مسائل الجاهلية: (5) ގިނަ ބަޔަކު ތަބާވާގޮތް އެއީ ރަނގަޅުގޮތްކަމުގައި ދެކުން

އެމީހުންގެ އެންމެ ބޮޑު އެއް ޤަވާޢިދަކީ ގިނަބަޔަކު ތަބާވާގޮތްތަކަށް (ޖާހިލުކަމާއެކު) ރުހިގެން ތިބުމެވެ. އަދި ކަމެއްގެ ރަނގަޅުނުބައި ދެނެގަތުމުގެ ޙުއްޖަތެއްކަމުގައި އެކަން ހަދައެވެ. (އެބަހީ: ކަމެއްގައި ގިނަ ބަޔަކު އެގޮތަކަށް ޢަމަލުކުރަނީ އެގޮތެއް ރަނގަޅުވުމުންކަމުގައި ދެކެއެވެ.) އަދި ބާޠިލުކަމެއްގެ ދަލީލަކީ ބައިމަދުވުމުން، ނުވަތަ ބީރައްޓެހިވުން ކަމުގައި ދެކެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ގޮވައިލެއްވެވީ އެއާއި ޚިލާފުވުމަށެވެ. އަދި ކީރިތި ޤުރްއާނުގައި ތަފާތު މަޤާމުތަކުގައި އެކަންވަނީ ބަޔާންކުރައްވާފައެވެ.

[މިބާބުގައި މުޞައްނިފު ބަޔާންކޮށްދެއްވާފައި އެވަނީ ޖާހިލިއްޔަޒަމާނުގެ އުޞޫލުތަކުގެ ތެރެއިން ވަރަށް މުހިންމު އުޞޫލެކެވެ.

އެއީ ޙައްޤުގެމަގު ނުވަތަ ޙައްޤުވެގެންވާ ގޮތްކަމުގައި އެމީހުންދެކެނީ ގިނަބަޔަކު އެކަމަށް ތަބާވުން ކަމުގައެވެ. އަދި މަދ ބަޔަކު ތަބާވާނަމަ، ނުވަތަ މަދުބަޔަކު ޤަބޫލުކުރާގޮތް އެއީ ބާޠިލުވެގެންވާ، ޙައްޤުނޫން ގޮތްކަމުގައި ޤަބޫލުކުރެއެވެ. ޙައްޤާއި ބާޠިލު ވަކިކުރުމުގެ ތިލަފަތަކީއެމީހުންގެ ގާތުގައި މިއީއެވެ. އެކަމަކު އެއީ ބޮޑުވެގެންވާ އޮޅުމެކެވެ.

އެކަން ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. وَإِن تُطِعْ أَكْثَرَمَن فِي الأَرْضِ يُضِلُّوكَ عَن سَبِيلِ اللّهِ إِن يَتَّبِعُونَ إِلاَّ الظَّنَّ وَإِنْ هُمْإِلاَّ يَخْرُصُونَ (الأنعام : 116 ) މާނައި: “އަދި ބިމުގައިވާ ގިނަ މީހުންނަށް ކަލޭގެފާނު ކިޔަމަންވެ ވަޑައިގެންފިނަމަ، އެއުރެން ﷲ ގެ މަގުން ކަލޭގެފާނު ފުރައްދައިފާނެތެވެ. އެއުރެން ހީއަކަށް ނޫނީ ތަބާ ނުވެތެވެ. އަދި ދޮގުހަދާ ބަޔަކު ކަމުގައި މެނުވީ، އެއުރެން ނުވެތެވެ.

އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. وَمَا وَجَدْنَا لأَكْثَرِهِم مِّنْعَهْدٍ وَإِن وَجَدْنَا أَكْثَرَهُمْ لَفَاسِقِينَ (الأعراف : 102) މާނައި: “އަދި އެއުރެންކުރެ ގިނަމީހުން، އެއްވެސް ޢަހުދެއްގައި (ހިފަހައްޓައިގެން) ވާތީ،ތިމަންރަސްކަލާނގެ ދެކެވޮޑިއެއް ނުގަންނަވަމެވެ. އަދި ހަމަކަށަވަރުން، އެއުރެންކުރެ ގިނަމީހުންނީ، ފާސިޤުން ކަމުގައިވާތީ ތިމަންރަސްކަލާނގެ ދެކެވޮޑިގެންވަމެވެ.

އެހެންކަމުން ހެޔޮނުބައި ވަކިކޮށް ދެނެގަތުމުގެ ތިލަފަތަކީ މީސްތަކުންގެ ގިނަކަމާއި މަދުކަމެއް ނޫނެވެ. ހެޔޮ ނުބައި ވަކިކޮށް ދެނެގަތުމުގެ ތިލަފަތަކީ ޙައްޤުގެ މަގެވެ. ޙައްޤުކަމުގައިވާ ކޮންމެ އެއްޗެއް އެއީ ހެޔޮވެގެންވާ އެއްޗެކެވެ. އަދި ތަބާވާން ޖެހެނީވެސް ޙައްޤަށެވެ.

ބާޠިލު ގޮތްތަކަށް ތަބާވާ ކިތަންމެ ގިނަބަޔަކު ތިބިކަމުގައިވިޔަސް އެކަމަށް ހެއްލުންތެރިނުވުމާއި އެކަން ޤަބޫލުކޮށްގެން ނުވާނެއެވެ. އެހެނީ އަޞްލަކީ ޙައްޤުވެގެންވާ ގޮތް ހޯދައި އެގޮތަށް ތަބާވުމެވެ. ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. الحق لا يعرف بالرجال، وإنما يعرف الرجال بالحق “ޙައްޤު ދެނެގަތުމަށް މީސްތަކުންނަށް ބަލައިގެން ނޭނގޭނެއެވެ. ނަމަވެސް މީސްތަކުން ދެނެގަންނަން ޖެހޭނީ ޙައްޤަށް ތަބާވާ ބަޔަކު ބަލައިގެންނެވެ.”

ޙައްޤުގެ މަގަށް ތަބާވަނީ ބައެއް ފަހަރު މަދު ބަޔަކުކަމުގައި، އިހުގެ އުއްމަތްތައްކުގެ ވާހަކަ ވަޙީކުރައްވާފައިވާ މާތް ﷲ ގެ ބަސްފުޅުތަކުގައިވެއެވެ. وَمَا آمَنَ مَعَهُ إِلاَّ قَلِيلٌ (هود : 40 ) މާނައި: “މަދު މީހަކު މެނުވީ، އެކަލޭގެފާނުގެ (ނޫހުގެފާނުގެ) އަރިހުގައި އީމާންވެގެންނެއް ނުވެތެވެ.

މާތް ނަބިއްޔާއަށް އުއްމަތްތައް ދެއްކެވުނު ކަމުގައި ބަޔާންވެގެންވާ ޙަދީޘްފުޅުގައިވެސް  ބައެއް ނަބިއްޔުންނާއެކުގައި މަދު މީސްކޮޅެއް، އަނެއްބައި ނަބިއްޔުންނާއެކުގައި ދެތިން މީހުން، އަދި ބައެއް ނަބީބޭކަލުންނާއެކުގައި އެކަކުވެސް ނުވާކަމުގައި އެބޭކަލުން ދެކެވަޑައިގެންކަމުގައި ވާރިދުވެގެންވެއެވެ.

އެހެންކަމުން ކަމެއްގެ ހެޔޮ ނުބައި ދެނެގަނެވޭނީ މީސްތަކުންގެ ގިނަމަދުކަމަށް ބަލައިގެނެއް ނޫނެވެ. މާތް ﷲ ވަޙީކުރައްވާފައިވެއވެ. وَإِن تُطِعْ أَكْثَرَ مَن فِي الأَرْضِ يُضِلُّوكَ عَن سَبِيلِ اللّهِ (الأنعام : 116 ) މާނައި: “އަދި ބިމުގައިވާ ގިނަ މީހުންނަށް ކަލޭގެފާނު ކިޔަމަންވެ ވަޑައިގެންފިނަމަ، އެއުރެން ﷲ ގެ މަގުން ކަލޭގެފާނު ފުރައްދައިފާނެތެވެ.

މާތްނަބިއްޔާ ޞައްލަ ﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. بَدَأَ الإِسْلاَمُ غَرِيبًا وَسَيَعُودُ كَمَا بَدَأَ غَرِيبًا” މާނައީ: “އިސްލާމްދީން ފެށިގެންއައީ ބީރައްޓިކަމާއެކުގައެވެ. އަދި ނިމިގެންދާނީވެސް ފެށުނުފަދައިން ބީރައްޓެހިކަމާއެކުގައެވެ.”]

ނޯޓް: އަޅުގަނޑުގެ މިލިޔުން ވިދާޅުވާ ބޭފަޅަކު، މިޒަމާނުގެ ޑިމޮކްރަސީއާއި އ.ދ ގައި އޮންނަ ވީޓޯކުރުމުގެ އުޞޫލާއި މިކަންކަމުގެ މައްޗަށް ވިސްނައިލުން އެދެމެވެ.

{މި ލިޔުމަކީ “އަލްމަސާއިލުލްޖާހިލިއްޔާ” ފޮތުން ތަރުޖަމާކުރަމުންދިޔަ ސިލްސިލާ ލިޔުންތަކުގެ ތެރެއިން ލިޔުމެކެވެ.}