ސ76: މަލާއިކަތް ބޭކަލުންގެ ތެރެއިން، ﷲ ތަޢާލާ ކަންތައްތައް ކުރުމަށް ޙަވާލުކުރައްވާފައިވާ ބައެއް ބޭކަލުންނާއި، އެ ބޭކަލުންނާ ޙަވާލުކުރައްވާފައިވާ ކަންކަމަކީ ކޮބައިކަން ބަޔާންކުރޭ؟
ޖ: މަލާއިކަތް ބޭކަލުންގެ ތެރޭގައި، އެބޭކަލުންނާ ޙަވާލުކުރައްވާފައިވާ ޙަވާލުކުރެއްވުންތަކަށް ބަލާއިރު، ވަރަށް ގިނަ ވައްތަރުގެ މަލާއިކަތުންވެއެވެ. މިގޮތުން އެބޭކަލުންގެ ތެރޭގައި: ރަސޫލު ބޭކަލުންނަށް ވަޙީ ރައްދުކޮށް ދެއްވުމަށް ޢައްޔަނު ކުރައްވާފައިވާ ބޭކަލުންވެއެވެ. އެއީ ރޫޙުލް އަމީން ޖިބްރީލް ޢަލައިހިއްސަލާމެވެ. އަދި އެބޭކަލުންގެ ތެރޭގައި ވާރޭ ވެއްސެވުމަށް ޢައްޔަނުކުރައްވާފައިވާ ބޭކަލުންވެއެވެ. އެއީ މީކާއީލް ޢަލައިހިއްސަލާމެވެ. އަދި ތާޅަފިލި ފުންމެވުމަށް ޢައްޔަނު ކުރައްވާފައިވާ ބޭކަލުންވެއެވެ. އެއީ އިސްރާފީލު ޢަލައިހިއްސަލާމެވެ. އަދި މީސްތަކުންގެ މަރު ހިއްޕެވުމަށް ޢައްޔަން ކުރައްވާފައިވާ ބޭކަލުންވެއެވެ. އެއީ މަލަކުލްމައުތާއި އެ މާލައިކަތާގެ އެހީތެރިންނެވެ. އަދި މީސްތަކުންގެ ޢަމަލުތައް ލިޔުއްވުމަށް ޢައްޔަނު ކުރައްވާފައިވާ ބޭކަލުންވެއެވެ. އެއީ ކިރާމުލް ކާތިބީންނެވެ. (އެބަހީ: މާތްވެގެންވާލިޔުއްވާ ބޭކަލުންނެވެ.) އަދި މީސްތަކުގެ ކުރިމަތިންނާއި ފަހަތުން އެބައިމީހުން ޙިމާޔަތް ކުރެއްވުމަށް ޢައްޔަނު ކުރައްވާފައިވާ ބޭކަލުންވެއެވެ. އެއީ އަލްމުޢައްޤިބާތު ގެ ބޭކަލުންނެވެ. އަދި ސުވަރުގެއާއި އެތަނުގެ އެންމެހާ ނިޢުމަތްތަކަށް ޢައްޔަނު ކުރައްވާފައިވާ ބޭކަލުންވެއެވެ. އެއީ ރިޟްވާނާއި އެ މަލާއިކަތާއެކުގައިވާ ބޭކަލުންނެވެ. އަދި ނަރަކައާއި އެތަނުގެ ޢަޛާބުތަކަށް ޢައްޔަނު ކުރައްވާފައިވާ ބޭކަލުންވެއެވެ. އެއީ މާލިކުގެފާނާއި އެ މަލާއިކަތާއެކުގައިވާ ޒައްބާނިއްޔަ މަލާއިކަތުންނެވެ. އެބޭކަލުންގެ ތެރޭގައި އިސްކޮށް ތިއްބަވާނީ ނަވާރަ ބޭކަލުންނެވެ. އަދި ޤަބުރުގެ ފިތުނަތަކަށް ޢައްޔަނު ކުރައްވާފައިވާ ބޭކަލުންވެއެވެ. އެއީ މުންކަރު އާއި ނަކީރެވެ. އަދި ޢަރުޝި އުފުއްލެވުމަށާއި ޢަރުޝި ވަށައިގެން ތަސްބީޙަ ވިދާޅުވުމަށް ޢައްޔަނު ކުރައްވާފައިވާ ބޭކަލުންވެއެވެ. އަދި ރަޙިމުތަކުގައިވާ ނުޠުފާތައް ޚަލްޤުކުރެއްވުމުގެ ކަންތައްތަކާއި އޭގެ އެންމެހާ ކަންތައްތައް ލިޔުއްވުމަށް ޢައްޔަނު ކުރައްވާފައިވާ ބޭކަލުންވެއެވެ. އަދި ބައިތުލް މަޢުމޫރަށް([1]) ވަދެވަޑައިގަންނަވާ ބޭކަލުންވެއެވެ. އެ ގެކޮޅަށް ދުވާލެއްގެ މައްޗަށް ހަތްދިހަ ހާސް މަލާއިކަތުން ވަޑައިގަންނަވައެވެ. އޭގެފަހުގައި އެގެކޮޅަށް ވަޑައިގަތުމުގެ އިތުރު ފުރުޞަތެއް އެއިގެ ތެރެއިން ބޭކަލަކަށް ލިބިވަޑައެއް ނުގަންނަވައެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޛިކުރުކުރެވޭ މަޖިލިސްތައް ހޯދުމަށްޓަކައި ޢައްޔަނު ކުރައްވާފައިވާ ބޭކަލުންވެއެވެ. އަދި އެބޭކަލުންގެ ތެރޭގައި ހުއްޓައިނުލައި އަޅުކަންކުރާ ބޭކަލުންނާއި، އަބަދުވެސް ސަޖިދައިގައި އޮންނަވާ ބޭކަލުން، އަދި އަޅުގަނޑުމެނަށް ޚަބަރު ދެއްވާފައިނުވާ އެތައްއެތައް ބޭކަލުންނެއް ވެއެވެ. ﴿وَمَا يَعْلَمُ جُنُودَ رَبِّكَ إِلَّا هُوَ وَمَا هِيَ إِلَّا ذِكْرَى لِلْبَشَرِ﴾ المدثر: ٣١ މާނައީ: “އަދި ކަލޭގެފާނުގެ ވެރިއިލާހުގެ ލަޝްކަރުގެ ޢަދަދު، އެކަލާނގެ މެނުވީ ދެނެވޮޑިގެން ނުވެއެވެ. އަދި އާދަމްގެދަރިންނަށް ހަނދާންކޮށްދިނުމެއް ކަމުގައި މެނުވީ، އެ ނަރަކަ ނުވެއެވެ.” މަލާއިކަތް ބޭކަލުންގެ އެކިބައިތަކާ ބެހޭގޮތުން ޤުރުއާނާއި ސުންނަތުގައި ވާރިދުވެގެންވާ ނައްޞުތައް ގިނަގުނަ ވެގެންވެއެވެ.
ސ77: ﷲ ބާވާލެއްވި ފޮތްތަކަށް އީމާންވުމުގެ ދަލީލަކީ ކޮބާ؟
ޖ: މިކަމުގެ ދަލީލުތައް ގިނަގުނައެވެ. އޭގެ ތެރޭގައި: ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا آمِنُوا بِاللَّهِ وَرَسُولِهِ وَالْكِتَابِ الَّذِي نَزَّلَ عَلَى رَسُولِهِ وَالْكِتَابِ الَّذِي أَنْزَلَ مِنْ قَبْلُ﴾ النساء: ١٣٦ މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ﷲއަށާއި، އެކަލާނގެ ރަސޫލާއަށާއި، އެކަލާނގެ ރަސޫލާއަށް ބާވައިލެއްވި ފޮތަށާއި، އަދި، ކުރިން ބާވައިލެއްވި ފޮތަށް ތިޔަބައިމީހުން އީމާންވާށެވެ.” އަދި ވަޙީކުރައްވާފައިވެއެވެ. ﴿ قُولُوا آمَنَّا بِاللَّهِ وَمَا أُنْزِلَ إِلَيْنَا وَمَا أُنْزِلَ إِلَى إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ وَيَعْقُوبَ وَالْأَسْبَاطِ وَمَا أُوتِيَ مُوسَى وَعِيسَى وَمَا أُوتِيَ النَّبِيُّونَ مِنْ رَبِّهِمْ لَا نُفَرِّقُ بَيْنَ أَحَدٍ مِنْهُمْ﴾ البقرة: ١٣٦ މާނައީ: “ތިޔަބައިމީހުން ބުނާށެވެ! ތިމަންމެން ﷲއަށާއި ތިމަންމެންނަށް ބާވައިލައްވައިފައިވާ ފޮތަށާއި އަދި އިބްރާހީމްގެފާނަށާއި އިސްމާޢީލްގެފާނަށާއި އިސްޙާޤުގެފާނަށާއި، ޔަޢުޤޫބުގެފާނަށާއި، ޔަޢޫޤުބުގެފާނުގެ އަސްބާޠުންނަށް ބާވައިލައްވައިފައިވާ ފޮތްފޮތަށާއި، އަދި މޫސާގެފާނަށާއި ޢީސާގެފާނަށް ދެއްވާފައިވާ ފޮތަށާއި އަދި (އެހެނިހެން) ނަބިއްޔުންނަށް، އެބޭކަލުންގެ ވެރިއިލާހުގެ ޙަޟްރަތުން ދެއްވާފައިވާ ފޮތްފޮތަށް އީމާންވީމެވެ. ތިމަންމެން އެއިން އެއްވެސް ބޭކަލަކާމެދު ތަފާތެއް ނުކުރަމެވެ. އަދި ތިމަންމެންނީ، އެކަލާނގެއަށް ކިޔަމަންވެގެންތިބި ބަޔަކީމެވެ.” މިފަދަ އެތައް އާޔަތެއްވެއެވެ. އަންނަނިވި ﷲ ތަޢާލާގެ ވަޙީ ބަސްފުޅު މިކަމުގެ ދަލީލަކަށް ފުދެއެވެ. ﴿ وَقُلْ آمَنْتُ بِمَا أَنْزَلَ اللَّهُ مِنْ كِتَابٍ﴾ الشورى: ١٥ މާނައީ: “އަދި ކަލޭގެފާނު ވިދާޅުވާށެވެ! ﷲ ބާވައިލެއްވި ކޮންމެ ފޮތަކަށް އަހުރެން އީމާންވެއްޖައީމެވެ.”
ސ78: ﷲ ބާވާލެއްވި ހުރިހާ ފޮތްތަކެއްގެ ނަން ކީރިތި ޤުރުއާނުގައި ނަންގަނެވިގެން ވޭހެއްޔެވެ؟
ޖ: ﷲ ބާވާލެއްވި ފޮތްތަކުގެ ތެރެއިން ކީރިތި ޤުރުއާނުގައި އެއިލާހު ޛިކުރުކުރައްވާފައިވަނީ: ތަވްރާތާއި، އިންޖީލާއި، ޒަބޫރުއާއި، އިބްރާހީމްގެފާނާއި މޫސާގެފާނުގެ ޞުޙުފެވެ. އެހެން ހުރިހާ ފޮތްތަކެއްގެ ވާހަކަ ޛިކުރުކުރައްވާފައިވަނީ ޖުމްލަގޮތެއްގައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿ اللَّهُ لَا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ * نَزَّلَ عَلَيْكَ الْكِتَابَ بِالْحَقِّ مُصَدِّقًا لِمَا بَيْنَ يَدَيْهِ وَأَنْزَلَ التَّوْرَاةَ وَالْإِنْجِيلَ * مِنْ قَبْلُ﴾ آل عمران: ٢ – ٤ މާނައީ: “ﷲއީ، އެކަލާނގެ ފިޔަވައި (ޙައްޤުވެގެން އަޅުކަމެއްވެވޭ) އިލާހަކު ނުވާ އިލާހެވެ. ދިރިދެމިވޮޑިގެންވާ، ދާއިމަށް ޤާއިމުވެ ވޮޑިގެންވާ އިލާހެވެ. ކުރީގެ ފޮތްތައް ތެދުކުރާ ޙާލުގައި، ޙައްޤުގޮތުގައި ކަލޭގެފާނަށް އެކަލާނގެ ފޮތް (އެބަހީ: ކީރިތި ޤުރްއާން) ބާވައިލެއްވިއެވެ. އަދި ތަވްރާތާއި އިންޖީލުވެސް ބާވައިލެއްވިއެވެ. (އެއީ ޤުރްއާނުގެ) ކުރިންނެވެ.” އަދިވެސް ވަޙީކުރައްވާފައިވެއެވެ. ﴿ وَآتَيْنَا دَاوُدَ زَبُورًا﴾ النساء: ١٦٣ މާނައީ: “އަދި ތިމަންއިލާހު، ދާވުދުގެފާނަށް ޒަބޫރު ދެއްވީމެވެ.” އަދިވެސް ވަޙީކުރައްވާފައިވެއެވެ. ﴿ أَمْ لَمْ يُنَبَّأْ بِمَا فِي صُحُفِ مُوسَى * وَإِبْرَاهِيمَ الَّذِي وَفَّى﴾ النجم: ٣٦ – ٣٧ މާނައީ: “އަދި ކީއްހެއްޔެވެ؟ މޫސާގެފާނުގެ ފަތްފުށްތަކުގައިވާ ތަކެތީގެ ޚަބަރު އޭނާޔަށް ނުލިބެނީހެއްޔެވެ؟ އަދި (ހުރިހާ ކަންތައްތަކެއް) ފުރިހަމަގޮތުގައި ފުއްދެވި، އިބްރާހީމްގެފާނު (ގެ ފަތްފުށްތައް) ވެސްމެއެވެ.” އަދިވެސް ވަޙީކުރައްވާފައިވެއެވެ. ﴿ لَقَدْ أَرْسَلْنَا رُسُلَنَا بِالْبَيِّنَاتِ وَأَنْزَلْنَا مَعَهُمُ الْكِتَابَ وَالْمِيزَانَ لِيَقُومَ النَّاسُ بِالْقِسْطِ﴾ الحديد: ٢٥ މާނައީ: “ހަމަކަށަވަރުން، ފާޅުވެގެންވާ ހެކިތަކާއެކު ތިމަންއިލާހު ރަސޫލުން ފޮނުއްވީމެވެ. އަދި އެ ރަސޫލުންނާއެކު، ފޮތާއި، ޢަދުލުއިންސާފުގެ ތިލަފަތް ބާވައިލެއްވީމެވެ. (އެއީ) މީސްތަކުން ޢަދުލުއިންސާފު ޤާއިމުކުރުމަށްޓަކައެވެ.” ފޮތްތަކުގެ ތެރެއިން ﷲ ތަފްޞީލުކޮށް ބަޔާންކުރައްވާފައިވާ ފޮތްތަކަށް ތަފްޞީލުކޮށް އީމާންވުމަކީ އަހަރެމެންގެ މައްޗަށް ވާޖިބެކެވެ. ހަމައެހެންމެ، އިޖްމާލީގޮތެއްގައި ބަޔާންކުރައްވާފައިވާ ފޮތްތަކަށް އިޖުމާލީގޮތެއްގައި އީމާންވުމަކީ އަހަރެމެންގެ މައްޗަށް ވާޖިބެކެވެ. އެގޮތުން އަހަރެމެން ބުނާބަހެއްކަމުގައި ވާންވާނީ، ﷲ އެއިލާހުގެ ރަސޫލާއަށް އަމުރުކުރެއްވި ބަސްފުޅެވެ. ﴿ وَقُلْ آمَنْتُ بِمَا أَنْزَلَ اللَّهُ مِنْ كِتَابٍ﴾ الشورى: ١٥ މާނައީ: “އަދި ކަލޭގެފާނު ވިދާޅުވާށެވެ! ﷲ ބާވައިލެއްވި ކޮންމެ ފޮތަކަށް އަހުރެން އީމާންވެއްޖައީމެވެ.”
ސ79: ﷲ عزّ وجلّގެ ފޮތްތަކަށް އީމާންވުމޭ ބުނެވޭ ބަހުގެ މާނައަކީ ކޮބާ؟
ޖ: ﷲ ގެ ފޮތްތަކަށް އީމާންވުމޭ ބުނެވޭ ބަހުގެ މާނައަކީ، އެއެންމެހާ ފޮތްތަކަކީ ﷲ عزّ وجلّގެ ޙަޟްރަތުން ބާވާލެއްވި ފޮތްތަކެއްކަމަށް ތެދުކޮށް ކަށަވަރުކުރުމެވެ. އަދި އެފޮތްތަކުގައިވާ އާޔަތްތަކަކީ ޙަޤީޤަތުގައިވެސް އެއިލާހުގެ ކަލާމްފުޅުކަމަށް ތެދުކުރުމެވެ. އެއިގެ ތެރެއިން ބައެއް ވަޙީ ބަސްފުޅުތަކަކީ ފަރުދާއެއްގެ އަނެއްފަރާތުން، ވަޙީގެ މަލާއިކަތާ މެދުވެރިކުރުމެއްނެތި ވަޙީކުރައްވާފައިވާ ވަޙީ ބަސްފުޅުތަކެވެ. އަދި އަނެއްބައި ވަޙީ ބަސްފުޅުތަކަކީ ވަޙީގެ މަލާއިކަތާ މެދުވެރިކުރައްވައި ރަސޫލުންގެ މައްޗަށް ބާވާލައްވާފައިވާ ވަޙީ ބަސްފުޅުތަކެވެ. އަދި އަނެއްބައި ވަޙީ ބަސްފުޅުތަކަކީ ﷲ ތަޢާލާ ލިޔުއްވާފައިވާ ވަޙީ ބަސްފުޅުތަކެވެ. އެއިލާހު ވަޙީ ކުރައްވާފައިވެއެވެ. ﴿وَمَا كَانَ لِبَشَرٍ أَنْ يُكَلِّمَهُ اللَّهُ إِلَّا وَحْيًا أَوْ مِنْ وَرَاءِ حِجَابٍ أَوْ يُرْسِلَ رَسُولًا فَيُوحِيَ بِإِذْنِهِ مَا يَشَاءُ﴾ الشورى: ٥١
މާނައީ: “ވަޙީއަކުން (އެބަހީ: އިލްހާމަކުން، ނުވަތަ ހުވަފެނަކުން) ނުވަތަ ފަރުދާއެއްގެ އަނެއްފަރާތުން، ނުވަތަ މަލާއިކަތަކު ފޮނުއްވައި، އެކަލާނގެ އިޛުނަފުޅާއެކު، އެކަލާނގެ އިރާދަކުރައްވާ އެއްޗެއް ވަޙީކުރެއްވުމުންމެނުވީ، އެއްވެސް އާދަމުގެދަރިޔަކަށް ﷲ ބަސްވަޙީކުރެއްވުމެއް ނުވެއެވެ.” އަދި ﷲ ތަޢާލާ، މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ﴿إِنِّي اصْطَفَيْتُكَ عَلَى النَّاسِ بِرِسَالَاتِي وَبِكَلَامِي﴾ الأعراف: ١٤٤ މާނައީ: “ތިމަންއިލާހު ރަސޫލުކަމާއި، އަދި ބަސް ވަޙީކުރެއްވުމުން މީސްތަކުންގެ މައްޗަށް ހަމަކަށަވަރުން، ތިމަންއިލާހު ކަލޭގެފާނު ޚިޔާރުކުރައްވައިފީމެވެ.” ﴿وَكَلَّمَ اللَّهُ مُوسَى تَكْلِيمًا﴾ النساء: ١٦٤ މާނައީ: “މެދުވެރިއެއްނެތި މޫސާގެފާނަށް ﷲ ބަސްވަޙީކުރެއްވިއެވެ.” އަދި ތަވްރާތާ ބެހޭގޮތުން ވަޙީކުރައްވާފައިވެއެވެ. ﴿وَكَتَبْنَا لَهُ فِي الْأَلْوَاحِ مِنْ كُلِّ شَيْءٍ مَوْعِظَةً وَتَفْصِيلًا لِكُلِّ شَيْءٍ﴾ الأعراف: ١٤٥ މާނައީ: “(ދީނާބެހޭ) ކޮންމެކަމެއް (ތަވްރާތުގެ) ފިލާތަކުގައި ތިމަންއިލާހު އެކަލޭގެފާނަށް ލިޔެދެއްވީމެވެ. ވަޢުޒެއްގެ ގޮތުގައެވެ. އަދި އެންމެހާ ކަންތައް ބަޔާންކޮށްދެއްވުމެއްގެ ގޮތުގައި މެއެވެ.” ޢީސާގެފާނާ ބެހޭގޮތުން ވަޙީކުރައްވާފައިވެއެވެ. ﴿وَآتَيْنَاهُ الْإِنْجِيلَ﴾ المائدة: ٤٦ މާނައީ: “އަދި ތިމަންއިލާހު އެކަލޭގެފާނަށް (އެބަހީ: ޢީސާގެފާނަށް) އިންޖީލު ދެއްވީމެވެ.” އަދިވެސް ވަޙީކުރައްވާފައިވެއެވެ. ﴿وَآتَيْنَا دَاوُدَ زَبُورًا﴾ النساء: ١٦٣ މާނައީ: “އަދި ތިމަންއިލާހު، ދާވުދުގެފާނަށް ޒަބޫރު ދެއްވީމެވެ.” (ޒަބޫރުގެ ވާހަކަ) “التَنْزِيْلُ” ގެ ނަމުގައިވެސް ކުރިން ބަޔާންވެ ހިނގައްޖެއެވެ. ކީރިތި ޤުރުއާނާބެހޭގޮތުން ވަޙީކުރައްވާފައިވެއެވެ. ﴿لَكِنِ اللَّهُ يَشْهَدُ بِمَا أَنْزَلَ إِلَيْكَ أَنْزَلَهُ بِعِلْمِهِ وَالْمَلَائِكَةُ يَشْهَدُونَ وَكَفَى بِاللَّهِ شَهِيدًا﴾ النساء: ١٦٦ މާނައީ: “އެހެނެއްކަމަކު ކަލޭގެފާނަށް، ﷲ ބާވައިލެއްވި ފޮތާމެދު ﷲ ހެކިވެވޮޑިގެންވެއެވެ. އެ ފޮތް ބާވައިލެއްވީ، އެކަލާނގެ ދެނެވޮޑިގަތުމާއެކުގައެވެ. އަދި މަލާއިކަތުންވެސް (އެކަމަށް) ހެކިވެވަޑައިގަންނަވައެވެ. ހެކިވެރިޔަކު ކަމުގައި ﷲ ފުދެއެވެ.” އަދިވެސް ވަޙީކުރައްވާފައިވެއެވެ. ﴿وَقُرْآنًا فَرَقْنَاهُ لِتَقْرَأَهُ عَلَى النَّاسِ عَلَى مُكْثٍ وَنَزَّلْنَاهُ تَنْزِيلًا﴾ الإسراء: ١٠٦ މާނައީ: “އަދި ކަލޭގެފާނު މީސްތަކުންނަށް (ވިސްނޭނެހެން) ލަސްލަހުން ކިޔަވައި ވިދާޅުވެދެއްވުމަށްޓަކައި، ވަކިވަކިކޮށް ތިމަންރަސްކަލާނގެ އެ ޤުރުއާން ބާވައިލެއްވީމެވެ. އަދި ތިމަންއިލާހު އެ ޤުރުއާން އެކިފަހަރުމަތިން ބާވައިލެއްވީމެވެ.” ﴿وَإِنَّهُ لَتَنْزِيلُ رَبِّ الْعَالَمِينَ * نَزَلَ بِهِ الرُّوحُ الْأَمِينُ * عَلَى قَلْبِكَ لِتَكُونَ مِنَ الْمُنْذِرِينَ * بِلِسَانٍ عَرَبِيٍّ مُبِينٍ﴾ الشعراء: ١٩٢ – ١٩٥ މާނައީ: “ހަމަކަށަވަރުން، އެ ޤުރުއާނަކީ، ޢާލަމްތަކުގެ ވެރިއިލާހު ބާވައިލެއްވި ފޮތެއްކަން ކަށަވަރެވެ. ކަލޭގެފާނުގެ ހިތްޕުޅުގެ މައްޗަށް އެ ޤުރުއާނާއިގެން ފައިބައިވަޑައިގަތީ، ޖިބްރީލުގެފާނެވެ. އެއީ (މީސްތަކުންނަށް) އިންޛާރުކުރައްވާ ބޭކަލުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަތުމަށެވެ. (އެ ޤުރުއާން ބާވައިލެއްވީ) ބަޔާންވެގެންވާ ޢަރަބިބަހުންނެވެ.” އަދި ޤުރްއާނާބެހޭގޮތުން އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. ﴿إِنَّ الَّذِينَ كَفَرُوا بِالذِّكْرِ لَمَّا جَاءَهُمْ وَإِنَّهُ لَكِتَابٌ عَزِيزٌ – لَا يَأْتِيهِ الْبَاطِلُ مِنْ بَيْنِ يَدَيْهِ وَلَا مِنْ خَلْفِهِ تَنْزِيلٌ مِنْ حَكِيمٍ حَمِيدٍ﴾ فصلت: ٤١ – ٤٢ މާނައީ: “ހަމަކަށަވަރުން، އެބައިމީހުންގެގާތަށް ޤުރްއާން އައިހިނދު، އެ ޤުރްއާނަށް ކާފިރުވިމީހުންނަށް (ގަދަވެގެންވާ ޢަޛާބުހުށްޓެވެ.) ހަމަކަށަވަރުން، އެއީ ޢިއްޒަތްތެރި ފޮތެއްކަން ކަށަވަރެވެ. އެ ފޮތުގެ ކުރިމައްޗަކުންވެސް، އަދި އޭގެފަހަތަކުންވެސް އެފޮތަކަށް ބާޠިލުކަމެއް ނާންނާނެއެވެ. (އެއީ) ޙަމްދުލިބިވޮޑިގެންވާ، ޙަކީމްވަންތަ އިލާހުގެ ޙަޟްރަތުން ބާވައިލެއްވި ފޮތެކެވެ.” މިފަދަ އެތައް އާޔަތެއްވެއެވެ.
ސ80 : ކުރީގައި ބާވާލެއްވުނު ފޮތްތަކާއަޅާ ބަލާއިރު ކީރިތި ޤުރްއާނުގެ މަޤާމަކީ ކޮބާ؟
ޖ: ކީރިތި ޤުރްއާނާ ބެހޭގޮތުން ވަޙީކުރައްވާފައިވެއެވެ. ﴿وَأَنْزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ مُصَدِّقًا لِمَا بَيْنَ يَدَيْهِ مِنَ الْكِتَابِ وَمُهَيْمِنًا عَلَيْهِ﴾ المائدة: ٤٨ މާނައީ: “އަދި ތިމަންއިލާހު ޙައްޤުގޮތުގައި ކަލޭގެފާނަށް ފޮތް ބާވައިލެއްވީމެވެ. އޭގެކުރިން ބާވައިލެއްވި ފޮތްތަކުގައިވާ ތަކެތި ތެދުކުރަނިވި ގޮތުގައެވެ. އަދި އެފޮތްތަކުގެ މައްޗަށް ހެކިވަނިވި ފޮތެއް ކަމުގައެވެ.” އަދިވެސް ވަޙީކުރައްވާފައިވެއެވެ. ﴿وَمَا كَانَ هَذَا الْقُرْآنُ أَنْ يُفْتَرَى مِنْ دُونِ اللَّهِ وَلَكِنْ تَصْدِيقَ الَّذِي بَيْنَ يَدَيْهِ وَتَفْصِيلَ الْكِتَابِ لَا رَيْبَ فِيهِ مِنْ رَبِّ الْعَالَمِينَ﴾ يونس: ٣٧ މާނައީ: “ﷲ ނޫންފަރާތަކުން ހަދައިގެން ގެންނަ އެއްޗަކަށް މި ޤުރްއާން ނުވެއެވެ. އެހެނެއްކަމަކު (އެ ޤުރްއާން ބާވައިލެއްވީ) އޭގެކުރީގައިވާ ފޮތްތައް ތެދުކުރުމަށާއި، ފޮތުގައިވާ ޙުކުމްތައް ތަފްޞީލުކޮށްދެއްވުމަށެވެ. އެ ފޮތާމެދު ޝައްކެއް ނެތެވެ. (އެ ފޮތް ބާވައިލެއްވީ) ޢާލަމްތަކުގެ ވެރިއިލާހުގެ ޙަޟްރަތުންނެވެ.” އަދިވެސް ވަޙީކުރައްވާފައިވެއެވެ. ﴿مَا كَانَ حَدِيثًا يُفْتَرَى وَلَكِنْ تَصْدِيقَ الَّذِي بَيْنَ يَدَيْهِ وَتَفْصِيلَ كُلِّ شَيْءٍ وَهُدًى وَرَحْمَةً لِقَوْمٍ يُؤْمِنُونَ﴾ يوسف: ١١١ މާނައީ: “އެ ޤުރްއާނަކީ، ހަދައިގެން އުފެއްދޭ ވާހަކަތަކެއްނޫނެވެ. އެހެނެއްކަމަކު، އެއީ އޭގެކުރިން ބާވައިލެއްވި ފޮތްތައް ތެދުކުރާ، އަދި ހުރިހާކަމެއް ތަފްޞީލުކޮށްދޭ، އަދި އީމާންވާ ބަޔަކަށް ހިދާޔަތެއް ކަމުގައްޔާއި، ރަޙްމަތެއް ކަމުގައިވާ ފޮތެވެ.”
ތަފްސީރުކުރައްވާ ބޭކަލުން ވިދާޅުވެފައިވެއެވެ. “مُهَيمِنًا” މި ލަފްޒުގެ މުރާދަކީ ކީރިތި ޤުރްއާނަކީ، އެ ފޮތުގެ ކުރީން ބާވާލެއްވުނު ފޮތްތައް ތެދުކުރަނިވި އަދި އެފޮތްތަކުގެ މައްޗަށް ހެކިވަނިވި ފޮތެކެވެ. އެބަހީ: އެހެނިހެން ފޮތްތަކުގައިވާ ޞައްޙަ ޚަބަރުތައް ތެދުކުރަނިވި ގޮތުގައެވެ. އަދި އެފޮތްތަކަށް އުނިއިތުރުކޮށް އަދި ބަދަލުކޮށްފައިވާ ވާހަކަތައް ނަފީކުރާގޮތުގައެވެ. އަދި އެ ފޮތްތަކުގައިވާ ކަންކަން ނަސްޚުކުރާނެ ނުވަތަ އިޤްރާރުވާނެ ފޮތެއްގެ ގޮތުގައެވެ. އެހެންކަމުން، ޙައްޤުމަގުން އެއްކިބާވެގެންދާމީހުންގެ ތެރެއިން (އެބަހީ: އަހުލުކިތާބީންގެ ތެރެއިން) ކުރީގެ ފޮތްތަކުގައި ގަދައަށް ހިފަހައްޓައިގެންތިބި ކޮންމެ މީހަކު ކީރިތި ޤުރްއާނުގެ ކުރިމަތީގައި މަޑުމައިތިރިވެއެވެ. ﷲ تَبَارَكَ وَتَعَالَى ވަޙީކުރައްވާފައިވާ ފަދައިންނެވެ. ﴿ الَّذِينَ آتَيْنَاهُمُ الْكِتَابَ مِنْ قَبْلِهِ هُمْ بِهِ يُؤْمِنُونَ * وَإِذَا يُتْلَى عَلَيْهِمْ قَالُوا آمَنَّا بِهِ إِنَّهُ الْحَقُّ مِنْ رَبِّنَا إِنَّا كُنَّا مِنْ قَبْلِهِ مُسْلِمِينَ ﴾ القصص: ٥٢ – ٥٣ މާނައީ: “މީގެކުރިން ތިމަންރަސްކަލާނގެ ފޮތްދެއްވި މީހުން (އެބަހީ: ތައުރާތާއި އިންޖީލުގެ އަހުލުވެރިންކުރެ އިސްލާމްވި މީހުން) އެފޮތަށް (އެބަހީ: ޤުރްއާނަށް) އީމާންވެއެވެ. އަދި އެބައިމީހުންނަށް އެ ފޮތް ކިޔަވައިދެވޭހިނދު އެބައިމީހުން ބުނެތެވެ. ތިމަންމެން އެ ފޮތަށް އީމާންވެއްޖައީމުއެވެ. ހަމަކަށަވަރުން، އެއީ ތިމަންމެންގެ ވެރިރަސްކަލާނގެ ޙަޟްރަތުން އައި ޙައްޤުތެދެވެ. ހަމަކަށަވަރުން، ތިމަންމެން މީގެކުރީގައިވެސް މުސްލިމުން ކަމުގައިވީމުއެވެ.”
_______________________
([1]) ބައިތުލް މަޢުމޫރަކީ ހަތްވަނަ އުޑުގެ މަތީގައި، ގެފުޅާ ދިމާލަށްވާގޮތަށް ވާ ގެކޮޅެކެވެ. ބިންމަތީގައި ގެފުޅުގެ ޙުރުމަތާ އެއްފަދަ ޙުރުމަތެއް އުޑުގައި އެ ގެކޮޅުގެ ދެވިފައިވެއެވެ. ކޮންމެ ދުވަހަކު ހަތްދިހަ ހާސް މަލާއިކަތުން އެ ގެކޮޅަށް ވަދެވަޑައިގަންނަވައެވެ. އެ ގެކޮޅަށް ވަދެވަޑައިގަތުމުގެ ފުރުޞަތު ލިބުނު ބޭކަލަކަށް އަލުން އެ ފުރުޞަތު ލިބިވަޑައެއް ނުގަންނަވައެވެ. (انظر: معارج القبول بشرح سلم الوصول إلى علم الأصول لحافظ بن أحمد الحكمي: 2/823).