެއަށް ގަންބާ ނުލާނެކަމުގެ އެއްވެސް އަމާންކަމެއް ނެތެވެ. ނުވަތަ އެބައިމީހުންނަށް އޮޅުން އަރާފައިހުރި ބައެއް ކަންތައްތައް ތިޔަބައިމީހުންނަށްވެސް އޮޅޭ ވަރު ކޮށްފާނެއެވެ.” [[1]]


2)  އަލްޙަސަނު رحمه الله ވިދާޅުވިއެވެ.

“ބިދުޢަވެރިއެއްގެ ކިބައިން ނަމާދެއް ޙައްޖެއް ޢުމްރާއެއް ޖިހާދެއް ފަރުޟެއް އަދި ސުންނަތެއްވެސް ޤަބޫލެއް ނުވެވޭނެއެވެ.” [[2]]



ތިންވަނައީ: ތާބިޢީ ބޭކަލުންނަށް ފަހު ވަޑައިގެންނެވި ބޭކަލުންގެ އަރިހުން ވާރިދުވެފައިވާ ބައެއް ބަސްފުޅުތައް


1) އަލްއައުޒާވީ رحمه الله ވިދާޅުވިއެވެ.

“ސުންނަތުގެ މަތީގައި ކެތްތެރިވާށެވެ. އަދި އެބޭކަލުން (އެބަހީ: ސަލަފުންގެ ބޭކަލުން) ހުއްޓިވަޑައިގެން ހިސާބުގައި ހުއްޓިވަޑައިގަންނަވާށެވެ. އަދި އެބޭކަލުން ވިދާޅުވި ގޮތަށް ވިދާޅުވާށެވެ. އަދި އެބޭކަލުން އެއްޗެއް ވިދާޅު ނުވި ކަންކަމުގައި އެއްޗެއް ނުބުނާށެވެ. ތިބާގެ ކުރިން އުޅުއްވި ސަލަފުއްޞާލިޙުން ހިންގެވި މަގުން ހިނގާށެވެ. އަދި އެބޭކަލުންނަށް ފުދުނު ގޮތަށް ތިބާއަށްވެސް ފުދޭނެއެވެ. ޝާމުގެ އަހުލުވެރިންނަކީ ކުރީގައި ބިދުޢަތައް ދަންނަ ބައެއް ނޫނެވެ. އެހެނަސް ޢިރާޤުގެ އަހުލުވެރިންކުރެ ބިދުޢަތުގެ ތެރެއަށް ވަތް ބަޔަކު ޝާމުގެ އަހުލުވެރިނަށްވެސް އެކަންތައް ތަޢާރަފުކުރީއެވެ. އެއީ އެބައިމީހުންގެ ފިޤުހުވެރިންނާއި ޢިލްމުވެރިން އެކަމުގައި އެބައިމީހުންނަށް ރައްދުވެސް ދިން ފަހުންނެވެ. އެހެނަސް ޝާމުގެ އަހުލުވެރިންކުރެ ބައެއްގެ ހިތުގެ ތެރެއަށްވެސް ބިދުޢައިގެ އަޘަރުކުރީއެވެ. އަދި ދޫތަކުން އެކަމުގެ ވާހަކަތައް ދައްކަން ފެށީއެވެ. އަދި އެއަށްފަހުގައި އެހެން މީހުންގެ މެދުގައި އުފެދުނު ޚިލާފުތައް އެބައިމީހުންގެ ތެރޭގައިވެސް އުފެދުނީއެވެ.” [[3]


2) އިމާމު އަޙްމަދު رحمه الله ވިދާޅުވިއެވެ.

“ތިމަންބޭކަލުންގެ އަރިހުގައި ސުންނަތުގެ އުޞޫލުތަކަކީ: ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ ޞަޙާބީ ބޭކަލުން ތިއްބެވި ގޮތުގައި ހިފެހެއްޓުމާއި އެބޭކަލުންގެ އަރިހުން ނަމޫނާ ލިބިގަތުމާއި ބިދުޢަތައް ދޫކޮށްލުމެވެ. ފަހެ ކޮންމެ ބިދުޢައަކީ މަގު ފުރެދުމެކެވެ. އަދި ބިދުޢަވެރިންނާ ޖަދަލުކުރުން ދޫކޮށްލުމާއި އެބައިމީހުންނާ މަޖުލީސްކުރުން ދޫކޮށްލުމެވެ.” [[4]]



[[1]] أخرجه الآجري في الشريعة برقم: (2044).

[[2]] أخرجه الآجري في الشريعة برقم: (2054).

[[3]] أخرجه اللالكائي في شرح أصول اعتقاد أهل السنة والجماعة برقم: (315).

[[4]] أخرجه اللالكائي في شرح أصول اعتقاد أهل السنة والجماعة برقم: (317).


ބިދުޢަ – އެހެންބައިތައް

Categories
ދީނީ ލިޔުން

ބިދުޢަ (ޞަޙާބީ ބޭކަލުންގެ އަރިހުން ވާރިދުވެފައިވާ ބައެއް ބަސްފުޅުތައް)


ބިދުޢަވެރިންނާއި ބިދުޢަވެރި ފިރުޤާތަކާމެދު ދުރުހެލިވެ ރައްކާތެރިވުމަށް ސަލަފުންގެ ބޭކަލުންގެ އަރިހުން ވާރިދުވެފައިވާ ބަސްފުޅުތައް


ބިދުޢައާއި އޭގެ އަހުލުވެރިންގެ ކިބައިން ދުރުހެލިވެ ރައްކާތެރިވުމަށް ސަލަފުންގެ ބޭކަލުންގެ އަރިހުން ގިނަ ބަސްފުޅުތަކެއް ވާރިދުވެގެން އައިސްފައިވެއެވެ. ބިދުޢަވެރި ފިރުޤާއެއް ނުވަތަ މަގުފުރައްދާ މީހަކު ފާޅުވާ ކޮންމެ ފަހަރަކު، އެޒަމާނެއްގައި ތިއްބެވި ޢިލްމުވެރިން، އެފަދަ މީހުންނަށް ރައްދުދެއްވައި އެބައިމީހުންގެ ކިބައިގައި ހުރި ފުރެދުންތައް މީސްތަކުންނަށް ބަޔާންކޮށްދެއްވައެވެ. އެފަދައިން ރިވާވެގެން އައިސްފައިވާ ބައެއް ބަސްފުޅުތައް ޛިކުރުކޮށްލާނަމެވެ.



ފުރަތަމައީ: ޞަޙާބީ ބޭކަލުންގެ އަރިހުން ވާރިދުވެފައިވާ ބައެއް ބަސްފުޅުތައް


1) އިބްނު މަސްޢޫދު رضي الله عنه އެކަލޭގެފާނުގެ ޒަމާނުގައި ބިދުޢައެއް ފާޅުވުމުން އެކަމަށް އިންކާރުކުރެއްވިއެވެ. ޢަމްރު ބުން ސަލަމާ رحمه الله ވިދާޅުވިއެވެ.

“كُنَّا نَجْلِسُ عَلَى بَابِ عَبْدِ اللَّهِ بْنِ مَسْعُودٍ رضي الله عنه، قَبْلَ صَلَاةِ الْغَدَاةِ، فَإِذَا خَرَجَ، مَشَيْنَا مَعَهُ إِلَى الْمَسْجِدِ، فَجَاءَنَا أَبُو مُوسَى الْأَشْعَرِيُّ رضي الله عنه فَقَالَ: أَخَرَجَ إِلَيْكُمْ أَبُو عَبْدِ الرَّحْمَنِ قُلْنَا: لَا، بَعْدُ. فَجَلَسَ مَعَنَا حَتَّى خَرَجَ، فَلَمَّا خَرَجَ، قُمْنَا إِلَيْهِ جَمِيعًا، فَقَالَ لَهُ أَبُو مُوسَى: يَا أَبَا عَبْدِ الرَّحْمَنِ، إِنِّي رَأَيْتُ فِي الْمَسْجِدِ آنِفًا أَمْرًا أَنْكَرْتُهُ وَلَمْ أَرَ – وَالْحَمْدُ لِلَّهِ – إِلَّا خَيْرًا. قَالَ: فَمَا هُوَ؟ فَقَالَ: إِنْ عِشْتَ فَسَتَرَاهُ. قَالَ: رَأَيْتُ فِي الْمَسْجِدِ قَوْمًا حِلَقًا جُلُوسًا يَنْتَظِرُونَ الصَّلَاةَ فِي كُلِّ حَلْقَةٍ رَجُلٌ، وَفِي أَيْدِيهِمْ حصًا، فَيَقُولُ: كَبِّرُوا مِائَةً، فَيُكَبِّرُونَ مِائَةً، فَيَقُولُ: هَلِّلُوا مِائَةً، فَيُهَلِّلُونَ مِائَةً، وَيَقُولُ: سَبِّحُوا مِائَةً، فَيُسَبِّحُونَ مِائَةً، قَالَ: فَمَاذَا قُلْتَ لَهُمْ؟ قَالَ: مَا قُلْتُ لَهُمْ شَيْئًا انْتِظَارَ رَأْيِكَ أَوِ انْتظارَ أَمْرِكَ. قَالَ: “أَفَلَا أَمَرْتَهُمْ أَنْ يَعُدُّوا سَيِّئَاتِهِمْ، وَضَمِنْتَ لَهُمْ أَنْ لَا يَضِيعَ مِنْ حَسَنَاتِهِمْ”، ثُمَّ مَضَى وَمَضَيْنَا مَعَهُ حَتَّى أَتَى حَلْقَةً مِنْ تِلْكَ الْحِلَقِ، فَوَقَفَ عَلَيْهِمْ، فَقَالَ: “مَا هَذَا الَّذِي أَرَاكُمْ تَصْنَعُونَ؟” قَالُوا: يَا أَبَا عَبْدِ الرَّحْمَنِ حصًا نَعُدُّ بِهِ التَّكْبِيرَ وَالتَّهْلِيلَ وَالتَّسْبِيحَ. قَالَ: “فَعُدُّوا سَيِّئَاتِكُمْ، فَأَنَا ضَامِنٌ أَنْ لَا يَضِيعَ مِنْ حَسَنَاتِكُمْ شَيْءٌ وَيْحَكُمْ يَا أُمَّةَ مُحَمَّدٍ، مَا أَسْرَعَ هَلَكَتَكُمْ هَؤُلَاءِ صَحَابَةُ نَبِيِّكُمْ صلى الله عليه وسلم مُتَوَافِرُونَ، وَهَذِهِ ثِيَابُهُ لَمْ تَبْلَ، وَآنِيَتُهُ لَمْ تُكْسَرْ، وَالَّذِي نَفْسِي بِيَدِهِ، إِنَّكُمْ لَعَلَى مِلَّةٍ هِيَ أَهْدَى مِنْ مِلَّةِ مُحَمَّدٍ صلى الله عليه وسلم أوْ مُفْتَتِحُو بَابِ ضَلَالَةٍ”. قَالُوا: وَاللَّهِ يَا أَبَا عَبْدِ الرَّحْمَنِ، مَا أَرَدْنَا إِلَّا الْخَيْرَ. قَالَ: “وَكَمْ مِنْ مُرِيدٍ لِلْخَيْرِ لَنْ يُصِيبَهُ، إِنَّ رَسُولَ اللَّهِ صلى الله عليه وسلم حَدَّثَنَا أَنَّ قَوْمًا يَقْرَءُونَ الْقُرْآنَ لَا يُجَاوِزُ تَرَاقِيَهُمْ، وَايْمُ اللَّهِ مَا أَدْرِي لَعَلَّ أَكْثَرَهُمْ مِنْكُمْ، ثُمَّ تَوَلَّى عَنْهُمْ”. فَقَالَ عَمْرُو بْنُ سَلَمَةَ: رَأَيْنَا عَامَّةَ أُولَئِكَ الْحِلَقِ يُطَاعِنُونَا يَوْمَ النَّهْرَوَانِ مَعَ الْخَوَارِجِ. [1]

“ފަތިސް ނަމާދުގެ ކުރިން ޢަބްދުﷲ ބުން މަސްޢޫދު رضي الله عنه ގެ ގެކޮޅުގެ ދޮރު ކައިރީގައި ތިމަންބޭކަލުން ތިއްބަވަމެވެ. އެކަލޭގެފާނު ނުކުމެވަޑައިގެންނެވުމުން، އެކަލޭގެފާނާއެކު ތިމަންބޭކަލުން މިސްކިތަށް ވަޑައިގަންނަވަމެވެ. ފަހެ، އެހެން ތިއްބަވަނިކޮށް އަބޫ މޫސާ އަލްއަޝްޢަރީ رضي الله عنه ވަޑައިގެންފިއެވެ. އަދި ވިދާޅުވިއެވެ.

“ތިޔަބޭކަލުންގެ އަރިހަށް އަބޫ ޢަބްދުރަޙްމާނު (ޢަބްދުﷲ ބުން މަސްޢޫދު) ނުކުމެވަޑައިގެންފި ހެއްޔެވެ.”

ތިމަންބޭކަލުން ދެންނެވީމެވެ.

“އަދި ނުކުމެވަޑައި ނުގަންނަވައެވެ.”

ފަހެ (އިބްނު މަސްޢޫދު) ނުކުމެވަޑައިގަންނަވަންދެން އެކަލޭގެފާނުވެސް މަޑުކުރެއްވިއެވެ. (އިބްނު މަސްޢޫދު) ނުކުމެވަޑައިގެންނެވުމުން ތިމަންބޭކަލުން ތެދުވެވަޑައިގެންނެވީމެވެ. އަދި އަބޫ މޫސާ رضي الله عنه ވިދާޅުވެއްޖެއެވެ.

“އޭ އަބޫ ޢަބްދުއްރަޙްމާނެވެ! ކުޑައިރުކޮޅެއް ކުރިން މިސްކިތުގައި ތިމަންކަލޭގެފާނަށް މުންކަރާތެއްކަމަށް ބެލެވޭފަދަކަމެއް ފެނިވަޑައިގެންފިކަން ކަށަވަރެވެ. އެކަމަކު ﷲ އަށް ޙަމްދުކުރަމެވެ. (ބޭރު ފުށުން) އެއީ ހެޔޮކަމެކެވެ.”

އިބްނު މަސްޢޫދު ވިދާޅުވިއެވެ.

“އެއީ ކޮންކަމެއް ހެއްޔެވެ.”

އެކަލޭގެފާނު ވިދާޅުވިއެވެ.

“ދިރިލެހެއްޓެވިއްޔާ، ކަލޭގެފާނަށްވެސް އަދި އެކަން ފެނިވަޑައިގަންނަވާނެއެވެ. ތިމަންކަލޭގެފާނަށް ފެނިވަޑައިގަތީ މިސްކިތުގައި ނަމާދަށް އިންތިޒާރުކުރަން ޙަލަޤާތަކެއްގައި އިށީނދެގެން ތިބި ބައެކެވެ. އެބައިމީހުންގެ އަތުގައި ހިލަކޮޅުތަކެއް ވެއެވެ. އަދި ކޮންމެ ޙަލަޤާއެއްގައިވެސް އެކަކު އިސްކޮށް ހުރެގެން ކިޔައެވެ. ސަތޭކަ ފަހަރު ތަކުބީރު (الله أكبر) ކިޔާށެވެ. އެހެން ބުނުމުން އެއެންމެން ސަތޭކަ ފަހަރު ތަކުބީރު ކިޔައެވެ. ދެން އެމީހަކު ބުނެއެވެ. ސަތޭކަ ފަހަރު ތަހުލީލު (لا إله إلا الله) ކިޔާށެވެ. ދެން އެމީހުން ސަތޭކަ ފަހަރު ތަހުލީލު ކިޔައެވެ. ދެން އެމީހަކު ބުނެއެވެ. ސަތޭކަ ފަހަރު ތަސްބީޙަ (سبحان الله) ކިޔާށެވެ. ދެން އެމީހުން ސަތޭކަ ފަހަރު ތަސްބީޙަ ކިޔައެވެ.”

އިބްނު މަސްޢޫދު ވިދާޅުވިއެވެ.

“ކަލޭގެފާނު އެމީހުންނަށް އެއްޗެކޭ ވިދާޅުވިން ހެއްޔެވެ؟”

އަބޫ މޫސާ ވިދާޅުވިއެވެ.

“ކަލޭގެފާނުގެ ރައުޔަށް ނުވަތަ އަމުރަށް އިންތިޒާރުކޮށްފައި ތިމަންކަލޭގެފާނު އެބައިމީހުންނަށް އެއްޗެއް ވިދާޅުނުވަމެވެ.”

އިބްނު މަސްޢޫދު ވިދާޅުވިއެވެ.

“އެބައިމީހުންގެ ފާފަތައް ގުނާށޭ، އެބައިމީހުން ގާތު ކަލޭގެފާނު ވިދާޅުވެފައި، އެބައިމީހުންގެ ހެޔޮކަމުން އެއްވެސް މިންވަރެއް ނުގެއްލޭނެކަމުގެ ޔަޤީންކަން ކަލޭގެފާނު އެބައިމީހުންނަށް ދެއްވިނަމަ މާ ރަނގަޅުވީހެވެ.”

ދެން އެކަލޭގެފާނާއެކު ތިމަންބޭކަލުންވެސް އެތަނުން ޙަލަޤާއެއްގެ ކައިރިއަށް ދިޔައީމެވެ. ފަހެ އެބައިމީހުންގެ ގާތުގައި އެކަލޭގެފާނު ހުއްޓިވަޑައިގެން ވިދާޅުވިއެވެ.

“ތިޔަބައިމީހުން ތިޔަ ކުރަނީ ކޮންކަމެއް ހެއްޔެވެ؟”

އެބައިމީހުން ބުންޏެވެ.

“އޭ އަބޫ ޢަބްދުއްރަޙްމާނެވެ! ހިލަކޮޅުތަކެއް އެއްކޮށްގެން ތަކުބީރާއި ތަހުލީލާއި ތަސްބީޙަ ކިޔަވާފައި އަހަރެމެން ގުނަނީއެވެ.”

އެކަލޭގެފާނު ވިދާޅުވިއެވެ.

“ފަހެ ތިޔަބައިމީހުންގެ ފާފަތައް ގުނާށެވެ. ތިޔަބައިމީހުންގެ ހެޔޮކަމުން އެއްވެސް މިންވަރެއް ނުގެއްލޭނެކަމުގެ ޔަޤީންކަން ތިމަންކަލޭގެފާނު ދެއްވަމެވެ. ތިޔަބައިމީހުންނާމެދު ޢަޖައިބު ވެއްޖައީމެވެ! އޭ މުޙައްމަދުގެފާނުގެ އުންމަތުގެ މީހުންނޭވެ! ތިޔަބައިމީހުން ތިޔަ ހަލާކުވަނީ ހާދަ އަވަހަށެވެ. ނަބިއްޔާ صلى الله عليه وسلم ގެ އެތައް އަޞްޙާބު ބޭކަލުންނެއް މި ތިއްބެވީއެވެ. އެކަލޭގެފާނުގެ ހެދުންކޮޅު އަދި ފަނާ ނުވެއެވެ. އަދި ކަންވާރުތައް ހަލާކު ނުވެއެވެ. އެއިލާހުގެ އަތްޕުޅުގައި ތިމަންކަލޭގެފާނުގެ ނަފްސުވާ އިލާހު ގަންދެއްވާ ވިދާޅުވަމެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ތިޔަވަނީ މުޙައްމަދު صلى الله عليه وسلم ގެ މިއްލަތަށް ވުރެ ހެޔޮ މިއްލަތެއްގެ މަތީގައެވެ. ނުވަތަ މަގުފުރެދުމުގެ ދޮރެއް ހުޅުވައިގެންނެވެ.”

އެބައިމީހުން ދަންނަވައިފިއެވެ.

“އޭ އަބޫ ޢަބްދުއްރަޙްމާނެވެ! ﷲ ގަންދީ ބުނަމެވެ. އަހަރުމެން ހެޔޮކަމެއް މެނުވީ ނޭދެމެވެ.”

އެކަލޭގެފާނު ވިދާޅުވިއެވެ.

“ހެޔޮކަން އެދޭ ކިތައް މީހުން، އެކަމާ ހިސާބަށް ވާސިލުނުވޭ ހެއްޔެވެ! ހަމަކަށަވަރުން ﷲގެ ރަސޫލާ صلى الله عليه وسلم  ތިމަންބޭކަލުންނަށް ޙަދީޘްކުރެއްވިއެވެ.

“(ބަޔަކު އަންނާނެއެވެ.) ހަމަކަށަވަރުން އެބައިމީހުން ޤުރުއާން ކިޔަވާނެއެވެ. އެހެނަސް އެބައިމީހުންގެ ކަރުތެރެއިން ލާފައި އެޤުރުއާން ނުދާނެއެވެ. (އެބަހީ: އޭގައިވާ އެއްޗެއް އެބައިމީހުންގެ ހިތްތަކަށް ވާސިލެއް ނުވާނެއެވެ. އަދި އެބައިމީހުން އެއަށް ޢަމަލެއް ނުކުރާނެއެވެ.)”

ﷲ ގަންދީ ވިދާޅުވަމެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ތިޔަބައިމީހުންގެ ތެރެއިންވާ ބައެއްކަމުގައި ވެދާނެކަމަށް ތިމަންކަލޭގެފާނަށް ބިރުހީވެއެވެ.

ދެން އެއަށްފަހުގައި އެކަލޭގެފާނު ވަޑައިގެންނެވިއެވެ.

ޢަމްރު ބުން ސަލަމާ ވިދާޅުވިއެވެ. “އެ ޙަލަޤާތަކުގައި ތިބި ގިނަ މީހުން ނަހްރަވާނުގެ ދުވަހުގައި ޚަވާރިޖުންނާއެކު ތިމަން ބޭކަލުންނާ ދެކޮޅަށް ހަނގުރާމައަށް ނުކުތް މަންޒަރު ދެކެވަޑައިގެންނެވީމެވެ.”


2) އަބުއް ދަރްދާ رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ.

“اقْتِصَادٌ فِي السُّنَّةِ خَيْرٌ مِنَ اجْتِهَادٍ فِي بِدْعَةٍ”. [2]

މާނައީ: “ބިދުޢައިގައި އަވަދިނެތި އުޅުމަށް ވުރެ، މަދު ސުންނަތްތަކެއް އަދާކުރުންވެސް މާ ހެޔޮކަން ބޮޑެވެ.”


3) އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ.

“مَا يَأْتِي عَلَى النَّاسِ عَامٌ إِلَّا أَحْدَثُوا فِيهِ بِدْعَةً وَأَمَاتُوا سُنَّةً، حَتَّى تَحْيَا الْبِدَعُ وَتَمُوتَ السُّنَنُ”. [3]

މާނައީ: “ސުންނަތްތަކެއް ނެތިކޮށްފައި ބިދުޢަތަކެއް ތަޢާރަފު ނުކުރާނެ އަހަރެއް ނާންނާނެއެވެ. ބިދުޢަތައް ދިރި، ސުންނަތްތައް ނެތިގެން ދާންދެނެވެ.”



[1] أخرجه الدارمي في سننه برقم: (210) وصححه الألباني في سلسلة الأحاديث الصحيحة برقم: (2005).

[2] أخرجه اللالكائي في شرح أصول اعتقاد أهل السنة والجماعة برقم: (115).

[3] أخرجه اللالكائي في شرح أصول اعتقاد أهل السنة والجماعة برقم: (125).



ބިދުޢަ – އެހެންބައިތައް

Categories
ދީނީ ލިޔުން

ބިދުޢަ (ސުންނަތުގެ ނައްޞުތައް)


ސުންނަތުގެ ނައްޞުތައް


1) ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ فِيهِ، فَهُوَ رَدٌّ». [1]

މާނައީ: “ތިމަންމެންގެ މި ދީނުގައި ނެތް ކަމެއް (ބިދުޢައެއް) އުފައްދައިފި މީހާ ދަންނައެވެ. ފަހެ، އެކަމެއްވަނީ (ބާޠިލުވެ) ރައްދުވެގެންނެވެ.”

އަދި އިމާމު މުސްލިމްގެ ރިވާޔަތެއްގައިވެއެވެ.

«مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ». [2]

މާނައީ: “ތިމަންމެންގެ މި ދީނުގައި ނެތް ޢަމަލެއްކޮށްފިމީހާ ދަންނައެވެ. ފަހެ، އެ ކަމެއްވަނީ (ބާޠިލުވެ) ރައްދުވެގެންނެވެ”.

ބިދުޢައަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ޤަބޫލުވެވިގެންދާނޭ ކަމެއް ނޫނެވެ. އެކަން މިޙަދީޘްތަކުން ސާފުކޮށް އެނގެއެވެ. މި ދެރިވާޔަތުގެ ފަރަޤަކީ:

ފުރަތަމަ ރިވާޔަތުގައި އެވަނީ: ބިދުޢައެއް އުފައްދައިފި މީހެއްގެ ޢަމަލު ރައްދުވެގެން ދާނެކަމެވެ.

ދެވަނަ ރިވާޔަތުގައި އެވަނީ: ބިދުޢައެއް ގެނެސްގެންފި މީހާގެ ޢަމަލު ރައްދުވެގެންދާނެ ކަމެވެ.


2) ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«أُوصِيكُمْ بِتَقْوَى اللَّهِ وَالسَّمْعِ وَالطَّاعَةِ، وَإِنْ عَبْدًا حَبَشِيًّا، فَإِنَّهُ مَنْ يَعِشْ مِنْكُمْ بَعْدِي فَسَيَرَى اخْتِلَافًا كَثِيرًا، فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الْمَهْدِيِّينَ الرَّاشِدِينَ، تَمَسَّكُوا بِهَا وَعَضُّوا عَلَيْهَا بِالنَّوَاجِذِ، وَإِيَّاكُمْ وَمُحْدَثَاتِ الْأُمُورِ، فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ، وَكُلَّ بِدْعَةٍ ضَلَالَةٌ». [3]

މާނައީ: “ﷲއަށް ތަޤުވާވެރިވުމަށް ތިޔަބައިމީހުންނަށް ވަޞިއްޔަތް ކުރައްވަމެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ވެރިއަކަށް ޙަބަޝީ އަޅަކު އިސްކުރެވުނުކަމުގައި ވިޔަސް އަޑުއަހައި ކިޔަމަންވާށެވެ. ފަހެ ހަމަކަށަވަރުން، ތިމަންކަލޭގެފާނަށް ފަހު، ތިޔަބައިމީހުން ކުރެ ދިރިހުރެއްޖެމީހަކު ދަންނައެވެ. އޭނާއަށް ގިނަ އިޚްތިލާފުތައް ފެންނާނެއެވެ. ފަހެ ތިމަންކަލޭގެފާނުގެ ސުންނަތާއި ތެދުމަގު ލިބިވަޑައިގެން ތިއްބެވި ޚަލީފާއިންގެ ސުންނަތުގައި ތިޔަބައިމީހުން ހިފާށެވެ. ތިޔަބައިމީހުންގެ ކޮލުދަތްތަކުން އޭގައި ގަދައަށް ހިފަހައްޓާށެވެ. އަދި އަލަށް އުފެދޭ ކަންކަމާމެދު (ބިދުޢަތަކާމެދު) ރައްކާތެރިވެ ތިބޭށެވެ. ފަހެ ހަމަކަށަވަރުން ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ.”

ކޮންމެ ބިދުޢައަކީ މަގުފުރެދުމެއްކަމުގައި މިޙަދީޘްގައި ނަބިއްޔާ صلى الله عليه وسلم މި ވަނީ ބަޔާންކޮށްދެއްވާފައެވެ.


3) އަދި ޤިޔާމަތްދުވަހުގެ ޙައުޟާ ގުޅޭ ގޮތުން ވާރިދުވެފައިވާ ޙަދީޘްގައިވަނީ ނަބިއްޔާ صلى الله عليه وسلم ގެ ޙައުޟުން ފެން ބުޔުން ބިދުޢަވެރިންނަށް މަނާކުރެވޭނެ ކަމެވެ. އެކަލޭގެފާނުގެ ޙައުޟުގެ ކައިރިން މިއުންމަތުގެ ބަޔަކު ދުރައްލެވޭނެކަން އެ ޙަދީޘްގައި ބަޔާންކުރައްވާފައިވެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

«فَأَقُولُ إِنَّهُمْ مِنِّي، فَيُقَالُ: إِنَّكَ لاَ تَدْرِي مَا أَحْدَثُوا بَعْدَكَ، فَأَقُولُ: سُحْقًا سُحْقًا لِمَنْ غَيَّرَ بَعْدِي». [4]

މާނައީ: “ފަހެ އެބައިމީހުންވަނީ ތިމަންކަލޭގެފާނާ އެކުގައިކަމަށް ތިމަންކަލޭގެފާނު ޙަދީޘްކުރައްވާނަމެވެ.” ފަހެ ތިމަންކަލޭގެފާނަށް ދެންނެވޭނެއެވެ. ކަލޭގެފާނަށް ފަހު އެބައިމީހުން ގެނެސްގަތް ކަންތައްތައް ކަލޭގެފާނަށް އެނގިވަޑައިގެން ނުވެއެވެ. ފަހެ ތިމަންކަލޭގެފާނު ޙަދީޘްކުރައްވާނަމެވެ. “(ދީނުގައިވާ ކަންތައްތައް) ތިމަންކަލޭގެފާނަށް ފަހު ބަދަލުކުރިމީހަކު ދަންނައެވެ. އެމީހަކަށްވަނީ ދުރުކުރެއްވުމެވެ. އެމީހަކަށްވަނީ ދުރުކުރެއްވުމެވެ.”

މިޙަދީޘުން އެނގިގެންދަނީ ނަބިއްޔާ صلى الله عليه وسلم ގެ ޙައުޟުން ބަޔަކު ދުރުކުރެވޭނެކަމެވެ. އޭގެ ތެރޭގައި:

– މުރުތައްދުވިމީހުން.

– މުނާފިޤުން.

– ޚަވާރިޖުންނާއި ޝިޔަޢީންނާއި މުޢުތަޒިލީންފަދަ ބިދުޢަވެރިން.

– ބޮޑެތި ފާފަތަކުގެ އަހުލުވެރިން. [5]


އަލް ޤުރުޠުބީ رحمه الله ވިދާޅުވިއެވެ.

“ﷲ ގެ ދީން ދޫކޮށް މުރުތައްދުވި ކޮންމެ މީހަކު އަދި ﷲ ގެ ދީނަށް ﷲ އިޛުނަދެއްވާފައި ނުވާ ކަންތައްތަކާއި ނުރުއްސަވާ ކަންތައްތައް ތަޢާރުފުކުރި ކޮންމެ މީހަކު ވާހުށީ ޙައުޟުން އެއްކިބާ ކުރެވޭ މީހުންގެ ތެރެއިންނެވެ. އަދި އެއިން އެންމެ ބޮޑަށް ދުރުކޮށްލެވޭނީ މުސްލިމުންގެ ޖަމާޢަތާއި ގޮތާ ޚިލާފުވި މީހުންނެވެ. އެއީ ޚަވާރިޖުންގެ އެކި ފިރުޤާތަކާއި ރާފިޟީންގެ (ޝިޔަޢީންގެ) އެކި މަގުފުރެދުމުގެ އަހުލުވެރިންނާ އަދި މުޢުތަޒިލާއިންގެ އެކި ޖަމާޢަތްތަކެވެ. އެބައިމީހުން އެންމެންނަކީވެސް ދީން ބަދަލުކުރި މީހުންނެވެ. އަދި ހަމަ އެފަދައިން އަނިޔާވެރިކަމުގައި ހައްދުފަހަނަ އަޅާ ދިޔަ އަނިޔާވެރިންނާއި ބޮޑެތި ފާފަތައް ފާޅުގައިކޮށް ފާފަތަކުން ވަށާލާފައިވާ މީހުންނާއި މަގުފުރެދިގެން ދިޔަ ބިދުޢަވެރިންގެ ޖަމާޢަތްތައް އެކަމުގައި ހިމެނެއެވެ… އެއީ ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ ޒަމާނުގައި އުޅުނު މުނާފިޤުން ފަދައިން އީމާންކަން ފާޅުކޮށްފައި ކުފުރު ފޮރުވައިގެން އުޅުނު މީހުންނަމަ އެންމެ ފުރަތަމަ އެބައިމީހުންނާ މުޢާމަލާތް ކުރެވޭނީ ބޭރުފުށަށް ބަލައިގެނެވެ. (އެބަހީ: މުސްލިމުންނެކޭ އެއްގޮތަށެވެ.) ދެން އެއަށްފަހު އެބައިމީހުންގެ ކަންތައް ކަޝްފުކުރެވިގެން ދާނެއެވެ. އެއަށްފަހުގައި ‘އެމީހަކަށްވަނީ ދުރުކުރެއްވުމެވެ. އެމީހަކަށްވަނީ ދުރުކުރެއްވުމެވެ.’ މިފަދައިން ބުނެވޭނެއެވެ. އެމީހެއްގެ ހިތުގައި އީމާންކަމުގެ ރެވި އޮށެއްގެ މިންވަރުވެސް ނުވާ، ދީނާ ދެކޮޅުހަދާ އުޅުނު، ބާޠިލުގެ ވެރި ކާފިރެއް މެނުވީ ތާ އަބަދަށް ނަރަކައިގައި ނުވާނެއެވެ.”  – ޝައިޚުގެ ބަސްކޮޅު ނިމުނީ – [6]

ބިދުޢައާ ގުޅުން ހުރި އިތުރު ޙަދީޘްތައްވެސް މިލިޔުމުގެ އެހެން ބައިތަކުގައި އަދި ޛިކުރުކުރާނަމެވެ. إن شاء الله.



[1] أخرجه البخاري في صحيحه برقم: (2697) ومسلم في صحيحه برقم: 17 – (1718).

[2] أخرجه مسلم في صحيحه برقم: 18 – (1718)..

[3] أخرجه أبو داود في سننه برقم: (4607)، والترمذي في جامعه برقم: (2676) وقال حسن صحيح، وابن ماجة برقم: (43) وقال ابن عبدالبر: “حديث العرباض ثابت” وصححه ابن الملقن (انظر: البدر المنير لابن الملقن (9/582)).

[4] أخرجه البخاري في صحيحه برقم: (6584).

[5] انظر: التذكرة للقرطبي (1 / 710 – 711) وشرح صحيح مسلم للنووي (3/137) والإعتصام للشاطبي (1/168) ولوامع الأنوار للسفاريني (2/199).

[6] التذكرة للقرطبي (1 / 710 – 711).



ބިދުޢަ – އެހެންބައިތައް

Categories
ދީނީ ލިޔުން

ޖުވާކުޅުން


الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.


ޖުވާކުޅުމަކީ މޮޅުވާ މީހާ ދެރަވާ މީހާގެ އަތުން އެއްޗެއް ހޯދުމަށް ޝަރުޠުކޮށްފައި ކުޅޭ ކުޅިވަރުތަކެވެ. [1] އެފަދަ ކުޅިވަރުތައް ކުޅުން އިސްލާމްދީނުގައިވަނީ ނަހީކުރައްވާފައެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنصَابُ وَالْأَزْلَامُ رِجْسٌ مِّنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ ﴿٩٠﴾ إِنَّمَا يُرِيدُ الشَّيْطَانُ أَن يُوقِعَ بَيْنَكُمُ الْعَدَاوَةَ وَالْبَغْضَاءَ فِي الْخَمْرِ وَالْمَيْسِرِ وَيَصُدَّكُمْ عَن ذِكْرِ اللَّـهِ وَعَنِ الصَّلَاةِ ۖ فَهَلْ أَنتُم مُّنتَهُونَ ﴿٩١﴾ [سورة المائدة]

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި ނަސީބު ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ކާމިޔާބު ލިބުމަށްޓަކައެވެ. (90) ޝައިޠާނާ އެދޭކަން ކަށަވަރީ، ރާއާއި، ޖުވާގެ ސަބަބުން، ތިޔަބައިމީހުންގެ މެދުގައި ޢަދާވާތްތެރިކަމާއި، ރުޅިވެރިކަން އުފެއްދުމަށެވެ. އަދި ﷲ ހަނދުމަކުރުމާއި ނަމާދުކުރުމަށް ތިޔަބައިމީހުންނަށް ހުރަސްއެޅުމަށެވެ. ފަހެ ތިޔަބައިމީހުން ތިޔަތިބީ އެކަންތައްތައް ހުއްޓާލަން ހެއްޔެވެ؟ (އެބަހީ: ހުއްޓާލާށެވެ!) (91) “

ޖުވާގެ ހުރިހާ ބާވަތެއްވެސް ޙަރާމްކަމުގައި ފިޤުހުވެރިންވަނީ އިއްތިފާޤުވެވަޑައިގެންފައެވެ. [2]

މިފަދަ ކުޅިވަރުތަކުގެ ތެރޭގައި އިހުޒަމާނުގައްޔާއި މިޒަމާނުގައި އެތައް ކަމެއް ހިމެނިގެން ދެއެވެ.

އިހުޒަމާނުގައި ޖުވާގެ ގޮތުގައި ކުޅެ އުޅުނު ކުޅިވަރުތަކުގެ ތެރޭގައި ޑައިސްގެ ކުޅިވަރުތަކާއި ރާޒުވާއާ އަދި ހިލައިންނާ އެނޫން އާލާތްތައް ބޭނުންކޮށްގެން ކުޅުނު ކުޅިވަރުތައް ހިމެނެއެވެ. [3]

މިޒަމާނުގައިވެސް އެފަދަ ކުޅިވަރުތައް ފައިސާއަށް ކުޅެއުޅެއެވެ. އަދި އޭގެ އިތުރަށްވެސް މި ޒަމާނުގައި ޢާންމުވެފައިވާ ކުޅިވަރުތަކުގެ ތެރޭގައި: ވާދަޖަހައިގެން ކުރާ ކަންތައްތަކުގައި “bet” ކުރުމާއި ޖުވާކުޅޭ ތަންތަނުގައްޔާއި އެނޫން ތަންތަނުގައި އެކި ނަންނަމުގައި ކުޅޭ ކުޅިވަރުތައް ހިމެނެއެވެ. އޭގެ ތެރޭގައި: Roulette އާއި Blackjack އާއި Poker އަދި މިނޫނަސް އެތައް ނަންނަމުގައި ކުޅޭ ކުޅިވަރުތަކެއް ވެއެވެ.

މިޒަމާނުގައި މިފަދަ ވަރަށް ގިނަ ގޭމުތައް އޮންލައިންކޮށްވެސް ކުޅެއެވެ. އަދި އޮންލައިންކޮށް، ފައިސާ ދައްކައިގެން އެޕްލިކޭޝަންތައް މެދުވެރިކޮށް މިފަދަ ގޭމުތައް މީސްތަކުން ކުޅެ އުޅެއެވެ.



ޖުވާކުޅުން ނަހީކުރައްވާފައިވާ ބައެއް ޙިކުމަތްތައް


1) ޖުވާކުޅުން ނަހީކުރެއްވިއިރު މިކަން ނަހީކުރެއްވުމުގެ ބައެއް ޙިކުމަތްތައް، ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވެއެވެ. އޭގެ ތެރެއިން އެއްކަމަކީ އެއީ މީސްތަކުންގެ މެދުގައި ޢަދާވާތްތެރިކަމާއި ރުޅިވެރިކަން އިތުރުވެގެންދާ ކަމެކެވެ.

2) އަދި އެއީ ﷲ ހަނދުމަކުރުން އިންސާނާ ޣާފިލުކުރުވާ ކަމެކެވެ. މިކަންވެސް ވަނީ އެކަން ނަހީކުރެއްވިއިރު އަންގަވާފައެވެ.

3) އަދި އެއީ ބާޠިލު ގޮތުގައި މީސްތަކުންގެ މުދާ ކެއުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. [4]


އަދި ދުނިޔަވީ ހަމަތަކުން ބަލާއިރުގައިވެސް މިފަދަ ކުޅިވަރުތައް ކުޅެގެން ލިބޭ ގެއްލުންތައް ފޫ ނުބެދި، ބައެއް ފަހަރު މުޅި މީހާ ދަރާވިކިގެން ދެއެވެ. އަދި އެކަމުގެ ސަބަބުން ނުބައި ނުލަފާ މީހުންގެ އަތްދަށުވެގެން ދެއެވެ.

ޖުވާކުޅުމަކީ ބޮޑު ފާފައެކެވެ. ބޮޑެތި ފާފަތައް ބަޔާންކޮށް އިމާމު ޛަހަބީ رحمه الله ލިޔުއްވާފައިވާ ފޮތެއްކަމުގައިވާ الكبائر ގައިވެސް މިކަން ފާހަގަކުރައްވާފައިވެއެވެ. [5] އަދި އިބްނު ޙަޖަރު އަލްހައިތަމީ رحمه الله އެ މައުޟޫގައި ލިޔުއްވާފައިވާ الزواجر ގައިވެސް ބޮޑެތި ފާފައިގެ ތެރެއިން މިކަން ހިމަނުއްވާފައިވެއެވެ. [6] ފަހެ މިކަމަށް އަރަގަނެވިފައިވާ މީހަކުނަމަ މިފާފައަށް ތައުބާވާން ޖެހޭނެއެވެ. އަދި ކޮންމެވެސް މިންވަރެއް ޞަދަޤާތް ކުރަންވާނެއެވެ.

ނަބިއްޔާ صلى الله عليه وسلم ގެ އަންނަނިވި ޙަދީޘް ބަސްފުޅުން، މިކަމުގެ ނުބައިކަން އެނގިގެން ދެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

((مَنْ قَالَ لِصَاحِبِهِ: تَعَالَ أُقَامِرْكَ، فَلْيَتَصَدَّقْ)) [رواه البخاري في صحيحه برقم: (4860)]

މާނައީ: “މީހަކު އޭނާގެ އެކުވެރިޔާގެ ގާތުގައި: ‘ޖުވާކުޅެން އަންނާށޭ’ މިފަދައިން ބުނެފިނަމަ ފަހެ ޞަދަޤާތެއް ކުރާށެވެ.”

މިޙަދީޘަށް އިޝާރާތް ކުރައްވަމުން އިމާމު އައްޛަހަބީ رحمه الله ވިދާޅުވިއެވެ.

“އެފަދައިން ހަމައެކަނި ބުނެލުމުން ކައްފާރާއެއް ނުވަތަ ޞަދަޤާތެއް ދޭން ޖެހެއެވެ. ދެން އެކަންކުރުމުގެ ނުބައިކަމާމެދު ވިސްނާލާށެވެ.” [7]

ދުޢާއަކީ، ﷲ ތަޢާލާ އަޅަމެން މިފަދަ އެންމެހާ ފާފަތަކުން ދުރުހެލިކުރައްވައި އަޅަމެންނަށް ދެއްވާފައިވާ ރިޒްޤާއި މުދަލުގައި ބަރަކާތް ލެއްވުމެވެ.



[1] ބައްލަވާ: معجم لغة الفقهاء (ص: 369). ދިވެހިބަހުގައި ބަޔާންކޮށްފައިވަނީ ޖުވާކުޅުމަކީ: ހަރާދު ކިޔައިގެން ކުޅޭ ކުޅިވަރު ކުޅުމެވެ.

[2] ބައްލަވާ: الموسوعة الفقهية الكويتية (39/405).

[3] ބައްލަވާ: الكبائر للذهبي (ص: 88).

[4] ބައްލަވާ: الموسوعة الفقهية الكويتية (39/405).

[5] ބައްލަވާ: الكبائر (ص: 88).

[6] ބައްލަވާ: الزواجر لابن حجر الهيتمي (2/328).

[7] ބައްލަވާ: الكبائر (ص: 89).

Categories
ދީނީ ލިޔުން

ބިދުޢަ (ކީރިތި ޤުރުއާނުގެ ނައްޞުތައް)

ބިދުޢަ ނަހީކުރާ ނައްޞުތަކާއި ބިދުޢައިގެ ނުބައިކަން



ބިދުޢައާއި އޭގެ އަހުލުވެރިންގެ ނުބައިކަން ބަޔާންކުރައްވާ ވަރަށް ގިނަ ނައްޞުތައް ވާރިދުވެފައިވެއެވެ. އޭގެ ތެރެއިން ބައެއް ނައްޞުތައް އައިސްފައިވަނީ ކީރިތި ޤުރުއާނުގައެވެ. އަދި އަނެއްބައި ނުއްޞުތައް ވާރިދުވައިވަނީ ރަސޫލާ صلى الله عليه وسلم ގެ ސުންނަތުގައެވެ. އޭގެ ތެރެއިން ބައެއް ނައްޞުތައް މިލިޔުމުގައި ޛިކުރުކޮށްލާނަމެވެ.   



ކީރިތި ޤުރުއާނުގެ ނައްޞުތައް


1) ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿أَمْ لَهُمْ شُرَكَاءُ شَرَعُوا لَهُم مِّنَ الدِّينِ مَا لَمْ يَأْذَن بِهِ اللَّهُ﴾  .[1]

މާނައީ: “ނުވަތަ ﷲ، އިޛުނަ ދެއްވާފައި ނުވާކަމެއް ދީނުގައި ޝަރުޢުކުރުމަށް އެއުރެންނަށް ޝަރީކުންތަކެއް ވަނީ ހެއްޔެވެ؟”

އެބަހީ: ﷲ ތަޢާލާ ހުއްދަދެއްވާފައި ނުވާ ކަންތައްތަކެއް ދީނަށް ތަޢާރަފުކޮށް ބިދުޢަތައް ހަދައިދިނުމަށް އެބައިމީހުންނަށް ޝަރީކުންތަކެއް ވަނީ ހެއްޔެވެ. [2]


2) އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.

﴿كَالَّذِينَ مِن قَبْلِكُمْ كَانُوا أَشَدَّ مِنكُمْ قُوَّةً وَأَكْثَرَ أَمْوَالًا وَأَوْلَادًا فَاسْتَمْتَعُوا بِخَلَاقِهِمْ فَاسْتَمْتَعْتُم بِخَلَاقِكُمْ كَمَا اسْتَمْتَعَ الَّذِينَ مِن قَبْلِكُم بِخَلَاقِهِمْ وَخُضْتُمْ كَالَّذِي خَاضُوا ۚ أُولَـٰئِكَ حَبِطَتْ أَعْمَالُهُمْ فِي الدُّنْيَا وَالْآخِرَةِ ۖ وَأُولَـٰئِكَ هُمُ الْخَاسِرُونَ﴾ . [3]

މާނައީ: “(ތިޔަބައިމީހުން) ތިޔަބައިމީހުންގެ ކުރީގެ މީހުން ފަދައެވެ. އެއުރެން ތިޔަބައިމީހުންނަށް ވުރެ ބާރުގަދަ ބަޔަކުކަމުގައި އަދި މުދާތަކާއި ދަރިންތައް ގިނަބަޔަކުކަމުގައި ވިއެވެ. ފަހެ (ދުނިޔެއިން) އެއުރެންނަށް ލިބިފައިވާ މިންވަރުން އެއުރެން އަރާމު ލިބިގަތެވެ. ފަހެ، ތިޔަބައިމީހުންވެސް ތިޔަބައިމީހުންގެ ކުރީގެ މީހުން އެއުރެންނަށް ލިބިފައިވާ މިންވަރުން އަރާމު ލިބިގަތް ފަދައިން، ތިޔަބައިމީހުންނަށް ލިބިފައިވާ މިންވަރުން އަރާމު ލިބިގެންފީމުއެވެ. އަދި ބާޠިލު ވާހަކަތައް އެއުރެން ދައްކަމުން ދިޔަފަދައިން، ތިޔަބައިމީހުންވެސް ބާޠިލު ވާހަކަތައް ދައްކަމުން ދިޔައީމުއެވެ. އެއުރެންނީ، ދުނިޔެއާއި އާޚިރަތުގައި، އެއުރެންގެ ޢަމަލުތައް ބާޠިލުވެގެންވާ މީހުންނެވެ. އަދި ހަމަ، އެއުރެންނީ، ގެއްލެނިވެގެންވާ މީހުންނެވެ.”

މިއާޔަތުގައި މިވަނީ މީސްތަކުން ކުރާ ފާސިޤު ޢަމަލުތަކާއި ބިދުޢައިގެ ނުބައިކަން ބަޔާންކުރައްވާފައެވެ.

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ.

“މިއާޔަތުގައި އެއިލާހު ސުބުޙާނަހޫ ވަތަޢާލާ މިވަނީ (ދުނިޔޭގައި) ލިބިފައިވާ މިންވަރުން ނަހަމަ ގޮތުގައި އަރާމު ލިބިގަތް ވާހަކައާއި ބާޠިލު ވާހަކަތައް ދެއްކުމުގެ ވާހަކަ އެކުއެކީގައި ގެންނަވާފައެވެ. އެހެނީ ދީން ފަސާވެގެން ދަނީ ބާޠިލު އިޢުތިޤާދުތައް ކުރުމާއި އެއާ އެއްގޮތަށް ބަސްބުނުމުންނެވެ. ނުވަތަ ޙައްޤު އިޢުތިޤާދާ ޚިލާފަށް ޢަމަލުކުރުމުންނެވެ. އޭގެ ތެރެއިން ފުރަތަމަކަމަކީ: ބިދުޢަތަކާ އެފަދަ ކަންތައްތަކެވެ. އޭގެ ތެރެއިން ދެވަނަ ކަމަކީ: ފާސިޤު ޢަމަލުތަކާއި އެފަދަ ކަންތައްތަކެވެ.” ޝައިޚުގެ ބަސްފުޅު ނިމުނީ.  [4]



[1] سورة الشورى: ٢١

[2] انظر: تفسير الطبري (21/522).

[3] سورة التوبة: ٦٩

[4] اقتضاء الصراط المستقيم لشيخ الإسلام ابن تيمية (1/118).



ބިދުޢަ – އެހެންބައިތައް

Categories
ދީނީ ލިޔުން

ބިދުޢަ (ތަޢާރުފު)


ބިދުޢަތަކާ ގުޅުން ހުރި މައްސަލަތައް ދެނެގަތުމުގައި ބިދުޢައިގެ ލަފްޒީ މާނައާއި އިޞްތިލާޙީ މާނަ އެނގުމަކީ ވަރަށް މުހިންމުކަމެކެވެ. އެހެނީ ބިދުޢައާއި ގުޅުން ހުރި ބައެއް މައްސަލަތަކުގައި އުފެދިފައިވާ ޚިލާފުތައް ގުޅިފައިވަނީ ބިދުޢައިގެ އިޞްތިލާޙީ މާނަކުރާ ގޮތަށެވެ.



ބަހުގެ ގޮތުން ބިދުޢައިގެ ތަޢާރުފު


ބަހުގެ ބޮތުން ބިދުޢަ: البِدْعَة އަކީ الابتداع އިން ނެގިފައިވާ ނަމެކެވެ. [1]

ޢަރަބި ބަހުގައި ب – د – ع އެއްލަފްޒެއްގައި އައިސްފައިވާނަމަ އެއިން ދޭހަކޮށްދެނީ ކުރީގައި ނުވާ ގޮތަކަށް ކަމެއް ފެށުމެވެ. [2]

މީހަކު އާކަމެއް ކޮށްފިއްޔާ ابتدع އޭ ކިޔާ އުޅެއެވެ. [3]

ދުލުން ބޭރު ކުރާ ބަސްތަކަށާއި ގުނަވަންތަކުން ކުރާ ޢަމަލުތަކަށްވެސް ބިދުޢަ އޭ ބުނެ އުޅެއެވެ. [4]

އަދި މިވެނި މީހަކީ މިވެނި ކަމެއްގައި ފުރަތަމަ މީހާއޭ ބުނުމަށް بِدْع في هذا الأمر އޭ ބުނެ އުޅެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.   

﴿قُلْ مَا كُنتُ بِدْعًا مِّنَ الرُّسُلِ﴾ [5]

މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ރަސޫލުންގެ ތެރެއިން ފުރަތަމަ (ފޮނުއްވި) ރަސޫލަކުކަމުގައި، ތިމަންކަލޭގެފާނު ނުވަމެވެ.”

އެބަހީ: ރަސޫލުކަމާއިގެން އެންމެ ފުރަތަމަ ވަޑައިގެންނެވީ ތިމަންކަލޭގެފާނެއް ނޫނެވެ. [6]

މީހަކު އާކަމެއް ނުވަތަ ބިދުޢައެއް ފާޅުކޮށްފިނަމަ أَبْدَعَ – ابْتَدَعَ – تَبَدَّع އޭ ބުނެ އުޅެއެވެ. [7]

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَرَهْبَانِيَّةً ابْتَدَعُوهَا مَا كَتَبْنَاهَا عَلَيْهِمْ﴾ [8]

މާނައި: “އަދި ދުނިޔެ އަޅާފައި (އަޅުކަމުގެ ނަމުގައި) ތިބުމަކީ، އެއުރެން އަމިއްލަޔަށް އުފެއްދި ކަމެކެވެ. އެކަމަކީ، ތިމަން އިލާހު އެއުރެންގެ މައްޗަށް ކަނޑައެޅުއްވި ކަމެއް ނޫނެވެ.”

ދީން ފުރިހަމަވުމަށް ފަހު ކުރާ އާ ކަންތައްތަކަށްވެސް ބިދުޢައޭ ކިޔާ އުޅެއެވެ. [9]

އަދި މީހަކަށް ބިދުޢައެއް ނިސްބަތްކޮށްފިނަމަ بَدَّعَهُ އޭ ބުނެ އުޅެއެވެ. [10]



އިޞްތިލާހީ ގޮތުން ބިދުޢައިގެ ތަޢާރުފު


އިޞްތިލާޙީ ގޮތުން އެކި ޢިލްމުވެރިން ބިދުޢަ ތަޢުރީފުކުރައްވާ ގޮތް ތަފާތެވެ. އެބޭފުޅުން ޛިކުރުކުރައްވާފައިވާ ބައެއް ތަޢުރީފުތަކުގެ ތެރޭގައި:

ފުރަތަމަ ތަޢުރީފު: ﷲ ގެ ރަސޫލާ صلى الله عليه وسلم އަވަހާރަވުމަށް ފަހު، އަލަށް އުފެދިގެން އައި ޢަމަލުތަކާ އަދި (މުސްލިމުންގެ ޖަމާޢަތާ ވަކިވެ) ހަވާނަފްސަށް ތަބާވުމުގެ ޢަމަލުތަކެވެ. [11]

ދެވަނަ ތަޢުރީފު: ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ ދުވަސްވަރުގައި ކޮށްފައި ނުވާ ކަންތައްތަކެވެ. [12]

ތިންވަނަ ތަޢުރީފު: ދީނުގައިވާ ކަންތައްތަކާ ވައްތަރު ގޮތަކަށް އަލަށް އުފައްދާ ކަންތައްތަކެވެ. އެކަމުގެ ބޭނުމަކީ (ކަނޑަ އަޅުއްވާފައިވާ މިންވަރަށް ވުރެ) ބޮޑަށް ﷲ އަށް އަޅުކަންކުރުމެވެ. [13]

ހަތަރުވަނަ ތަޢުރީފު: ޝަރީޢަތުގައި ބިދުޢައޭ ކިޔަނީ އަލަށް އުފައްދާ ނޭދެވޭ ކަންތައްތަކަށެވެ. އަދި ރަނގަޅުކަމަކަށް ނިސްބަތްކުރާނަމަ އެކަން ބަޔާންވެފައި އޮންނާނެއެވެ. [14]

ފަސްވަނަ ތަޢުރީފު: އިޢުތިޤާދާއި ބަހާއި ޢަމަލުގައި ސުންނަތާ ޚިލާފުވުމެވެ. [15]

ހަވަނަ ތަޢުރީފު: ﷲ ޝަރުޢު ކުރައްވާފައި ނުވާ ކަމެއްގެ ޛަރީޢާއިން އެއިލާހަށް އަޅުކަންކުރުމެވެ. [16]

ހަތްވަނަ ތަޢުރީފު: ނަބިއްޔާ صلى الله عليه وسلم އާއި ޚުލަފާއުއްރާޝިދޫން ކުރައްވާފައި ނުވާކަމެއް އަޅުކަމެއްގެ ގޮތުގައި ކުރުމެވެ. [17]

މި ތަޢުރީފުތަކުގެ ތެރެއިން އެންމެ ރަނގަޅު ތަޢުރީފުކަމަށް ބުރަވެވެނީ ތިންވަނަ ތަޢުރީފެވެ. އެއީ ޝަރުޢީ ގޮތުން ބިދުޢައިގެ މާނަ ރަނގަޅަށް ދޭހަކޮށްދޭ ޖާމިޢު ތަޢުރީފެކެވެ. އަދި އެ ތަޢުރީފުގައި ބަހުގެ ގޮތުން ބިދުޢައިގެ މާނަ ހިމަނުއްވާފައިވެއެވެ. އަދި މީސްތަކުން ޢާންމު ގޮތެއްގައި ކޮށްއުޅޭ ކަންތައްތައް އެއްކިބާ ކޮށްފައިވެއެވެ. [18]

ހަތަރުވަނަ ތަޢުރީފުގައިވަނީ ބިދުޢައިގެ ތެރޭގައި ރަނގަޅު ބިދުޢައާއި ރަނގަޅު ނޫން ބިދުޢަވާކަމަށް ހިމަނާފައެވެ. އެހެނަސް އެފަދައިން ބިދުޢަތައް ދެ ބަޔަކަށް ބެހުމަކީ ރަނގަޅު ގޮތެއް ނޫންކަން  ކުރިއަށް ހުރި ލިޔުންތަކުގައި އެނގިގެން ދާނެއެވެ. إن شاء الله.

ފަސްވަނަ ތަޢުރީފުގައިވާ ގޮތުން ބިދުޢައަކީ: “އިޢުތިޤާދާއި ބަހާއި ޢަމަލުގައި ސުންނަތާ ޚިލާފުވުމެވެ.” މިފަދައިން ބިދުޢައިގެ ތަޢުރީފުކޮށްފިނަމަ ބިދުޢައިގެ ތެރެއަށް ފާފަތައް ވަދެގެން ދާނެއެވެ. ކޮންމެ ފާފައަކީ ބިދުޢައެއް ނޫނެވެ.

ދެން ހުރި ތަޢުރީފުތަކުގައިވަނީ ބިދުޢައިގެ ބައެއް ޤަވާޢިދުތަކެވެ. [19]



ބަހުގެ ގޮތުން ބިދުޢައާއި އިޞްތިލާހީ ގޮތުން ބިދުޢައިގެ ތަފާތު


އަލަށް އުފައްދާ ކޮންމެ ކަމަކަށް ބަހުގެ ގޮތުން ބިދުޢަ ކިޔާ އުޅުނަސް، އިޞްތިލާޙީ ގޮތުން އެފަދަ ކޮންމެ ކަމަކަށް ބިދުޢައެކޭ ނުކިޔާނެއެވެ. މިސާލަކަށް އަލަށް އުފައްދާ ތަކެއްޗާއި ރަށްތަކަށް އިޞްތިލާޙީ ގޮތުން ބިދުޢައެކޭ ނުކިޔާނެއެވެ. [20]

އަދި މީސްތަކުން އާދަކާދައިގެ ގޮތުން ކުރާ ކަންތައްތަކަށްވެސް އެއީ ބިދުޢަކަމުގައި ނުކިޔާނެއެވެ. އެހެނަސް ދީނުގައި ކަނޑައަޅުއްވާފައިވާ ގޮތަކާ ޚިލާފަށް، ﷲ އާ ކުއްތަންވުމުގެ ގޮތުން އާދަކާދައިގެ ނަމުގައިވިޔަސް ކުރާ ކަންތައްތައް ބިދުޢައިގެ ތެރޭގައި ހިމެނިގެން ދާނެއެވެ. [21]

އާ ކަންތައްތައް ނުކުރާން ކާރު ސައިކަލުފަދަ ތަކެތި ދޫކޮށްލާފައި ޖަމަލުގައި އުޅޭށޭ ބައެއް މީހުން ބުނާ ބުނުމަކީ ރަނގަޅު ބަހެއް ނޫންކަން މިކަމުން ހާމަވެގެން ދެއެވެ. އަދި ބަހުގެ ގޮތުން ބިދުޢައިގެ ގޮތުގައި އެފަދަ ކަންކަން ހިމެނިޔަސް ދީނުގެ ޢިލްމުވެރިންގެ އިޞްތިލާޙުގައި ބިދުޢައިގެ ނުބައި ވާހަކަ ދައްކާއިރު އެ ބުނާ ކަންތައްތައް ނުހިމެނެއެވެ. 



[1] انظر: المصباح المنير للفيومي (1/38).

[2] انظر: مقاييس اللغة لابن فارس (1/209).

[3] انظر: جمهرة اللغة لابن دريد (1/298).

[4] انظر: مقاييس اللغة لابن فارس (1/209).

[5] سورة الأحقاف: ٩

[6] انظر: مقاييس اللغة لابن فارس (1/209) والمفردات للراغب (ص: 111).

[7]  انظر: لسان العرب لابن منظور (8/6).

[8] سورة الحديد: ٢٧

[9] انظر: الصحاح للجوهري (3/1183).

[10] انظر: الصحاح للجوهري (3/1183).

[11] العين للخليل (2/55).

[12] قواعد الأحكام لعز بن عبد السلام (2/204).

[13] الإعتصام للشاطبي (1/50).

[14] انظر: المنثور للزركشي (1/217).

[15] بريقة محمودية للخادمي (1/86 -87).

[16] مجموع فتاوى ورسائل فضيلة الشيخ محمد بن صالح العثيمين (2/292).

[17] مجموع فتاوى ورسائل فضيلة الشيخ محمد بن صالح العثيمين (2/292).

[18] انظر: شرح الشاطبي لهذا الضابط في كتاب الإعتصام (1/51-52).

[19] انظر: قواعد معرفة البدع للجيزاني (ص: 123- 135).

[20] الاعتصام للشاطبي (1/50).

[21] انظر: تنبيه أولي الأبصار للسحيمي (ص: 106).



ބިދުޢަ – އެހެންބައިތައް

Categories
ދީނީ ލިޔުން

ބިދުޢަ – މުޤައްދިމާ


إن الحمد لله نستعينه ونستغفره، ونعوذ بالله من شرور أنفسنا وسيئات أعمالنا، فمن يهده الله فلا مضل له، ومن يضلل فلا هادي له، وأشهد أن لا إله إلا الله، وأشهد أن محمدا عبده ورسوله.

﴿ يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ حَقَّ تُقَاتِهِ وَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ ﴾ [1]

﴿ يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُم مِّن نَّفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيرًا وَنِسَاءً ۚ وَاتَّقُوا اللَّـهَ الَّذِي تَسَاءَلُونَ بِهِ وَالْأَرْحَامَ ۚ إِنَّ اللَّـهَ كَانَ عَلَيْكُمْ رَقِيبًا ﴾  [2]

﴿ يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا [٧٠] يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا [٧١] ﴾ [3] [4]

أما بعد، فإن خير الحديث كتاب الله، وخير الهدى هدى محمد، وشر الأمور محدثاتها، وكل بدعة ضلالة. [5]


ﷲ ތަޢާލާ، އެއިލާހުގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم، މީސްތަކުންގެ ގާތަށް ފޮނުއްވީ އުފާވެރިކަމުގެ ޚަބަރުދެއްވާ ބޭކަލެއްގެ ގޮތުގައްޔާއި އިންޛާރުދެއްވާ ބޭކަލެއްގެ ގޮތުގައެވެ. އަދި ﷲ ގެ އިޛުނަ ފުޅާއެކު އެއިލާހުގެ މަގަށް ގޮވާލާ، ޙައްޤުގެ މަގަށް އަލިކުރާ ވޮށެއްފަދަ ބޭކަލެއްގެ ގޮތުގައެވެ. އެކަލޭގެފާނު ވަޑައިގެންނެވީ ތެދުމަގާއި ޙައްޤު ދީނާއިގެންނެވެ. އެއީ  މުޝްރިކުން ނުރުހުނު ކަމުގައިވިޔަސް، އެންމެހާ ދީންތަކުގެ މައްޗަށް އެ ދީން ފާޅުކުރެއްވުމަށްޓަކައެވެ .

އެކަލޭގެފާނު ރަސޫލުކަމައިގެން ވަޑައިގެންނެވީއްސުރެ، މިއަދާ ހަމައަށްވެސް އިސްލާމްދީން ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރެމުންނެވެ. އެކަން އެގޮތަށް ހިނގާނެކަމަށް ރަސޫލާ صلى الله عليه وسلم އެކަލޭގެފާނުގެ ޙަދީޘްބަސްފުޅުތަކުގައި ބަޔާންކުރައްވާފައެވެ.

ކީރިތި ޤުރުއާނާއި ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތަކީ މަތިވެރިވެގެންވާ އިސްލާމްދީނުގެ ދެ މަޞްދަރެވެ. އިސްލާމީ ޝަރީޢަތުގައި މި ދެ މަޞްދަރަށް މަތިވެރިވެގެންވާ މަޤާމު ދެއްވާފައިވެއެވެ. އަދި ކީރިތި ޤުރުއާނުގެ އެތައް އާޔަތެއްގައި އެކަމަށް ބާރުއަޅުއްވާފައިވެއެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

﴿ وَأَطِيعُوا اللَّـهَ وَأَطِيعُوا الرَّسُولَ ﴾ [6]

މާނައީ: “އަދި ތިޔަބައިމީހުން ﷲ އަށާއި ރަސޫލާއަށް ކިޔަމަންވާށެވެ.”

ކީރިތި ޤުރުއާނުގެ އެތައް އާޔަތެއްގައި މި ދެ މަޞްދަރު އެކުއެކީގައި ޛިކުރުކުރައްވާފައިވެއެވެ. މިތަނުން އެއް މަޞްދަރުގައި ހިފާފައި އަނެއް މަޞްދަރު ދޫކޮށްލުމަށް މަސައްކަތްކުރާ މީހާ ޙައްޤު މަގުން އެއްކިބާވެއްޖެކަން ކަށަވަރެވެ.

ނަބިއްޔާ صلى الله عليه وسلم ވަނީ ޞަޙާބީ ބޭކަލުންގެ ޖީލު ކީރިތި ޤުރުއާނާއި ސުންނަތުގައި ހިފުމަށް ތަރުބިއްޔަތު ކުރައްވާފައެވެ. އަދި އެބޭކަލުންނަށް ދިމާވާ ހުރިހާކަމެއްގައިވެސް އެ ދެ މަޞްދަރަށް ރުޖޫޢަވުމަށް އެކަލޭގެފާނުވަނީ އުނގަންނަވާ ދެއްވާފައެވެ. އެހެންކަމުން އެންމެ ހެޔޮ ޤަރުނުތަކުގައި އުޅުއްވި ބޭކަލުން (މިއުންމަތުގެ ސަލަފުން) ދީނުގެ ކަންތައްތައް ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވައެވެ. އަދި އެބޭކަލުންގެ ދުވަސްވަރުގައި ސުންނަތް ފާޅުވެ، ޢިލްމު ފެތުރުނެވެ. އަދި އެއަށްފަހުގައި ބިދުޢައިގެ އަހުލުވެރިން ފާޅުވެ ދީނުގެ ނަމުގައި އާ ކަންތައްތައް ކޮށް، ފަހުން އައި ގިނަބަޔަކަށް ދީނުގެ ކަންތައްތައް އޮޅޭ ވަރަށް އެކަންތައްތައް އިތުރުވެގެން ދިޔައެވެ.

އުންމަތުގައި ފާޅުވަމުން އައި ބިދުޢަތައް ވެގެންދިޔައީ އެކި ޒަމާންތަކުގައި އުންމަތުގެ ހަށިގަނޑަށް ހެރެމުން ދިޔަ ކަށިތަކެއް ކަމުގައެވެ. އެކަންތައްތައް ފާޅުވާން ފެށީއްސުރެ މިއަދާ ހަމައަށްވެސް އެކަން އޮތީ އެގޮތުގައެވެ. ދީނުގެ ނަމުގައި ކުރެވޭ މިފަދަ އާ ކަންތައްތަކަކީ އުންމަތް ބައިބައިވުމުގެ މައިގަނޑު ސަބަބެވެ. އަދި އެއީ އުންމަތުގެ ފަރުދުންނާއި މުޖުތަމަޢުތަކަށްވެސް ހުރި ނުރައްކަލެކެވެ. 

ބިދުޢަވެރިންނަކީ ހިދާޔަތުގެ މަގާއި ޙައްޤު ދީނާ އެންމެ ދުރު މީސްތަކުންނެވެ. އެއީ ކީރިތި ޤުރުއާނާއި ސުންނަތާއި ސަލަފުންގެ ގޮތް އެބައިމީހުން ދޫކޮށްލާތީއެވެ. މިއީ އެބައިމީހުން މަގުފުރެދިގެން ދިޔުމުގެ މައިގަނޑު ސަބަބެވެ. ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ.

“އަހްލުއް ސުންނާގެ ގާތުގައި ބިދުޢަވެރިންގެ ގޮތުގައި މަޝްހޫރު ފިރުޤާތަކަކީ، ސަލަފުންގެ ގޮތަށް ތަބާވާ ބައެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ. (ޝިޔަޢީންގެ) ރާފިޟީންނަކީ އެގޮތަށް އެންމެ މަޝްހޫރު ފިރުޤާއެވެ. ބިދުޢަވެރިންގެ ތެރެއިން ޢާންމުންގެ ގިނަ މީހުން ދަންނަނީ އެބައިމީހުންނެވެ. އަދި ޢާންމުންގެ ގިނަ މީހުންގެ ގާތުގައި ސުންނީންނަކީ ރާފިޟީ ނޫން (ޝިޔަޢީ ނޫން) ކޮންމެ މީހެކެވެ. އެބައިމީހުންނީ ނަބަވީ ޙަދީޘްފުޅުތަކާއި ކީރިތި ޤުރުއާނުގެ މާނައާ އެންމެ ބޮޑަށް ޚިލާފުވާ މީހުންނެވެ. އަދި އުންމަތުގެ ސަލަފުންނާއި އިމާމުންނަށް އެންމެ ގިނައިން އެއްޗެތި ކިޔާ މީހުންނެވެ. އަދި އުންމަތުގެ ގިނަ މީހުންނަށް އެއްޗެތި ގޮވާ މީހުންނެވެ. ސަލަފުންނަށް ތަބާވުމާ އެންމެ ދުރުހެލި މީހުންނަށް އެބައިމީހުންވުމުން، އެބައިމީހުން ވެގެން ދިޔައީ ބިދުޢައިގަވެސް އެންމެ މަޝްހޫރު މީހުންނަށެވެ. މިކަމުން އެނގިގެން ދަނީ ބިދުޢަވެރިންގެ ޝިޢާރަކީ ސަލަފުންގެ މަގަށް ތަބާވުން ދޫކޮށްލުންކަމުގައެވެ.” [7] (ޝައިޚުގެ ބަސްފުޅު ނިމުނީ)

ބިދުޢަތަކުގެ ނުރައްކާތެރިކަމާއި ބިދުޢަތަކާ ގުޅުން ހުރި ޙުކުމްތައް ދެނެގަތުމަކީ ނުހަނު މުހިންމުކަމެކެވެ. އެކަންތައްތައް ނޭނގޭ މީހާ ބިދުޢައިގެ ތެރެއަށް ވެއްޓުން ނުހަނު ގާތެވެ. ވުމާއެކު މި ލިޔުންތަކުގައި އަލި އަޅުވާލާނީ ބިދުޢައާ ގުޅުން ހުރި ޙުކުމްތަކާއި ބިދުޢައިގެ ނުރައްކާތެރިކަމާ އަދި ދިވެހިންގެ ތެރޭގައި ހުރި ބައެއް ބިދުޢަތަކަށެވެ.



[1] سورة آل عمران: 102

[2] سورة النساء: 1

[3] سورة الأحزاب: 70 – 71

[4] أخرجه أبو داود في سننه برقم: (2118) والترمذي في جامعه وحسنه برقم: (1105) واللفظ له والنسائي في المجتبى برقم: (1404) برقم: (3277) وابن ماجة في سننه برقم: (1892) وصححه الألباني في صحيح أبي داود برقم: (1844).

[5] أخرجه مسلم في صحيحه برقم: 43 – (867).

[6] سورة المائدة: ٩٢

[7] مجموع الفتاوى لشيخ الإسلام ابن تيمية (4/155).



ބިދުޢަ – އެހެންބައިތައް

Categories
ދީނީ ލިޔުން

ކަނބަލުންނަށް ފުރުޞަތުދެމާ! (4)

6- އެކަމަށް ދޭންޖެހޭވަގުތު ފުރިހަމަޔަށް ލިބުން:

ކޮންމެ ކަމެއްވެސް ކުރެވޭނީ އެކަމަކަށް ވަގުތު ހުސްކޮށްގެންނެވެ. އަދި މީހާގެ ވިސްނުމާއި ފިކުރާއި ޚިޔާލުވެސް އެކަމަށް ހުސްކޮށްގެންނެވެ. ދަރިފުޅު ހޭހަންކޮށް ބަލަހައްޓައި ތަރުބިޔަތު ކުރުމީ މަންމަގެ އަސާސީ ޒިންމާއެއްކަމުގައި ވީހިނދު އެކަމަށް ބޭނުންވާނީ ކިހާވަގުތެއް ހެއްޔެވެ؟ ނުވަތަ އެއީ ވަކި ވަގުތަކަށް ޚާއްޞަވެފައި އޮންނަ ކަމެއްހެއްޔެވެ؟ އެހެން ޢިބާރާތަކުން ދަންނަވާނަމަ އެއީ ޕާރޓް ޓައިމް ޖޮބެއްހެއްޔެވެ؟

ޝައްކެއްނެތެވެ. އެއީ ވަކި ދަންފަޅިއަކަށް ޚާއްޞަ ފަޒީފާއެއް ނޫނެވެ. އަދި ޗުއްޓީ ނެގޭ ވަޒީފާއެއްވެސް ނުމެ ނޫންމެއެވެ.  އެ މަސައްކަތަށް ޗުއްޓީއެއް ނެތެވެ. އެއީ 24 ގަޑިއިރަށް ދެމިގެންދާ ބުރަ އަދި ޒިންމާދާރު މުހިންމު މަސައްކަތެކެވެ. ޤައުމެއް ތަރައްޤީވެ ކުރިއަރާނީ ހަރުދަނާ ޖީލެއް ބިނާކޮށްގެން ކަމުގައިވީހިނދު އެޖީލު ހެޔޮގޮތުގައި ތަރުބިޔަތު ކުރުމުގެ މަސައްކަތަށްވުރެ ޤައުމަށް މުހިންމު މަސައްކަތެއް ނޯންނާނެކަން ކަށަވަރެވެ. ދަރިން ހެޔޮގޮތުގައި ބަލަހައްޓައި ތަރުބިޔަތު ކުރުމީ މުޅި ޤައުމުގެ ހުރިހާ ދާއިރާއަކަށް ބޭނުންވާ އިންސާނީ ވަސީލަތް އުފައްދާ ތަރުބިޔަތުކުރުން ކަމުގައި ވީހިނދު، އެމަސައްކަތްކުރާ މީހާ އެކަމަށް ހުސްކުރުން ލާޒިމު ނުވާނެހެއްޔެވެ؟ ޤައުމުގެ މުސްތަޤިއްލު މުއައްސަސާތަކުގެ ވެރިންނަށް ބޮޑު މުސާރަދީ، ދިރުއުޅުމުގެ ޚަރަދާއި ބޭސްފަރުވާގެ ޚިދުމަތް، ދައުލަތުން ފޯރުކޮށްދެނީ އެމީހުންގެ ހުރިހާވަގުތެއް އެކަމަށް ހުސްކުރުމަށް ޓަކައެވެ. އެމީހުންގެ ދިރިއުޅުމުގެ ކަންކަން ފުއްދުމަށް، އެހެން ތަންތަނަށް ވަގުތު ހޭދަކުރިޔަ ނުދިނުމަށްޓަކައެވެ. އެމީހުންގެ ވިސްނުމާއި ފިކުރު، ހަވާލުކުރެވިފައިވާ ޒިންމާއަށް ހުސްކުރުމަށްޓަކައެވެ. މުސްތަޤިއްލު މުއައްސަސާތަކުގެ ވެރިންވެސް މަސައްކަތް ކުރަނީ ވަކި ވަގުތުތަކެއްގައެވެ. އަދި ޗުއްޓީވެސް ނެންގެވެއެވެ. ކަން މިހެންހުރި އިރު، އެއަށްވުރެ މާމުހިންމު، މާޒިންމާދާރު މަސައްކަތެއް ހަވާލުކުރެވިފައިވާ ފަރާތެއް، އެނޫންއެހެން ކަމެއްގައި މަޝްޣޫލުކޮށްގެން އޭނާގެ މަސްއޫލިއްޔަތު ފުރިހަމަޔަށް އަދާކުރާނީ ކިހިނެއްހެއްޔެވެ؟

ޝައްކެއް ނެތެވެ. މުޖުތަމަޢުގައި ހުރި ހުރިހާ މައްސަލަތަކެއް ގުޅެނީ ޢާއިލާތަކާއެވެ. ދަރިންގެ ތަރުބިޔަތާއެވެ. މަސްތުވާތަކެތި ބޭނުންކުރުމާއި، ވައްކަންކުރުމާއި، ފޭރުމާއި، ޢިއްފަތަށް އަރައިގަތުންފަދަ ހުރިހާކަމެއްގެ މައިގަނޑު ސަބަބަކީ މައިންބަފައިންގެ އިހުމާލެވެ. އޭގެ ސަބަބުން ހަލާކުވެގެންދަނީ ހަމައެކަނި އެމީހުންގެ ދަރިންނެއް ނޫނެވެ. އެދަރިންގެ އަވައިގައި ޖެހިގެން އެހެންމީހުންގެ ދަރިންވެސް ހަލާކުވެދަނީއެވެ.

މުޖުތަމަޢުގައި ހުރި މައްސަލަތަކުގެ ޙައްލަކީ ހަރުދަނާ ރަނގަޅުޖީލެއް ތަރުބިޔަތުކުރުންކަމާއި، އެއީ ޤައުމުގެ ތަރައްޤީއަށް ކުރެވޭނެ އެންމެ މުހިންމު ޒިންމާދާރު މަސައްކަތްކަން ބަލައިގަނަންޖެހެއެވެ. އަދި އެކަމަށްޓަކައި ދަރިންގެ މައިންނާއި ބެލެހެއްޓުންތެރިކަން ހަވާލުކުރެވިފައި އުނގުތައް އެކަމަށް ހުސްކުރެވެން ޖެހެއެވެ. ކަންމިހެން ހުރިއިރު މުޖުތަމަޢުގެ ހުރިހާކަމެއް ތަރުތީބުކުރެވެން ޖެހޭނީ އެމުހިންމު މަސައްކަތަށް ހިތްވަރުދީ އެހީތެރިވުމުގެ މައްޗަށެވެ.

ކޮންމެ ދުވަހަކު ދުރާލާ ތައްޔާރުވެގެން އެހެން މީހެއްގެ އަތަށް ދަރިފުޅު ދޫކޮށްލާފައި ވަޒީފާއަދާކުރަން މައިމީހާ ދާންޖެހޭނަމަ އެދަރިންގެ ތަރުބިޔަތަށް އެކަނބަލުން ހުސްވާނީ ކިހިނެއް ހެއްޔެވެ؟ ވަޒީފާގެ ޒިންމާއާއި ވަރުބަލިކަމުގެ އިތުރުން ވަޒީފާގެ މާޙައުލުން ދިމާވާ އެކިއެކި ކަންކަމާ ވިސްނަންޖެހުމުގެ ސަބަބުން ދަރިންގެ ކަންކަމަށް އިސްކަންދޭންޖެހޭ މިންވަރަށް އިސްކަންދޭނީ ކިހިނެއްހެއްޔެވެ؟ އޭނާއަކީވެސް އިންސާނެކެވެ. އިންސާނަކަށް ތަޙައްމަލު ކުރެވޭނީވެސް ވަކި މިންވަރެއް ނޫންހެއްޔެވެ؟ އޭނާގެ ބޮލުގައި ޢާއިލާއަށް ޚަރަދުކުރުމަށް ގެއިންބޭރުގައި މަސައްކަތްކުރުމުގެ ޒިންމާއާއި، ގޭގައި ދަރިންބެލުމާއި، ގޭތެރޭގެ ޢާއިލީ އެހެންކަންކަން ތަރުތީބު ކުރުމުގެ ޒިންމާ އަޅުވައިގެން ދަރިން ހެޔޮގޮތިގައި ތަރުބިޔަތުކުރުމުގެ ޒިންމާ ފުރިހަމަކުރާނީ ކިހިނަކުން ހެއްޔެވެ؟

ފިރިމީހާއަށް ލިބޭ އާމްދަނީއިން ޢާއިލާގެ ޚަރަދުބަރަދު ނުބެލެހެއްޓޭ ޙާލަތާއި، އަންހެނާ އޭނާގެ ޚަރަދު އަމިއްލައަށް ކުރަންޖެހޭ ޙާލަތްތަކަކީ އަޅުގަނޑުމެންގެ މުޖުތަމަޢަށް ދިމާވެފައިވާ ގޮންޖެހުމެއްކަމުގައި އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރާނެއެވެ. އެ ޙާލަތުގައި އަންހެނާ މަސައްކަތަށް ނުކުތުން ނޫން އެއްވެސް ގޮތެއް އޭނާގެ ކުރިމަތީ ނޯވެދާނެއެވެ. ހަމައެހެންމެ މުޖުތަމަޢުގެ ކަނބަލުންގެ ޙައްޤުގައި ކުރަންޖެހޭ ބައެއް މަސައްކަތްތައް ކަމުގައިވާ ޑަކްޓަރުކަމާއި، ޅަދަރިންނަށް އުނގަންނައިދިނުންފަދަ މަސައްކަތްތަކުގައި ފުދޭމިންވަރަށް ކަނބަލުން މަސައްކަތްކުރުމީ ކިފާޔަތުގެ ފަރުޟުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެފަދަ ޙާލަތުގައި އެ ޙާޖަތު ފޫބެދޭ މިންވަރަށް އަންހެނުން އުޅެން ޖެހޭނެއެވެ. ނަމަވެސް އެފަދަ ޒަރޫރީ ޙާޖަތެއްނެތި މައިން އެކަނބަލުންގެ ދަރިން ދޫކޮށް، ގެއިން ބޭރުގައި މަސައްކަތް ކުރުމަށް ބާރު އެޅުމަކީ އެކަނބަލުންނަށް ދެވޭ އަނިޔާއެއްގެ އިތުރުން އެއީ، ފިރިހެނުން އެމީހުންގެ ކޮނޑުގައި އެޅިފައިވާ ޝަރުޢީ ޒިންމާ އަދާނުކުރުން ކަމުގައި ނޫނީ ނުވާނެއެވެ. އަދި ޤައުމުގެ ސިޔާސަތު އެގޮތަށް ބައްޓަންކުރުމީ ޤައުމުގެ މުސްތަޤުބަލުކަމުގައިވާ ޒުވާންޖީލު ހަލާކެއްގެ ތެރެއަށް ވައްޓާލުންކަން ކަށަވަރެވެ.

ޖަރީކުރެވިފައިވާ ޝިޢާރުތަކަށް ހެއްލިގެން ތިބެވޭކަށް ނެތެވެ! ކަން ހިނގަމުންދާގޮތާމެދު ޢިބުރަތުގެ ނަޒަރަކުން ވިސްނައި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. މައިންގެ ޙަޤީޤީ ޒިންމާ އަދާކުރުމަށް ހުރަސްއަޅައި، އެކަނބަލުން ޒިންމާވާން ނުޖެހޭ ޒިންމާތައް އެކަނބަލުންގެ ކޮނޑުގައި އަޅުވައިގެން ކުރިޔަށްދާން މަސައްކަތް ކުރަމުންދާ މުޖުތަމަޢުތަކާ ކުރިމަތިވެފައިވާ ގިލަންވެރިކަމާމެދު ވިސްނާ ފިކުރުކުރަންޖެހެއެވެ. އެމީހުންގެ ތަޖުރިބާއިން ޢިބުރަތް ޙާޞިލުކުރުމުގެ ވަގުތުއައިސް ޖެހިއްޖެއެވެ. އެ މުޖުތަޢުތަކުގައި މައިންބަފައިންގެ ބެލެހެއްޓުމުން ދަރިން ވަނީ ވީއްލިފައެވެ. ބަދުއަޚުލާޤީކަންކަން ވަނީ އިންތިހާއަށް ގޮސްފައެވެ. އަންހެން ދަރިންގެ ޢިއްފަތާއި ކަރާމަތް ވެއްޔާ މޮޑެވި، ޖިންސީ ޝިކާރަކަށް އެކަނބަލުންވަނީ ވެފައެވެ. އޭގެ ސަބަބުން އެކަނބަލުންނަށް، ލިބެމުންދާ ޖިންސީ އަނިޔާއާއި، ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކުން ސަލާމަތްކުރުމަށް ކުރަމުންދާ ދިރާސާތަކާއި، އޭގެ މައްޗަށް ހަދަމުންދާ ޤާނޫނުތަކުން، އެކަނބަލުންނަށް ލިބުނު ޙަޤީޤީ ރައްކާތެރިކަމެއް ނެތެވެ. މުޖުތަމަޢުގައި ދަރިން ތަރުބިޔަތުކޮށް ބަލަހައްޓަން ތިބި ކަނބަލުންނަކީ ޙަޔާތުގެ ކޮންމެވެސް ދުވަސްވަރެއްގައި ޖިންސީގޮތުން ނުވަތަ ޖިސްމާނީގޮތުން ނުވަތަ ނަފްސާނީގޮތުން ލިބިފައިވާ އަނިޔާއެއްގެ އުނދަގޫ ތަޙައްމަލު ކުރަމުންދާ ބަޔަކަށް ވެއްޖެނަމަ އެކަނބަލުންގެ ޒިންމާ ހެޔޮގޮތުގައި އަދާކުރާނީ ކިހިނެއް ހެއްޔެވެ؟ މައިންގެ ފަރާތުން ދަރިއަކަށް އަނިޔާއެއްދެވޭ ގިނަފަހަރުތަކަކީ އޭނާގެ ނަފްސާނިއްޔަތަށް ލިބިފައިވާ އަނިޔާއެއްގެ އަސަރުކަމުގައި ވަނީ މިހެންވެގެންނެވެ.

މި ހިތި ޙަޤީޤަތާއެކުވެސް މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގެ މިސްރާބަށް ނަޒަރުހިންގާލުމުން ފެންނަމުންދަނީ ތަފާތު މަންޒަރެކެވެ. ގޭގައި ދަރިންތަރުބިޔަތުކޮށް ބެލެހެއްޓުމުގެ ޒިންމާއަށް މައިންގެ ހުރިހާވަގުތެއް ހުސްކުރުމުގެ ބަދަލުގައި ފެންނަނީ އެކަނބަލުން ގެއިންބޭރުގައި މަސައްކަތްކުރުމަށް ބާރުއެޅޭ މަންޒަރެވެ. އެކަނބަލުން ބާރުވެރިކުރުމާއި، ޤައުމުގެ ތަރައްޤީގައި އެކަނބަލުންގެ ޙިއްސާ ފިރިހެނުންނާ އެއްވަރަށް އޮންނަން ޖެހޭނެކަމުގެ ޝިޢާރުގައެވެ. މިޝިޢާރުތަކަށް ބަލައިލުމުން ދަރިންގެ ތަރުބިޔަތާއި އެކުދިން ބެލެހެއްޓުމުގެ މުހިންމު މަސައްކަތަކީ ޤައުމުގެ ތަރައްޤީއާ ގުޅުންހުރި މަސައްކަތެއްކަމުގައި ނުގުނޭކަހަލައެވެ. ގޭގައި ކަނބަލުން އަދާކުރަމުންދާ ޒިންމާއަކީ އެއްވެސް އަގެއްއޮތް އެއްޗެއްކަމުގައި ނުބެލެވޭ ކަހަލައެވެ.  ވަޒީފާއަށް ނުދާކޮންމެ އަންހެނަކު ސިފަކުރެވެނީ މަސައްކަތެއް ނެތިފައި ތިބޭ ބައެއްގެ ގޮތުގައެވެ. އެކަނބަލުން ގޭގައި އަދާކުރަމުންދާ ބުރަ އަދި ޒިންމާދާރު މަސައްކަތާއެކުވެސް އެކަނބަލުންނާމެދު ދެކެވެނީ މުޖުތަމަޢުން ހަވާސާވެފައިތިބި ބައެއްގެ ގޮތުގައެވެ.

މުޖުތަމަޢުގެ ހުރިހާކަމެއް އޮމާންކަމާއެކު ތަރުތީބުން ހިނގަމުންދާނީ ފިޠުރަތުގައި ލައްވާފައިވާ ޞިފަތަކަށް ރިޢާޔަތްކުރެވިގެންނެވެ. ކޮންމެ މީހަކު އަދާކުރަން ފިޠުރީގޮތުން ލައްވާފައިވާ މަސްއޫލިއްޔަތުތައް އެމީހަކާ ޙަވާލުކުރެވިގެންނެވެ. އަދި އެކަންކަން އެތަރުތީބުން ގެންދިޔުމަށް އެހީތެރިކަން ލިބޭނެހެން މުޖުތަމަޢުގެ މުޅިނިޒާމު ބައްޓަންކޮށްގެންނެވެ. އެހެންނޫނީ މުޅި ނިޒާމު ހަމައިންނެއްޓި، ޒިންމާތަކާއި، ވާޖިބުތައް ފުށުއަރައި، ހުރިހާކަމެއް އޮޅުންބޮޅުންވެގެންދާނެކަން ކަށަވަރެވެ.

(ނުނިމޭ)

Categories
ދީނީ ލިޔުން

ތަތާރުން ބަޣުދާދަށް ވެރިވެގަތް ޙާދިޘާ

އިސްލާމީ ތާރީޚުގައި ހިނގައި ދިޔަ އެކި ޙާދިޘާތަކުގައި އަޅުގަނޑުމެންނަށް ގިނަގުނަ ފިލާވަޅުތަކާއި ޢިބުރަތްތައް ވެއެވެ. ރަސޫލާ صلى الله عليه وسلم އަވަހާރަވުމަށް ފަހުގައި އުންމަތަށްވަނީ ވަރަށް ގިނަ ޙާދިޘާތައް ކުރިމަތިވެފައެވެ. އަދި ޢިއްޒަތާއި ޝަރަފާއި ނަޞްރުގެ ވަގުތުތަކާއި ނިކަމެތިކަމާއި ބިރުވެރިކަމާއި ނާމާންކަމުގެ އެތައް ވަގުތެއްވެސް ދެކެފައެވެ. އުންމަތަށް ދިމާވެފައިވާ އެންމެ ބޮޑެތި ހިތާމަތައް ކުރިމަތިވުމުގެ މައިގަނޑު އެއް ސަބަބަކީ މުސްލިމުންގެ ތެރޭގައި އިސްލާމްކަން ފާޅުކޮށްގެން އުޅޭ، ޢަޤީދާއާ ފިކުރީ ގޮތުން ކީރިތި ޤުރުއާނާއި ސުންނަތުގެ މަގުން އެއްކިބާވެފައިވާ މީސްތަކުންނެވެ.

މި ލިޔުމުގައި މިވާ ޙާދިޘާއަކީ ހިޖުރައިން 656 ވަނަ އަހަރު ހިނގާފައިވާ ޙާދިޘާއެކެވެ. މިޙާދިޘާ ހިނގާ ދިޔަ ގޮތް އިބްނު ކަޘީރު رحمه الله އެކަލޭގެފާނުގެ ފޮތެއްކަމުގައިވާ البداية والنهاية ގައި ލިޔުއްވާފައިވެއެވެ. ކުރު ގޮތަކަށް މިއަލިއަޅުވާލަނީ އެޙަދިޘާ ހިނގާ ދިޔަ ގޮތަށެވެ.


***************************


އެ އަހަރަކީ 642 ވަނަ އަހަރެވެ. އަލްޚަލީފާ المستعصم بالله އެކަލޭގެފާނުގެ ވަޒީރުކަމަށް مؤيد الدين، أبو طالب محمد بن أحمد بن علي بن محمد العلقمي ހަމަޖެއްސި އަހަރެވެ. އޭނާ ވެގެން ދިޔައީ ބަޣުދާދަށް ހުރި ނިކަމެތިކަމަކަށެވެ. އޭނާގެ ވަޒީރުކަމުގެ ދުވަސްވަރުގައި މުސްތަޢުޞިމަށްވެސް ރައްކާތެރިކަމެއް ނުލިބުނެވެ. އޭނާއަކީ ތެދުވެރި ވަޒީރެއް ނޫނެވެ. އަދި ހެޔޮ ގޮތަކަށް އުޅުނު މީހެއްވެސް ނޫނެވެ. އޭނާއަކީ ޝިޔަޢީ ޢަޤީދާގެ އަހުލުވެރިއެކެވެ. ތަތާރުންގެ ވެރިއެއްކަމުގައިވާ ހޫލާކޫއާއި އޭނާގެ ލަޝްކަރަށް މުސްލިމުންގެ މައްޗަށް އަތްގަދަ ކުރުމަށް މަގު ފަހިކޮށްދިނީ ހަމަ އޭނާއެވެ.

ތަތާރުން ބަޣުދާދަށްވަނީ ހިޖުރައިން 656 ވަނަ އަހަރެވެ. އެތަނަށް ވަދެފައި އެތަނުގެ އަހުލުވެރިންނާއި މުސްލިމުންގެ ޚަލީފާވެސް ޤަތުލުކުރިއެވެ. އަދި އެއާއެކު ޢައްބާސީ ދައުލަތް ނިމި ދިޔައީއެވެ.

އެއަހަރު ފެށުނު އިރު ހޫލާކޫ ޚާނުގެ ޤިޔާދަތުގައި ތަތާރުންގެ ހަނގުރާމަވެރިންވަނީ ބަޣުދާދަށް މިސްރާބު ޖަހާފައެވެ. އަދި މައުޞިލުގެ ވެރިން އެބައިމީހުން މަދަދުތަކާއި ހަދިޔާތައް ތަތާރުންނަށް ފޮނުވަމުން ދިޔައެވެ. އެބައިމީހުންގެ މަޤްޞަދަކަށްވީ ތަތާރުންގެ ކިބައިން އަތުވެދާނެ ނުރައްކަލަކަށް ރައްކާތެރިވެ އެބައިމީހުން ރުއްސުމެވެ.

ތަތާރުން ވަދެ މުޅި ބަޣުދާދު ޙިޞާރުކުރިއެވެ. އަދި ވަށައިގެން ބަރު ހަތިޔާރުތައް އަތުރާލިއެވެ. ޚަލީފާގެ ގަނޑުވަރާ ހަމައަށްވެސް ތަތާރުން ވާސިލުވެ، އެތަނުގެ ހުރިހާ ފަރާތަކުން ދުނި އުކަން ފެށިއެވެ. އަދި ގަނޑުވަރުގެ ކުޑަ ދޮރުން އައި ދުންޏެއް ޚަލީފާގެ އަރިސް މީހަކަށްވެސް އަމާޒުވިއެވެ. އެކަމާ ޚަލީފާ ވަރަށް ކަންބޮޑުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އަމުރުކުރެއްވިއެވެ. އަދި ގަނޑުވަރުގެ ވަށައިގެން ސަލާމަތީ ފިޔަވަޅުތައް އިތުރުކުރިއެވެ.

ހޫލާކޫ ޚާނު އައީ އޭނާގެ މުޅި ލަޝްކަރައިގެންނެވެ. އެލަޝްކަރުގައި 200،000 އެއްހާ ހަނގުރާމަވެރިން ތިއްބެވެ. އެބައިމީހުން ބަޣުދާދަށް ވަނީ އެއަހަރުގެ މުޙައްރަމު މަހުގެ 12ވަނަ ދުވަހުއެވެ. މިޙާދިޘާގައި މުސްލިމުންގެ ޚަލީފާއާއި ލަޝްކަރުތައް ނިކަމެތިވެ ހޫލާކޫ އެހާ ފަސޭހައިން ކުރި ހޯދި ސަބަބުތަކެއް ވެއެވެ.

ހޫލާކޫ ޢިރާޤާ ދިމާއަށް މިސްރާބު ޖެހުމުން، ޚަލީފާގެ ވަޒީރަކަށް ހުރި އިބްނުލް ޢަލްޤަމީ މަކަރުވެރިކަމުގެ ގޮތުން ޚަލީފާއަށް މަޝްވަރާ ދިނީ އޭނާއަށް ހަދިޔާތަކެއް ފޮނުވުމަށެވެ. އެއީ އޭނާ އެޤަޞްދުކޮށްގެން އައިކަމުން އެއްކިބާކުރުމުގެ ބަހަނާގައެވެ. އަދި އެކަމުގައި މަޝްވަރާ ދިނީ ދައްކާލުމަށްޓަކައި ކުޑަ ހަދިޔާއެއް ފޮނުވުމަށެވެ.

ފަހެ އެމަޝްވަރާގެ މަތިން ހޫލާކޫއަށް ޚަލީފާ ފޮނުއްވީ ވަރަށްވެސް ކުޑަ ހަދިޔާއެކެވެ. އޭގެ ސަބަބުން ހޫލާކޫ ޚާނުގެ ރުޅިވެރިކަން އިތުރުވެ އޭނާއަށް ޤަބޫލުކުރެވުނީ އެއީ ކުޑައިމީސްކުރުމުގެ ޢަމަލެއްގެ ގޮތުގައެވެ.

ނަތީޖާއެއްގެ ގޮތުން އޭނާގެ ކާފިރު ފާޖިރު ލަޝްކަރައިގެން ބަޣުދާދަށް އައެވެ. އަދި ބަޣުދާދުގެ ހުޅަނގު ފަރާތާއި އިރުމަތީ ފަރާތުން ދިމާކުރިއެވެ. އޭރު ބަޣުދާދުގައި މުސްލިމުންގެ ލަޝްކަރުގައި ދިހަހާސް ހަނގުރާމަވެރިންވެސް ހަމަ ނުވެއެވެ. އަދި އެބައިމީހުންނަށް މުސާރަ ނުދިނުމުގެ ސަބަބުން އެބައިމީހުންގެ ތެރެއިންވެސް ވަރަށް ގިނަ މީހުން އޭރު އުޅުނީ މިސްކިތްތަކާއި ބާޒާރުތަކުގައި ސަލާން ޖަހާށެވެ. އެ ހުރިހާ ކަމަކީވެސް ޚަލީފާގެ ވަޒީރުކަމުގައި ހުރި އިބްނުލް ޢަލްޤަމީގެ ރޭވުމުން ކޮށްފައިވާ ކަންތައްތަކެވެ. އޭގެ ކުރިން މުސްލިމުންގެ ލަޝްކަރުގައި 100000 ސިފައިން ތިއްބެވެ. އެހެނަސް އިބްނުލް ޢަލްޤަމީގެ ރޭވުމުގެ ދަށުން އޭނާ މަސައްކަތްކުރަމުން ދިޔައީ އެބައިމީހުން މަދުކުރުމަށެވެ. ތަތާރުން އެރި އިރު 10000 ހަނގުރަމާވެރިންވެސް ލަޝްކަރުގައި ހަމަނުވެއެވެ. އަދި ތަތާރުންނަށް އެޚަބަރު ފޯރުކޮށްދިނީވެސް އޭނާއެވެ.

އެހެންކަމުން ތަތާރުންނާ އެންމެ ފުރަތަމަ ބައްދަލުކުރީވެސް އިބްނުލް ޢަލްޤަމީއެވެ. ފަހެ އޭނާގެ ޢާއިލާގެ މީހުންނާއި އެކުވެރިންނާއި ޚާދިމުންނާއި ވާގިވެރިންނާ އެކުގައި ހޫލާކޫ އާ ބައްދަލުކުރިއެވެ. އެއަށްފަހުގައި ޚަލީފާގެ އަރިހަށް އައިސް އެދުނީ ހޫލާކޫގެ ގާތަށް ދިޔުމަށެވެ. އަދި ޚަލީފާގެ ގާތުގައި އޭނާ ބުނީ އެއީ ޞުލްޙަވުމަށްޓަކައި ކަމުގައެވެ. އެހެންކަމުން ޚަލީފާގެ އަރިހުގައި ތިއްބެވި ހަތް ސަތޭކަ ވަރަކަށް ބޭކަލުންނާއެކު ޚަލީފާ ނުކުމުވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ޤާޟީންނާއި ފިޤުހުވެރިންނާއި އަޅުވެރިންނާއި ވެރިންނާއި އަމީރުންނާއި ދައުލަތުގެ ކަމުވޮށިގެންވާ އެތައް ބޭކަލެއް ވެއެވެ.

ހޫލާކޫ ހުރި ހިސާބަށް ޚަލީފާއަށް ދެވުމުން ސަތާރަ ބޭކަލުން ފިޔަވާ އެހެން ހުރިހާ ބޭކަލުން އެތަނަށް ވަނުން މަނާކުރިއެވެ. ފަހެ ޚަލީފާގެ އަރިހުގައި އެ ސަތާރަ ބޭކަލުން ފިޔަވާ އިތުރު މީހަކު ނުވެއެވެ. އެތަނުގައި މުސްލިމުންގެ ޚަލީފާ ނިކަމެތިކޮށްލެވުނެވެ. އަދި އެއަށް ފަހުގައި ޚަލީފާގެ ގަނޑުވަރުގައި ހުރި ޖަވާހިރުތަކާއި ރަނާއި ރިހިފަދަ އަގުހުރި މައުދަނުތައް ގެނައުމަށް ޚަލީފާ އަނބުރާ ފޮނުވާލިއެވެ. އަދި ޚަލީފާގެ ވަށައިގެން ޝިޔަޢީ ރާފިޟީންނާ އަދި އެނޫނަސް މުނާފިޤުކަން ފާޅުކޮށްގެން ތިބި ބަޔަކު ތިއްބެވެ. ޚަލީފާ އަވަހާރަކޮށްލުމަށް ހޫލާކޫއަށް މަޝްވަރާ ދިނީވެސް އެބައިމީހުންނެވެ.

ހޫލާކޫގެ ގާތުގައި އެބައިމީހުން ބުނަމުން ދިޔައީ ޚަލީފާއާ ޞުލްޙަކޮށްފިއްޔާ އަހަރެއް ދެ އަހަރަށް ފަހުން އަނެއްކާވެސް ކުރިން އޮތްގޮތަށް ކަންތައްތައް ބަދަލުވެގެންދާނެ ކަމަށެވެ. އެހެން ބުނެ އެބައިމީހުން ބާރު އަޅަމުން ދިޔައި ޚަލީފާ އަވަހާރަކޮށްލުމަށެވެ. ދެން ފަހެ ހޫލާކޫގެ ގާތަށް ޚަލީފާ އައުމުން، ޚަލީފާ އަވަހާރަކޮށްލިއެވެ. އަދި އަރިހުގައި ތިއްބެވި ޢިލްމުވެރިންނާއި ޤާޟީންނާއި އަމީރުންނާއި ބަޣުދާދުގެ ކަމުވޮށިގެންވާ ގިނަ ބަޔަކުވެސް އަވަހާރަކޮށްލިއެވެ. ދެން އެއަށްފަހުގައި އެބައިމީހުން ރަށު ތެރެއަށް އަރައިގަތެވެ.

އެބައިމީހުންގެ ކަނޑިތައް މުސްލިމުންގެ ތެރޭގައި ސާޅީސް ދުވަސްވަންދެން އުފުލާފައި ހުއްޓެވެ. ބައެއް މީހުންގެ ނަން އިއްވައިގެން އެބައިމީހުންގެ އަނބިދަރިންނާއެކު ސަހަރާތަކަށް ގެންދިޔައެވެ. އަދި އެތަންތަނުގައި ކަންބަޅިތަކެއް ކަތިލެވޭހެން އެބައިމީހުން ކަތިލެވުނެވެ. އަދި އަންހެނުންގެ ތެރެއިން އެބައިމީހުން ބޭނުންވި ބަޔަކު އަސީރުކުރިއެވެ.

ޚަޠީބުންނާއި އިމާމުންނާއި ޤުރުއާން ހިތުދަސް އެތައް ބަޔަކުވެސް އެބައިމީހުން ޤަތުލުކުރިއެވެ. އަދި މިސްކިތްތައް އެއްކޮށް ފަޅުވެގެން ދިޔައެވެ. އަދި އެތައް މަހެއް ވަންދެން ހުކުރުނަމާދާއި ޖަމާޢަތުގެ ނަމާދު ބަޣުދާދުގައި ނުކުރެއެވެ.

ތަތާރުން ދިޔައީ އެބައިމީހުންނަށް އަތުޖެހުނު ކޮންމެ މީހަކު ޤަތުލުކުރަމުންނެވެ. ބޮޑެތި މީހުންނާއި ކުޑަކުދިންނާއި މުސްކުޅިންނާއި ޒުވާނުންނާއި އެތައް ބަޔަކު އެބައިމީހުން ޝަހީދުކޮށްލިއެވެ. ފިލަންވެގެން ވަރަށް ގިނަ މީހުން ވަޅުތަކާއި ފާޚާނާތަކާއި ކުނި އަޅާ ތަންތަނަށް ވަނެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން އެތަންތަނުގައި ފިލައި ތިއްބެވެ. ބައެއް މީހުން އެހެނިހެން ތަންތަނަށް ވަދެ ދޮރު ތަޅުލައިގެންވެސް ފިލައި ތިއްބެވެ. އެހެނަސް އެތަންތަނުގައި ހުޅުޖަހައިގެން ނުވަތަ ދޮރުތައް ހަލާކުކޮށްލައިގެން ތަތާރުން ވަނެވެ. އަދި އެބައިމީހުން ފަހާ ދުވެ އުސްތަންތަނަށް އަރާ އެތަންތަނުގެ މަތިން އެބައިމީހުން ވައްޓާލިއެވެ. އަދި ދިޔަ ދޮވިތަކުން ފައިބާ ލޭގެ ކޯރުތަކުން މަގުތައް ފުރާލިއެވެ.

إنا لله وإنا إليه راجعون.

އަދި މިސްކިތްތަކާއި އެފަދަ ތަންތަނަށް ވަދެވެސް ހަމަލާދިނެވެ. އެބައިމީހުންގެ ކިބައިން އެކަކުވެސް ސަލާމަތް ނުވެއެވެ. ޔަހޫދީންނާއި ނަޞާރާއިން ފިޔަވައެވެ. އަދި ވިޔަފާރިވެރިންގެ ތެރެއިން ޚަލީފާގެ ވަޒީރަށް ގިނަ ފައިސާތަކެއް ދީގެން އަމާންކަން ހޯދި ބަޔަކު ފިޔަވައެވެ.

އޭރު އެންމެ ބައިބޯ ރަށުގެ ގޮތުގައި ފާހަގަކުރެވިފައިވާ ބަޣުދާދު ދެން ވެގެން ދިޔައީ ޚަރާބުވެފައިވާ ރަށަކަށެވެ. މަދު މީހަކު މެނުވީ އެތަނުގައި ދެން ނޫޅެއެވެ. އުޅުނު މަދުމީސްކޮޅުވެސް އުޅުނީ ބަނޑުހައި ކަމާއި ބިރުވެރިކަމާއި ނިކަމެތިކަމުގެ ތެރޭގައެވެ.

ސާޅީސް ދުވަސް ފާއިތުވިއިރު ބަޣުދާދު އޮތީ އެއްކޮށް ސުންނާފަތިވެފައެވެ. މަގުތަކުގައިވަނީ މަރުވެފައިވާ މީހުންގެ ފުނިތަކެވެ. އަދި ވާރޭ ވެހުމުން މުޅި ރަށު ތެރޭގައި ކުނިވަސް ފެތެރުނެވެ. އަދި އެކަމުގެ ސަބަބުން ބޮޑު ވަބާއެއް ފެތުރި އެވަބާގެ އަސަރު ޝާމުކުރައަށްވެސް ފޯރިއެވެ. އަދި އެރަށުގެ އަހުލުވެރިންނަށް އެއްޗެތި އަގުބޮޑުވުމާއި ވަބާއާ އެކުއެކީ ކުރިމަތިލާން ޖެހުނެވެ. ދެން އެއަށްފަހުގައި ބަޣުދާދުގައި އަމާންކަން އޮތްކަމަށް ގޮވާލެވުމުން ބިމުގެ އަޑިންނާއި ސަހަރާތަކުންވެސް މީސްތަކުން ނުކުތެވެ. އެބައިމީހުން ހީވަނީ ކަށްވަޅުން ނުކުތް ބައެއް ހެންނެވެ. އަދި ބައްޕައަށް ދަރި ވަކި ނުކުރެވޭ ވަރަށް އަދި އަޚަކަށް އޭނާގެ އަޚާ ވަކި ނުވާވަރަށް އެބައިމީހުން ތިބީ ސިފަ ބަދަލުވެފައެވެ. އަދި އޭގެ ތެރެއިން ގިނަ މީހުން ބަލިމަޑުކަމުގައި ހަލާކުވެގެން ދިޔައެވެ. އެއަށްފަހުގައި ހޫލާކޫ އެނބުރި އޭނާގެ ރަށަށް ދިޔައެވެ.

ބުނެވޭ ގޮތުން މިޙާދިޘާގައި ތަތާރުން މުސްލިމުންގެ 800000 އެއް ހާ މީހުން ޤަތުލުކުރިއެވެ. އަދި މިއަށްވުރެ ގިނަ މީހުން މަރުވިކަމުގައިވެސް ބައެއް ބޭކަލުން ލަފާކުރައްވައެވެ.

فإنا لله وإنا إليه راجعون، ولا حول ولا قوة إلا بالله العلي العظيم. [1]



[1] ބައްލަވާ: البداية والنهاية لابن كثير (13/234).