ދީނީ ޢިލްމުވެރިންނަކީ ސަލަފިއްޔާއަށް ގޮސް އެއްޖިންސުން ޖިންސީ ގުޅުން ހިންގަންއުޅޭ ބައެއްކަމަށް ބުނެ، ކުރީގެ ރައީސް ނަޝީދު ދައްކާފައިވާ ވާހަކަތަކަށް، ރާއްޖޭގެ ގިނަ ޢިލްމުވެރިންތަކެއް ރައްދު ދެއްވަމުން އެބަގެންދަވައެވެ.
ޢިލްމުވެރިން އެބޭފުޅުންގެ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރައްވައި ރައީސް ނަޝީދަށް ރައްދު ދެއްވަމުންގެންދަވަނީ ސަލަފިއްޔާއިން ކިޔަވައި ވިދާޅުވި ދީނީ ޢިލްމުވެރިންނަށް ނިސްބަތްކޮށް އެބޭފުޅުންނަކީ އެއްޖިންސުން ގުޅުން ހިންގާ ބައެއްކަމަށް ކުރީގެ ރައީސް ނަޝީދު ސިފަކޮށްފައިވާތީއެވެ.
މިހިނގާ އޭޕރީލް މަހުގެ 2 ވަނަ ދުވަހުގެ ރޭ ނ.އަތޮޅު ކުޑަފަރީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން ރައީސް ނަޝީދު ބުނެފައިވަނީ “އަޅުގަނޑުމެން، އަޅުގަނޑުމެން، މާލެ ތެރޭގައި އުޅެއުޅެފައި، ސަލަފިއްޔާ އަށް، މިތަނުގެ މާލެ ތެރޭގައި އުޅެއުޅެފައި، ސަލަފިއްޔާއަށް ގެންގޮސްފައި، އެތަނުގައި އެއްޖިންސުން ގުޅުން އުފައްދާން އުޅެއުޅެފައި، ދެން ތިމަންނާ މީ މިވެނި އެއްޗެއްކޭ އެވެނި އެއްޗެކޭ ކިޔާފައި، އައިގޮތަށް، އަންނަ ގޮތަށް ރާއްޖެއައިސް، މާދީނީ ބޭފުޅެކޭ ކިޔައިގެން ވާހަކަ ދައްކައި، ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުން ނޫންކަމެއް މިއަދު މިބޭފުޅުން ނުކުރެ، އެއީ ދީނީ ދަންނަ ބޭކަލުންނެއް ނޫން. އެއީ ފިތުނަޔާއި ފަސާދަޔާއި، މާތް ރަސްކަލާނގެ ނަހީ ކުރައްވާފައިވާ ހުރިހާ ކަމެއް ކުރަމުން ހިނގާ މީހުން” އެވެ.
ތިރީގައި އެވަނީ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި ބައެއް ޢިލްމުވެރިންގެ ބަސްފުޅުތަކެވެ.
ޑރ. މުޙައްމަދު އިޔާޟް ޢަބްދުލް ލަޠީފް – “މީހެއްގެ ބޮލުގަ ޒިނޭގެ އިލްޒާމް ނުވަތަ އެއްޖިންސުން ގުޅުން ހިންގުމުގެ އިލްޒާމު އަޅުވައިފިނަމަ 4 ހެކިން ދައްކަންޖެހޭނެ. ނޫންނަމަ 80 އެތިފަހަރުން ޤަޒުފުގެ ޙައްދު ޖަހަންޖެހޭނެ”
އައްޝައިޚް އަޙްމަދު މިޙްސަން – “ޤުރްއާނާއި ސުންނަތުގެ ޞައްޙަ މަފްހޫމް ރައްޔިތުންނަށް ބުނެދެއްވަން ތިއްބެވި ބޭފުޅުންނަކީ ޢިލްމުވެރިންކަން، މުނާފިޤުންނަށް ރަނގަޅަށް އެނގޭ. އެހެންވީމާ ކުރިން ތިބި މުނާފިޤުންގެ ބޮޑުން މާތްނަބިއްޔާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ އަނބިކަނބަލުންގެ އަބުރުފުޅު ކަތިލަން އުޅުުނުގޮތަށް މިހާރުގެ މުނާފިޤުންގެ ބޮޑުން، މިހާރުގެ ޢިލްމުވެރިންގެ އަބުރު ކަތިލަން އުޅުމަކީ ހައިރާންވާން ޖެހޭކަމެއް ނޫން. އޭރުވެސް މިހާރުވެސް އޭގެބޭނުމަކީ ރައްޔިތުންނާއި، ޤުރްއާނާއި ސުންނަތާއި އޮތްގުޅުން ކަނޑުވާލުން”
އައްޝައިޚް އިލްޔާސް ޙުސެއިން – ” ޝިރުކު ފިޔަވައި ބޮޑެތިފާފަތަކުގެތެރެއިން ފާފައެއް ކުރާމީހަކީ ފާސިޤެކެވެ. އެމީހާ ތައުބާ ނުވާހާހިނދަކު އެމީހަާގެ ޢަދުލުވެރިކަމާއި ހެކިބަސް ޤަބޫލު ނުކުރެވޭނެއެވެ. އަދި ޤަޛުފުގެ ޙައްދު ވާޖިބުވާނެ މީހެކެވެ. އަބުރު ރައްކާތެރި ކުރުމަކީ އިސްލާމްދީނުގެ މަޤުޞަދެކެވެ”.
އައްޝައިޚް ޝަފީޢު ޢަބްދުﷲ – “ދިވެހިރާއްޖޭގެ ސީނިއާރ ޢިލްމުވެރިންގެ ގިނަ ބޭފުޅުންނަކީ ޖާމިޢާ ސަލަފިއްޔާއިން ކިޔަވާ ވިދާޅުވެލައްވައިގެން ތިއްބެވި ބޭފުޅުން. ވުމާއެކު، މިފަދަ ހަޑިމުޑުދާރު ބުހުތާނެއް އެފަދަ ބޭފުޅުންގެ އިސްތަށިފުޅުގައި އެޅުވުމަކީ ދިވެހިރާއްޖޭގެ އިސްލާމީ ދައުވަތަށް ދިން ހަމަލާއެއް…”
އައްޝައިޚް ޙަސަން މޫސާ ފިކްރީ – “ލާދީނީއޭ ބުނާއިރަށް، “ތިމަންމެންގެ ވާހަކަ ނުދައްކާށޭ!” ގޮވަނީ ކޮންބައެއް ކަމާއި، އެބައެއްގެ އެޖެންޑާ ޕުރޮމޯޓުކުރަން “މުރުތައްދުކަމަށް” ފާޅުގައި އިޢުލާނު ކޮށްގެންތިބި މީހުން ތާއިދުކުރަނީ ކޮންބަޔަކަށްކަންވެސް، ދިވެހިރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގެއެވެ!”
އައްޝައިޚް މުޙައްމަދު ލަޠީފް – “ﷲ ގެ ދީނުގެ ދުޝްމަނުން މީގެކުރިންވެސްވަނީ ނަބީބޭކަލުންނާ އެބޭކަލުންނަށް ތަބާވީ މީހުން ޤަތުލުކޮށް ބަދު އިލްޒާމު އަޅުވާފަ! މިއަދު އެފަދަ މުޖުރިމަކު މުސްލިމުންގެ ތެރޭގައި ފާޙިޝްކަންތައްތައް ފެތުރުމަށް ކެޑިނޭޅި ޢިލްމުވެރިންގެ އަބުރު ކަތިލަމުންދިއުމަކީ ޙައިރާންވާންޖެހޭ ކަމެއްނޫން!”
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު – “މަނިކުފާނު ކޮންމެ ފަހަރަކު ޞަޙީޙު މުސްލިމު ނެރެން ދާ ޖަލްސާގައި އެ ނެރޭ ފޮތް ތަރުޖަމާ ކުރައްވާ ޢިލްމުވެރިޔާ ކިޔެވީ ކޮންތާކުން ހެއްޔެވެ؟ މަނިކުފާނުގެ ވެރިކަމުގެ އިސްލާމިކް މިނިސްޓަރު ކިޔެވީ ކޮންތާކުން ހެއްޔެވެ؟ މަނިކުފާނަށް ނަޞްރުދޭ ޢިލްމުވެރިންގެ ތެރޭގައި ސަލަފިއްޔާއިން ކިޔެވި މީހުން އެބަ ތިއްބެވިއެވެ. މިއެންމެންނަކީ އެއްޖިންސުންގުޅުން ހިންގާ މީހުން ހެއްޔެވެ؟”
އައްޝައިޚް ޢަބްދުއްސަލާމް ބިން ދާވޫދު – “ﷲ އާއި ރަސޫލު صلى الله عليه وسلم އަށް ކުޑައިމީސްކޮށް ހިތުން ފަންނުކަމުގައި ދެކޭއިރު، ‘އޭނާ’ ޑރ.މަޖީދު، ޑރ.ޒާހިރު، ޝައިޚް ޙުސޭނުފަދަ ޖާމިޢާސަލަފިއްޔާއިން ކިޔަވާވިދާޅުވި ބޭބޭފުޅުންނަށް އެއްޖިންސުން ގުޅުން ހިންގާކަމުގެ ތުހުމަތުކުރުމަކީ ޙައިރާންވާކަމެއް ނޫން”
އައްޝައިޚް ޢަލީ ޒަޢިދު – “އަޅުގަނޑުގެ ސުވާލު. އެއްޖިންސުން ގުޅުންހިންގުން އެއީ ޙައްޤެއްކަމަށް ވަކާލާތުކޮށް، އެއީ ހަޑިކަމެއް ނޫންކަމަށް ވިސްނައިދޭން އުޅޭ ގުރޫޕު، އެނބުރެނީ ކާކުވަށާތޯ؟ މިކަހަލަ ނުބައި އެޖެންޑާ އޮތީމަ އަޅުގަނޑަކަށް އެ ހަޖަމެއް ނުވާނެ!
އައްޝައިޚް ޒަމްޒަމް ފާރިޝް – “އެއްޗެއް ވައްޓައިލާން ބޭނުންނަމަ އެއެއްޗެއް އުފުލައިގެން ތިބޭމީހުން ފައި ދަތިއަޅުވައި ވައްޓައިލުމުން އުފުލައިގެން ހުރި އެއްޗެއްވެސް އެބަޔަކާ އެކީގައި ވެއްޓިގެން ދާނެއެވެ. އިސްލާމްދީން އުފުލަންތިބި ބަޔަކީ އެ ދީނުގެ ޢިލްމުވެރިންނެވެ. އުއްމަތުގެ ޢިލްމުވެރިންގެ އަގު އެކީ އެކައްޗަކަށް ވައްޓައިލުމުން އުންމަތަށް ބޮޑެތި ގެއްލުންތައް ލިބެން ފަށައެވެ. ދީން ބުނެދެއްވަން ތިއްބެވި ޢިލްމުވެރި ބޭކަލުންނާމެދުގައި ބުހުތާނުހަދައި އިތުބާރު ގެއްލުވާލަން މަސައްކަތް ކުރުމަކީ އެންމެ ކުރިއްސުރެ ކުރެވެމުން އަންނަ ކަމެކެވެ. އެންމެ ފުރަތަމަ ނަބިއްޔާ صلى الله عليه وسلـم ގެ އަބުރުފުޅެވެ. ދެން އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންގެ އެވެ. އެއާއެކީ، މަތިވެރި ޞަޙާބީންގެ އެވެ. ދެން އެއާޖެހިގެން ވަޑައިގެންނެވި ޢިލްމުވެރިންގެ އެވެ. މިހެންގޮސް މިއަދާ ހަމަޔަށްވެސް މެއެވެ.”
ސަލަފައިއްޔާއަކީ، ޕާކިސްތާނުގެ ފައިޞަލް އާބާދުގައި ހުންނަ، ސަރުކާރު ޔުނިވަރސިޓީއެއް ކަމުގައިވާ “ޖާމިޔާ ސަލަފިއްޔާ” އެވެ. މި ޔުނިވަރސިޓީއިން ކިޔަވައި ވިދާޅުވެފައިވާ ގިނަ ޢިލްމުވެރިންނަކީ އިސްލާމީ އުއްމަތަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، އަދި މިއަދުވެސް ކުރައްވަަމުން ގެންދަވާ، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ޤަދަރާއި އިޙްތިރާމް އެބަޔަކަށް ލިބިލައްވާފައިވާ ޚިދުމަތްތެރި ދަންނަބޭކަލުންތަކެކެވެ. މި ޔުނިވަރސިޓީއިން ކިޔަވައި ވިދާޅުވެފައިވާ ރާއްޖޭގެ ޢިލްމުވެރިންގެ ތެރޭގައިވެސް އެތައް ދީނީ ޢިލްމުވެރިންނެއް ހިމެނެއެވެ.