ޢަލިދީދީގެ ބެލުމުގައި ހުރީ ހުސް ސުވާލުމާކެވެ. ޢައިޝާފުޅުގެ ނަޒަރުގައި އެތައް އިހުސާސެއް ވެއެވެ. އެނަޒަރު ތޫނެވެ. އެނަޒަރުގައި ރިހުމެއް ހުއްޓެވެ. ޝަކުވާތަކެއްވެސް ހުއްޓެވެ. ހަމައެއާއި އެކު ބިރުވެރިކަމާއި ނުތަނަވަސްކަންވެސް އެކުލެވެއެވެ. ދެމީހުންގެ ދެމެދުގައި އޮތީ ހަމަ ހިމޭންކަމެކެވެ. ހީވަނީ ތޫފާނަކަށް ތައްޔާރުވާން ވަގުތުކޮޅެއް ދީފައިވާހެނެވެ. ކުއްލިއަކަށް ދެމީހުން ސިއްސުވާލީ ގެއާއި މާދުުރުނޫން ހިސާބުގައި ހުރި މިސްކިތުން މުދިންބެ ގޮވަންފެށި މެންދުރު ނަމާދުގެ ބަންގިއެވެ.
” މިފޮށި ވައްދަބަލަ. އަހަރެން މިދަނީ ނަމާދަށް. ފަހަރުގައި ތިންހަމަ މަނިކު އަތުވެދާނެ މެންދުރު ކާން. ކާން ހަދާފައި ބަހައްޓާތި ހަނދާންކޮށް.” ލަކުޑި ފޮށި ޢައިޝާފުޅަށް ދިއްކޮލަމުން ޢަލިދީދީ ބުންޏެވެ. ތުރުތުރު އަޅަ އަޅާއޮތް އަތުން ޢައިޝާފުޅު އެ ފޮށީގައި ހިފިއެވެ. އަދި އަވަސް އަވަހަށްފޮތްކިޔާ ކޮޓަރިން ނުކުމެގެން ގޮސް ގޭތެރެއަށް ވަދެއްޖެއެވެ. ދެން ތުވާލި ހިފައިގެން ނުކުތެވެ. އޭރު ޢަލިދީދީގެ ޖެހުންތާ ލަކުނުވެސް ނެެތެވެ.
ތުވާލި ހިފައިގެން ގިފިއްޔަށް ނުވަދެވެނިސް ޤަމަތްދޭ އަޑު މިސްކިތުން އިވުނެވެ. ކުއްލިއަކަށް ޢައިޝާފުޅުގެ ޚިޔާލު ބަދަލުވެއްޖެއެވެ. ތުވާލި ގިފިލި ދޮރުގައި އަޅުވާލާފައި ގޮސް އެވަނީ ބަދިގެއަށެވެ. ދެން އިސާހިތަކު ތަށިތައް ހިފައިގެން ކާގެއަށް ވަދެ މޭޒުމަތީގައި މެންދުރުގެ ކެއުން އަތުރާލިއެވެ. އެއަށްފަހު ހަރުކޮށް ހިނގާފައި ގޮސް ގިފިއްޔަށްވަނެވެ. އަދި ހިމުން ދޮންވެލި އަޅާފައި ހުރި ދަޅެއް މަތިނަގައި ވެލިމުށެއް ނަގައިގެން ދަތްއުގުޅަން ފެށިއެވެ. ދޮންވެލި ލައިގެން ރަނގަޅަށް ދަތްއުގުޅާލާފައި ކޯނުދޮވެ އުޅެނިކޮށް ޢަލިދީދީ ގޮވާ އަޑު އިވުނެވެ. ގިފިލީގައި ހުރިކަން އަންގާލަން އަވަސް އަވަހަށް ފެންދާންޏެއް ވަޅުން ނަގައި ލިބާހާއި އެކު ގަޔަށް އަޅާލިއެވެ.
“އަދިވެސް ފެންވަރާ ނުނިމެނީ. އަހަރެން ނަމާދަށް ދާން ނުކުތް އިރުވެސް ފެންވަރަން ތައްޔާރުވަނީ. ހިނގާބަލަ ކާގެއަށް ކާންހަދާފަ ހުރިތޯ ބަލާލަން” އަތުގެ އިޝާރާތުން ޢަލިދީދީ ކައިރީގައި ހުރި ތިންހަމަ މަނިކަށް ގޮވާލާފައި ބުންޏެވެ. “ކާން ހެދީމަކަންނޭނގެ އެ ލަސްވަނީ ފެންވެރުން. ހިނގާ ދެން އަވަހަށް ކާންދޯ.” ޢަލިދީދީ ބުނެލިއެވެ. ދެއެކުވެރިން މެންދުރުގެ ކެއުމަށް އިންސާފުކުރަން މޭޒުކައިރީގައި އިށީނެވެ.
އޭރު ޢައިޝާފުޅު ފަސްވަރަކަށް ދާނި ގަޔަށް އަޅާލާފައި ވަޅުދޮށުގައި ހުރި ގޮތަށް ހުރެގެން އެބަ ލޯފެހެއެވެ. އަތުގައި ތެމިފޯވެ ކުދިކުދިވެފައިވާ ކަރުދާސްކޮޅުތަކެއް ހުއްޓެވެ. އެއީ ޢަލިދީދި ސިޓީލިޔާފޮތުން އޭރު އެކަނޑާލާފައި ފޮރުވަންވެގެން ލިބާހުގެ ކަރުވަޅަށް އެލީ ކަރުދާސް ގަނޑެވެ. ޢަލިދީދީ އަންނަންވާއިރަށް ކާންހަދާފައި ފެންވަރާ ތައްޔާރުވާން އަވަސް ކުރަން ހަދައިގެން ކަރުދާސްގަނޑު މަތިން ހަދާން ނެތުނީއެވެ. އަދި ޢަލިދީދީ ގޮވާލި އަޑަށް ގިފިލީގައި ހުރިކަންއަންގާލަންވެގެން އަވަސްއަވަހަށް ލިބާހައި އެކު ފެން އަޅާލެވުނީއެވެ. ދެން ލިބާސްބާލާފައި ބަލާލިއިރު އެގަނޑަށްވާނެ އެއްޗެއް ވެނިމިއްޖެއެވެ. އެއާއި އެކު ޢައިޝާފުޅަށް ކުރާނެކަމެއް ނޭނގުނެވެ. ހިފެހެއްޓުމެއްނެތި ކަރުނަ އޮހޮރިގަތެވެ. ޢަލިދީދީ ލިޔެފައިވަނީ ކޮން އެއްޗެއްކަން ނުވެސް ކިޔުނެވެ. އަދި ޢަލިދީދީ ސުވާލުކޮށްފިއްޔާ ދެން އެގަނޑެއް އަބުރާ އޭނާގެ އަތަށް ޢައިޝާފުޅަށް ރައްދެއްވެސް ނުކޮށްދެވޭނެއެވެ. މިފަދަ ޚިޔާލުތަކެއްގައި ހުރެ ފެންވަރާނިމިގެން ގޭތެރެއަށްވަދެ ނަމާދު ދޮޅި އަޅައިގެން މެންދުރު ނަމާދު ކޮށް އަވަދިވެގެން ނުކުމެ ބަދިގެފަރާތަށް ދިޔައިރުވެސް ކާގޭގައި ޢަލިދީދީމެން ތިއްބެވެ. ކައިނިމިގެން ދުފަނީއެވެ.
” މަނިކާ އެއީ ވަރަށް އެހެންކަހަލަ ވާހަކައެއް. އެޒަމާނުގައިވެސް މި އަންހެނުން ހަމަ އެހެން.” ޢައިޝާފުޅު ބަދިގެއާއި އަރާހަމަވި އިރު ޢަލިދީދީ ހީހީފަ މަނިކާދިމާލަށް އެހެން ބުނިއަޑުއިވުނެވެ. އިވޭކަމަށްވެސް ނުހަދާ ގޮސް ބަދިގެ ތެރެއަަށްވަނެެވެ.
” އެހެންތަ. ދެން އެހެންވިއްޔާ އަވަސް ކުރޭ. މިހާރު ތިޔަ ބުނާ އެއްޗެއް ނުކިޔާ ދެނެއް ކެތެއްނުވާނެ.” މަނިކު އަގައަށް ފޯފޮއްޗެއްލަމުން ބުނެލިއެވެ.
” އަހަރެންތަ އަދިވެސް މި ލަސްކުރަނީ. ހިނގާދާން ފޮތްކިޔާ ކޮޓަރިއަށް. މިތާ ތިބެގެން އެކަމެއް ނުވާނެ.” ޢަލިދީދީ ގޮނޑިން ތެދުވަމުން ބުންޏެވެ. މަނިކު ހީވީ މީހަކު އޭނާގައިގައި ވިކައިގަނެގެން ފުއްމައިގަތްހެނެވެ. ކުއްލިއަކަށް ގޮޑިންތެދުވެ ކާގެއިން އަވަހަށް ނުކުންނަން ހަދައިގެން ދޮރުގެ ކަނުގައި ބޯވެސް ޖެހިއްޖެއެވެ. ދެން ބޮލުގައި އަތްކާއްތަމުން ޢަލިދީދީ ފަހަތުން ގޮސް އެވަނީ އެބުނާ ކޮޓަރިއަކަށެވެ.
މިޒާޖު ތަޣައްޔަރުވެފައި ހުުރި ޢައިޝާފުޅު މަނިކަށް ވީގޮތް ފެނި ހެމުން ހެމުން ބަދިގެއިން ނުކުމެ ކާގެއަށް ވަދެ ތައްޓަށް ބަތްއަޅާ ގަރުދިޔަ އަޅާ މޮޑެ އަތްނުލެވެނީސް އެއްކަލަ ދެވެރިން ކޮޓަރިންނުކުމެއްޖެއެވެ. ތައްޓާ ދިމާލަށް ދިޔައަތް އޮތީ ޢައިޝާފުޅުގެ މޭމަތީގައެވެ. ޢަލިދީދީއާއި މަނިކާ ދެމީހުން ކާގެއާއި ދިމާއަށް ހިނގާފައި އަންނަތަން އޭނާއަށް އެބަފެނެއެވެ. އެމީހުންގެ ފިޔަވަޅުތައް ގާތްވާވަރަކަށް ޢައިޝާފުޅުގެ ނޭވާކުރުވާ ހެން ހީވެއެވެ. މޫނުމަތިން އޮށްދާ ހިއްލާފިއެވެ.
” އަލްޙަމްދުލިއްލާހި” ފުންނޭވާއެއްލައިފަ ޢައިޝާފުޅަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ. އެއީ ކާގެއަައި ހަމައަށް ނައިސް އެދެވެރިން ގޭގެ މައިދޮރުން މަގުމައްޗަށް ނުކުމެގެންތިޔަ ތަން ފެނުނީމައެވެ.
އަވަސް އަވަހަށް ތައްޓަށް އަތްލާ ބަތް މޮޑެންފެށިއެވެ. ދެން ދެތިން ސުވާ އަވަސް އަވަހަށް ދިރުވާލިއެވެ. އަދި ތޮޅުމިރުހެއް ނަގާ ހަފާލިއެވެ. ކުއްލިއަކަށް ސިއްސައިގެން ގޮސް އިސްއުފުލާ ބަލާލިއެވެ. “ޢައިޝާފުޅާ”އޭ ކިޔާ ގޮވާލި އަޑަށެވެ.ކުރިމަތީގައި ހުރީ ޢަލިދީދިއެވެ. އޭނާގެ މޫނުމަތީގައި ވަނީ ނުރުހުންތެރިކަމުގެ ރުލެވެ. ވަގުތުން ޢައިޝާފުޅަށް އެމޫނުން އެދެއްކިވާހަކަ އެގުނު ކަހަލައެވެ. ސިފައިންގެ ބޭކަލެއްގެ ކުރިމަތީގައި ކުށްވެރިއަކު އިންނަ ގޮތަށް ޢައިޝާފުޅު އިނެވެ.
” ކޮބާ އަހަރެންގެ ސިޓީލިޔާ ފޮތުން ކަޑާލި ގަނޑު” ޢަލިދީދީ ބަރު އަޑަކުން ބުނެލިއެވެ.
” ކީކޭ؟ ކޮން ގަނޑެއް” އަޅަ އަޅައިގަންނަމުން ޢައިޝާފުޅު އިސްދަށަށް ޖަހަމުން ބުނެލިއެވެ.
” އަހަރެންގެ ފޮތުން މިއަދު ތި ދެއަތުން ކަނޑާލި ގަނޑު ކޮބައި ހޭ؟” ކުރިއަށް ވުރެ ބާރަށް ޢަލިދީދީ ރައްދު ދިނެވެ. އަދި އެއަށްވުރެ ބާރަށް ޢައިޝާފުޅު ފެށީ ރޯށެވެ.
” އަހާ ތިޔަވީ ކީއް” ހައިރާންވެގެން ހުރެ ޢަލިދީދީ ބުންޏެވެ. ކުޑަ ހިނދުކޮޅެއް ފަހުން ޢަލިދީދީ އެފެށީ ބާރުބާރަށް ހޭށެވެ. ހެމުން ހެމުން ޢައިޝާފުޅުގެ ބޮލުގައި ފިރުމާލިއެވެ.
” ތިޔަވަރުގެ ކަމަކާއި ތިޔަ ރޮނީ. މައްސަލައެއް ނެތޭ. އަހަރެން ހީކުރީ ޢައިޝާފުޅަށް ވާހަކަ ރީތިވެގެން އެ ރައްކާކުރަން ނެގީކަމަށް. އެވާހަކަ ރީތިދޯ.”
” އަހަރެން އެވާހަކަ ނުކިޔާ އުޅެނިކޮށް އެހެންވީ” ޢައިޝާފުޅު ގަނޑަށް ވީގޮތް ކިޔައިދިނުމުން ޢަލިދީދީ އިހުނަށްވުރެ ބާރަށް ހީގަތެވެ. މިފަހަރު އެހިނިގަނޑުގައި ހިސާބަކަށް މަލާމާތްވެސް އެކުލެވޭ ކަހަލައެވެ. އޭނާ ހުއްޓާނުލައި ހަމަ ހެނީއެވެ. ޢައިޝާފުޅު ބަތްކައި ނިމިގެން ތަށިތައް ނަގާނިމުނު އިރުވެސް ޢަލިދީދީގެ ހުނުންގަނޑު ނުނިމެއެވެ.
” އަޅެ ބުނެބަލަ ދެން ކީއްވެ. އެވާހަކަ ނުކިޔާ ކިހިނެއް ރީތިކަން އެގުނީ.” ޢަލިދީދީ އޭރުވެސް ހެމުން ދިޔައެވެ.
” ބަލަ އެއީ ވާހަކަ އަކަށްވެގެން އެރީތިވެގެން ނެއްނޫން ފޮރުވީ. އެގަނޑުގައި ދެއަނބިންގެ ވާހަކަ މިހެއް ޖަހާފަ އިންތަން ފެނިގެން ނެގީ” ކުޑަކޮށް ލަދުގަނެފައި ހުރެ ޢައިޝާފުޅުބުންޏެވެ. ޖަވާބު ކަންފަތުގައި ޖެހުމާއި އެކު ޢަލިދީދީގެ ބަނޑުގައި އަތްއަޅާ މޭޒުކައިރީގައި އިން ގޮނޑި ދަމާލާފައި އިށީނީ ހިތްހަމަޖެހޭވަރަށް ހޭށެވެ. އޭނާއަށް ހެވުނު ވަރެއްވެސް ނޭނގެއެވެ. މިފަހަކުން ދުވަހު މިވަރަށް އޭނާއަށް ހެވުނުހެނެއް ހީނުވެއެވެ. އެވަރަށް އޭނާ ހިފީއެވެ.
“އަޅެ ބުނެބަލަ އެއީ ސީޓީއެއްތަ ނޫނި ވާހަކައެއްތަ؟” އަދިވެސް ޝައްކުނުފިލާހުރެ ޢައިޝާފުޅު ބުންޏެވެ.
” ސާބަސް. އަހަރެން ކާކަށްތަ ސީޓީ ލިޔަންވީ. ސިޓީ ލިޔެގެން ހޯދިމީހާ ކައިރީގައި ހުއްޓާ ކީއްކުރަންތަ ދެން އެހެން މީހަކަށް ސިޓީލިޔަނީ” ޢަލިދީދީ ސަމާސާކޮށްލަމުން ބުންޏެވެ. އެވަގުތު ޢައިޝާފުޅު ހަމަ ރަނގަޅަށްވެސް ލަދުގަތެވެ. ޅަދުވަހުގެ ހަނދާންތައް އައުވިއެވެ. އެއީ މީގެ ތިރީސް އަހަރު ކުރިއެވެ. ހަމަ މިކަހަލަ މެންދުރުގެ ވަގުތެކެވެ. (ނުނިމޭ)