ނަބިއްޔާއަށް ފުރައްސާރަ ކުރީމާ ވީގޮތް

އިންސާނާގެ އެންމެ ބަލިކަށިކަމަކީ އޭނާގެ އަޞްލު މަޤާމާއި ޤާބިލިއްޔަތު އަވަސް އަވަހަށް އޮޅުމެވެ. ޚާއްޞަކޮށް އޭނާފަދަ އެހެން އިންސާނުންތަކެއްގެ މައްޗަށް ކުޑަވެސް ބާރެއް ލިބިގެންދާ ހިނދު އަމިއްލަ ނަފްސު އޭނާއަށް އޮޅިގެންދެއެވެ. އެފަދަ ބައެއް މީހުން ބޮޑާކަމާއި ގަދަ ބަސްބުނުމުގައި ހައްދުފަހަނަ އަޅައިގޮސް، އޭނާއަށް އާރާއި ބާރާއި މުދަލާއި ވެރިކަން ދެއްވި އިލާހާއި އެއިލާހުގެ ރަސޫލުންނަށް ގޮންޖަހާ ހަދައެވެ. މިފަދަ އެތައް އިންސާނުންނެއް ވަނީ ދުނިޔޭގެ ތާރީޚްދެކިފަ އެވެ. ތާރީޚް ވަނީ އެފަދަ މީހުންގެ ޞަފްޙާތަކުން އަނދިރިވެފަ އެވެ.

މި ރިޕޯޓުގައި މި ބަލާލަނީ މިއުއްމަތުގެ ނަބިއްޔާ ކައުސާހިބާ މުޙައްމަދު -ޞައްލަﷲޢަލައިހިވަސައްލަމައަށް- ފުރައްސާރަކޮށް އެކަލޭގެފާނުގެ މައްޗަށްބޮޑާކަމާއި އެކު މުޢާމަލާތްކުރި ރަސްކަލެއްގެ ވާހަކަ އެވެ.

ހިޖްރައިން ހަތްވަނަ އަހަރު ކައުސާހިބާ ޢަރަބިޖަޒީރާގެ ބޭރުގައިވާ އެހެން ކަރަތަކާއި ޤައުމުތަކުގެ ރަސްރަސްކަލުންނަށް އިސްލާމްދީނަށް ގޮވާލެއްވުމަށް ސިޓީފުޅުތަކެއް ފޮނުއްވި އެވެ. އެގޮތުން އޭރުދުނިޔޭގެ އެންމެ ބޮޑު އެއްދައުލަތްކަމަށްވާ ފާރިސްކަރައިގެ ރަސްގެފާނަށްވެސް  އެކަލޭގެފާނު އެސިޓީފުޅު ފޮނުވި އެވެ. އޭރު އެދަޢުލަތުގެ ވެރިއަކަށް ހުރީ ކިސްރާ ޕަރުވޭޒު ބުން ހުރުމޫޒެވެ. މިނާގެ އަތަށް ނަބިއްޔާ ޞައްލަﷲޢަލައިހިވަސައްލަމަ ގެ ސިޓީފުޅު އެރުމާއިއެކު ތަރުޖަމާނެއްގެނެސް އެސިޓީފުޅުގައި ލިޔެފައިވާ އެއްޗެއް ކިޔުމަށް އަމުރުކުރި އެވެ.އެހިނދު އެސިޓީގައި މިއީ މުޙައްމަދު ބުން ޢަބުދުﷲގެ ފަރާތުން ފާރިސްކަރައިގެ މަތިވެރި ކިސްރާއަށް ފޮނުވާ ސިޓީއެކޭ ލިޔުއްވާފައި އޮވެގެން އޭނާގެ ނަމުގެ ކުރިއަށް އެހެންމީހެއްގެ ނަން އިސް ނުވާނެ ކަމަށްބުނެ އެސިޓީފުޅު ވީދާ ކުދިކުދި ކޮށްލި އެވެ. އަދި އޭނާގެ ވެރިކަން އޮންނަ ޔަމަނުކަރާގައި ހުންނަ އޭނާގެ މޭޔަރަށް، ބާރުހުރި ދެމީހުން ޙިޖާޒުކަރައަށް ފޮނުވައި ނަބިއްޔާ ޞައްލަﷲޢަލައިހިވަސައްލަމްހައްޔަރުކޮށްގެން ގެނައުމަށް އަމުރުކުރި އެވެ. އެހިނދު ޔަމަނުކަރައިގެ މޭޔަރު ބާރުގަދަ ދެމީހުން ފޮނުވި. މިދެމީހުން އެންމެ ފުރަތަމަ ގޮސް އެރީ ޠާއިފަށް. އެތަނުން ޚަބަރު އަހާ އޮޅުންފިލުވިއިރު ނަބިއްޔާޞައްލަﷲޢަލައިހިވަސައްލަމަ ދިރިއުޅުއްވަނީ މަދީނާގައިކަން އެނގިގެން މަދީނާއަށް ދަތުރުކުރި އެވެ. މިޚަބަރު މައްކާގެ ކާފަރުންނަށް ލިބިގެން މުޙައްމަދުގެފާނުގެ ކަންތައް ނިމުނީއޭ ދުނިޔޭގެ އެންމެ ބާރުގަދަ ވެރިޔާ ކިސްރާ އާއި ކުޅެވޭނެހޭ ކިޔާ އުފާކުރި އެވެ.

ކޮންމެއަކަސް އެއްކަލަ ދެމީހުން މަދީނާއަށްގޮސް އިތުރު އެކަލޭގެފާނުގެ އަރިހަށްގޮސް އެމީހުންނާއިއެކު ފާރިސްކަރައަށް ދިއުމަށާއި އެހެންނޫނީ ގަދަކަމުންވެސް ގެންދާނެކަމަށް ބުނެފި އެވެ. އޭރު އެކަލޭގެފާނުގެ ސިޓީފުޅު އެޖައްބާރު ކިސްރާ ވީދާލި ޚަބަރުވަނީ މަދީނާއަށް ފޯރާފަ އެވެ. އެހިނދު އިތުރު އެކަލޭގެފާނު އެކިސްރާގެ ވެރިކަން ވީދި ކުދިކުދިވެދިއުމަށްދުޢާފުޅުކުރެއްވި އެވެ.

ކޮންމެކަމެއްގައިވެސް އެންމެ ފުރިހަމަ މިސާލު ދައްކަވާ ކައުސާހިބާ މުޙައްމަދު -ޞައްލަﷲޢަލައިހިވަސައްލަމް- އަނެއްދުވަހުގެ ފަތިހު އެކަލޭގެފާނުގެ އަރިހަށް އައުމަށް އެމީހުންގެ ކިބައިން އެދިވަޑައިގެންނެވުމާއެކު އެރޭ ފޮނުވާލެއްވި އެވެ. ހަމަ އެރޭމެ،ފާރިސްކަރައިގެ ރަސްކަމުގެ ކޮއިލުތެރޭގައި ހިނގި ހަމަނުޖެހުމެއްގައި މިބުނެވުނު ޕަރުވޭޒުގެ ދަރިފުޅު އޭނާގެ ބައްޕަ ޤަތުލުކޮށްލާ ފާރިސްކަރައިގެ ވެރިކަމަށް އެ ދަރިފުޅު އިސްވި ވާހަކަ ވަޙީގެ ޒަރިއްޔާއިން ﷲ އެކަލާނގެ ނަބިއްޔާއަށް އެންގެވި އެވެ. ފަތިސްވުމުން އެއްކަލަ ދެމީހުން ގެންނަވާ އެޚަބަރު ދެއްވުމަށްފަހު އެމީހުން އަނބުރާ ޔަމަނުކަރައަށް ފޮނުވާލެއްވި އެވެ.އެމީހުން ގޮސް އެޚަބަރު ޔަމަނުކަރައިގެ މޭޔަރަށް ދިންތާ އެތައް ދުވަހެއްފަހުން އައު ރަސްކަލެއް ތަޚުތައް އިސްވިކަމުގެ ސިޓީލިބުނު އެވެ.އެހިނދު ޔަމަނުކަރައިގެ މޭޔަރު އިސްލާމްދީން ޤަބޫލުކޮށް މުސްލިމަކަށްވެއްޖެއެވެ.

މި ޙަދިޘާއިން ކިތަންމެ ޢިބްރަތްތެރި ފިލާވަޅުތަކެއްވެސް އެބަލިބެއެވެ.އާއެކެވެ. މިއުއްމަތުގެ ނަބިއްޔާ މުޙައްމަދު- ޞައްލަﷲޢަލައިހިވަސައްލަމަ- އަށް ފުރައްސާރަކޮށް ﷲ ގެ ޙުކުމްފުޅުތަކަށް ގޮންޖަހާ އެކަކަށްވެސް ކާމިޔާބެއް ނެތްކަމެވެ. އޭރު ދުނިޔޭގެ އެންމެ ބާރުގަދަ ރަސްގެފާނު އަމިއްލަ ދަރިކަލުންގެ އަތުން ޤަތުލުވެ އެދިޔައީ އެމާތް ނަބިއްޔާގެ ދުޢާފުޅުގެ ސަބަބުންކަމެވެ. އެކަލޭގެފާނަށް މާތް ﷲ ނަޞްރުދެއްވާ މުޢުޖިޒާތް ފާޅުކުރެއްވީ އެވެ. ހަނގުރާމައެއް ކޮށްގެންނެއް ނޫނެވެ. މިއަދުވެސް އެކަލޭގެފާނުގެ ޝަޙްޝިއްޔަތަށް ފުރައްސާރަކުރާ ކޮންމެ ބަޔަކުދަނީ ނިކަމެތިވަމުން އެވެ. ފަޟީޙަތްވަމުން، ދުނިޔޭގެ ނިކަމެތިކަމާ ކުރިމަތިލަމުންނެވެ. ފިލައިނުދާނެކަމަށް ޔަޤިންކޮށްގެން ތިބޭ އާރާއި ބާރު ނެތި ނިކަމެތިވަމުންނެވެ. މީސްތަކުންގެ ލޯބިލިބުމަށްފަހު، އެމީހުންގެ ކުރިމަތީ އަގު ވެއްޓި އާޚިރުގައި ނިމިދަނީ އެމީހުންގެ ނަފުރަތު ކުރިމަތިވެގެންވާ ޙާލު އެވެ. ނަބިއްޔާއަށް ފުރައްސާރަ ކުރާ ބަޔަކަށް ގަދަކީރިވަންތަ ރައްބުލްޢިއްޒަތުގެ ގެ ވޭންދެނިވި ޢުޤޫބާތް އަންނާނެކަމީ އެއީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. އެފަދަ މީހުންނާ އެކު އެމީހުންނަށް އެޙާލުގައި ވާގިވެރިވާ ބަޔަކާމެދު ވެސް ﷲ ގެ ނުރުއްސެވުމާ ކޯފާ ކައިރިވެގެންވެ އެވެ. ޝަޚުޝީ ދިރިއުޅުމުގައި ހަމަޖެހުން ގެއްލިދިއުމާއި ޢާއިލީ ދިރިއުޅުން ބަނަވެގެން ދިއުން ތަޖުރިބާ ކުރެވިފައިވެ އެވެ. ތާރީޚު ދިރާސާ ކުރައްވާށެވެ.