އައްޝައިޚް މުޙައްމަދު ޓިމް ހަމްބަލް ފުރާވަޑައިގެންފި

ޖަމްޢިއްޔަތުއްސަލަފްގެ ދަޢުވަތަކަށް ރާއްޖެވަޑައިގެންނެވި އިނގިރޭސިވިލާތުގެ މަޝްހޫރު ޢިލްމުވެރިޔާ އައްޝައިޚް މުޙައްމަދު ޓިމް ހަމްބަލް މިއަދު ފުރާވަޑައިގެންފިއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން މިއަހަރު ބޭއްވި ‘ދަކޯލް 2018’ ގައި ބައިވެރިވުމަށް ރާއްޖެވަޑައިގެންނެވި ޝައިޚް ޓިމް ހަމްބަލް ފުރާވަޑައިގެންނެވީ މިއަދު ހެނދުނު އެވެ.
އޯގަސްޓް 1 އިން 5 އަށް ކުރިއަށްދިޔަ ‘ދަކޯލް 2018’ ގައި ވަރަށްގިނަ ދީނީ ޙަރަކާތްތައް ބޭއްވިއިރު އެހުރިހާ ހަރަކާތްތަކެއްވެސް ޝައިޚް ގެންގޮސްދެއްވާފައިވަނީ ވަރަށް ފުރިހަމައަށެވެ. އޭގެތެރޭގައި އުޚްތުންނަށް ޚާއްޞަކޮށްގެން ދެ ދުވަހުގެ މުއްދަތައް ކުރިއަށްދިޔަ ‘ރުޤްޔާ’ ވޯކްޝޮޕް’ ، ޔުނިވާސިޓީ ދަރިވަރުންނަށް ޚާއްޞަކޮށް ބޭއްވި ‘ސަކްސެސް’ ދަރުސް، މާލޭގައި ބޭއްވި ‘ދަ ޕީ-ފެކްޓާ’ ދަރުސް، ހިޖްރަ ކޭމްޕް، އދ.މަހިބަދޫގައި ބޭއްވި ދަރުސް އަދި ޖަމްޢިއްޔަތުއްސަލަފުގެ ސްޓޫޑިއޯއިން ރޭ ލައިވްކޮށް ގެނެސްދިން ރުޤްޔާ ސުވާލާއި ޖަވާބު ޕްރޮގްރާމު ފާހަގަކޮށްލެވެއެވެ.

‘ދަކޯލް 2018’ގެ އިވެންޓުތައް ކާމިޔާބުކަމާއެކު ނިންމާލެވިފައިވާ ކަމަށާއި މިއީ ކުރެވުނު މުޅިން އައު ތަޖުރިބާއެއްކަމަށް ކޯލް ގެ ކޯޑިނޭޓަރު އަދި ޖަމްޢިއްޔަތުއްސަލަފުގެ ހިންގާކޮމެޓީގެ މެމްބަރު އަލްއަޚް މުޙައްމަދު ސުޖާއު ވިދާޅުވިއެވެ.
“އަލްޙަމްދުލިﷲ. ހުރިހާ އިވެންޓުތަކެއްވެސް ﷲގެ ރަޙްމަތުން ވަރަށް ކާމިޔާބުކަމާއެކު މި ނިންމާލެވުނީ. މީ ވަރަށް ގިނަ ބައެއްގެ މަސައްކަތް. ޚާއްޞަކޮށް އިވެންޓަށް ފައިސާގެ ގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތައް، އ.ދ މަހިބަދޫ އަލް ބައްޔިނަ ޖަމްޢިއްޔާ، މޯލްޑިވްސް ޕޮލިސް ސާވިސް އިން ދެއްވި ސެކިއުރިޓީ އަދި ވޮލުންޓިއަރުންގެ މަސައްކަތް ފާހަގަކޮށްލަންޖެހޭ. ﷲ އެފަރާތްތަކަށް ހެޔޮ ޖަޒާ ދެއްވާށި. އަދި ވަރަށް ބުރަކޮށް އުޅުއްވަމުންވެސް ދަތުރުގައި ބައިވެރިވެ ވަޑައިގަތުމަށް ރާއްޖެ ވަޑައިގެންނެވި އައްޝައިޚް މުޙައްމަދު ޓިމް ހަމްބަލް އަށްވެސް ޝުކުރުއަދާކުރަން.” އިވެންޓް ކޯޑިނޭޓަރ ޝުޖާޢު ވިދާޅުވިއެވެ.

މާލޭގައި ބޭއްވި މައި ދަރުސް ނިންމާލަމުން ސުޖާއުވަނީ މިއަންނަ އަހަރުވެސް ‘ދަކޯލް’ ބޭއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.