‘ދަކޯލް 2018’ އަކީ މިހާތަނަށް ބޭއްވުނު އެންމެ ކާމިޔާބު އެއް އިވެންޓު: ޝައިޚް ޙަސަން މޫސާ

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން މިއަހަރު ބޭއްވި ‘ދަކޯލް 2018’ އަކީ މިހާތަނަށް ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ބޭއްވި އިވެންޓުތަކުގެތެރެއިން މިހާތަނަށް ބޭއްވުނު އެންމެ ކާމިޔާބު އެއް އިވެންޓުކަމަށް ޖަމްޢިއްޔާގެ ނައިބުރައީސް އައްޝައިޚް ޙަސަން މޫސާ ފިކްރީ ވިދާޅުވެއްޖެއެވެ.

ޖަމްޢިއްޔާގެ ވެބްސައިޓަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ޝައިޚް ޙަސަން ވިދާޅުވިގޮތުގައި ‘ދަކޯލް 2018’ ގެ ހުރިހާ ކަމެއްވެސް ﷲ ގެ ރަޙްމަތުން ދިޔައީ ވަރަށް އޮމާންކޮށް ކަމަށާއި މިފަހަރު ގެނައި ޝައިޚް އާއިމެދުވެސް ވަރަށްބޮޑަށް ހިތްހަމަ ޖެހޭކަމަށެވެ.
“އައްޝައިޚް މުޙައްމަދު ޓިމް ހަމްބަލް އަކީ ވަރަށް ޢިލްމީ އަދި ވަރަށް ޤާބިލް ބޭފުޅެއް. އޭނާ ދެއްވި ދަރުސްތަކާއި އެކިއެކި ޕްރޮގްރާމުތަކުން އަޅުގަނޑުމެންގެ އަޚުންނާއި އުޚްތުންނަށް ނުހަނު ގިނަ ފައިދާ ކުރާނެކަން ކަށަވަރު” ޝައިޚް ވިދާޅުވިއެވެ.

އޯގަސްޓް 1 އިން 5 އަށް ކުރިއަށްދިޔަ ’ދަކޯލް 2018‘ ގައި ވަރަށްގިނަ ދީނީ ޙަރަކާތްތައް ބޭއްވިއިރު އެހުރިހާ ހަރަކާތްތަކެއްވެސް ޝައިޚް ގެންގޮސްދެއްވާފައިވަނީ ވަރަށް ފުރިހަމައަށެވެ. އޭގެތެރޭގައި އުޚްތުންނަށް ޚާއްޞަކޮށްގެން ދެ ދުވަހުގެ މުއްދަތައް ކުރިއަށްދިޔަ ’ރުޤްޔާ‘ ވޯކްޝޮޕް‘ ، ޔުނިވާސިޓީ ދަރިވަރުންނަށް ޚާއްޞަކޮށް ބޭއްވި ’ސަކްސެސް‘ ދަރުސް، މާލޭގައި ބޭއްވި ’ދަ ޕީ-ފެކްޓާ‘ ދަރުސް، ހިޖްރަ ކޭމްޕް، އދ.މަހިބަދޫގައި ބޭއްވި ދަރުސް އަދި ޖަމްޢިއްޔަތުއްސަލަފުގެ ސްޓޫޑިއޯއިން ލައިވްކޮށް ގެނެސްދިން ރުޤްޔާ ސުވާލާއި ޖަވާބު ޕްރޮގްރާމު ފާހަގަކޮށްލެވެއެވެ.