އެއީ އެންމެ މަތިވެރިވެގެންވާ މަދީނާއެވެ. އެރަށަކުން އިންސާނުން އުޅެންވީ ހުރިހާ ގޮތެއްގެ ފުރިހަމަ ނަމޫނާއެއް ދައްކާފައިވާ މުޖުތަމަޢުއެވެ. ހަނގުރާމައެއްކުރަންޏާއެގޮތުގެ ނަމޫނާވަނީ އުހުދު ހަނގުރާމައިގައެވެ. އިޖްތިމާޢީ ގުޅުމުގެ ނަމޫނާވަނީ އަންޞާރުންނާއި މުހާޖިރުން އަޚުކުރެއްވުމުގައެވެ. މިފަދަ ބޮޑެތިކަންތަކުން ފެށިގެންގޮސް ލޯބިވާ މީހާ ދެކެ ލޯބިވާކަން ހާމަކުރުމާއި، ތިމާ ދެކެ ކިތަންމެ ލޯތްބެއްވިޔަސް ތިމާ އެލޯބި ބޭނުން ނޫންނަމަ ނޫނެކޭ ބުނާނެ ގޮތްވެސް މަދީނާއިންވަނީ މުޅި ދުނިޔެއަށް ދައްކައިދީފައެވެ.
އެއީ މީގެ ސާދަޤަރުނުގެ ކުރިއެވެ. މަންޒަރުން ފެންނަނީ މަދީނާގެ މަގެކެވެ. ހިނގާފައި އެހެރަ ދުރުވަނީ އަންހެން ބޭކަނބެލެކެވެ. އެކަމަނާގެ ފަހަތުން ފިރިހެންބޭކަލަކު ކީރިތިކުރައްވަމުން ހުރެ ހިންގަވާފައި އެބަ ދުރުވެއެވެ. މި މަންޒަރު ދެކެން ދެބޭކަލަކު ތިއްބެވިއެވެ. ދެން އެތަނުން އެއްބޭކަލަކު ކައިރީގައި ހުންނެވި އަނެއްބޭކަލަކަށް ގޮވާލައްވައިފައި ދެންނެވިއެވެ.
” އޭ ޢައްބާސްގެފާނެވެ. މުޣީޘު ބަރީރާ ދެކެ ލޯބިވެވަޑައިގަންނަވާ މިންވަރާ އަދި ބަރީރާ މުޣީޘުދެކެ ހިތާވެވަޑައި ނުގަންނަވާ މިންވަރު ފެނިވަޑަގެން އަޖައިބެއް ނުވޭތޯއެވެ؟”
އެމަންޒަރު ދެކެން އެހުންނެވި އެއްބޭކަލަކީ ޢައްބާސްގެފާނުކަން އެނގިއްޖެއެވެ. ދެން އަނެއްބޭކަލަކީ ކޮންބޭފުޅެއްތޯއެވެ؟ އޭގެ ކުރިން އެވިދާޅުވާ މުޣީޘާއި ބަރީރާއަކީ ކޮން ބޭކަލުންނެއްތޯއެވެ؟
މުޣީޘަކީ މީހެއްގެ އަޅެކެވެ. އިސްލާމުވެވަޑައިގެން ހުންނެވި ޞާޙާބީއެކެވެ. އެކަލޭގެފާނު އެބޭކަނބަލެއްގެ ފަހަތުން ކީރިތި ކުރައްވަމުން އެދުރުވަނީ ބަރީރާގެ ފަހަތްޕުޅުންނެވެ. އެކަމަނާއަކީވެސް އަޅެކެވެ. އަދި ޞަޙާބީބޭކަނބަލެކެވެ. ދެން އެހެންވީއިރު މުޣީޘުގެފާނުބަރީރަތުގެފާނުގެ ފަހަތްޕުޅުން އެދުރުވަނީ ކީއްވެގެންތޯއެވެ؟ އެ ކީރިތިކުރައްވަނީ ކީއްވެގެންތޯއެވެ؟ އޭގެ ޖަވާބު މަތީގައި ބަޔާންވެގެން އެވަނީ އެއްނޫންތޯއެވެ. އާއެކެވެ. މުޣީޘުގެފާނު އެކީރިތި ކުރައވަނީ ބަރީރަތުގެފާނު ދެކެ ވެވަޑައިގަންނަވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. އަދި ބަރީރަތުގެފާނު އެކަލޭގެފާނުދެކެ ލޯބިވެވަޑައިނުގަންނަވާތީއެވެ. އަދި އެކަން އެނގެނީ ހަމަ އެކަނި އެ ދެބޭކަލުންނަކަށްނޫނެވެ. މުޅި މަދީނާއަށް އެއީ “ބޮޑު ސިއްރެކެވެ”. ޚުދު ޢައްބާސްގެފާނަށްވެސް އެކަން އެ ބަޔާންކޮށްދެއްވީ އެހެންބޭކަލެއްނޫންހެއްޔެވެ؟ މިކަމުންވެސް މިދެބޭކަލުންގެ ވާހަކަ އިތުރު ފަރާތްތަކަކަށް އެނގޭކަން ދޭހަވެއެވެ. އަދި އެންމެ ހައިރާންވާން ޖެހެނީ މިވާހަކަ މަދީނާގެ ވެރިޔާއަށްވެސް އެނގޭތީއެވެ. ދެންމެ ޢައްބާސްގެފާނަށް އެކަން ބަޔާންވެސް އެކޮށްދެއްވީ އެކަލޭގެފާނެވެ. ކައު އިތުރު ނަބިއްޔާ ޞައްލަﷲ ޢަލައިވަސައްލަމައެވެ.
ދެން މިހިސާބުން މިވާހަކައިން ކައިވެނީގެ ކުރިން ލޯބިވުމާއި ރައްޓެހިވުން ހުއްދަކަމަށް ދޭހަވާކަމަށް ނަމަނަމަ ނުބުނާތިއެވެ. އެހެނީ ނަބިއްޔާ ޞައްލަﷲޢަލައިވަސައްލަމައެކަން ހުއްޓާލުމަށް އަމުރުނުކުރައްވާ އެމަންޒަރު ދުށުމަށް އެހުންނެވީ އޭގައި ސަބަބައެއް އޮތީމައެވެ. އެއީ……………………….؟؟
ސަބަބަކީ ދެބޭކަލުންނަކީ ދެމަފިރީންނެވެ. ކައިވެންޏަށް އެތައް އަހަރެއް ވަނީ ވެފައެވެ. ތުއްތު ތުއްތު ދަރީންކޮޅެއްވެސް ވަނީ ލިބިފައެވެ. ދެން އުފެދޭނެ އެތައް ސުވާލެއް ހުންނާނެއެވެ. އަނބިކަމަނާގެ ފަހަތްޕުޅުން ކީރިތި ކުރައްވަމުން މަގުމަތީގައި މުޣީޘުގެފާނު އެހިންގަވަނީ ކީއްވެގެންތޯއެވެ؟ ބަރީރަތުގެފާނު މުޣީޘުގެފާނު އެދަންނަވާ އާދޭސްތަކަށް އިޖާބަނުދެއްވަނީ ކީއްވެގެންތޯއެވެ؟ މިމައްސަލަ ގޭތެރެއިން ބޭރަށް ފާޅުވެގެން މިއުޅެނީ ކީއްވެގެންތޯއެވެ؟ އެދެބޭކަލުންގެ ދަރީންކޮޅު ކޮބައިތޯއެވެ؟ ނަބިއްޔާ ޞައްލަﷲޢަލައިހިވަސައްލަމަ އެމައްސަލަ ޙައްލުކުރަށްވަން އެއްވެސް ކަމެއް ނުކުރައްވާތޯއެވެ؟ އަދިވެސް އެތަށް ސުވާލެކެވެ. ޞާޙާބީންވެސް އެހެން އުޅުއްވާތޯއެވެ؟ އެބޭކަލުންވެސް ލޯބިވޭތޯއެވެ؟ އެއީ ރަނގަޅަށް ދަސްނުކޮށް އެޒަމާނުގައި ކައިވެނި ބައްލަވައިގަންނާތީ ދިމާވި ކަމެއްނޫންބާއޭވެސް ހަމަ ތިޔައިންގެ ތެރެއިން ބޭފުޅެއްގެ ހިތްޕުޅަށް އަރާފާނެއެވެ. އަނެއްބޭފުޅަކު ވަރަށް ބާރުލައިފައި “ކޮބާ އެހެންވެގެންނޭ އަހަރެން މިބުނަނީ އެންމެ ފުރަތަމަ ޖެހޭނީ ރައްޓެހިވެ ދަސްކުރާށެވެ. ބަލަ އެއީ މާތް ޞާޙާބީ ބޭކަލުންނަށްވެސް ވީގޮތޭ”.
އަދި އަނެއް ފިކުރުގެ މީހުން ހައިރާންވެގެން ތިބެ ބުނެފާނެއެވެ. ރަސޫލުޒަމާނުގައި އަންހެނަކަށް އޭނާގެ ފިރިމީހާގެ އާދޭސްތަކަށް އިޖާބަނުދީ އެހެން އުޅުމުގެ މިނިވަންކަންއޮވޭތޯއެވެ؟ އިސްލާމްދީނުގައި އަނބިމީހާއަކީ ފިރިމީހާގެ އަޅެއްކަމަށް ކިޔާ އަޑުއަހަމެވެ.
މި ހުރިހާ ސުވާލެއްގެ ޖަވާބު އިންޝާﷲ ވާހަކައިގެ ދެވަނަ ބައިގައި ގެނެސްދޭނަމަވެ. އިންތިޒާރުކޮށްލައްވާށެވެ. ބާއްޖަވެރި ދުވަހަކަށް އެދެމެވެ.