الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ރޯދައަކީ ވަރަށް މަތިވެރި އަޅުކަމަކެވެ. އަދި ރަމަޟާންމަހުގެ ރޯދައަކީ އިސްލާމްކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. ރޯދަވެރިންނަށް ޚާއްޞަކޮށް ސުވަރުގޭގައި الريان ގެ ނަމުން ނަންދެއްވާފައިވާ ދޮރުކޮޅެއްވެސް ވެއެވެ. [1] ﷲ ތަޢާލާވަނީ ފަރުޟު ރޯދައާއި ސުންނަތް ރޯދަވެސް އަޅުގަނޑުމެންނަށް ޝަރުޢުކުރައްވާފައެވެ. ރޯދަ ހިފާއިރު ދެނެގަންނަން ޖެހޭ ޙުކުމްތަކަކާއި އަދަބުތަކެއް ވެއެވެ. އެގޮތުން މިލިޔުމުގައި އަލިއަޅުވާލާނީ ރޯދަ ހިފުން ނަހީކުރައްވާފައިވާ ދުވަސްތަކާއި ޙާލަތްތަކަށެވެ.
ފުރަތަމައީ: ޢީދުދުވަހު ރޯދަ ހިފުން
– ފިޠުރު ޢީދު ދުވަހާއި އަޟްޙާ ޢީދު ދުވަހުގައި ރޯދަ ހިފުމަކީ ނަބިއްޔާ صلى الله عليه وسلم ނަހީކުރައްވާފައިވާ ކަމެކެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
«وَلاَ صَوْمَ فِي يَوْمَيْنِ: الفِطْرِ وَالأَضْحَى» [رواه البخاري في صحيحه برقم: (1995)]
މާނައީ: “އަދި ދެ ދުވަހެއްގައި ރޯދަ ނުހިފާށެވެ. (އެއީ) ފިޠުރު ޢީދު ދުވަހާއި އަޟްޙާ ޢީދު ދުވަހެވެ.”
– އައްނަވަވީ رحمه الله ވިދާޅުވިއެވެ.
“ހަމަކަށަވަރުން ހުރިހާ ޙާލަތެއްގައިވެސް މި ދެ ދުވަހު (އެބަހީ: ފިޠުރު ޢީދު ދުވަހާއި އަޟްޙާ ޢީދު ދުވަހު) ރޯދަ ހިފުން ޙަރާމްކަމަށް ޢިލްމުވެރިންވަނީ އިޖުމާޢުވެފައެވެ. އެއީ ނަދުރު ރޯދަ، ސުންނަތް ރޯދަ، ކައްފާރާ ރޯދަ އަދި އެނޫން ރޯދައެއް ވިޔަސް މެއެވެ.” [2]
ދެވަނައީ: އައްޔާމުއް ތަޝްރީޤުގެ ތިން ދުވަހު ރޯދަ ހިފުން
އައްޔާމުއް ތަޝްރީޤުގެ ތިން ދުވަހަކީ ޙައްޖުމަހުގެ 11، 12 އަދި 13ވަނަ ދުވަހެވެ. ޢަރަބި ބަހުގައި تَشْرِيْق ގެ މާނައަކީ އަވީލުމެވެ. އެ ދުވަސްތަކަށް އެ ނަމުން ނަންދެވިފައިވަނީ، އިހު ޒަމާނުގައި ޢީދު ދުވަހު ހަދްޔުގެ ގޮތުގައި ކަތިލާ ނަޢަމް ސޫފީގެ ބާވަތްތަކުގެ މަސްތައް ހިއްކުމަށްޓަކައި އެ ތިން ދުވަހުގައި އަވީލާތީއެވެ. [3]
ޢާއިޝާ رضي الله عنها އަދި އިބްނު ޢުމަރު رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ.
«لَمْ يُرَخَّصْ فِي أَيَّامِ التَّشْرِيقِ أَنْ يُصَمْنَ، إِلَّا لِمَنْ لَمْ يَجِدِ الهَدْيَ» [رواه البخاري في صحيحه برقم: (1997)]
މާނައީ: “އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކުގައި ރޯދަ ހިފުމަށް (ނަބިއްޔާ صلى الله عليه وسلم) ހުއްދަ ނުދެއްވައެވެ. (ޙައްޖުވެރިންގެ ތެރެއިން) ކަތިލާނެ ހަދުޔެއް ނުލިބުނު މީހުންނަށް ފިޔަވައެވެ.”
އަދިވެސް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
«أَيَّامُ التَّشْرِيقِ أَيَّامُ أَكْلٍ وَشُرْبٍ» [رواه مسلم في صحيحه برقم: 144 – (1141)]
މާނައީ: “އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކަކީ ކެއުން ބުއިމުގެ ދުވަސްތަކެކެވެ.”
އަދި އެ ރިވާޔަތުގެ އެހެން
ލަފްޒެއްގައި އިމާމު މުސްލިމް ރިވާކުރެއްވިއެވެ.
«وَذِكْرٍ لِلَّهِ» [رواه مسلم في
صحيحه برقم: (1141)]
މާނައީ: “އަދި ﷲގެ
ޛިކުރުކުރުމުގެ ދުވަސްތަކެކެވެ.”
މިޙުކުމުގައި ޙައްޖުވެރިންނާއި އެނޫން މީހުންވެސް ޝާމިލުވެއެވެ. މިޙުކުމުން އިސްތިޘްނާވާ ބަޔަކީ ޙައްޖުވެރިންގެ ތެރެއިން ކަތިލާނެ ހަދުޔެއް ނުލިބިގެން ރޯދަ ހިފާ މީހުންނެވެ. އެފަދަ މީހުންނަށް އެދުވަސްތަކުގައި ރޯދަ ހިފިދާނެއެވެ.
[1] ބައްލަވާ: صحيح البخاري، رقم الحديث: (1896)
[2] ބައްލަވާ: شرح النووي على صحيح مسلم (8/15)
[3] ބައްލަވާ: شرح النووي على صحيح مسلم (8/17)