ނުރައްކާތެރި ޠާޢޫން ބަލި ފެތުރުނު ހިނދު ހިނގައިދިޔަ އާދަޔާ ޚިލާފު ޙާދިސާ އެއް

ދުވަސްވަރަކީ އިސްލާމީ އުއްމަތަށް ފަތަޙައާއި ކާމިޔާބީގެ އުފާވެރި ދޯދިތަކުން އަލިވިލެމުން ދިޔަދުވަސްވަރެވެ.މުސްލިމް އަބްޠާލުން ހޯދި މަތިވެރި ނަޞްރާއެކު ކާމިޔާބީގެ އުފާވެރި ހިނިތުންވުމުގައި ތިއްބައި މުޅި ޝާމްކަރަ ސިއްސުވާލި ބިރުވެރި ޚަބަރަކީ ޝާމްކަރައިގެ ޢަމްވާސް އެވެ ކިޔުނު ސަރަޙައްދުގައި ޠާޢޫނު ބަލި ފެތުރެމުންދާ ޚަބަރެވެ. 

ޠާޢޫން ބަލީގެ ނުރައްކާތެރި ބިރުވެރި ޙާލަތަކީ ދުވަހަކުވެސް އޭގެކުރިން ބަޔަކު އަޑުއަހައި ތަޖުރިބާކޮށްފައިވާކަމެއްނޫނެވެ. މީސްތަކުންގެ ތެރޭގައި މި ނުރައްކާތެރި ވަބާ އަލިފާންގަނޑެއް ފެތުރިގެންދާފަދައިން ފެތުރި އެތަކެއް އިންސާނުން މިބަލީގައި މަރުވެ ފަނާވަމުން ދިޔައެވެ. 

މުސްލިމުންގެ ޚަލީފާ ޢުމަރު ރަޟިއްޔަ ﷲ ޢަންހު މަދީނާގައި ހުންވަނިކޮށް މިޚަބަރު ލިބިވަޑައިގަތުމާއެކު ޠާޢޫން ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ޝާމްކަރައިގެ ޢަމްވާސްގައި ހުންނެވި ލޮބުވެތި ޞަޙާބީ އަބޫ ޢުބައިދާ ރަޟިއްޔަ ﷲ ޢަންހުގެ ޙާލުކޮޅާއިމެދު ފިކުރުބޮޑުވާން ފެށްޓެވިއެވެ. 

އެހެންނުވާންވީ ސަބައެއް ނެތެވެ. އިސްލާމީ އުންމަތަށްޓަކައި އަބޫ ޢުބައިދާ ކުރެއްވި ޖިހާދާއި ވެވަޑައިގެންނެވި ޤުރުބާނީއަކީ ދުލަކުން 

ޤަލަމަކުން ބަޔާންކުރެވޭނެ ވާހަކަތަކެއް ނޫނެވެ. ދުނިޔޭގައިހުންނަވަނިކޮށް ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރުދެއްވާފައިވާ ބޭކަލުންގެ ތެރެއިން ބޭކަލެކެވެ. ޢުމަރް ރަޟިއްޔަﷲ ޢަންހު އިންތިހާއަށް ލޯބިފުޅުވާ ބޭކަލެކެވެ.

ޢުމަރު ރަޟިއްޔަ ﷲ، އަބޫ ޢުބައިދާއަށް ކުއްލި ސިޓީފުޅެއް ފޮނުއްވިއެވެ. އެސިޓީފުޅުގައިވަނީ މިފަދައިންނެވެ. “އަހުރެން ތިބާގެ ކިބައިން ނުހަނު ބޮޑު ކަމަކަށް މިވަނީ ބޭނުންޖެހިފައެވެ. މިކަމަކީ ދުލުން ބަޔާންކުރެވޭނެ ކަމެއްނޫނެވެ. ވީމާ މިސިޓީ ކަލޭގެފާނުގެ އަތްޕުޅަށް ލިބިވަޑައިގެންނެވީ ރޭގަނޑުކަމަށްވާނަމަ ހެނދުނު ވުމުގެކުރިން ފުރައިގެން ތިމަންކަލޭގެފާނުގެ ގާތަށް

 ވަޑައިގަންނަވާށެވެ. މިސިޓީ ލިބިވަޑައިގެންނެވީ
 ހެނދުނުކަމަށްވާނަމަ ހަވީރު ވުމުގެކުރިން ފުރައިގެން ތިމަންކަލޭގެފާނުގެ ގާތަށް ވަޑައިގަންނަވާށެވެ”.

މިސިޓީ އަބޫ ޢުބައިދާއަށް ލިބިވަޑައިގެން ސިޓީ ވިދާޅުވެ ނިމުމުން އަމީރުލް މުއުމިނީން އެދިވަޑައިގަންނަވާ ބޭނުން ވިސްނިވަޑައިގަތެވެ. އެއީ ޠާޢޫނު ބަލި ނެތް ތަނަކަށް ފޮނުވުންކަން އެނގަވަޑައިތެވެ. އެއަށްފަހު ވިދާޅުވިއެވެ. “އަމީރުލް މުއުމިނީން އެދިވަޑައިގަންނަވާ ބޭނުން އަހުރެންނަށް ސާފުވެއްޖެއެވެ. އަހުރެން ﷲ ގެ މަގުގައި ނިކުތީ ގިނަ ދުވަހު ދުނިޔޭގައި ހުންނާކަށް ނޫނެވެ. ﷲ ގެ މަގުގައި ޤާއިމުވެހުރެ ޝަހީދެއްގެގޮތުގައި ދުނިޔެ ދޫކުރުމަށެވެ”.  

އެއަށްފަހު ސިޓީގެ ޖަވާބުގައި ލިޔުއްވިއެވެ. “އަމީރުލް މުއުމިނީން އެވެ! ކަލޭގެފާނު އަޅުގަނޑުގެ ކިބައިންއެދިވަޑައިގެންނެވި އެދުންފުޅަކީ ކޮބައިކަން އަޅުގަނޑަށް ސާފުވެއްޖެއެވެ! އަމީރުލް މުއުމިނީން އެވެ! އަޅުގަނޑަކީ އިސްލާމީ ލަޝްކަރުގެ ތެރޭގައި ހިމެނޭ ސިފައިންގެ މީހަކީމެވެ. މިފައުޖުގައި ދެންތިބި
 ސިފައިންދޫކޮށްލާފައި މިނުރައްކާތެރި މުޞީބާތުގެ ވަޤުތުގައި ހަމައެކަނި އަޅުގަނޑުގެ ނަފްސު ސަލާމަތްކުރަން އަޅުގަނޑު ބޭނުމެއް ނޫނެވެ.

އިސްލާމީ ލަޝްކަރާއި މިއަޅާއާއި މެދު ގަދަ ކީރިތިވަންތަ ﷲ ވަކިގޮތަކަށް ނިޔާކަނޑައަޅުއްވައިފުމަށް ދާންދެން މިލަޝްކަރާ ވަކިވާން އަޅުގަނޑު ނޭދެމެވެ. އަމީރުލް މުއުމިނީންއެވެ. އަޅުގަނޑުގެ މިސިޓީ ލިބިވަޑައިގެންފިނަމަ  ލަޝްކަރުގައި އަޅުގަނޑު މަޑުކޮށްދިނުމުގެ އިޒުނަދެއްވައި އަމީރުލް މުއުމިނީންގެ ނިންމެވުން އަނބުރައި ރުޖޫޢަކޮށްދެއްވުން އެދި ދެންނެވީމެވެ”.

މިސިޓީ ޢުމަރު ރަޟިޔަﷲ ޢަންހުގެ އަތްޕުޅަށް ލިބިވަޑައިގަތުމުން ލޯފުޅުން ކަރުނަފޮދު އޮހުރުނެވެ. އަދިވަރަށް ބޮޑަށް ކީރިތިކުރެއްވުނެވެ. އެލޭގެފަނަށް ކީރިތިކުރެއްވުނުލެއް ބޮޑުކަމުން ކައިރީގައި ތިބި މީހުން ސުވާލު ދެންނެވި: “އަބޫ ޢުބައިދާ އަވަހާރަވީތޯއެވެ؟” އެހިނދު ޖަވާބުގައި 

ވިދާޅުވިއެވެ: “ނޫނެކެވެ! ނަމަވެސް މަރުވަނީ އެކަލޭގެފާނާއި ވަރަށް ކައިރީގައެވެ”.

ޢުމަރު ރަޟިއްޔަﷲ ޢަންހުގެ ހީފުޅު ދޮގެއް ނުވިއެވެ. މާގިނަ ދުވަހެއް ނުވަނީސް ނުރައްކާތެރި ޠާޢޫނުބަލީގެ އަސަރު ޢަބޫ ޢުބައިދާގެ ހަށިކޮޅުން ފެނި އެބަލީގެ އާލާސްކަންފުޅު ޖެހުނެވެ. އެކަލޭގެފާނުގެ ޙަޔާތުގެ އެންމެފަހު ވަޤުތު އިސްލާމީ ލަޝްކަރު ޖަމާ ކުރައްވާ ވަރަށް އަގުރުހުރި ނަޞޭޙަތާއި ވަޞިޔަތްތައް ކުރެއްވިއެވެ. އެއަށްފަހު މުޢާޒް އިބްނު ޖަބަލް ރަޟިއްޔަﷲ ޢަންހުއަށް ބައްލަވާލައްވާފައި ވިދާޅުވިއެވެ. “މުޢާޛްއެވެ. މީސްތަކުންގޮވައިގެން ނަމާދު ކުރާށެވެ”. ދެން މާގިނަ މުއްދަތެއް އެ ދެމެދުގައި ހޭދައެއް ނުވެއެވެ. އެކަލޭގެފާނުގެ ޠާހިރު ފުރާނަ މިދުނިޔެއާ އަލްވަދާޢު ކިޔައިފިއެވެ. رضي الله عنهم أجمعين.