ﷲ ގެ ޝަރީޢަތުގެ ޢަދުއްވުންނާއިއެކު މުޖާލަސާކޮށް، އެމީހުންގެ ކޮންމެ ކަމެއް ތިމާއަށް ރަނގަޅުވާނަމަ އެ ހުރެވެނީ އިސްލާމްކަމުގެ ރަނގަޅު ހިސާބެއްގައި ނޫންކަމަށާއި ﷲ ގެ ޝަރީޢަތުގެ ޢަދުއްވުންނާއި އޮންނަ ގުޅުމުގެ ހިސާބު އެއީ ދީނުގައި އެމީހެއްގެ މިންގަޑުކަމަށް އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ރޭ ގެނެސްދިން ‘އޮނަތިރީސް މިނެޓް’ ގެ 86 ވަނަ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވީ އަޅުގަނޑުމެން އިޚްލާސްތެރިވާން ޖެހޭނީ ﷲ އަށް ކަމަށާއި ﷲ ގެ ދީނަށްކަމަށެވެ. އަދި ﷲ އަށް އިޚްލާސްތެރިކަމާއެކު ލޯބި ވެވޭނީ އެކަލާނގެއަށް އަޅުގަނޑުމެންގެ ހިތް އެއްކޮށް ހުސްކޮށްގެންކަމަށާއި އެކަލާނގެ ރުހިވޮޑިނުގަންނަވާ އެންމެހައި ކަންތައްތަކަށް އަޅުގަނޑުމެންގެ ހިތުގައި ނަފްރަތްތެރިކަން އޮވެގެންކަމަށެވެ.
އަލްވަލާ ވަލްބަރާ (ﷲ އަށްޓަކައި ލޯބިވުމާއި ﷲއަށްޓަކައި ނަފްރަތުކުރުން) މި މައުޟޫއަށް ވާހަކަފުޅު ދައްކަވަމުން ޝައިޚް ސަމީރު ވިދާޅުވީ އަލްވަލާ ވަލްބަރާ އަކީ އަޅުގަނޑުމެންގެ ޢަޤީދާއާއި ގުޅުންހުރި ކަމެއްކަމަށެވެ.
“ﷲ ތަޢާލަ ރުހިވޮޑިނުގަންނަވާ އެންމެހައި ކަންތައްތަކަށް އަޅުގަނޑުމެންގެ ހިތުގައި އެނަފްރަތްތެރިކަން އޮތުމާއި އަދި އެކަލާނގެއަށް އުރެދޭ، އެކަލާނގެއަށް ކާފަރުވާ މީހުންނާއިމެދުގައި އަޅުގަނޑުމެންގެ ހިތުގައި ނުރުހުންތެރިކަން އޮންނަން ޖެހޭނެ. މިސާލަކަށް މީހަކު މީހެއްދެކެ ލޯބިވާކަމަށްވަންޏާ އެލޯތްބަށްޓަކައި އޭނާގެ ހިތް ހުސްކުރަން ޖެހޭނެ. އެއީ އެ ލޯތްބާއި ނުގުޅޭ، އެ ލޯބިވާ ފަރާތަށް ނަފްރަތްތެރިކުރާ މީހުންނާއި، އެ ލޯބިވާ ފަރާތަކުން ނަފްރަތްތެރިކުރާ ކަންކަމުން މީހާގެ ހިތް ޖެހޭ ހުސްކުރަން. އަޅުގަނޑުމެންނަކަށް މީހެއްގެ ލޯބީގަ އިޚްލާސްތެރިއެއް ނުވެވޭނެ ލޯބިވުމާއެކުގަ ލޯބިވާކަމަށް ބުނާ ފަރާތް ނަފްރަތުކުރާ ކަންކަމާއި، އެފަރާތެެއްގެ ޢަދާވާތްތެރިންނަށް ނަފްރަތު ނުކޮށެއް” ޝައިޚް ވިދާޅުވިއެވެ.
ޖަމްޢިއްޔަތުއްސަލަފުގެފަރާތުން ގެނެސްދޭ ‘އޮނަތިރީސް މިނެޓް’ ޕްރޮގްރާމަކީ ހަފްތާގެ ކޮންމެ ބުދަ ދުވަހެއްގެރޭ 10:30 އިން 10:59 އަށް ޖަމްޢިއްޔާގެ ފޭސްބުކް ޕޭޖުން ގެނެސްދޭ ޕްރޮގްރާމެކެވެ.