އެމީހުންގެ ޢިލްމުވެރިންގެ ތެރެއިން ފާސިޤުންނާއި އަދި އަޅުވެރިންގެ ތެރެއިން ޖާހިލުންނާ އެމީހުން ތަބާވެއެވެ. މާތް ﷲ ވަޙީކުރައްވާފައެވެއެވެ. “يَا أَيُّهَا الَّذِينَ آمَنُوا إِنَّ كَثِيراً مِنَ الْأَحْبَارِ وَالرُّهْبَانِ لَيَأْكُلُونَ أَمْوَالَ النَّاسِ بِالْبَاطِلِ وَيَصُدُّونَ عَنْ سَبِيلِ اللَّهِ” (التوبة: 34) މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން ޙިބުރުންނާއި (އެބަހީ: ޔަހޫދީންގެ ޢިލްމުވެރިންނާއި) ރާހިބުން (އެބަހީ: ނަޞާރާއިން ފާދިރީން) ގެ ތެރެއިން ގިނަ މީހުން، މީސްތަކުންގެ މުދާތައް ބާޠިލުގޮތުގައި ކައިއުޅެތެވެ. އަދި ﷲ ގެ މަގުން މީސްތަކުން ދުރުކުރެތެވެ.”
އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. “لا تَغْلُوا فِي دِينِكُمْ غَيْرَ الْحَقِّ وَلا تَتَّبِعُوا أَهْوَاءَ قَوْمٍ قَدْ ضَلُّوا مِنْ قَبْلُ وَأَضَلُّوا كَثِيراً وَضَلُّوا عَنْ سَوَاءِ السَّبِيلِ” (المائدة: 77) މާނައީ: “އޭ ފޮތުގެ އަހުލުވެރިންނޭވެ! ތިޔަބައިމީހުންގެ ދީނުގެ ކަންކަންމުގައި ޙައްޤުނޫން ގޮތުގައި ހައްދުފަހަނައަޅައި ނުދާށެވެ! އަދި ހަމަކަށަވަރުން، ކުރިން މަގުފުރެދިފައިވާ، އަދި ގިނަބަޔަކު މަގުފުރައްދާފައިވާ، އަދި ހަމަމަގުން އެއްކިބާވެ، މަގުފުރެދިފައިވާ ބަޔެއްގެ އެދުންތަކަށް، ތިޔަބައިމީހުން ތަބާނުވާށެވެ!”
[ފާސީޤަކީ ޢިލްމީ ގޮތުންނާއި ޢަމަލީގޮތުން މާތް ﷲ ގެ ކިޔަމަންތެރިކަމުން ބޭރުވެފައިވާ މީހާއެވެ. ޢިލްމުވެރިންގެ ތެރެއިން ފާސިޤުންނަކީ އެއީ އެމީހުންގެ ޢިލްމާއެއްގޮތަށް ޢަމަލު ނުކުރާ މީހުންނެވެ. ނުވަތަ ޙައްޤުވެގެންވާ ގޮތް އެނގިތިބެ މާތް ﷲ އާއިމެދު (ނުވަތަ އެކަލާނގެ ދީނުގެ ކަންކަމުގައި) ދޮގު ހަދާ މީހުންނެވެ. އެއީ އެމީހުންގެ ހަވާނަފްސުގެ އެނދުންތައް ޙާޞިލުކުރުމުގެ ގޮތުންނެވެ. ނުވަތަ ދުނިޔެވީ މަޤާމާއި ފައިސާގެ ދަހިވެތިކަމުގައެވެ. ނަމަވެސް މީސްތަކުންތިބޭނީ އެފަދަ ޢިލްމުވެރިންގެ މައްޗަށް އިތުބާރުކޮށްގެންނެވެ.އަޅުވެރިންގެ ތެރެއިން ފާސިޤުންނަކީ ދީނުގެ ޢިލްމެއް ލިބިފައިނުވާ ޙާލުގައި ހެޔޮ ޢަމަލުކުރާ ބަޔަކު ކަމުގައި ދެއްކިގެން އުޅޭ މީހުންނެވެ. ޢާއްމުން އެފަދަ މީހުންނަކީ ހެޔޮލަފާ މީހުންކަމުގައި ހީކުރެތެވެ. އަދި އެއީ ޞާލިޙުންކަމުގައި ބުނެއުޅެއެވެ.
ޢާލިމެއްވެސް އަދި ޢާބިދެއް (އަޅުވެރިއެއްވެސް) މާތް ﷲ ގެ ދީންމަތީގައި ސާބިތުވެ ތިބޭ ބަޔަކުކަމުގައި ނުވާނަމަ އެމީހުންނާމެދު ހެއްލުންތެރިވެގެން ނުވާނެއެވެ. މާތް ﷲ މިކާމެދު މީސްތަކުން ހޭލުންތެރިކުރުވައި އިހުގެ އުއްމަތްތަކުގެ ވާހަކަ އެވަނީ އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވާފައެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. “يَا أَيُّهَا الَّذِينَ آمَنُوا إِنَّ كَثِيراً مِنَ الْأَحْبَارِ وَالرُّهْبَانِ لَيَأْكُلُونَ أَمْوَالَ النَّاسِ بِالْبَاطِلِ وَيَصُدُّونَ عَنْ سَبِيلِ اللَّهِ” (التوبة: 34) މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން ޙިބުރުންނާއި (އެބަހީ: ޔަހޫދީންގެ ޢިލްމުވެރިންނާއި) ރާހިބުން (އެބަހީ: ނަޞާރާއިން ފާދިރީން) ގެ ތެރެއިން ގިނަމީހުން، މީސްތަކުންގެ މުދާތައް ބާޠިލުގޮތުގައި ކައިއުޅެތެވެ. އަދި ﷲ ގެ މަގުން މީސްތަކުން ދުރުކުރެތެވެ.”
އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. “اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَاباً مِنْ دُونِ اللَّهِ …” [التوبة: 31] މާނައީ: “އެއުރެންގެ ޙިބުރުންނާއި، ރާހިބުންނައަކީ، ﷲ ފިޔަވައި އިލާހުން ކަމުގައި އެއުރެން ހެދޫއެވެ.”
އެފަދައިން ވަޙީކުރައްވާފައިވަނީ، އެމީހުން މާތް ﷲ ޙަރާމް ކުރައްވާފައިވާ ތަކެތި ޙަލާލުކަމުގައި ބުނުމުން، މީސްތަކުން އެގޮތް ޤަބޫލުކޮށްފައިވާތީއެވެ. އަދި އެމީހުން މާތް ﷲ ޙަލާލު ކުރައްވާފައިވާ ތަކެތި ޙަރާމް ކުރުމުން އެމީހުންނާ ތަބާވީމީހުން އެގޮތް ޤަބޫލުކުރާތީއެވެ. ވީމާ، އެމީހުންވެގެން ދިޔައީ ﷲ ފަޔަވައި އަޅުކަންކުރެވޭ ފަރާތްތަކެއްފަދަ ބަޔަކަށެވެ. އެހެނީ ކަމެއް ޙަލާލުކޮށް ޙަރާމްކުރުމަކީ ހަމައެކަނި މާތް ﷲ އަށް މިލްކުވެވޮޑިގެންވާ ޙައްޤެކެވެ. އެއްވެސް މީހަކަށް އެމީހެއްގެ ހަވާނަފްސުގެ އެދުންތަކުގެ މައްޗަށް ކަންކަން ޙަރާމްކޮށް ޙަލާލުކުރުން ހުއްދަވެގެން ނުވެއެވެ.
އިސްވެ ބަޔާންކުރެވުނު އާޔަތުގައި މާތް ﷲ الْأَحْبَارِ “ޙިބުރުން” އޭ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މުރާދަކީ ޢިލްމުވެރިންނެވެ. އަދި މިކަލިމަ ޢާއްމުގޮތެއްގައި ނިސްބަތްކުރެއްވެނީ ޔަހޫދީންގެ ތެރެއިން ޢާލިމުންނަށެވެ. އަދި الرُّهْبَانِ “ރާހިބުން” އަކީ އަޅުވެރިންނެވެ. އަދި ޢާއްމުގޮތެއްގައި ރާހިބުންނޭ ބުނެވެނީ ނަޞާރާއިންގެ ތެރެއިންވާ އަޅުވެރިންނަށެވެ.ނުވަތަ ފާދިރީންނަށެވެ. ވީމާ ރަހުބާނިއްޔަތު އޮތީ ނަޞާރާއިންގެ ތެރޭގައެވެ. އަދި ޢިލްމުވެރިކަން އޮތީ ޔަހޫދީންގެ ތެރޭގައެވެ. ޔަހޫދީންނަކީ ޢަމަލު ނުކުރާ ޢިލްމުގެ އަހުލުވެރިންނެވެ. އަދި ނަޞާރާއިންނަކީ ދަލީލެއް ބުރުހާނެއްނެތި ޖާހިލުކަންމަތީގައި މާތް ﷲ އަށް އަޅުކަން ކުރާ މީހުންނެވެ.
ޔަހޫދީންނަކީ މާތް ﷲ އެބައެއްގެ މައްޗަށް مغضوب عليهم “ކޯފާވެވޮޑިގެންފައިވާ ބައެކެވެ.” އަދި ނަޞާރާއިންނަކީ ضالون “މަގުފުރެދިގެންވާ ބައެކެވެ.” ކީރިތި ޤުރްއާނުގައި މާތް ﷲ އެ ދެބައިމީހުން ސިފަކުރައްވާފައިވަނީ މިފަދައިންނެވެ. އަދި ދުވާލަކު ފަސްފަހަރު ކުރެވޭ ކޮންމެ ނަމާދެއްގައި މިފަދައިން ކިޔުމަށް އެކަލާނގެވަނީ އަމުރު ކުރައްވާފައެވެ. “اهْدِنَا الصِّرَاطَ الْمُسْتَقِيمَ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلا الضَّالِّينَ” (الفاتحة:6، 7) މާނައީ: “އަޅަމެންނަށް، ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާނދޭވެ!(6) (އެއީ) އެއުރެންނަށް އިބަރަސްކަލާނގެ ނިޢްމަތްދެއްވި މީހުންގެ މަގެވެ. އެއުރެންގެ މައްޗަށް ކޯފާލައްވާފައިވާ މީހުންގެ މަގެއްނޫނެވެ. އަދި މަގުފުރެދިފައިވާ މީހުންގެ މަގެއްވެސް ނުމެނޫންމެއެވެ.(7)”
މިޒަމާނުގައި އަޅުގަނޑުމެންގެ ތެރެއިން މީހަކު ކަމެއްކުރަން ބޭނުންވެއްޖަނަމަ ބުނާ ބަހަކީ، މިއީ އެވެނި މީހެއްގެ ބަހެވެ. (އެވެނި ޑޮކްޓަރަކުވެސް ވިދާޅުވީ މިހެންނެވެ.) އެބަސްބުނި މީހާ ބުރަވެފައިވަނީ ކީރިތި ޤުރްއާނަށް ނުވަތަ ސުންނަތަށްތޯ ބެލުމެއްނެތި، ތިމާ އެދޭފަދަ ބަސްތަކެއް ބުނާ މީހަކާ އެފަދަ މީހުން ތަބާވެއެވެ. އަދި އެފަދަ މީހަކަށް ތިއީ ރަނގަޅު ފަތުވާއެއް ނޫނޭ ބުނެވިއްޖެނަމަ ބުނާނެއެވެ. ތިއީ ތިމަންނަ ބަލަން ބޭނުންކަމެއް ނޫނެވެ.
ނަމަވެސް ހަމަ އެބޭފުޅެއްގެ ފަތުވާ، އެމީހުން އެދޭ ގޮތާއި ޚިލާފުވެއްޖަނަމަ ބުނާނެއެވެ. ތިޔައީ މާހަރުކަށި މީހެކެވެ. ނުވަތަ އެދައްކަނީ ރަނގަޅުވާހަކައެއް ނޫނެވެ. އަދި އިސްލާމް ދީނަކީ ލުއިފަސޭހަ ދީނެއްކަމަށްބުނެ އެކަމަކުން ރެކިގަތުމަށް މަސައްކަތް ކުރެއެވެ.
ނަމަވެސް ކީރިތި ޤުރްއާނާއި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި ޚިލާފުވާނަމަ އެއްވެސް މީހެއްގެ ބަހެއްގެ އޭގެ މައްޗަށް ގަދަވެގެން ނުވެއެވެ.