ފަތިސްނަމާދަކީ އެންމެ މާތް ނަމާދު: އައްޝައިޚް ޢަބްދުއްސަލާމް

ﷲ ސުބްޙާނަހޫވަތަޢާލާ އަޅުގަނޑުމެންގެ މައްޗަށް ފަރުޟު ކުރައްވާފައިވާ ނަމާދުތަކުގެތެރެއިން އެންމެ މާތް ނަމާދަކީ ފަތިސްނަމާދުކަމަށް އައްޝައިޚް ޢަބްދުއްސަލާމް ބިން ދާޥޫދު ވިދާޅުވެއްޖެއެވެ.

ޖަމްޢިއްޔަތުއްސަލަފުގެފަރާތުން ރޭ ގެނެސްދިން ‘އޮނަތިރީސް މިނެޓް’ ގެ 83 ވަނަ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ޝައިޚް ވިދާޅުވީ ފަތިސްނަމާދަކީ މިއަދު އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކު އިހުމާލުވެފައިވާ ނަމާދެއްކަމަށާއި ނަމަވެސް އެނަމާދުގެ މާތްކަމާއި މަތިވެރިކަން ހިތުތެރެއަށް ވަދެއްޖެ ކޮންމެ މީހަކު އެ ނަމާދު ކުރުމަށް އޭނާއަށް ކުރެވުނު ކޮންމެ މަސައްކަތެއް ކުރާނެކަމަށެވެ.

ފަތިސް ނަމާދުގެ މާތްކަމާއި މަތިވެރިކަމުގެތެރޭގައި ހިމެނޭ އެންމެ ބޮޑު ނިޢުމަތަކީ ﷲ ތަޢާލާގެ ޒިންމަތުގެތެރޭގައި އެމީހަކު އެދުވަހު ވުން. ﷲ ތަޢާލާގެ ޙިމާޔަތުގެ ދަށުގަ ﷲ ތަޢާލާގެ ބެއްލެވުމުގެ ދަށުގައި އެމީހަކު އެދުވަހު ވުން. ﷲ ތަޢާލާގެ ޙިމާޔަތުގެ ދަށުގައި އެމީހަކު ވީމައި ދެން އެދުވަހުގައި އެމީހަކަށް އިންޝާﷲ ނުލިބޭނެ ނިކަމެތިކަމެއް. ޢަދާވާތްތެރިންގެ ކިބައިން އޭނާ ސަލާމަތްވެގެން ދާނެ. އަދި ކޮބާތޯ ފަތިސްނަމާދު ކުރުމަކީ އެމީހަކު ޤިޔާމަތްދުވަހުން ނަރަކައިން ސަލާމަތްވާނެ މީހެއްކަމަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ ބަޔާންކޮށްދެއްވާފަ” ޝައިޚް ވިދާޅުވިއެވެ.

ޝައިޚް ޢަބްދުއްސަލާމް ވިދާޅުވިގޮތުގައި ފަތިސްނަމާދާއިމެދު އަޅުގަނޑުމެންގެތެރެއިން ގިނަ ބަޔަކަށް ފަރުވާކުޑަކުރެވިފައިވަނީ އެކަމުގެ މުހިއްމުކަން ދެނެނުގަނެވި އޮންނާތީކަމަށާއި އަޅުގަނޑުމެންގެ ހިތްތަކަށް ވާސިލުވާންޖެހޭ މިންވަރަށް އެނަމާދުގެ މަޤާމް ވާސިލުވެއްޖެނަމަ އެހެން ނަމާދުތަކެކޭވެސް އެއްފަދައިން އެއްވެސް ދަތިކަމެއްނެތި ފަސޭހަކަމާއެކު އެ ނަމާދު ކުރެވޭނެކަމަށެވެ.

ނަމާދުގެ އަހައްމިއްޔަތު އަޅުގަނޑުމެންނަށް ތަސައްވުރު ކުރެވުނު ވަރަކަށް އަޅުގަނޑުމެން އެނަމާދަށް އަހައްމިއްޔަތު ބޮޑުވާނެ. އެހެންވީމަ ހޭލާ ތިބެގެންވެސް އެ ނަމާދު ކުރެވޭތޯ ބަލާނެ އަޅުގަނޑުމެންނަށް ނިދާފަ ނުހޭލެވޭކަމަށްވާނަމަ. ސަބަބަކީ އަޅުގަނޑުމެންނަށް އެކަމުގެ މުހިއްމުކަން ދެނެނުގަނެވި އޮންނާތީ ނުވަތަ އަޅުގަނޑުމެންގެ ހިތްތަކަށް ވާސިލުވާންޖެހޭ މިންވަރަށް ވާސިލު ނުވާތީ މި ނަމާދާއިދޭތެރޭގައި އަޅުގަނޑުމެންނަށް ފަރުވާކުޑަ ކުރެވެނީ. އެހެންވީމާ ނަމާދުގެ މަޤާމު އަޅުގަނޑުމެންގެ ހިތުގައި އޮތްމިންވަރަކުން އަޅުގަނޑުމެންނަށް އެކަން ޙާސިލު ކުރެވޭނީ.”

ފަތިސްނަމާދާއި ގުޅޭގޮތުން ޝައިޚް އަލިއަޅުވާލައްވަމުން އެނމާދުގެ އިހުގައި ކުރެވޭ ދެ ރަކްޢަތުގެ މާތްކަމާއި މަތިވެރިކަމުގެ ވާހަކައަށްވެސް އަލިއަޅުވާލެއްވިއެވެ.