لا إله إلاّ الله އަކީ ކޮބައިކަން އެނގިލައްވާތޯ؟

މާތް ﷲ އެއްކައުވަންތަކުރުމުގެ ކަލިމަކަމުގައިވާ “لا إله إلاّ الله” މިކަލިމައަކީ މިކަލިމައެއްގެ ސަބަބުން އިންސާނާއަށް ދުނިޔެއާއި އާޚިރަތުގެ ފަލާޙާއި ކާމިޔާބު ލިއްބައިދޭނެ ކަލިމައެކެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޢަޛާބުގެ ގޯތިކަމުގައިވާ ނަރަކައިން މިންޖުވެ، އެއިލާހުގެ ރަޙްމަތާއި ނިޢުމަތުގެ ގޯތި ސުވަރުގެއަށް ވާޞިލުކޮށްދޭނެ ކަލިމައެކެވެ. މިފަދަ މާތް ކަލިމައަކަށް މިކަލިމަ ވީހިނދު، މިކަލިމައިގެ ސަބަބުން ބުނެވި ދިޔަ ކާމިޔާބީތައް ހޯދޭނީ، މިކަލިމައާމެދު ކޮންގޮތަކަށް ތެދުކޮށް، އަދި ޢަމަލުކޮށްގެންކަން ދެނެގަތުމީ އިންސާނާގެ މައްޗަށް އޮތް އެންމެ މުހިއްމު ވާޖިބެވެ.

ވިސްނަވާށެވެ! މީހަކު ނަމާދަށް ފަށައިގަތީ ނަމާދު ޞައްޙަވުމުގެ ޝަރުޠުތަކުގެ ތެރެއިން ކަމެއް ދޫކޮށްލައިފައި ކަމުގައިވާނަމަ، ނުވަތަ ނަމާދުގެ ރުކުންތަކުގެ ތެރެއިން ރުކުނެއް (މިސާލަކަށް ރުކޫޢުކުރުން، ސަޖިދަކުރުން) ދޫކޮށްފިމީހެއްގެ ނަމާދު ޞައްޙަވާނެތޯއެވެ؟ ޖަވާބަކަށް ވާނީ ޞައްޙައެއް ނުވާނެއެވެ. ސަބަބަކީ ނަމާދުގެ ޝަރުޠެއް ނުވަތަ ރުކުނެއް ދޫކޮށްލުމެވެ.

ނަމާދެކޭ އެއްފަދައިން “لا إله إلاّ الله” މި ކަލިމައިގައިވެސް ރުކުންތަކަކާއި ޝަރުޠުތަކެއް ވެއެވެ. މިކަލިމައިގެ ރުކުންތަކުގެ ތެރެއިން ރުކުނެއް ދޫކޮށްލައިފިމީހަކީ މިކަލިމައަށް އީމާންވާ މީހަކަށް ނުވާނެއެވެ. އެމީހާ ހަމައެކަނި ކިޔާލާ ކިޔާލުމަކުން މަންފާ ނުކުރާނެއެވެ. ޝަރުޠެއް ނުވަތަ ރުކުނެއް ދޫކޮށްލުމުން ނަމާދު ޞައްޙަ ނުވާފަދައިންނެވެ.

މި ކަލިމައަށް އީމާންވާމީހެއްކަމުގައިވާނަމަ، މާތް ﷲ ފިޔަވައި އެހެންހުރިހާ އަޅުކަންކުރެވޭ އިލާހުންތަކަކީ ޙައްޤު ޢިލާހުންނޫންކަމަށާއި ބާޠިލު ފަރާތްތައް ކަމުގައި ޤަބޫލުކުރަންޖެހޭނެއެވެ. އަދި ﷲ ފިޔަވައި އަޅުކަންކުރުން ޙައްޤުވެގެންވާ އިލާހެއް ނުވާކަމަށް ތެދުކޮށް ކަށަވަރު ކުރަންޖެހޭނެއެވެ.

ހަމަމިފަދައިން، މި ކަލިމައަށް އީމާންވާމީހަކު ކުރަންޖެހޭ ކަންކަން ދަންނާންޖެހޭނެއެވެ. އަދި މިކަލިމައިން ދޭހަކޮށްދޭ މާނަ ދެނެހުރެ މިކަލިމަ ދުލުން ކިޔުމާއެކު، މިކަލިމައާމެދު ޝައްކުކޮށްގެންނުވާނެއެވެ. އަދި މިކަލިމައިން ދޭހަކޮށްދޭ އެންމެހާ ކަމެއް ހިތުންނާއި ދުލުން ޤަބޫލުކުރަންޖެހޭނެއެވެ. އަދި މިކަލިމައަށާއި މިކަލިމައިން ދޭހަކޮށްދޭ މާނައަށް ހިތުންނާއި ބަހުންނާއި ޢަމަލުން އިޚްލާޞްތެރިވާންޖެހޭނެއެވެ. އަދި މިކަލިމައިން ދޭހަކޮށްދޭ މާނައަށް ހިތުގެ އަޑިން ބޯލަނބައި ކިޔަމަންގަންނަންޖެހޭނެއެވެ. މިކަލިމައިން ދޭހަކޮށްދޭ މާނައަށް އެތެރެފުށުންނާއި ބޭރުފުށުން ތެދުވެރިވާންޖެހޭނެއެވެ. އެތެރެފުށުގައި ނުވާއެއްޗެއް ބޭރުފުށުން ދެއްކުމަކީ މިކަލިމައާ ފުށުއަރާނެކަމެކެވެ. އަދި މިކަލިމަދެކެ ލޯބިވުމާއި، މިކަލިމަ ކިޔާމީހުންދެކެ ލޯބިވުމާއި، މިކަލިމައިގެ މަގަށް ދަޢުވަތުދީ،  މިކަލިމަ ފާޅުކުރުމަށް މަސައްކަތްކުރާ މީހުންދެކެ ލޯބިވާންޖެހޭނެއެވެ.

ތާބިޢީ ބޭކަލެއްކަމުގައިވާ ވަހްބު ބުން މުނައްބިހު ރަޙިމަހުﷲއަށް ސުވާލުދެންނެވުނެވެ. “لا إله إلاّ الله” އަކީ ސުވަރުގޭގެ ތަޅުދަނޑިނޫންތޯއެވެ؟ އެހިނދު ވިދާޅުވިއެވެ. “އެހެންނެވެ. ނަމަވެސް އެއްވެސް ތަޅުދަނޑިއެއްގައި ދަތްތަކެއްނުވާ ތަޅުދަނޑިއެއްނުވެއެވެ. ފަހެ، ދަތްތައްހުރި ތަޅުދަނޑިއެއް ތިބާ ގެނެސްފިކަމުގައިވާނަމަ، ތިބާއަށްޓަކައި ހުޅުވިދާހުއްޓެވެ. އަދި ދަތްތައްނެތް ތަޅުދަނޑިއެއް ގެނެސްފިނަމަ ނުހުޅުވޭނެއެވެ.”

ހަމައެކަނި “لا إله إلاّ الله” ކިޔާލުމަކުން ކުރާނެ ފައިދާއެއް ނޯންނާނެއެވެ. ފައިދާކުރާހުށީ މިކަލިމަކިޔުމާއެކު، މިކަލިމައާ އެއްގޮތަށް ހިތާއި ބަހާއި ޢަމަލު ބައްޓަންކޮށްގެންނެވެ. މީހާގެ މުޅި ދިރިއުޅުން މިކަލިމައިގެ މައްޗަށް ބިނާކޮށްގެންނެވެ.