ރަމަޟާންމަހުގައި ޝައިޠާނުން ކަސްތޮޅު އެޅުއްވުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ރަމަޟާން މަހަކީ ވަރަށް ޚާއްޞަ މައްސަރެކެވެ. ﷲ ތަޢާލާވަނީ ވަރަށް ގިނަ ގޮތް ގޮތުން އެމަސް މާތް ކުރައްވައި މަތިވެރިކުރައްވާފައެވެ. އެމަހަށް ލިބިގެންވާ ޚާއްޞަ ކަންކަމުގެ ތެރޭގައި އެމަހުގައި ޝައިޠާނުން ކަސްތޮޅު އެޅުއްވުން ހިމެނެއެވެ.

ޖިންނި ޝައިޠާނުންގެ ޢާލަމަކީ ޣައިބުގެ ޢާލަމެކެވެ. އެފަދަ ޢާލަމްތަކުގެ ކަންތައްތައް ދެނެގަނެވޭނެ އެންމެ ކަށަވަރު މަގަކީ ކީރިތި ޤުރުއާނާއި ރަސޫލާ صلى الله عليه وسلم ގެ ސުންނަތެވެ. އެހެނީ ސިއްރާއި ފާޅުގައި ހިނގާ ހުރިހާ ކަމެއް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އަދި ބިމުގައިވިޔަސް އުޑުގައިވިޔަސް އެއްވެސް ކަމެއް އެއިލާހަށް ވަންހަނާ ވެގެން ނުވެއެވެ. ނަބިއްޔާ صلى الله عليه وسلم ވަނީ ޖިންނީންނާ ބެހޭ ބައެއް ޚަބަރުތައް އަޅުގަނޑުމެންނަށް ދެއްވާފައެވެ. އެގޮތުން ރަމަޟާން މަހު ޝައިޠާނުން ކަސްތޮޅު އެޅުވޭނެކަމަށް އެކަލޭގެފާނުވަނީ ޚަބަރުދެއްވާފައެވެ.

މިކަމާ ބެހޭގޮތުން އައިސްފައިވާ ބައެއް ޙަދީޘްތައް ޛިކުރުކޮށްލާނަމެވެ.

އަބޫ ހުރައިރާ رضي الله عنه ވިދާޅުވިއެވެ. ހަމަކަށަވަރުން ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. 

((إِذَا جَاءَ رَمَضَانُ فُتِحَتْ أَبْوَابُ الْجَنَّةِ، وَغُلِّقَتْ أَبْوَابُ النَّارِ، وَصُفِّدَتِ الشَّيَاطِينُ)). [1] 

މާނައީ: “ރަމަޟާން މަސް އައުމުން ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވެއެވެ. އަދި ޝައިޠާނުން ކަސްތޮޅު އެޅުވެއެވެ.”

އަދިވެސް ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ އަރިހުން އަބޫ ހުރައިރާ رضي الله عنه ރިވާކުރެއްވި އެހެން ރިވާޔަތެއްގައިވެއެވެ.

((إِذَا كَانَ أَوَّلُ لَيْلَةٍ مِنْ رَمَضَانَ صُفِّدَتِ الشَّيَاطِينُ مَرَدَةُ الْجِنِّ، وَغُلِّقَتْ أَبْوَابُ النَّارِ، فَلَمْ يُفْتَحْ مِنْهَا بَابٌ، وَفُتِّحَتْ أَبْوَابُ الْجِنَانِ، فَلَمْ يُغْلَقْ مِنْهَا بَابٌ، وَنَادَى مُنَادٍ: يَا بَاغِيَ الْخَيْرِ أَقْبِلْ، وَيَا بَاغِيَ الشَّرِّ أَقْصِرْ، وَلِلَّهِ عُتَقَاءُ مِنَ النَّارِ)). [2]

މާނައީ: “ރަމަޟާންމަހުގެ އެންމެ ފުރަތަމަ ރޭގައި ޝައިޠާނުން ކުރެ މާރިދު ޖިންނީން ކަސްތޮޅު އެޅުވެއެވެ. އަދި ނަރަކައިގެ ދޮރުކޮޅުތައް ބަންދު ކުރެވެއެވެ. އަދި އެއިން އެއްވެސް ދޮރެއް ނުހުޅުވޭނެއެވެ. އަދި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވެއެވެ. އަދި އެއިން އެއްވެސް ދޮރެއް ބަންދެއް ނުކުރެވޭނެއެވެ. އަދި ގޮވާލާ ފަރާތެއް ގޮވާލާނެއެވެ. އޭ ހެޔޮކަމަށް އެދޭ މީހާއެވެ. އަންނާށެވެ. އޭ ނުބައިކަމަށް އެދޭ މީހާއެވެ. ހުއްޓާލާށެވެ. އަދި ﷲ ތަޢާލާ، (އެ މައްސަރުގައި) ބަޔަކު ނަރަކައިން މުއްތި ކުރައްވާނެއެވެ.”

– ފުރަތަމަ ޙަދީޘްގައި އައިސްފައި އެވަނީ الشَّيَاطِينُ (ޝައިޠާނުން) ކަސްތޮޅު އެޅުވޭނެކަމެވެ.

– ދެވަނަ ޙަދީޘްގައިވަނީ ޝައިޠާނުން ކުރެ ކަސްތޮޅު އެޅުވޭނީ مَرَدَةُ الْجِنِّ (މާރިދު ޖިންނީން) ކަމެވެ.

މި ދެ ޙަދީޘުން އެނގޭ ގޮތުގައި ޝައިޠާނުން ކުރެ ކަސްތޮޅު އެޅުވެނީ ވަކި ބައެކެވެ. އެއީ އެސޮރުމެންގެ ތެރެއިން މާރިދުންނެވެ.

މިކަމާ ބެހޭގޮތުން ابن خزيمة  – رحمه الله –  އެކަލޭގެފާނުގެ ޞަޙީޙުގައި ބާބު ބަންނަވަމުން ވިދާޅުވިއެވެ.

“ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘްގައި ޝައިޠާނުން ކަސްތޮޅު އެޅުވޭ ވާހަކަ އެކަލޭގެފާނު ބަޔާންކުރެއްވިއިރު، އޭގެ މުރާދަކީ ޖިންނީންކުރެ މާރިދުންކަން ބަޔާންކޮށްދިނުން. އެއީ ހުރިހާ ޝައިޠާނުންނެއް ނޫނެވެ. … ” [3]

މާރިދުންނަކީ ނުބައިކަމުގައިވެސް ހައްދު ފަހަނައަޅާދާ ޝައިޠާނުންނެވެ. [4]

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

إِنَّا زَيَّنَّا السَّمَاءَ الدُّنْيَا بِزِينَةٍ الْكَوَاكِبِ ﴿٦﴾ وَحِفْظًا مِّن كُلِّ شَيْطَانٍ مَّارِدٍ ﴿٧﴾  [5]

މާނައީ: “ހަމަކަށަވަރުން ތިމަންއިލާހު، އަލިގަދަ ތަރިތަކުގެ ޒީނަތްތެރިކަމުން އެންމެކައިރި އުޑު ޒީނަތްތެރި ކުރެއްވީމެވެ. [6] އަދި ކޮންމެ މާރިދު ޝައިޠާނެއްގެ ކިބައިން އެ އުޑު ރައްކާތެރިކުރެއްވީމެވެ. [7]”

މިއާޔަތްތަކުގައި މިވަނީ އެސޮރުމެން ކުރެ މާރިދުން އުޑުން ޚަބަރު ހޯދަން މަސައްކަތް ކުރުމުން ގިނި ހިލަ ފޮނުއްވާ އެސޮރުމެން ހަލާކުރައްވާ ވާހަކައެވެ. [6]

ރަމަޟާން މަހުގައި އެފަދަ ޝައިޠާނުން ކަސްތޮޅު އެޅުއްވުމުގެ ޙިކުމަތަކީ އެމައްސަރުގައި ޝައިޠާނުންގެ ނުބައިކަން ކުޑަކުރެއްވުމެވެ.

ބައެއް މީހުންނަށް މިޙަދީޘުން ދެ ކަމެއް އޮޅުން އަރައެވެ.

ފުރަތަމައީ: މިޙަދީޘްތަކުގައި ޝައިޠާނުން ކަސްތޮޅު އެޅުއްވޭ ވާހަކަ އައިސްފައިވާއިރު ރަމަޟާން މަހުގައި ބައެއް މީހުން ޖިންނި މޮޔަވަނީ ކީއްވެ ހެއްޔެވެ؟

މި ސުވާލުގެ ޖަވާބުގައި ދަންނަވާލަން އޮތީ، ކުރިން ދެންނެވުނު ފަދައިން ރަމަޟާން މަހު ކަސްތޮޅު އެޅުއްވެނީ ހުރިހާ ޝައިޠާނުންނެއް ނޫނެވެ. ކަސްތޮޅު އެޅުއްވެނީ މާރިދު ޖިންނީން އެކަންޏެވެ. އެހެން ކަމުން ރަމަޟާން މަހުގައިވެސް ޝައިޠާނުން އުޅޭނެއެވެ. [7]

ދެވަނައީ: ރަމަޟާން މަހުގައި ޝައިޠާނުން ކަސްތޮޅު އެޅުއްވުމުންވެސް މީސްތަކުން ފާފަކުރަނީ ކީއްވެ ހެއްޔެވެ؟

ޖަވާބުގައި ދަންނަވާލަން އޮތީ، މިސުވާލުގެ ޖަވާބުގައި ޢިލްމުވެރިން މައިގަނޑު ތިން ޖަވާބެއް ދެއްވައެވެ. އެއީ:

1- ރަމަޟާން މަހު ޝައިޠާނުންގެ ކިބައިން ރައްކާތެރިވަނީ ރޯދަ ހިފަން އަންގަވާފައިވާ ގޮތުގައި ރޯދަ ހިފާ މީހުންނެވެ.  [8]

2- މީސްތަކުން ފާފަތައް ކުރަނީ ހަމައެކަނި ޝައިޠާނުންގެ ސަބަބުންނެއް ނޫނެވެ. އެކަމުގައި އެހެން ސަބަބުތައްވެސް ހިމެނެއެވެ. އޭގެ ތެރޭގައި: އަމިއްލަ ނަފްސުގެ ނުބައިކަމާއި ނުބައި އާދަކާދަ އަދި އިންސީންގެ ތެރެއިންވާ ޝައިޠާނުންވެސް ހިމެނެއެވެ.

3- – ކުރިންވެސް ބަޔާންކޮށްފައިވާ ފަދައިން – ކަސްތޮޅު އެޅުވެނީ ހަމައެކަނި މާރިދު ޖިންނީންނެވެ. ހުރިހާ ޝައިޠާނުންނެއް ނޫނެވެ.

ޚުލާޞާއަކީ ރަމަޟާން މަހުގައި އެސޮރުމެންގެ ނުބައިކަން ކުޑަވެގެންދާނެއެވެ. [9]

______________________________________


[1] أخرجه مسلم في صحيحه، كتاب: الصيام، باب: فضل شهر رمضان، برقم: 1 – (1079) من طريق على بن حجر.

[2] أخرجه الترمذي في جامعه برقم: (682) وابن ماجة في سننه برقم: (1642) وابن خزيمة في صحيحه برقم: (1883) وابن حبان في صحيحه برقم: (3435) والحاكم في مستدركه برقم: (1532). إسناده حسن، من أجل أبو بكر بن عياش وهو ثقة عابد إلا أنه لما كبر ساء حفظه (انظر: التقريب لإبن حجر (1/624) برقم: (7985) وصحيح ابن خزيمة مع تحقيق الأعظمي (2/907) برقم: (1883)).

[3] صحيح ابن خزيمة مع تحقيق الأعظمي (2/907).

[4] انظر: تفسير الطبري (14/440).

[5] سورة الصافات: ٦ – ٧

[6] تفسير ابن كثير (7/6).

[7] انظر: فتح الباري (4/114).

[8] ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާވަނީ މިމާނައަށް އިޝާރާތްކުރައްވާފައެވެ.  انظر: مجموع فتاوى لشيخ الإسلام ابن تيمية (25/246).

[9] انظر: المفهم للقرطبي (3/136).