އުޟުޙިޔާ ކަތިލުމަކީ މަތިވެރި އަޅުކަމެއް ކަމަށާއި މި އަޅުކަން އަޅުގަނޑުމެންގެ މުޖްތަމަޢުގައި ވަރަށްބޮޑަށް ފަތުރަންޖެހިފައިވާކަމަށް އައްޝައިޚް ޙަސަން މޫސާ ފިކްރީ ވިދާޅުވެއްޖެއެވެ.
ރޭ ޖަމްޢިއްޔަތުއްސަލަފުގެ ސްޓޫޑިއޯއިން ލައިވްކޮށް ފޮނުވި ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް ޙަސަން ވިދާޅުވިގޮތުގައި އުޟުޙިޔާ ކަތިލުމަކީ ދީނީ އަޅުކަމެއްކަމަށާއި އަޅުގަނޑުމެންގެ މުޖްތަމަޢުގައި މިކަމުގެ ހޭލުންތެރިކަން އިތުރުކޮށް މިކަން ވަރަށްބޮޑަށް ފަތުރަން ޖެހޭކަމަށެވެ.
ޖަމްޢިއްޔަތުއްސަލަފުގެ ފޭސްބުކް އަދި ޔޫޓިއުބް ޗެނެލުން ރޭ ލައިވްކޮށް ފޮނުވި މި ޕްރޮގްރާމުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝައިޚް ޙަސަން ވިދާޅުވީ އަޅުގަނޑުމެންގެ މުޖްތަމަޢުގައި މިކަމުގެ މަޢުލޫމާތު ލިބެންވާ ވަރަށް ނުލިބުމުގެ ސަބަބުން ބައެއް ފައިސާވެރިންވެސް އުޟުޙިޔާއާއިމެދު ފަރުވާކުޑަކޮށްފައިވާ މަންޒަރު މަދުން ނަމަވެސް ފެންނަމުންދާ ކަމަށެވެ.
“އަޅުގަނޑުމެން އެބަޖެހޭ އުޟުޙިޔާގެ މި ޤުރުބާނީ އަކީ އަޅުގަނޑުމެންގެ މުޖްތަމަޢުގެ ކުދިބޮޑު އެންމެން މިކަމުގައި ބައިވެރިވާކަމެއްކަމުގައި ހަދަން. މިއީ ޤުރްއާނާއި ސުންނަތުން ސާބިތުވާކަމެއް މަތިވެރި އަޅުކަމެއް” ޝައިޚް ޙަސަން ވިދާޅުވިއެވެ.
އުޟުޙިޔާ ކަތިލުމުގެ ޙުކުމް އާއިގުޅޭގޮތުން ކުރިއަށްދިޔަ މިޕްރޮގްރާމުގައި އައްޝައިޚް ޙަސަން މޫސާގެ އިތުރުން އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ވެސް ބައިވެރިވެވަޑައިގަތެވެ. ޝައިޚް ސަމީރުގެ ވާހަކަފުޅުގައި ޙައްޖުމަހުގެ ފުރަތަމަ 10 ދުވަހުގެ މާތްކަމާއި މަތިވެރިކަމުގެމައްޗަށް އަލިއަޅުވާލެއްވިއެވެ. ޝައިޚް ސަމީރު ވިދާޅުވިގޮތުގައި ކުރިން ވަޅުޖެހިފައިވާ ވަރަށްގިނަ ސުންނަތްތައް އަޅުގަނޑުމެންގެ މުޖްތަމަޢުގައި ﷲގެ ރަޙްމަތުން މިއަދު ފެތުރެމުން ދާކަމަށާއި ފޯރުންތެރިކަން ހުރި ކޮންމެ ބޭފުޅަކުވެސް އުޟުޙިޔާ ކަތިލުމުގެ ސުންނަތް ދިރުވަން މަސައްކަތްކުރަން ޖެހޭކަމަށެވެ.
ރޭ 9:30 އިން 10:30 އަށް ކުރިއަށްދިޔަ މި ޕްރޮގްރާމަށް ބެލުންތެރިންވަނީ މައުޟޫއާއިގުޅޭގޮތުން ސުވާލުތައް ފޮނުއްވާފައެވެ. އަދި އެ ސުވާލުތަކަށް ޝައިޚުންވަނީ ޖަވާބު ދެއްވާފައެވެ.