ހެޔޮ މީހަކު މަޖިލީހަށް ގެނެވެން އޮތީ ތިމާ ލާ ވޯޓަކުން ކަމުގައިވާނަމަ އެ ބާރުގެ ބޭނުން ހިފަން ޖެހޭނެކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޝައިޚް ސަމީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިސްލާމީ ޝަރީޢަތުގެ ޙުކުމްފުޅުތަކާއި ދެކޮޅުހަދާ މީހަކު އިސްލާމީ ޤައުމެއްގެ ޤާނޫނު ހަދާ މަޖިލިހަށް ވަނަނުދީ ހިފަހައްޓަން ޖެހޭނެކަމަށާއި އަދި އޭގެބަދަލުގައި ހެޔޮ މީހަކު މަޖިލީހަށް ގެނެވެން އޮތީ ތިމާ ލާ ވޯޓަކުން ކަމުގައިވާނަމަ އެ ބާރުގެ ބޭނުން ހިފަން ޖެހޭނެކަމަށެވެ.
“އިސްލާމީ ޝަރީޢަތުގެ ޙުކުމްފުޅުތަކާއި ދެކޮޅުހަދާ މީހަކު އިސްލާމީ ޤައުމެއްގެ ޤާނޫނު ހަދާ މަޖިލިހަށް ވަނަނުދީ ހިފަހައްޓައި، އޭގެބަދަލުގައި ހެޔޮ މީހަކު މަޖިލީހަށް ގެނެވެން އޮތީ ތިމާ ލާ ވޯޓަކުން ކަމުގައިވާނަމަ އެ ބާރުގެ ބޭނުން ހިފަން ޖެހޭނެއެވެ.”
Islaamee shareeàthuge hukumfulhu thakaa dhekolhu hadhaa meehaku islaamee Qaumegge Qaanoonu hadhaa majleehah vana nudhee hifihattai , eyge badhalugai heyo meehaku majleehah geneven othee thimaa laa vote akun kamugai vaanama e baaruge beynun hifan jeheyne eve.
— Ahmed Sameer (@Ahmadhsameer) April 5, 2019
ކުރިއަށްއޮތް ދައުރުގެ ރައްޔިތުންގެ މަޖިލީހުގައި ތިބޭނީ ކޮން މެންބަރުންނެއްކަން ކަނޑައެޅިގެންދާނީ ރައްޔިތުންގެ ވޯޓުންނެވެ. ކަންމިހެން އޮތުމާއެކު، އިސްލާމްދީނަށް ބަދުބަސްބުނާ، އަދި އެ ދީން ނޫން އެހެން އިޚްތިޔާރުތަކެއް ދިވެހިރައްޔިތުންނަށް އޮންނަންޖެހޭނެކަމުގައި ދެކޭ ސެކިއުލާ ލިބަރަލް ވިސްނުމުގެ އެތައް ބަޔަކުވަނީ މަޖިލީހުގެ ގޮޑިތަކަށް ވާދަކޮށްފައެވެ. މިފަދަ ޙާލަތެއްގައި އަޅުގަނޑުމެންގެ މުޖްތަމަޢު އޮތްއިރު، އިސްލާމް ދީންދެކެ ލޯބިވާ، އިސްލާމީ ޝަރީޢަތް ނަގަހައްޓަން މަސައްކަތްކުރާނެ ފަރާތެއް، ކެނޑިޑޭޓުންގެ ތެރެއިން ހުރިނަމަ އެފަރާތެއް ހޮވުމަކީ އެދާއިރާއެއްގެ ރައްޔިތުންގެ ބޮލުގައި އެޅިފައިވާ ދީނީ މަސްއޫލިއްޔަތެކެވެ. އެފަދަ ޙާލަތެއްގައި ދީނާ ދުރުމީހާ، ރައްޔިތުންގެ މަޖިލިހަށް ވަނުން ހުއްޓުވުމުގައި ރައްޔިތުން ލާ ވޯޓަކީ މުހިންމު އެއްޗަކަށްވެގެން ދެއެވެ.
އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުމެ، އެމީހަކަށް ކުރެވުނު މިންވަރަކުން، އިސްލާމްދީނަށް ނަޞްރު ދިނުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. ރައްޔިތުން ތަމްސީލު ކުރުމަށް ހެޔޮލަފާ މީހަކު އިޚްތިޔާރު ކުރުމަކީ ތިމާގެ ދީނަށް ރައްކާތެރިވުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. އެފަދަ މީހަކު ނެތްނަމަ، އިސްލާމް ދީނާ ދުރު، ޝަރީޢަތާ ޚިލާފު ވާހަކަތައް ދައްކާ މީހަކު މަޖިލީހާ ދުރުކުރުމަށްވެސް މަސައްކަތް ކުރަންޖެހޭނެއެވެ.