މިއީ ކުރެވިގެންދިޔަ ވަރަށް ތަފާތު އަދި ފައިދާހުރި ތަޖުރިބާއެއްކަމަށާއި، ކޯޑިނޭޓަރެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު ދެއްވީތީ ޖަމްޢިއްޔަތުއްސަލަފުގެ އެންމެހައި ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާކަމަށް ‘ދަކޯލް 2018’ ގެ ކޯޑިނޭޓަރު އަދި ޖަމްޢިއްޔަތުއްސަލަފުގެ ހިންގާމޮކެޓީގެ މެމްބަރު އަލްއަޚް މުޙައްމަދު ސުޖާ ވިދާޅުވެއްޖެއެވެ.
ޖަމްޢިއްޔާގެ ވެބްސައިޓަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ސުޖާ ވިދާޅުވިގޮތުގައި ދަކޯލްގެ ވަކިވަކި އިވެންޓުތަކުގެތެރެއިން ‘ރުޤްޔާ ވޯކްޝޮޕް’ އަކީ ވަރަށްބޮޑު ތަރުހީބެއް އުޚްތުންގެފަރާތުން ލިބިގެންދިޔަ ވަރަށް ޚާއްޞަ އިވެންޓެއްކަމަށާއި އެފަދަ އިތުރު ވޯކްޝޮޕެއް ބާއްވައިދިނުމަށްއެދި މިހާރުވެސް ވަރަށްގިނަ މެސެޖުތައް އަންނަމުންދާކަމަށް ސުޖާއު ވިދާޅުވިއެވެ.
“އެންމެ ފުރަތަމަވެސް މިހާ ކާމިޔާބުކަމާއެކު ‘ދަކޯލް 2018’ ނިމިގެން ދިޔަކަމަށްޓަކައި ﷲ އަށް ޙަމްދު ކުރަން. އަދި ކޯޑިނޭޓަރެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު އަޅުގަނޑަށް ދެއްވީތީ ޖަމްޢިއްޔަތުއްސަލަފުގެ އެންމެހައި ބޭފުޅުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. މިއީ އަޅުގަނޑަށް ކުރެވުނު ވަރަށް ފައިދާހުރި ތަޖުރިބާއެއް. އަޅުގަނޑު ދަންނަވާނީ މިފަހަރުގެ ‘ދަކޯލް’ އަކީ ވަރަށް ތަފާތު އިވެންޓެކޭ. ޝައިޚް މުޙައްމަދު ޓިމް ހަމްބަލް ރާއްޖެ ފުރައިގެން ދިޔައީ އަސްލު ވަރަށްބޮޑަށް ހިތްހަމަ ޖެހިގެން ހުރެ. ވަކިވަކި އިވެންޓުތަކުގެތެރެއިން ‘ރުޤްޔާ ވޯކްޝޮޕް’ އަކީ ވަރަށްބޮޑު ތަރުހީބެއް އުޚްތުންގެފަރާތުން ލިބިގެންދިޔަ ވަރަށް ޚާއްޞަ އިވެންޓެއް. އަޅުގަނޑަށް މިހާރުވެސް މެސެޖު އަންނަމުން އެބަދޭ މިފަދަ ވޯކްޝޮޕެއް ސަލަފްގެ ފަރާތުން ބާއްވައިދިނުމަށް އެދި. އިންޝާﷲ އަޅުގަނޑުމެން މިއަންނަ އަހަރު މިއަށްވުރެ ފުރިހަމަ އިވެންޓެއް ބާއްވާނަން.
“މިފުރުސަތުގައި ‘ކޯލް’ގެ އިވެންޓަށް އެކިގޮތްގޮތުން އެހީތެރިވެ އަދި ފޫހިކަމެއްނެތި މަސައްކަތްކޮށްދެއްވި އެންމެހައި އަޚުންނާއި އުޚްތުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. ވަކިން ޚާއްޞަކޮށް އަޅުގަނޑުމެންގެ ސްޕޮންސަރުން، ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން، ވޮލަންޓިއަރުން، އެމް.އެން.ޑީ.އެފް، ޕޮލިސް އަދި އިވެންޓު ޕާޓްނަރުންގެ ނަން ފާހަގަކޮށްލަން ބޭނުން.” ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން މިއަހަރު ބޭއްވި ‘ދަކޯލް 2018’ ގެ ކޯޑިނޭޓަރު އަލްއަޚް މުޙައްމަދު ސުޖާއު ވިދާޅުވިއެވެ.