ޢަޤީދާގެ 200 ސުވާލާއި ޖަވާބު (10): ސުވާލު 41 އިން 45 އަށް

ސ41 : ތަފްޞީލުގޮތެއްގައި އީމާންކަން ބިނާވެގެންވަނީ ހަ ރުކުނެއްގެ މައްޗަށްކަމުގެ ދަލީލަކީ ކޮބާ؟

ޖ: ޖިބްރީލް ޢަލައިހިއްސަލާމް އީމާންކަމާއި ބެހޭގޮތުން ސުވާލު ދެންނެވުމުން، ނަބިއްޔާ ޞައްލަﷲ ޢަލައިހިއްސަލާމް ޙަދީޘްކުރެއްވިއެވެ. ((أَنْ تُؤْمِنَ بِاللَّهِ، وَمَلاَئِكَتِهِ، وَكُتُبِهِ، وَرُسُلِهِ وَالْيَوْمِ الآخِرِ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ))([1]) މާނައީ: “އެއީ ﷲއަށާއި، އެއިލާހުގެ މަލާއިކަތުންނަށާއި، ފޮތްތަކަށާއި، ރަސޫލުންނަށާއި، އާޚިރަތްދުވަހަށް ތިބާ އީމާންވުމެވެ. އަދި ޤަދަރުގެ ހެޔޮ މިންވަރަށާއި ނުބައި މިންވަރަށް އީމާންވުމެވެ.”

ސ42 : ތަފްޞީލުގޮތެއްގައި އީމާންކަން ބިނާވެގެންވަނީ ހަ ރުކުނެއްގެ މައްޗަށްކަމުގެ ޤުރުއާނުގެ ދަލީލަކީ ކޮބާ؟

ޖ: ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ﴿لَيْسَ الْبِرَّ أَنْ تُوَلُّوا وُجُوهَكُمْ قِبَلَ الْمَشْرِقِ وَالْمَغْرِبِ وَلَكِنَّ الْبِرَّ مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ وَالْمَلَائِكَةِ وَالْكِتَابِ وَالنَّبِيِّينَ﴾   البقرة: ١٧٧  މާނައީ: “ހެޔޮކަމަކީ (ހަމައެކަނި) އިރުމަތިފަރާތަށް ނުވަތަ ހުޅަނގުފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތި ކުރުމެއް ނޫނެވެ. އެހެނެއް ކަމަކު، ހެޔޮކަންކުރާ މީހާއީ، ﷲއަށާއި އާޚިރަތްދުވަހަށާއި މަލާއިކަތުންނަށާއި ފޮތަށާއި ނަބިއްޔުންނަށް  އީމާންވި މީހާއެވެ.” އަދި ވަޙީ ކުރައްވާފައިވެއެވެ. ﴿إِنَّا كُلَّ شَيْءٍ خَلَقْنَاهُ بِقَدَرٍ﴾   القمر: ٤٩  މާނައީ: “ހަމަކަށަވަރުން، ތިމަންއިލާހު ކޮންމެއެއްޗެއް ހައްދަވާފައިވަނީ، ކަނޑައަޅުއްވާފައިވާ ވަކިމިންވަރަކަށެވެ.” އަދި މީގެ ކޮންމެ ރުކުނެއްގެ ދަލީލު ވަކިވަކިން ނަންގަނެވޭ ހުއްޓެވެ. إن شاء الله.

ސ43 : ﷲ عزّ وجلّއަށް އީމާންވުމުގެ މާނައަކީ ކޮބާ؟

ޖ: އެއީ؛ އެކަލާނގެ ޛާތުފުޅު ވުޖޫދުވެގެންވާކަމަށް ހިތުގެ އަޑިން ވަރުގަދަވެގެންވާ ތެދުކުރުމަކުން ތެދުކުރުމެވެ. އެކަލާނގެއީ؛ އެކަލާނގެ ކުރިން އެއްވެސް ފަރާތެއްނުވާ، އަދި އެކަލާނގެ ފަހުންވެސް އެހެން ފަރާތެއް ނާންނާނެ ކަލާނގެއެވެ. އެކަލާނގެއީ އެންމެ ފުރަތަމަވެސް ވޮޑިގެންވި ކަލާނގެއެވެ. އެކަލާނގެ ކުރިން އެއްވެސް އެހެން ފަރާތެއް ނުވެއެވެ. އަދި އެކަލާނގެއީ އެންމެފަހުންވެސް ވާނެ ކަލާނގެއެވެ. އެކަލާނގެއަށްފަހުގައި އެއްވެސް އެހެން ފަރާތެއް ނުވެއެވެ. އަދި އެންމެހާ ތަކެތީގެ މައްޗަށް ވެރިވެވޮޑިގެންވާ ކަލާނގެއެވެ. އެކަލާނގެއަށްވުރެ މަތީގައި އެއްވެސް ފަރާތެއްނުވެއެވެ. އަދި ވަންހަނާވެވޮޑިގެންވާ ފަރާތެވެ. އެކަލާނގެ ފަހަތްޕުޅުގައި (އެކަލާނގެއަށްވުރެ ބޮޑަށް) ވަންހަނާވެގެންވާ ފަރާތެއް ނުވެއެވެ. ދިރިދެމިވޮޑިގެންވާ، އެންމެހާ ކަންކަން ހިންގެވުމުގައި ޤާއިމުވެވޮޑިގެންވާ ކަލާނގެއެވެ. އެއްކައުވަންތަ، އެންމެހާ ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އަދި އެއްވެސް އެއްޗަކަށް، އެކަލާނގެ ބޭނުންވެވޮޑިގެންނުވާ ކަލާނގެއެވެ. ﴿لَمْ يَلِدْ وَلَمْ يُولَدْ * وَلَمْ يَكُن لَّهُ كُفُوًا أَحَدٌ﴾   الإخلاص: ٣-٤  މާނައީ: “އެކަލާނގެއަކަށް އެއްވެސް އެއްޗެއް އުފަންވެގެނެއް ނުވެތެވެ. އަދި އެއްވެސް އެއްޗަކަށް އެކަލާނގެ އުފަންވެވޮޑިގެނެއް ނުމެވޭމެއެވެ. އަދި އެކަލާނގެއާ އެއްފަދަވެގެންވާ، ހަމައެކަކުވެސް ނުވެތެވެ.” އަދި އެކަލާނގެ އިލާހުވަންތަކަމަށާއި، ރައްބުވަންތަކަމަށާއި، އެލާނގެ އިސްމުފުޅުތަކުގައްޔާއި ޞިފަފުޅުތަކުގައި އެކަލާނގެ އެއްކައުވަންތަކުރުމެވެ.

ސ44 : އިލާހުވަންތަކަމުގައި ﷲ އެއްކައުވަންތަކަން (تَوْحِيْدُ الإِلـٰهِيَّة) އަކީ ކޮބާ؟

ޖ: އެއީ ބޭރާއި އެތެރެފުށުގެ ބަސްތަކުންނާއި ޢަމަލުތަކުންވެވޭ އެންމެހާ އަޅުކަމެއްގައި ﷲ عزّ وجلّ އެއްކައުވަންތަކުރުމެވެ. އަދި އެކަލާނގެ ފިޔަވައި އެހެންއެއްވެސް ފަރާތަކަށް އަޅުކަންކުރުން ނަފީ ކުރުމެވެ. އެއީ ކޮންމެ މީހެއްކަމުގައި ވީނަމަވެސްމެއެވެ. އެކަލާނގެ ވަޙީ ކުރައްވާފައިވާ ފަދައިންނެވެ. ﴿وَقَضَى رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ﴾   الإسراء: ٢٣ މާނައީ: “އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށް ކަލޭގެފާނުގެ ވެރިއިލާހު ކަނޑައެޅުއްވިއެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿وَاعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا﴾   النساء: ٣٦ މާނައީ: “ތިޔަބައިމީހުން، ﷲއަށް އަޅުކަންކުރާށެވެ. އަދި، އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރާށެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿ إِنَّنِي أَنَا اللَّهُ لَا إِلَهَ إِلَّا أَنَا فَاعْبُدْنِي وَأَقِمِ الصَّلَاةَ لِذِكْرِي﴾   طه: ١٤ މާނައީ: “ހަމަކަށަވަރުން، ތިމަންއިލާހީ ﷲ އެވެ. ތިމަންއިލާހު މެނުވީ، (ޙައްޤުވެގެން އަޅުކަމެއްވެވޭ) އިލާހަކު ނުވެއެވެ. ފަހެ، ތިމަންއިލާހަށް ކަލޭގެފާނު އަޅުކަން ކުރައްވާށެވެ! އަދި ތިމަންއިލާހު ހަނދުމަކުރެއްވުމަށްޓަކައި، ނަމާދު ޤާއިމުކުރައްވާށެވެ.” މިފަދަ އެހެނިހެން އާޔަތްތަކެވެ. އަދި ޝަހާދަތުގެ ފުރަތަމަ ކަލިމައިގެ ވާހަކަތައް ނަންގަނެވުނު ބައިގައި މިކަމާއިގުޅޭ ވާހަކަތައް ނަންގަނެވި ހިނގައްޖެއެވެ.

ސ45 : އިލާހުވަންތަކަމުގައި ﷲ އެއްކައުވަންތަކަމުގެ (تَوْحِيْدُ الإِلـٰهِيَّة) އިދިކޮޅަކީ ކޮބާ؟

ޖ : އޭގެ އިދިކޮޅަކީ ޝިރުކެވެ. ޝިރުކުގެ ދެ ވައްތަރެއްވެއެވެ. އެއީ އެކީއެކައްޗަކަށް ތައުހީދު ނިގުޅައިގަންނަ ބޮޑު ޝިރުކު (الشِّرْكُ الأَكْبَرُ) އާއި، ތައުހީދު ފުރިހަމަވުމަށް ހުރަސްއަޅާ ކުޑަ ޝިރުކު (الشِّرْكُ الأَصْغَرُ)  އެވެ.


([1]) رواه البخاري (50 / 4777) ، ومسلم (الإيمان / 1، 5).