އައްޝައިޚް ޓިމް ހަންބްލްގެ ރުޤްޔާ ވޯކްޝޮޕް ސަލަފްގެ ޔޫޓިއުބް ޗެނަލްއަށް

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން މިއަހަރު ބޭއްވި ‘ދަކޯލް 2018’ ގެ ޙަރަކާތްތަކުގެ ތެރެއިން ކުރިޔަށް ގެންގޮސްފައިވާ ރުޤްޔާ ވޯކްޝޮޕްގެ ހުރިހާ ސެޝަންތަކެއް މިހާރު ޖަމްޢިއްޔަތުއްސަލަފްގެ ޔޫޓިއުބް ޗެނަލް އިން ފެނިވަޑައިގަންނަވާނެއެވެ.

ޔޫޓިއުބް ޗެނެލްގެ އިތުރުން ޖަމްޢިއްޔަތުއްސަލަފުގެ ސައުންޑްކްލައުޑް ޗެނެލްއަށް މިހާރު އަޕްލޯޑު ކޮށްފައިވާ ރުޤްޔާ ވޯކްޝޮޕްގެ ސެޝަންތައް ނަންގަވައިދެއްވާފައިވަނީ އިނގިރޭސިވިލާތުގެ މަޝްހޫރު ދާޢީއެއްކަމުގައިވާ އައްޝައިޚް މުޙައްމަދު ޓިމް ހަންބްލް އެވެ. ބައިވެރިންގެ ފަރާރުން ނުހަނު ތަރުހީބު ލިބިގެން ދިޔަ މި ރުޤްޔާވޯކްޝޮޕަކީ 2 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ ޙަރަކާތެކެވެ. މި ވޯކްޝޮޕްގައި ޝައިޚް އަލިއަޅުވާލައްވާފައިވާ މައުޟޫޢުތަކުގެ ތެރޭގައި ސިޙްރު، އެސްފީނާ އަދި ޖިންނި ޝައިޠާނުންގެ ފަރާތުން ކުރިމަތިވާ އުނދަގޫތަކާއި އެކަމުގެ ސަބަބުތައް އަދި ޤުރްއާނުގެ އަލީގައި ކުރެވިދާނެ ފަރުވާކުރުންތައް ހިމެނެވެ.

އޯގަސްޓް 1 އިން 5 އަށް ކުރިއަށްދިޔަ ’ދަކޯލް 2018‘ ގައި ވަރަށްގިނަ ދީނީ ޙަރަކާތްތައް ބާއްވާފައިވާއިރު އެހުރިހާ ހަރަކާތްތަކެއްވެސް ޝައިޚް ގެންގޮސްދެއްވާފައިވަނީ ވަރަށް ފުރިހަމައަށެވެ. އޭގެތެރޭގައި އުޚްތުންނަށް ޚާއްޞަކޮށްގެން ދެ ދުވަހުގެ މުއްދަތައް ކުރިއަށްދިޔަ ’ރުޤްޔާ‘ ވޯކްޝޮޕް‘ ، ޔުނިވާސިޓީ ދަރިވަރުންނަށް ޚާއްޞަކޮށްގެން ބޭއްވި ’ސަކްސެސް‘ ދަރުސް، މާލޭގައި ބޭއްވި ’ދަ ޕީ-ފެކްޓާ‘ ދަރުސް، ހިޖްރަ ކޭމްޕް، އދ.މަހިބަދޫގައި ބޭއްވި ދަރުސް އަދި ޖަމްޢިއްޔަތުއްސަލަފުގެ ސްޓޫޑިއޯއިން ލައިވްކޮށް ގެނެސްދިން ރުޤްޔާ ސުވާލާއި ޖަވާބު ޕްރޮގްރާމު ފާހަގަ ކޮށްލެވެއެވެ.

މަދީނާގެ އިސްލާމިކް ޔުނިވަރސީޓީގެ ކުއްލިޔަތުލް ޙަދީޘް އިން ޑިގްރީ ޙާޞިލުކުރައްވާފައިވާ އައްޝައިޚް މުޙައްމަދު ޓިމް ހަންބަލް އަކީ އިނގިރޭސިވިލާތުގެ ނިއުކާސަލް ސިޓީގެ ބޭފުޅެކެވެ. އިނގިރޭސިވިލާތުގެ އިތުރުން މެދުއިރުމަތީގެ ގައުމުތަކުގައިވެސް އިސްލާމީ ދަޢުވަތުގެ މަސައްކަތްތަކުގައި ޝައިޚް ޙަރަކާތްތެރިވެވަޑައިގަންނަވަ އެވެ. އައްޝައިޚް މުޙައްމަދު ޓިމް ހަންބްލްގެ އިތުރު ރުޤްޔާ ވޯކްޝޮޕްތަކެއް ކުރިޔަށް ގެންދިޔުމަށް ޖަމްޢިއްޔަތުއްސަލަފުންދަނީ މަސައްކަތް ކުރަމުންނެވެ.