مسائل الجاهلية 8 ނިކަމެތިން ތަބާވާގޮތް އެއީ ޙައްޤުގެ މަގު ނޫންކަމުގައި ދެކުން

ބާޠިލުކަމެއްގެ ދަލީލުކަމުގައި އެމީހުން ދެކެނީ އެކަމަކަށް ތަބާވާ ބަޔަކީ ނިކަމެތިންނަށްވުމެވެ. މާތް ﷲ މި ވާހަކަ އަންގަވައި ވަޙީކުރައްވާފައިވެއެވެ. “قَالُوا أَنُؤْمِنُ لَكَ وَاتَّبَعَكَ الْأَرْذَلُونَ” (الشعراء 111) މާނައީ: “އެމީހުން ބުންޏެވެ. ކަލޭގެފާނަށް ތަބާވެގެންތިބީ، ދެރަ ނިކަމެތިން ކަމުގައިވާއިރު، ތިމަންމެން ކަލޭގެފާނަށް އީމާންވާނެތޯއެވެ؟”

އަދިވެސް އެފަދަ މީހުންގެ ވާހަކަތައް އަންގަވައި ވަޙީކުރައްވާފައިވެއެވެ. “أَهَـؤُلاء مَنَّ اللّهُ عَلَيْهِم مِّن بَيْنِنَا…” (الأنعام 53) މާނައީ: “އަހަރުމެންގެ ތެރެއިން ﷲ ނިޢްމަތް ދެއްވާފައިވާ ބަޔަކީ މިބައިމީހުންހެއްޔެވެ؟” (އެބަހީ: އެފަދަ ނިކަމެތިން ހެއްޔެވެ؟)

އެމީހުންގެ މިވާހަކަތަކަށް ރައްދުދެއްވައި ހަމައެއާޔަތުގައި އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. “أَلَيْسَ اللّهُ بِأَعْلَمَ بِالشَّاكِرِينَ” (الأنعام 53)މާނައީ: “ޝުކުރުވެރިވާ މީހުން އެންމެބޮޑަށް ދެނެވޮޑިގެންވަނީ، ﷲ ކަމުގައިނުވޭ ހެއްޔެވެ؟”

[އެމީހުންގެ ކަންކަން ރަނގަޅުކަމުގެ މައްޗަށް ދަލީލެއްގެ ގޮތުގައިދެކެނީ ބާރުގަދަ މީހުން އެކަންކަމަށް ތަބާވުމެވެ. ގިނަ ނިކަމެތިންތަކެއް އެގޮތެއްގެ މައްޗަށް ތަބާވާ ކަންކަމަކީ ޙައްޤު ގޮތް ނޫންކަމުގައި ދެކެއުޅުނެވެ. އެމީހުން ގަބޫލުކުރި ގޮތުގައި ޙައްޤުވެގެންވާ ރަނގަޅު ގޮތްކަމުގައިވާނަމަ އެގޮތާ ތަބާވާ ގިނަ ބަޔަކީ ނިކަމެތިންކަމުގައި ނުވީހެވެ. މިއީ ޖާހިލިއްޔަ ޒަމާނުގެ އަހުލުވެރިން ޙައްޤާއި ބާޠިލުވަކިކުރުމަށް ގެންގުޅޭ ތިލަފަތެވެ. 

ނޫޙުގެފާނުގެ ޤައުމުގެ މީހުން އެކަލޭގެފާނަށް ދެންނެވިއެވެ. “قَالُوا أَنُؤْمِنُ لَكَ وَاتَّبَعَكَ الْأَرْذَلُونَ” (الشعراء 111) މާނައީ: “އެމީހުން ބުންޏެވެ. ކަލޭގެފާނަށް ތަބާވެގެންތިބީ، ދެރަ ނިކަމެތިން ކަމުގައިވާއިރު، ތިމަންމެން ކަލޭގެފާނަށް އީމާންވާނެތޯއެވެ؟”

އަދި އެހެން އާޔަތެއްގައި އެކަލާނގެ ވާޙީކުރައްވާފައިވެއެވެ. “وَمَا نَرَاكَ اتَّبَعَكَ إِلاَّ الَّذِينَ هُمْ أَرَاذِلُنَا بَادِيَ الرَّأْيِ” (هود 27) މާނައީ: “އަދި ކަލޭގެފާނަށް ތަބާވި މީހުންނަކީ، ތިމަންގެ ތެރެއިން އެންމެ ދެރަނިކަމެތި، ވިސްނުން ކޮށި މީހުން ކަމުގައި މެނުވީ ތިމަންމެން ނުދެކެމެވެ.”

އަދިވެސް ވަޙީކުރައްވާފައިވެއެވެ. “وَقَالَ الَّذِينَ كَفَرُوا لِلَّذِينَ آمَنُوا لَوْ كَانَ خَيْراً مَّا سَبَقُونَا إِلَيْهِ وَإِذْ لَمْ يَهْتَدُوا بِهِ فَسَيَقُولُونَ هَذَا إِفْكٌ قَدِيمٌ” (الأحقاف 11) މާނައީ: “އަދި ކާފިރުވީމީހުން އިމާންވި މީހުންނަށް ބުންޏެވެ. (އެކަލޭގެފާނު ގެންނެވި ތަކެއްޗަށް އީމާންވުމަކީ) އެއީ ހެޔޮކަމެއް ކަމުގައިވީނަމަ، ތިމަންމެންގެ މައްޗަށް އެއުރެން އެކަމަށް އިސްނަގައިގެން ނުދިޔައީހެވެ. އަދި އެއުރެންނަށް އެއިން ތެދުމަގު ނުލިބުނުހިނދު، ފަހެ، އެއުރެން ބުނާނެތެވެ. މިއީ އިހުގެ (ފުލޯކުގެ ތެރެއިންވާ) ދޮގެކެވެ.”

ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޒަމާނުގައިވެސް މައްކާގެ މުޝްރިކުން، މުސްލިމުންގެ ތެރެއިން ނިކަމެތިންނަށް އަނިޔާކުރަމުންދިޔައެވެ. އަދި އެމީހުން، އީމާންވީ މީހުންގެ ތެރެއިން ދެރަ ނިކަމެތިންނަށް މަލާމާތްކޮށް ފުރައްސާރަކޮށް ހެދިއެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގެން ޞަޙާބީންގެ ތެރެއިން ބިލާލުގެފާނާއި، ސަލްމާނުގެފާނާއި، ޢައްމާރު ބުން ޔާސިރުގެފާނާއި އެކަލޭގެފާނުގެ ބައްޕާފުޅާއި މަންމާފުޅުފަދަ ބޭބޭކަލުން ހިމެނެއެވެ. 

އެބޭބޭކަލުންނަށް ފުރައްސާރަކޮށް މަލާމާތްކޮށް އެބޭކަލުންނާއެކުގައި ކީރިތި ރަސޫލާ صلى الله عليه وسلم ގެ މަޖިލީހުގައި ނުއިށީންނާނޭކަމުގައި ކާފަރުންގެ ތެރެއިން ބޮޑުން ބުންޏެވެ. ކީރިތި ރަސޫލާ صلى الله عليه وسلم އެމީހުންނާ ބައްދަލުކުރުމަށް ޚާއްޞަ މަޖިލީހެއް ހެދުމަށް އެދިވަޑައިގެންނެވިހިނދު، މާތް ﷲ އެކަމާއި ނުރުއްސެވުމުގެ ބަސްވަޙީކުރެއްވިއެވެ.

އެކަލާނގެ ވަޙީކުރެއްވިއެވެ. “وَلاَ تَطْرُدِ الَّذِينَ يَدْعُونَ رَبَّهُم بِالْغَدَاةِ وَالْعَشِيِّ يُرِيدُونَ وَجْهَهُ مَا عَلَيْكَ مِنْ حِسَابِهِم مِّن شَيْءٍ وَمَا مِنْ حِسَابِكَ عَلَيْهِم مِّن شَيْءٍ فَتَطْرُدَهُمْ فَتَكُونَ مِنَ الظَّالِمِينَ”(الأنعام 52) މާނައީ: “އަދި އެމީހުން އެކަލާނގެ ޙަޟުރަތަށް ހެނދުނާއި، ހަވީރު ދުޢާކޮށްއުޅޭ މީހުން ކަލޭގެފާނު ދުރުކޮށް ނުލައްވާށެވެ! އެއުރެންގެ ޙިސާބު ބެއްލެވުމުގެ ތެރެއިން ކަމެއް ކަލޭގެފާނަކަށް ނުވެއެވެ. އަދި ކަލޭގެފާނުގެ ޙިސާބު ބެއްލެވުމުގެ ތެރެއިން ކަމެއް އެއުރެންނަކަށްވެސް ނުވެއެވެ. ފަހެ، ކަލޭގެފާނު އެއުރެން ދުރުކޮށްލައްވަފައިފިނަމަ، އަނިޔާވެރިންގެ ތެރެއިން ކަލޭގެފާނު ވެދާނެތެވެ.”

ކާފަރުންނަށް އޮޅިފައިވަނީ، އާރާއިބާރު އަދި ނިކަމެތިކުރެއްވުމުގެ ބާރުވެސް މިލްކުވެވޮޑިގެންވަނީ ގަދަކީރިތިވަންތަ ﷲ އަށް ކަމެވެ. ނިކަމެއްޗަކުވެސް އޭނާއަކީ ނިކަމެއްޗެއްކަމުގައި ވިއެއްކަމަކު ޙައްޤުގެ މަގުގައިވުން އެކަށީގެންވެއެވެ. ހަމައެފަދައިން ގަދަބާރުގެ ވެރިޔަކުވެސް ބާޠިލުގެ މަތީގައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ.]