ނަފްސު ޙިސާބުކުރަންވީ ގޮތް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ތިބާގެ ނަފްސު ޙިސާބުކުރާއިރު އެންމެ ފުރަތަމަ ޙިސާބުކުރަންވީ ފަރުޟު ކަންތައްތަކެވެ. އެކަމުގައިއުނިކަމެއްވާކަން ހަނދާންވެއްޖެނަމަ އެކަމެއް އިޞްލާޙުކޮށްގެން ނުވަތަ އަލުންކޮށްގެންވިޔަސް އެކަންރަނގަޅުކުރާށެވެ.

ދެން ޙިސާބުކުރާނީ ނަހީކުރައްވާފައިވާ ކަންކަމާމެދު ޢަމަލުކޮށްފައިވާ ގޮތެވެ. އެފަދަކަމަކަށްއަރައިގަނެވިފައިވާކަން އެނގިއްޖެނަމަ ތައުބާވެ ފާފަފުއްސެވުމަށް އެދި ދަންނަވާ އަދި އެކަން ފޮހެލުމަށްޓަކައިހެޔޮކަންތައްތަކެއް ކުރާނީއެވެ.

ދެން ޙިސާބުކުރާނީ ޣާފިލުކަމާ ގުޅިފައިވާ ކަންކަމެވެ. އެއީ ތިބާ އެކަމަކަށްޓަކައި ޚަލްޤުކުރައްވާފައިވާކަންކަމާމެދު ޣާފިލުވެވިފައިވާނަމަ، އެކަން ރަނގަޅުކޮށް، ހަނދުމަކޮށް އެއިލާހާ ކުއްތަންވެގެންނެވެ.

ދެން ޙިސާބުކުރާނީ ދެކެވިފައިވާ ވާހަކަތަކާއި ހިނގާފައި ދިޔަ ތަންތަނާއި އަތުން ހިފި އެއްޗިއްސާއި ކަންފަތުންއެހި އަޑުތަކެވެ. އެއީ ކީއްކުރަން ކުރި ކަންތައްތަކެއް ހެއްޔެވެ؟ އެއީ ކޮން ފަރާތަކަށްޓަކައި ކުރި ކަންތައްތަކެއްހެއްޔެވެ؟ އެއީ ކިހިނެތް ކުރި ކަންތައްތަކެއް ހެއްޔެވެ؟

އަދި ތިބާކުރި ކޮންމެ ޙަރަކާތެއްވެސް ފަތުގައި ލިޔުއްވޭނޭކަން ދަންނާށެވެ. އަދި އެކަންކުރި ނިޔަތާއި ކުރި ގޮތްވެސް ޙިސާބުކުރެވޭނެއެވެ. އަދި އެކަމާމެދުގައި ސުވާލުކުރެވޭނެއެވެ. ފުރަތަމަ ސުވާލަކީއިޚްލާޞްތެރިކަމާމެދު ކުރެވޭ ސުވާލެވެ. ދެވަނަ ސުވާލަކީ ނަބިއްޔާ صلى الله عليه وسلم އަށްތަބާވުމާމެދު ކުރެވޭ ސުވާލެވެ.

އެއިލާހު ވަޙީކުރެއްވިއެވެ.

﴿فَوَرَبِّكَ لَنَسْأَلَنَّهُمْ أَجْمَعِينَ [٩٢] عَمَّا كَانُوا يَعْمَلُونَ [٩٣] ﴾ [ سورة الحجر]

މާނައީ: ”ފަހެ، ކަލޭގެފާނުގެ ވެރިރައްބު ގަންދެއްވައި ވަޙީކުރައްވަމެވެ. ތިމަންއިލާހު އެއުރެން އެންމެންނާސުވާލުކުރައްވާ ހުށީމެވެ! [92] އެއުރެން ކޮށްއުޅުނު ޢަމަލުތަކާ ބެހޭގޮތުންނެވެ. [93]”

އަދިވެސް ވަޙީކުރެއްވިއެވެ.

﴿فَلَنَسْأَلَنَّ الَّذِينَ أُرْسِلَ إِلَيْهِمْ وَلَنَسْأَلَنَّ الْمُرْسَلِينَ [٦] فَلَنَقُصَّنَّ عَلَيْهِم بِعِلْمٍ ﴾ [سورةالأعراف ٦٧ ]

މާނައީ: “ހަމަށަވަރުން، އެއުރެންގެ ގާތަށް ރަސޫލުން ފޮނުއްވި މީހުންނާ ތިމަންއިލާހު ސުވާލުކުރައްވާ ހުށީމެވެ. އަދި ރަސޫލުންނާވެސް، ހަމަކަށަވަރުން، ތިމަންއިލާހު ސުވާލުކުރައްވާ ހުށީމެވެ. [6] އަދި (އެއުރެންކުރިހުރިހާކަމެއް) މޮޅަށް ދެނެވޮޑިގެންވާ ޙާލުގައި، ހަމަކަށަވަރުން، ތިމަންއިލާހު އެއުރެންނަށް އެކަންތައްތައް ކިޔައިދެއްވާ ހުށީމެވެ.

އަދިވެސް ވަޙީކުރެއްވިއެވެ.

﴿لِّيَسْأَلَ الصَّادِقِينَ عَن صِدْقِهِمْ ﴾  [سورة الأحزاب ٨]

މާނައީ: “(އެއީ) ތެދުވެރިންގެ ކިބައިން، އެބޭކަލުންގެ ތެދުވެރިކަމާމެދު ސުވާލުކުރެއްވުމަށްޓަކައެވެ.”

ފަހެ ތެދުވެރިންގެ ތެދުވެރިކަމާމެދު އެބޭކަލުންނާ ސުވާލުކުރެވި ޙިސާބުބެއްލެވޭއިރު، ދޮގުވެރިންނަށް ވާނީކިހިނެތް ހެއްޔެވެ؟

_________________________________________

ބައްލަވާ: އިބްނުލް ޤައްޔިމް رحمه الله ލިޔުއްވާފައިވާ إغاثة اللهفان من مصائد الشيطان