މިނިވަންކަމާއި އިސްތިޤުލާލަށް ބުރޫއަރާފަދަ ޢަމަލެއް ހިންގުމަކީ ބޮޑުވެގެންވާ ފާފައެއް

ސިޔާސީ ފައިދާއެއް ހޯދުމަށްޓަކައި އިސްލާމީޤައުމެއްގެ މިނިވަންކަމާއި އިސްތިޤުލާލަށް ބުރޫއަރާފަދަ ޢަމަލެއް ހިންގުމާއި އެފަދަ ޢަމަލެއް ހިންގުމަށް ގޮވާލައި، ދީނާއި ޤައުމުގެ ޢަދާވާތްތެރިންނަށް އެކަމަށް މަގުފައިކޮށްދިނުމަކީ ޝަރުޢީގޮތުން ބޮޑުވެގެންވާ ފާފައެއްކަމަށް ޖަމްޢިއްޔަތުއްސަލަފުން ހާމަކޮށްފިއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ފޭސްބުކް ޕޭޖުގައި ދާދި ދެންމެއަކު ހާމަކޮށްފައިވާ ސްޓޭޓަސްއެއްގައި ބުނެފައިވަނީ އެފަދަ ނޭއްގާނީ ކަންކަން ކުރާފަރާތްތަކަށް ތާޢީދުކޮށް ހިތްވަރުދީ ހެނދުމަކީވެސް ކޮށްގެންވާނެ ކަމެއްނޫންކަމަށާއި މިކަން އެންމެހައި ދިވެހީންނަށް ހަނދުމަކޮށްދޭކަމަށެވެ.

“އެއްވެސް ބަޔަކު އެބައެއްގެ ސިޔާސީ ފައިދާއެއް ހޯދުމަށް އިސްލާމީޤައުމެއްގެ މިނިވަންކަމާއި އިސްތިޤުލާލަށް ބުރޫއަރާފަދަ ޢަމަލެއް ހިންގުމާއި އެފަދަ ޢަމަލެއް ހިންގުމަށް ގޮވާލާ ދީނާއި ޤައުމުގެ ޢަދާވާތްތެރިންނަށް އެކަމަށް މަގުފައިކޮށްދިނުމަކީ ޝަރުޢީގޮތުން ބޮޑުވެގެންވާ ފާފައެއްކަން ހާމަކުރަމެވެ. އަދި އެފަދަ ނޭއްގާނީ ކަންކަން ކުރާފަރާތްތަކަށް ތާޢީދުކޮށް ހިތްވަރުދީ ހެނދުމަކީވެސް ކޮށްގެންވާނެ ކަމެއްނޫންކަމަށް އެންމެހައި ދިވެހީންނަށް ހަނދުމަކޮށްދެމެވެ.” ޖަމްޢިއްޔަތުއްސަލަފުގެ ސްޓޭޓަސްގައި ވެއެވެ.

ޖަމްޢިއްޔަތުއްސަލަފުން އިތުރަށް ހާމަކޮށްފައިވާގޮތުގައި ރާއްޖޭގެ ސިޔާސީ މަޞްރަޙުގައި އުފެދޭ ނުތަނަވަސްކަމާއި ޚިޔާލުތަފާތުވުމުގެ ތެރެއިން ދިވެހިންގެ ޤައުމު އަޅުވެތިކުރުމަށް ބޭރުގެ ފަރާތްތަކަށް ބައެއް ސިޔާސީވެރިން ސީދާކޮށް އަދި ނުސީދާކޮށް ދަޢުވަތުދީ ގޮވާލަމުން އަންނަ މަންޒަރަކީ ތަކުރާރުވަމުން އަންނަ ކަމެއްކަމަށް ވީހިނދު، މިކަމާއިމެދު ޖަމްޢިއްޔަތުއްސަލަފުން އިންތިހާއަށް ކަންބޮޑުވާކަމަށާއި އަދި މިފަދަ ޣަދަރުވެރި ޚިޔާނާތްތެރި ޢަމަލުތައް ހަރުކަށި ޢިބާރާތުން ކުށްވެރިކުރާކަމަށެވެ. އަދި މިފަދަ ނޭއްގާނީ ކަންކަން ކުރާފަރާތްތަކަށް ތާޢީދުކޮށް ހިތްވަރުދީ ހެދުމަކީ ބޮޑުވެގެންވާ ޚިޔާނާތްތެރި އަދި އަނިޔާވެރި ޢަމަލެއްކަމާއި، މިފަދަ ކަންކަމުން ބަރީޢަވެ ތިބުމަށް ދިވެހި އެންމެހައި ރައްޔިތުންނަށް ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން އިލްތިމާސްކޮށް ވަޞިއްޔަތް ކުރާކަމަށް ހާމަކޮށްފައިވެއެވެ.

ޖަމްޢިއްޔަތުއްސަލަފުން މިފަދައިން ހާމަކޮށްފައިވަނީ ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖެ އެރުމަށް ގޮވާލާފައިވުމާއި، ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލައިފިނަމަ އިންޑިއާ އިން ރާއްޖެ ހިފަންޖެހޭނެކަމަށް އިންޑިއާގެ ބީޖޭޕީގެ ހަރުކަށި މެންބަރެއްކަމަށްވާ ސުބްރަމާނިއަން ސުވާމީ ގޮވާލާފައިވާ ގޮވާލުމަށް އިޝާރާތްކޮށެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދާދިފަހުންވަނީ ސުބްރަމާނިއަން ސުވާމީ އާއި ބައްދަލުކޮށްފައެވެ. މުސްލިމުންނާއިމެދު އެތައް ޖަރީމާތަކެއް ހިންގާކަމަށް ތުހުމަތުކުރެވޭ ސުބްރަމާނިއަން އާއެކު ނަޝީދު މިދިޔަ ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ރާއްޖެއަށް އަރައިގަތުމަށް ނަޝީދު، ސުވާމީގެ އަރިހުން އެދިފައިވާކަމަށް ބައެއް ޚަބަރުފަތުރާ ވަސީލަތްތަކުން ހާމަކޮށްފައިވެއެވެ.