ﷲތަޢާލާ ބަނީއިސްރާއީލުންގެ ތެރެއިން ފޮނުއްވި ރަސޫލުބޭކަލެއްކަމަށްވާ ސުލައިމާން އަލައިހިއްސަލާމަކީ ވަރަށްގިނަ އާދަޔާ ޚިލާފު ކަންތައްތަކެއް އެބޭކަލަކަށް ދެއްވާފައިވާ ބޭކަލެކެވެ. އެގޮތުން އެކަލޭގެފާނުގެ އަމުރުފުޅުގެ ދަށުގައި އެތައް މަޚްލޫޤުންތަކެއް ކިޔަމަންތެރިކޮށްދެއްވިއެވެ. ޖިންނިންނާއި އިފްރީތުންނެވެ. ޖައްވުގައިވާ ވަޔާއި އެތަނުގައި އުދުހޭ ދޫނިތައްވެސްވަނީ އެކަލޭގެފާނަށް ކިޔަމަންތެރި ކުރުވިފައެވެ. ބިންމަތީގައި ދިރިއުޅޭ އެންމެ ކުދި ފަނިފަކުސާތަކާއި ސޫފިތަކުގެ ބަހުރުވަވެސް އެކަލޭގެފާނަށް ﷲ އިލްޙާމްކޮށްދެއްވިއެވެ. އެހެންކަމުން އެކަލޭގެފާނުގެ ޙަޔާތްޕުޅަކީ އެކިތާޒުގެ އަޖައިބު ކުރުވަނިވި ޙާދިޘާތަކުން ފުރިފައިވާ ޞަފްޙާތަކެކެވެ.
އެގޮތުން އެއްފަހަރަކު ހިނގައިދިޔަ އާދަޔާ ޚިލާފު ޙަދިޘާއެކެވެ. އެކަލޭގެފާނުގެ ލަޝްކަރު ފަލަސްޠީނުގެ ބައިތުލް މަޤްދިސުން ނުކުމެގެން ތަނަކަށް ދަތުރު ކުރަނީއެވެ. އެކި ރަށްރަށާއި ބޮޑެތި ސަހަރުތައް ކަޑައްތުކުރަމުން އައިސް ޠާއިފު އޭކިޔު ޙިޖާޒުކަރައިގެ ރަށަކުން އާދަޔާޚިލާފު ކަމެއް މިލަޝްކަރަށް ކުރިމަތިއެވެ. އެއީ އެރަށުގެ ހިނީގެ ވާދީއަކުންނެވެ. އެ ވާދީ ފުރިފައިވަނީ އެތައްހާސް ހިނީގެ އާބާދީއަކުންނެވެ. އެލަޝްކަރު އެ ވާދީއާ ކައިރިވަމުންދިޔަ އެވެ. އެތައް އަސްތަކެއްގެ މައްޗަށް އެކުލެވޭ މިބިޔަ ލަޝްކަރުގެ އަސްތަކުގެ ފައިދަށުވެ އެ ކުދިކުދި ހިނިތައް ޗިސްޗިސްވެދާނެކަމީ ކަށަވަރުކަމެކެވެ. އެހެނީ ބޮޑު ލަޝްކަރެއް ކުއްލިއަކަށް އަންނައިރު ލޮލަށް ނުފެންނަވަރުގެ ހިނިތަކެއް ތިބިކަން ދެނެގަންނާނީ ކިހިނަކުންހެއްޔެވެ؟ ކުރިމަތިން އެއަންނަނީ ނުރައްކަލެއްކަން އެވަގުތު އެވާދީގެ ތެރޭގައިވާ އެތައް ހާސް ހިނިތަކުގެ ތެރެއިން އެއް ހިނި ދެނެގަތެވެ. އެހެންވެ ވަގުތުން އެ ހިނި އޭތީގެ ފަރުދީ ޒިންމާ އަދާކުރިއެވެ. މިވާހަކަ ﷲ ތަޢާލާވަނީ ސޫރަތުލް ނަމްލުގެ 18 އާޔަތުގައި ވަޙީކުރައްވާފައެވެ. ﷲގެ ބަސްފުޅުގައިވެއެވެ
“حَتَّىٰ إِذَا أَتَوْا عَلَىٰ وَادِ النَّمْلِ قَالَتْ نَمْلَةٌ يَا أَيُّهَا النَّمْلُ ادْخُلُوا مَسَاكِنَكُمْ لَا يَحْطِمَنَّكُمْ سُلَيْمَانُ وَجُنُودُهُ وَهُمْ لَا يَشْعُرُونَ ﴿١٨﴾
(ދެން ލަޝްކަރައިގެން) ހިނީގެ ވާދީއަށް ވަޑައިގެންފުމަށް ދާނދެނެވެ. އެހިނދު ހިންޏެއް ބުންޏެވެ. އޭ ހިނިތަކާއެވެ! ކަލޭމެންގެ ގޭގެއަށް ވަންނާށެވެ! (އެއީ) ނޭނގިތިބެ، ސުލައިމާންގެފާނާއި، އެކަލޭގެފާނުގއ ލަޝްކަރު ކަލޭމެން ޗިސްޗިސް ނުކުރުމަށްޓަކައެވެ.
ކިހާބުއްދިވެރި ހިންޏެއްތޯއެވެ! ހޮރުން ބޭރުގައި ތިބެފިނަމަ އަސްތަކުގެދަށުވެ މަރުވާނެކަން އެނގުނު ހިނދު ގެތަކަށް ވަދެ ސަލާމަތްވުމަކީ އޮންނަ ހަމައެކަނި ހައްލުކަމާއި އެކަން ނުކޮށް ތިއްބާ ޗިސްޗިސްވިޔަސް އެއީ ސުލައިމާނުގެފާނުގެ ލަޝްކަރުގެ އަނިޔާވެރިކަން ނޫންކަން ބަޔާންކޮށް ސަމާލުވުމަށް ނަޞޭޙަތްތެރިވިއެވެ.
މިއަދު މުޅިދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮވިޑު19 ގެ ވައިރަހުން ރައްކާތެރިވުމަށް ޞިއްޙީ މާހިރުންވެސް ދެއްވަނީ މިފަދަ ލަފައެކެވެ. ހަމަ އެފަދަ ގޮވާލެއްވުމެކެވެ. އެ ނަޞޭޙަތުގައި ހިފާ އަހުރެމެންވެސް ގެތަކަށް ވަންނާކަށް ނުވޭބާއެވެ. ފަރުދީ ޒިންމާ އަދާކުރާނެ ވަގުތު އަދިވެސް ނުޖެހެނީތޯއެވެ. އެ ކުދިކުދި ހިނިތަކަށް ވީވަރުވެސް އަހަރެމެންނަށް ނުވަނީތޯއެވެ!
އޭ ލޮބުވެތި ދިވެހިންނޭވެ! ތިޔަބައިމީހުންވެސް ގެތަކަށް ވަންނާށެވެ! އަދި ﷲއަށް އަޅުކަންކޮށް މިއަދު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލާޢާފާތުން ސަލާމަތްކޮށްދެއްވުމަށް އެދި ދުޢާކުރާށެވެ. އަދި ޞިއްހީ ސާފުތާހިރު އާދަތަކުން ޒީނަތްތެރިވާށެވެ! ހުންއައުމުގެ ކުރިން ރަޖާލާށެވެ!