ނިއުޒިލެންޑްގެ ކްރިސްޗާޗް ސިޓީގެ ދެ މިސްކިތެއްގައި ހުކުރު ނަމާދަށް ޙާޞިރުވެ ތިބި ބަޔަކަށް ހަތިޔާރު އެޅި ކާފަރު ޓެރަރިސްޓަކު ޙަމަލާދީ އެތައް މުސްލިމުންނެއް ޝަހީދުކޮށްލި ހާދިސާ ޖަމްޢިއްޔަތުއްސަލަފުން ކުށްވެރިކޮށްފިއެވެ.
މިހާތަނަށް 49 މުސްލިމުން ޝަހީދުވެ އެތައް ބަޔަކު ޒަޚަމްވެފައިވާ މި ހާދިސާއާގުޅޭގޮތުން ޖަމްޢިއްޔަތުއްސަލަފުގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ޝާއިޢުކުރި މެސެޖުގައި ބުނެފައިވެއެވެ. “ނިއުޒިލެންޑްގެ ދެ މިސްކިތަކަށް ދިން އަނިޔާވެރި ހަމަލާ ކުށްވެރިކުރަމެވެ. އަޅުގަނޑުމެންގެ ހެޔޮ ދުޢާވަނީ ޝަހީދުވި މީހުންނާއި، އެމީހުންގެ ޢާއިލާތަކާއެކުގައެވެ. އަހަރުމެން ސާބިތުކަމާއެކު ތިބެ، އިސްލާމް ދީނަށް ނަފުރުތަކުރާ މީހުންނަށް ނޫނެކޭ ބުންނަން ޖެހޭނެއެވެ.”
މިއަދު ހުކުރު ނަމާދު ވަގުތު މިސްކިތަށް އަޅުކަންކުރަން އެއްވެތިބި މުސްލިމުންނާއި ދެކޮޅަށް ހަތިޔާރާއެކުވަދެ މަޢުޞޫމު އެތައް ބައެއްގެ ލޭ އޮހޮރުވާލި މި ލާއިންސާނީ ނިރުބަވެރި ހާދިސާވަނީ، އެ ޢަމަލު ހިންގިމީހާ އަމިއްލައަށް ލައިވް ސްޓްރީމްކޮށްފައެވެ. މި ހާދިސާ ހިންގާފައިވާ މުޖުރިމު އޭނާގެ ނަފްސު ސިފަކޮށްފައިވަނީ އާދައިގެ “ދޮން ނަސްލުގެ” މީހެއްގެ ގޮތުގައެވެ. އޮސްޓްރޭލިއާ ދަރިސްފަސްކޮޅަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ މި ޓެރަރިސްޓު މީޑީޔާގައި ހާމަކޮށްފައިވާ ރިޕޯޓެއްގައި ބުނާގޮތުން، މި ހަލާ ދީފައިވަނީ ހުޅަނގުގެ ބިންތަކުގައި މުސްލިމުންނަށް ރައްކާތެރި ތަނެއް ނޫންކަން ހާމަކުރުމުގެ ގޮތުންނެވެ. އަދި އެ ބިންތަކަށް ހިޖުރަ ކުރަމުންދާ މީހުންނަށް އެތަންތާނގައި އެއްވެސް ޖާގައެއް ނެތްކަން ހާމަކުރުމުގެ ގޮތުންކަމުގައިވެސް، އޮސްޓްރޭލިއާއަށް އުފަން ޓެރަރިސްޓު ބުނެފައިވެއެވެ.