ސަލަފްފޯރަމް ގެ ނަމުގައި ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން މިއަންނަ ހުކުރު ދުވަހުގެ ރޭ އަމީނިއްޔާ ސްކޫލުގައި ބާއްވަން އުޅުނު ’ސަލަފްފޯރަމް 6‘ އެންމެފަހުން ފުރުޤާން މިސްކިތުގައި ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.
ސަލަފްފޯރަމް ފުރުޤާން މިސްކިތުގައި ބާއްވަން ހަމަޖައްސާފައިވަނީ މިއަންނަ ހުކުރު ދުވަހުގެރޭ އަމީނިއްޔާ ސްކޫލުގައި ބޭއްވުމަށް ހަމަޖައްސައި އެކަމަށް ފައިސާވެސް ދައްކައި ހުރިހާކަމެއް ތައްޔާރުވެފައިވަނިކޮށް ފަހުވަގުތު އެސްކޫލު ލިބޭގޮތް ނުވުމުގެ ސަބަބުންނެވެ. އެޑިއުކޭޝަންގެ ބޭނުމަކަށްކަމަށްބުނެ ޖަމްޢިއްޔަތުއްސަލަފަށް އެސްކޫލުގެ ހޯލު ނުުދިނުމުގެ ސަބަބުން ފޯރަމް މިހާރު ބާއްވާގޮތަށް ހަމަޖައްސާފައިވަނީ މިއަންނަ ހުކުރު ދުވަހުގެ ރޭ ޢިޝާ ނަމާދަށްފަހު ފުރުޤާން މިސްކިތުގައެވެ.
އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތަކުގެތެރެއިން ’ދީން ޙިމާޔަތް ކުރުން‘ މި މައުޟޫއަށް ކުރިއަށްގެންދާ ފޯރަމުގައި 3 ޢިލްމުވެރިއަކު ވާހަކަފުޅު ދައްކަވާނެއެވެ. އެއީ އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް، އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް އަދި އައްޝައިޚް ޢަބްދުއްސަލާމް ބިން ދާޥޫދު އެވެ.
މި ފޯރަމަކީ ފާއިތުވީ ފެބްރުއަރީ 1 ވަނަ ދުވަހުގެ ރޭ ޢަރަބިއްޔާ ސްކޫލުގެ ހޯލުގައި ބާއްވަން ހަމަޖެއްސި ފޯރަމެކެވެ. ނަމަވެސް އެފަހަރު ފޯރަމް ބޭއްވިފައިނުވަނީ އިސްލާމިކް މިނިސްޓްރީއިން ފޯރަމް ކުރިއަށް ގެންދިއުން މަނާކުރުމުގެ ސަބަބުންނެވެ. އެފަހަރުވެސް ފޯރަމް ބޭއްވޭގޮތް ވެފައިނުވަނީ، ޢަރަބިއްޔާ ސްކޫލްގެ ހޯލް ހަމަޖައްސައި، އެސްކޫލަށް ފައިސާވެސް ދައްކާފައިވަނިކޮށެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ނަގަންޖެހޭ ހުއްދަތަކެއް ނުނަގައި އޮތްކަމަށް ބުނެ އެފޯރަމް ބޭއްވުން މަނާކޮށްފައިވަނީ އިސްލާމިކް މިނިސްޓްރީގެ އެންގުމަށެވެ. އެއާއެކު ޖަމްޢިއްޔަތުއްސަލަފުން ހާމަކޮށްފައިވަނީ، ހަމަޖެހިފައިވާ އުސޫލާއި ޤާނޫނުގެ ދަށުން، ނަންގެންޖެހޭ އެންމެހައި ހުއްދަތަކެއް ނަގައިފައިވާނެކަމެވެ. އަދި އިތުރު ހުއްދައެއް ނަގަން މިނިސްޓްރީ އިން އަންގަމުންދަނީ އެގޮތަށް ޢަމަލުކުރުމަށް އޮތް އެއްވެސް ޤަވާޢިދެއްގެ ދަށުން ނޫންކަމުގައިވެސް ޖަމްޢިއްޔާއިން ބުނެމުންދެއެވެ.