ފިތުނައިގެ ހަނގުރާމަތަކަށް ދާ ދިވެހިންނަކީ ޢިލްމުވެރީގެ ބަސްއަހާ ބައެއްނޫން: އައްޝައިޚް އަޙްމަދު ސަމީރު

ސީރިއާގައި ހައްދުފަހަނައަޅާފައިވާ ހަރުކަށި ފިކުރުތަކާއެކު ފިތުނައިގެ ހަނގުރާމަ ތަކުގައި ބައިވެރިވާން ދާ ދިވެހިންނަކީ ދީނީ ޢިލްމުވެރީގެ ބަސްއަހާ ބައެއްނޫންކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރީންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ޝައިޚް މިއަދު ކުރެއްވި ޓްވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ އެފަދަ މީހުންނަކީ އެއީ ޢިލްމުވެރީންނާއި ހަތުރުވެރި ބައެއްކަމަށެވެ.

“ސީރިއާގައި ހައްދުފަހަނައަޅާފައިވާ ހަރުކަށި ފިކުރުތަކާއެކު ފިތުނައިގެ ހަނގުރާމަ ތަކުގައި ބައިވެރިވާން ދާ ދިވެހިންނަކީ ދީނީ ޢިލްމުވެރީގެ ބަސްއަހާ ބައެއްނޫން. އެއީ ޢިލްމުވެރީންނާ ހަތުރުވެރި ބައެއް”. ޝައިޚް ސަމީރު ވިދާޅުވެފައިވެއެވެ.

ޝައިޚް ސަމީރުގެ ޓްވީޓަށް ޖަމްޢިއްޔަތުއްސަލަފުގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމްވަނީ ތަޢުލީޤު (ރިޕްލައި) ކުރައްވާފައެވެ.

އިސްލާމީ ޖިހާދު ހުތުރުކޮށް މުސްލިމުން ބަލިކަށިކޮށް ސަފުތައް ރޫޅާލުމަށްޓަކައި އައި.އެސް.އައި.އެސް މީހުން ސީރިއާގެ މައިދާނަށް ވައްދައި، ޢިލްމުވެރިންނާއި ޤާޢިދުން މަރައި، އާއްމު މުސްލިމުން ކަތިލައި، ސީރިއާ އެއްކޮށް ސުންނާފަތިކޮށްގެން އިސްލާމީ އުއްމަތަށް ކުރި ގެއްލުން ފޫބައްދާނީ ކިހިނެއްތޯ ޝައިޚް ޢަބްދުﷲ ވަނީ ސުވާލުކުރައްވާފައެވެ.

“ޝާމް ގެ މުޖާހިދުން ބައްޝާރާއި ދެކޮޅަށް ޝަރުޢީ ޖިހާދު ކޮށްކޮށް ތިއްބާ، ދީނުގެ ޢަދާވާތްތެރިންގެ ރޭވުމުގެދަށުން އިސްލާމީ ޖިހާދު ހުތުރުކޮށް މުސްލިމުން ބަލިކަށިކޮށް ސަފުތައް ރޫޅާލުމަށްޓަކައި އައި.އެސް.އައި.އެސް މީހުން ސީރިއާގެ މައިދާނަށް ވައްދައި، ‘އިސްލާމީ ދައުލަތަކަށް’ ދުނިޔޭގެ އެންމެހައިމުސްލިމުންނަށް ގޮވައި މުސްލިމް މުޖާހިދުންގެ ތެރޭގައި ތިއްބެވި ޢިލްމުވެރިންނާއި ޤާޢިދުން މަރައި، އާއްމު މުސްލިމުން ކަތިލައި، ސީރިއާގެ ތެޔޮވަޅުތަކާއި ބިމުގެ މުއްސަނދިކަމުގެ ދަހިވެތިކަމުގެ މައްޗަށް ކާފަރުންނާއެކު ސިއްރު ޑީލް ހަދައި، ސީރިއާ އެއްކޮށް ސުންނާފަތިކޮށްގެން އިސްލާމީ އުއްމަތަށް ކުރި ގެއްލުން ފޫބައްދާނީ ކިހިނެއް؟” ޝައިޚް ޢަބްދުﷲ ވިދާޅުވެފައިވެއެވެ.

ދީނީ ޢިލްމުވެރީންގެ އިތުރުން ދީނީ ދަޢުވަތުގައި ހަރަކާތްތެރިވާ މީހުންނަށް އެންމެގިނައިން ހަޖޫޖަހާ މީހުންގެތެރޭގައި އައި.އެސް.އައި.އެސް ފިކުރުގެ މީހުންނާއި ލާދީނީ ސެކިއުލާމީހުން ހިމެނޭކަމީ އެންމެން ދަންނަ ހަގީގަތެކެވެ.