އެމީހުން (ޖާހިލިއްޔަ ޒަމާނުގެ މީހުން) ދީނަކީ ދެކޮޅުޖެހޭ އެއްޗެއް ނޫންކަމަށްބުނެ ދަލީލެއްގެ ގޮތުގައިދައްކަނީ ދީނަށް ތަބާވާ މީހުންނަކީ ނުވިސްނޭ އެއްވެސް އެއްޗެއް ނޭގޭ ބައެއް ކަމުގައި ބުނެއެވެ. އެފަދައިން އެމީހުން ބުނެއުޅޭކަން އަންގަވައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. “بَادِيَ الرَّأْيِ”(هود: 27) މާނައި: “އެއްވެސް އެއްޗެއް ނުވިސްނޭ” (މިބަހަކީ ނޫހުގެފާނަށް އެކަލޭގެފާނުގެ ޤައުމުގެ މީހުންކުރެ އުރެދުނު މީހުން ދިން ޖަވާބެވެ.)
[ނޫޙުގެފާނުގެ ޤައުމުގެ މީހުންގެ ވާހަކަގައި، މުޝްރިކުން ބުނެފައިވާ ބަސްތަކުގެ ތެރޭގައި، އެކަލޭގެފާނަށް ތަބާވި މީހުންނަކީ މީސްތަކުންގެކުރެ އެންމެ ދެރަ ނިކަމެތިންކަމުގައްޔާއި، އަދި އެމީހުންނީ “بَادِيَ الرَّأْيِ” “އެއްވެސް އެއްޗެއް ނުވިސްނޭ” ބަޔަކު ކަމުގައި އެމީހުން ބުންޏެވެ. އެބަހީ އެކަލޭގެފާނާ ތަބާވީ މީހުންނަކީ ކަންކަން ނުދަންނަ، ދުރުވިސްނުމެއްނުވާ ބަޔަކު ކަމުގައެވެ.
މި ބަހާއިމެދު ވިސްނައިލުމުން އެނގޭ ޙަޤީޤަތަކީ މާތް ﷲ ގެ ޢަދުއްވުންނާއި ފާސިޤުން މުސްލިމުންނާއި ދެކޮޅަށް މިއަދުވެސް ބުނެއުޅޭ ބަހަކީ މިއީއެވެ. މުސްލިމުންނަކީ ބޯދާ ގޮތްތަކެއްގައި ހިފަހައްޓައިގެން ތިބި ބައެއް ކަމާއި، ދީނުގެ ގިނަ ޙުކުމްތަކަކީ ހަމައެކަނި ޢަރަބި ކަރައިގެ މީހުންނަށް މާތް ﷲ އެންގެވި އެންގެވުންތަކެއް ކަމާއި، ދީނުގެ ސަބަބުން މިއަދި މިވަނީ މުސްލިމުންގެ ތަރައްޤީއަށް ހުރަސްއެޅިފައިކަމުގައި ބުނެއެވެ.
ނަމަވެސް އިސްލާމީ ޙަޟާރަތާއި ތާރީޚުގެ ތެރެއިން މުސްލިމުން ހޯދާފައިވާ ތަފާތު ކާމިޔާބީތަކަށް ވިސްނާލުމުން، ކުރިއެރުމާއި ތަރައްޤީގެ ފެށުމަކީ މުސްލިމުން ކަމާއި، އިސްލާމީ ޢިލްމުވެރިން އެކިއެކި ތަފާތު ހޯދުންތައް ހޯދައި ކުރިއަރައިގެން ގޮސްފައިވާކަން އެނގޭނެތެވެ.
ހަމައެފަދައިން ދިރިއުޅުމުގެ ނިޒާމެއްގެ ގޮތުގައި ފެންނަން އޮތް ހަމައެކަނި ފުރިހަމަ ނިޒާމަކީ މާތް ﷲ ބާވައިލެއްވި ޝަރީޢަތް ކަންވެސް އެނގި ހާމަވާނެތެވެ.
އަދި މިއަދުގެ ދުނިޔޭގައި އެންމެ ބާރަށް ފެތުރެމުންދާ ދީނަކީ އިސްލާމް ދީނެވެ. ޔޫރަޕުގެ ޤައުމުތަކުގައި މޫނު ބުރުޤާއާއި ދެކޮޅަށް ބޮޑެތި ކެންޕޭނުތައް އެމީހުން ހިންގަމުންދާ ސަބަބާއިމެދު ނިކަން ވިސްނާލައްވާށެވެ.]