އިމާމް އަބޫދާވޫދު -ރަޙިމަހުﷲ- އެކަލޭގެފާނުގެ ‘އައްސުނަން’ އޭ ކިޔުނު މަޝްހޫރު ޙަދީޘް ފޮތުގައި ރިވާކުރައްވާފައިވާ ވާހަކައެއްގައި ވެއެވެ. އެއްދުވަހަކު އުޘްމާން ރަޟިޔަﷲ ޢަންހުގެ ދަރިންކަލެއްކަމަށްވާ އަބާން ބިން ޢުޘްމާން އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހުން ރިވާކުރައްވާފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ. މީހަކު ހަވީރު بِسْمِ اللَّهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الْأَرْضِ وَلَا فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ މި ޛިކުރު ތިންފަހަރު ކިޔައިފިނަމަ އަނެއްދުވަހުގެ ފަތިސްވަންދެން އޭނާއަށް ކުއްލި މުޞީބާތެއް ކުރިމަތިނުވާނެއެވެ. އަދި ހެނދުނު މި ޛިކުރު ތިންފަހަރު ކިޔައިފިނަމަ އެދުވަހުގެ އިރުއޮއްސެންދެން އޭނާ އެންމެހައި ކުއްލި މުޞީބަތްތަކުން ސަލާމަތްވެގެންވާނެތެވެ.
މިވާހަކަ ޢަބާން ކިޔައިދެއްވިތާ މާގިނަ ދުވަސްތަކެއްނުވަނީސް އެކަލޭގެފާނުގެ ހަށިގަނޑުގެ އެއްފަޅި ވާގިނެތުނެވެ. އެހިނދު އެއްކަލަ ޛިކުރުގެ ވާހަކަ ކިޔައިދިން މަޖިލިސްގައިން މީހަކު އެކަލޭގެފާނާއި ދިމާއަށް ޝައްކުގެ ނަޒަރަކުން ބަލަށްފެށިއެވެ. އެކަން އެނގިވަޑައިގެން ވިދާޅުވިއެވެ. ﷲ ގަންދީ ބުނަމެވެ. އަހުރެން އަހުރެންގެ ބައްޕަގެ މައްޗަށް ދޮގެއް ނުހަދަމެވެ. އަދި އަހުރެންގެ ބައްޕަ ޢުޘްމާން ރަޟިޔަﷲ ޢަންހުނަބީކަލޭގެފާނުގެ މައްޗަށްކަށްވެސް ދޮގެއްނުހައްދަވައެވެ. އަހަރެންގެ ހަށިގަނޑު ވާވި ދުވަހަކީ އަހުރެންކަމަކާއި ވަރަށް ބޮޑަށް ރުޅިގަދަވެގެން އުޅުނު ދުވަހެކެވެ. އެކަމުގެ ސަބަބުން އެ ޛިކުރު އެދުވަހު ކިޔަން އަހަރެން ހަނދާންތުނެވެ.
އޭ ލޮބުވެތި މުސްލިމުންނޭވެ! ހަމައެކަނި މާއްދީ ސަބަބުތަކުގައި ހިފައިގެން ނުތިބޭށެވެ! ރޯގާއިން ސަލާމަތްވުމަށް އަތް ދޮންނަން ސަމާލުކަންދޭ ފަދައިން މިފަދަ ޛިކުރުތަކާއި ދުޢާތައް ކިއުމަށްސަމާލުވާށެވެ. އެއީ ދެދުނިޔޭގައިވެސް ރައްކާތެރިކަމާއި ގުޅިލާމެހިފައިވާކަމެކެވެ. ހަމަކަށަވަރުން ﷲ ފިޔަވައި މުޞީބާތްތަކުން އަހަރެމެން ރައްކާތެރިކޮށްދެވޭނެ އެހެން އެއްވެސްފަރާތެއް ނުވެއެވެ.