މީސްތަކުންގެމެދުގައި އިސްލާމްދީނާ ބެހޭގޮތުން ޝައްކާއި ވަހުމް އުފައްދައި، އިސްލާމްދީނުގެ ހައިބަތު ނެތިކޮށްލުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރަމުންދާ ކަމަށާއި، ދުނިޔެވީ ކަންތައްތަކާއި ބެހޭގޮތުން ވާހަކަދައްކާހެން އިސްލާމްދީނާ ބެހޭގޮތުން ތިމާ ހިތަށްއެރި އެއްޗެއް ނުމިޔޭނެކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖަމްޢިއްޔަތުއްސަލަފުން ރޭ ގެނެސްދިން ‘އޮނަތިރީސްމިނެޓް’ ގެ 92 ވަނަ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވީ ﷲ އަށް އީމާންވެގެންހުރި މީހަކަށްވިއްޔާ އިސްލާމްދީނާއި ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި އެކަލޭގެފާނުގެ ޢާއިލާގެ ބޭފުޅުންނާއި އެކަލޭގެފާނުގެ އަޞްޙާބުބޭކަލުންނާއި ބެހޭގޮތުން ކޮންމެކޮންމެ އެއްޗެއް ނުކިޔޭނެކަން ދަންނަން ޖެހޭނެކަމަށާއި އަޅުގަނޑުމެންގެ މުޖްތަމަޢުގައި ތިބޭ ދީނާއިދުރު ބައެއް މީހުން މިފަދަ ވާހަކަތައް ދައްކަމުންދާކަމީ ވަރަށް ނުރައްކާތެރިކަމެއްކަމަށެވެ.
“މިބާވަތުގެ ވާހަކަދައްކާމީހުން ނުހުރޭ ހަގީގަތުގައި އިސްލާމްދީނުގެ އަސާސްތަކާއި އުސޫލުތަކުގެތެރެއިން ކިޔަވާފައެއް. އެހެންވީމާ އިސްލާމްދީނުގެ ވަރަށް އަސާސީ މަޢުލޫމާތުތައްވެސް މިބައިމީހުންނަކަށް ނޭނގޭ. ނޭނގިތިބެ އެޖާހިލުކަންމަތީ ތިބެގެން ފާޑުފާޑުގެ ވާހަކަތައް މިފަތުރަނީ. ނުކިޔަވާ ހުރި މީހަކު ތިމަންނާހުރީ ވަރަށްމޮޅަށް ކިޔަވައިގެންކަމަށާއި ތިމަންނައަށް ހުރިހާ އެއްޗެއް އެނގޭކަމަށް އަމިއްލައަށް ހީވެއްޖެއްޔާ ދެންކިހިނެއްތޯވާނީ” ޝައިޚް ވިދާޅުވިއެވެ.
އޯގާތެރި ޝަރީޢަތާއިގުޅޭ މައުޟޫޢުގައި ވާހަކަދައްކަވަމުން ޝައިޚް އިތުރަށް ވިދާޅުވީ މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޝަޚްސިއްޔަތާއިމެދު ކުޑައިމީސްކޮށް، އެކަލޭގެފާނަށް އަދާކުރަންޖެހޭ އަދަބު އިޙްތިރާމު ގެއްލޭފަދަ ގޮތަކަށް އެއްވެސް މީހަކު ވާހަކަ ދެއްކުމަކީ ހުއްދަކަމެއް ނޫންކަމަށާއި އެއީ ކީރިތި ޤުރްއާނުގައި މާތްﷲ ނަހީ ކުރައްވާފައިވާ ކަމެއްކަމަށެވެ.