مسائل الجاهلية (2) : ޖާހިލިއްޔަޒަމާނުގެ މީހުން އަޅުކަމުގައި ވަކިވެގެންފައިވާކަން

އެމީހުންގެ ދީނުގެ ކަންކަމުގައި އެމީހުންވަނީ ބައިބައިވެ ޚިޔާލު ތަފާތުވެފައެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. كُلُّ حِزْبٍ بِمَا لَدَيْهِمْ فَرِحُونَ(المؤمنون: 53) މާނައީ:ކޮންމެބަޔަކުމެ، އެ ބަޔަކުގެ ގޮތާމެދު އުފަލުން ތިއްބެވެ.

އެމީހުންގެ ދުނިޔަވީ ކަންކަންވެސް ހުރީ ހަމައެފަދައިންނެވެ. އަދި އެއީ ރަނގަޅުގޮތްކަމުގައި ހީކުރެތެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ވަޑައިގެންނެވީ ދީނުގެ އެއްބައިވަންތަކަމާއިގެންނެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. شَرَعَ لَكُم مِّنَ الدِّينِ مَا وَصَّى بِهِ نُوحاً وَالَّذِي أَوْحَيْنَا إِلَيْكَ وَمَا وَصَّيْنَا بِهِ إِبْرَاهِيمَ وَمُوسَى وَعِيسَى أَنْ أَقِيمُوا الدِّينَ وَلَا تَتَفَرَّقُوا فِيهِ (الشورى: 13) މާނައީ: “ތިޔަބައިމީހުންނަށްޓަކައި، އެކަލާނގެ ޝަރުޢުކުރެއްވި ދީނަކީ، އެކަލާނގެ ނޫޙުގެފާނަށް ވަޞިއްޔަތްކުރެއްވި ދީނެވެ. އަދި ތިމަންރަސްކަލާނގެ ކަލޭގެފާނަށް ވަޙީކުރެއްވި ދީނެވެ. އަދި އިބްރާހީމްގެފާނަށާއި، މޫސާގެފާނަށާއި، ޢީސާގެފާނަށް ވަޞިއްޔަތްކުރެއްވި ދީނެވެ. (އެ ވަޞިއްޔަތަކީ) ތިޔަބައިމީހުން ދީން ޤާއިމުކުރާށެވެ! އަދި އޭގައި ތިޔަބައިމީހުން ބައިބައިނުވާހުށިކަމެވެ!

އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. وَلاَ تَكُونُواْ كَالَّذِينَ تَفَرَّقُواْ وَاخْتَلَفُواْ مِن بَعْدِ مَا جَاءهُمُ الْبَيِّنَاتُ (آل عمران: 105) މާނައީ: “ފާޅުވެގެންވާ ހެކިތައް އެއުރެންނަށް އައުމަށްފަހު، ވަކިވަކިވެ ޚިލާފުވީ މީހުން ފަދައިން، ތިޔަބައިމީހުން ނުވާށެވެ! ބޮޑުވެގެންވާ ޢަޛާބެއް އެއުރެންނަށް ހުއްޓެވެ.

އަދި ދުނިޔެވީ ކަންކަމުގައިވެސް ބައިބައިވެގަތުން ނަހީކުރެއްވިއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. وَاعْتَصِمُواْ بِحَبْلِ اللّهِ جَمِيعاً وَلاَ تَفَرَّقُواْ(آل عمران: 103) މާނައީ: “ތިޔަބައިމީހުން އެންމެން اللَّهގެ ދީނުގައި ހިފަހައްޓާށެވެ! އަދި، ވަކިވަކިވެ ނުގަންނާށެވެ!

(މާތް ﷲ ގެ ޙަޟުރަތުގައި ދީނަކީ އިސްލާމް ދީނެވެ. މާތް ﷲ ފޮނުއްވެވި ހުރިހާ ރަސޫލުބޭކަލުންގެ ދަޢުވަތަކީ ތައުޙީދެވެ. އެބޭކަލުން ގޮވައިލެއްވީ މާތް ﷲ އާއެކުގައި އަޅުކަމުގައި އެހެންފަރާތްތައް ބައިވެރި ނުކުރުމަށެވެ. ސަމާވީ ހުރިހާ ޝަރީޢަތެއްގެ އަޞްލަކީ އެކައްޗެކެވެ. މާތް ﷲ ބާވައިލެއްވި ހުރިހާ ޝަރީޢަތެއްގައިވެސް ހަޑިމުޑުދާރުވެގެންވާ ފާހިޝް އެންމެހައި ޢަމަލެއްވަނީ ޙަރާމް ކުރައްވާފައެވެ. އެގޮތުން ބަނގުރާބުއިމާ ޒިނޭކުރުންފަދަ އެންމެހައި ޢަމަލެއް ހުރިހާ ޝަރީޢަތެއްގައިވެސް ޙަރާމްވެގެންވެއެވެ.)