ރޯދަ ހިފުން ނަހީކުރައްވާފައިވާ ދުވަސްތަކާއި ޙާލަތްތައް – 2


ތިންވަނައީ: ހަމައެކަނި ހުކުރު ދުވަހު ރޯދަ ހިފުން


ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«لَا يَصُمْ أَحَدُكُمْ يَوْمَ الْجُمُعَةِ، إِلَّا أَنْ يَصُومَ قَبْلَهُ، أَوْ يَصُومَ بَعْدَهُ» [رواه مسلم في صحيحه برقم: 147 – (1144)]

މާނައީ: “ތިޔަބައިމީހުން ކުރެ މީހަކު ހުކުރު ދުވަހު ރޯދަ ނުހިފާށެވެ. އޭގެ ކުރީ ދުވަހާ އެކު ނުވަތަ ޖެހިގެން އަންނަ ދުވަހާ އެކު ރޯދަ ހިފާ މީހަކު ފިޔަވައެވެ.” (އެބަހީ: ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ނުވަތަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ރޯދަ ހިފާނަމަ މައްސަލައެއް ނެތެވެ.)

ވަކި ޙާލަތްތަކެއްގައި ހުކުރު ދުވަހު ރޯދަ ހިފުން ހުއްދައެވެ. އެއީ އެހެން ސަބަބެއް މެދުވެރިވެގެން ހުކުރު ދުވަހު ރޯދަ ހިފުމުން ހުކުރު ދުވަހުގައި ރޯދަ ހިފުން ޚާއްޞަކުރިކަމަށް ނުވާތީއެވެ.


ހުކުރު ދުވަހު ރޯދަ ހިފުން ހުއްދަ ޙާލަތްތަކަކީ:

ފުރަތަމަ ޙާލަތު: ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ނުވަތަ ހުކުރުދުވަހާއި ހޮނިހިރު ދުވަހު ރޯދަ ހިފުން

އުންމުލް މުއުމިނީން، ޖުވައިރިޔާ ބިންތުލް ޙާރިޘް ރޯދައަށް ހުންނަވަނިކޮށް ނަބިއްޔާ صلى الله عليه وسلم އެކަމަނާގެ އަރިހަށް ވެދެވަޑައިގެން ޙަދީޘްކުރެއްވިއެވެ.

«أَصُمْتِ أَمْسِ؟»،

قَالَتْ: لاَ.

قَالَ: «تُرِيدِينَ أَنْ تَصُومِي غَدًا؟»

قَالَتْ: لاَ

قَالَ: «فَأَفْطِرِي» [رواه البخاري في صحيحه برقم: (1986)]

މާނައީ: ” ”ކަމަނާ އިއްޔެ ރޯދައަށް ހުންނެވިން ހެއްޔެވެ؟”

އެކަމަނާ ވިދާޅުވިއެވެ. “ނޫނެކެވެ.”

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “މާދަމާ ރޯދައަށް ހުންނެވުމަށް ކަމަނާ ޤަޞްދުކުރައްވަން ހެއްޔެވެ؟”

އެކަމަނާ ވިދާޅުވިއެވެ. “ނޫނެކެވެ.”

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ފަހެ، ކަމަނާ ރޯދަ ދޫކޮށްލައްވާށެވެ.” “

ފަހެ އެކަލޭގެފާނުގެ ބަސްފުޅުގައި: “މާދަމާ ރޯދައަށް ހުންނެވުމަށް ކަމަނާ ޤަޞްދުކުރައްވަން ހެއްޔެވެ؟” ދަލާލަތުކުރަނީ ހުކުރުދުވަހާ އެކު އެހެން ދުވަހަކު ރޯދަހިފުން ހުއްދަކަމެވެ.


ދެވަނަ ޙާލަތު: ފަރުޟު ރޯދައަކަށްވުން

އެއީ އަދާއަށް ނުވަތަ ޤަޟާއަށް ރަމަޟާންމަހުގެ ރޯދަ ހިފުމެވެ. އަދި ކައްފާރާގެ ރޯދަތައް ހިފުމެވެ. އަދި ތަމައްތުޢު ޙައްޖެއް ކުރިމީހަކު ހަދްޔުގެ ބަދަލުގައި ހިފާ ރޯދަފަދަ ރޯދަ ހިފުމެވެ. ފަހެ މިކަމުގައި މައްސަލައެއް ނެތެވެ. އެއީ މިގޮތަށް ރޯދަ ހިފާއިރު ހުކުރު ދުވަހު ރޯދަ ހިފުމުގައި ޚާއްޞަކަމެއްވާކަމަށް އިޢުތިޤާދު ނުކުރާނަމައެވެ. އަދި އޭނާގެ ތާވަލު ހުންނަ ގޮތުން އެ ދުވަހުގައި ރޯދައަށް ހުންނަން ފަސޭހަ ވާތީ ހަމައެކަނި ހުކުރުދުވަހު ރޯދައަށް ހުރެވިދާނެއެވެ. މިޙާލަތުގައިވެސް ބޮޑަށް ރަނގަޅީ އަދި ރައްކާތެރި ގޮތަކީ ބުރާސްފަތި ދުވަހާއި ހުކުރު ދުވަސް ނުވަތަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ރޯދައަށް ހުރުމެވެ.


ތިންވަނަ ޙާލަތު: ރޯދަހިފުން ޝަރުޢުކުރެވިފައިވާ ދުވަހެއް ހުކުރުދުވަހަކާ ދިމާވުމުން ހުކުރު ދުވަހު ރޯދަ ހިފުން

އެއީ މިސާލަކަށް ބީޟުގެ ރޯދަ (އެބަހީ: ކޮންމެ ހަނދުމަހެއްގެ 13 14 15ގައި ހިފާ ރޯދަ) އާއި ޢަރަފާތުދުވަހުގެ ރޯދައާއި ޢާޝޫރާގެ ރޯދައާއި ޝައްވާލުމަހުގެ ހަ ރޯދަ އަދި ޙައްޖުމަހުގެ ފުރަތަމަ ނުވަދުވަހު ރޯދަހިފާއިރު ހުކުރު ދުވަހަކާ ދިމާވެއްޖެނަމަ ހުކުރު ދުވަހު ރޯދަހިފުން މައްސަލައެއް ނެތެވެ. އެހެނީ އެ ދުވަސްތަކުގައި އޭނާ ރޯދަ އެ ހިފަނީ އެއީ ހުކުރުދުވަހަށް ވާތީއެއް ނޫނެއެވެ. އެހެނަސް އެއީ ރޯދަހިފުން ޝަރުޢުކުރައްވާފައިވާ ދުވަސްތަކަކަށް ވާތީއެވެ.


ހަތަރުވަނަ ޙާލަތު: އާދަކޮށް ހިފާ ރޯދައަކާ ދިމާވުން

އެއީ މިޘާލަކަށް ދެ ދުވަހުން އެއް ދުވަހު ރޯދައަށް ހުންނަ މީހާއެވެ. އޭނާ ރޯދައަށް ހުންނަ ދުވަސް ހުކުރުދުވަހަކާ ދިމާވެއްޖެނަމަ ފަހެ އެ ދުވަހުގައި ރޯދަހިފުން އެއީ މައްސަލައެއް ނޫނެވެ. އެއީ ރޯދަމަހުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން ރޯދަހިފުން، ނަބިއްޔާ صلى الله عليه وسلم ނަހީކުރެއްވިއިރުވެސް އާދަވެގެން ރޯދަ ހިފާ މީހުން އިސްތިޘްނާ ކުރައްވާފައިވާތީއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

«لاَ يَتَقَدَّمَنَّ أَحَدُكُمْ رَمَضَانَ بِصَوْمِ يَوْمٍ أَوْ يَوْمَيْنِ، إِلَّا أَنْ يَكُونَ رَجُلٌ كَانَ يَصُومُ صَوْمَهُ، فَلْيَصُمْ ذَلِكَ اليَوْمَ» [رواه البخاري في صحيحه برقم: (1914)]

މާނައީ: ” ރަމަޟާންމަހުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން ތިޔަބައިމީހުން ކުރެ މީހަކު ރޯދަ ނުހިފާ ހުށިކަމެވެ. އާދަވެގެން ރޯދަ ހިފަމުން އައި މީހަކު ފިޔަވައެވެ. ފަހެ އެފަދަ މީހަކު އެ ދުވަހުގައިވެސް ރޯދަ ހިފާށެވެ.”


ހުކުރު ދުވަހު ރޯދަ ހިފުން މަކުރޫހަވާ ޙާލަތަކީ:

އިސްވެ ބަޔާންވެ ދިޔަ އެއްވެސް ސަބަބެއް ނެތި ސުންނަތްރޯދަ ހިފުމަށް ހަމައެކަނި ހުކުރުދުވަސް ޚާއްޞަކުރުމެވެ. [1]




[1] ބައްލަވާ: مجموع فتاوى ورسائل الشيخ ابن عثيمين (20/ 51- 57) وفتاوى نور على الدرب لسماحة الشيخ عبدالعزيز بن باز، ومنحة العلام للشيخ عبدالله الفوزان (5/104)