މުސްލިމް ވޯލްޑް ލީގްގެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވާ ބައިނަލް އަޤްވާމީ ކޮންފަރަންސެއްގައި ބައިވެރިވުމަށް ޖަމްޢިއްޔަތުއްސަލަފުގެ ރައީސް އައްޝައިޚް ޢަބްދު ﷲ ބިން މުޙައްމަދު އިބްރާހީމް މިއަދު މައްކާއަށް ފުރާވަޑައިގެންފިއެވެ.
ދުނިޔޭގެ އެކި ގައުމުތަކުގެ ވަފުދުތަކުގެ އިތުރުން އިސްލާމީ ޤައުމުތަކުގެ ވެރީންވެސް ބައިވެރިވެވަޑައިގަންނަވާ މި ބައްދަލުވުން އޮންނާނީ މި ރަމަޟާންމަހުގެ 22 އިން 24 އަށެވެ. މި ކޮންފަރަންސްގެ ޝިޢާރަކީ “ޤުރްއާނާއި ސުންނަތުން ސާބިތުވާ މެދުމިންކަމުގެ އަގުތައް” މިއެވެ.
ސަޢުދީ ޢަރަބިޔާގެ ރަސްގެފާނު، މަލިކު ސަލްމާން ބިން ޢަބްދުލް ޢަޒީޒުވެސް ބައިވެރިވެވަޑިގަތުމަށް ހަމަޖެހިފައިވާ މި ކޮންފަރަންސްގައި، ސަޢުދީގެ އިސް މުފްތީ، އައްޝައިޚް ޢަބްދުލް ޢަޒީޒު ބިން ޢަބްދު ﷲ އާލުއްޝައިޚުވެސް ތަޤުރީރު ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން އިސްލާމީ އުއްމަތުގެ ގިނަ ދާޢީންވެސް ބައިވެރިވާނޭކަމުގައި ކޮންފަރަންސް އިންތިޒާމުކުރާ ފަރާތުންވަނީ ހާމަކޮށްފައެވެ.