މީސްތަކުންގެ ތެރޭގައި ބަނގުރަލާއި މިއުޒިކު ޢާއްމުވުމަކީ ފަހުޒަމާނުގެ އަލާމާތެއްކަމަށާއި މިފަދަ ކަންކަން އާއްމުވެގެން ދިއުމަކީ ﷲ ގެ ޢަޛާބެއް އަތުވެދާނެކަމެއްކަމަށް އައްޝައިޚް މުޙައްމަދު ސިނާން ވިދާޅުވެއްޖެއެވެ.
ފުރުޤާން މިސްކިތުގައި އިއްޔެ އޮތް ‘އަޝްރާޠް’ ގައި ވާހަކަފުޅުދައްކަވަމުން ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރު އައްޝައިޚް މުޙައްމަދު ސިނާން ވިދާޅުވީ މިއަދު އަޅުގަނދުމެންގެ މުޖްތަމަޢުގައި މިވަނީ މި ދެކަންތައް ޢާއްމުވެފައިކަމަށާއި، މުޖްތަމަޢުގެ ވަކިބަޔަކު ﷲ އަށް އަޅުކަން ކުރަމުންދިޔަކަމުގައިވިޔަސް މިމުޖްތަމަޢުގައި ފާޅުގައި ބަޔަކު ﷲއަށް އުރެދެމުންދާކަމަށްވަންޏާ ﷲގެ ކޯފާއެއް ޢާއްމުވެގެން އައިސްދާނެކަމަށެވެ.
“ލޮބުވެތި އަޚުންނާއި އުޚްތުންނޭ! މިއަދު އަޅުގަނޑުމެންގެ މުޖްތަމަޢުއިން އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ﷲ ޙަރާމް ކުރައްވާފައިވާ ބަނގުރަލާއި މިއުޒިކް ޢާއްމުވެފައިވާ މަންޒަރު. މިފަދަ ނުބައި ކަމަކުން އާއްމުވެގެން އަތުވެދާނެ ﷲގެ ކޯފާއަކުން ސަލާމަތްކޮށްދެއްވުމަށް އެދި ﷲ އަށް ދުޢާ ދަންނަވަންޖެހޭ” ޝައިޚް ވިދާޅުވިއެވެ.
ޤިޔާމަތުގެ ޢަލާމާތްތަކަށް އަލިއަޅުވާލައްވައިވާހަކަފުޅު ދައްކަވަމުން ޝައިޚް ސިނާން އިތުރަށް ވިދާޅުވީ އަވައްޓެރިންނަށް އުނދަގޫކޮށް އަވައްޓެރިންގެ ޙައްޤުތަކަށް އަރައިގަންނަމުންދާ މަންޒަރަކީވެސް މިއަދު އަޅުގަނޑުމެންގެ މުޖްތަމަޢުން އާއްމުކޮށް ފެންނަމުންދާ މަންޒަރެއްކަމަށާއި މިއީ އިސްލާމްދީނުގައި ނުހަނުބޮޑަށް ޙަރާމް ކުރައްވާފައިވާ ކަމެއްކަމަށެވެ.
“އަވައްޓެރިންނަށް އުނދަގޫވާފަދަ ތަފާތު އެކިއެކި ކަންތައްތައް ކުރަމުންދަނީ. އަޑުގަދަ ކޮށްގެން. ނުވަތަ ތަފާތު އެކިއެކި ގޯނާތައް ކޮށްގެން އެމީހުންނަށް އިހާނެތިކޮށް ހިތަމުންދާ މަންޒަރަކީ މިއަދު އަޅުގަނޑުމެންނަށް ފެންނަމުންދާ މަންޒަރެއް. މިއީ ހަގީގަތުގައި ވަރަށް ނުރައްކާތެރިކަމެއް. ﷲ އަށާއި އާޚިރަތްދުވަހަށް އީމާންވުމުގެ ތެރޭގައި ހިމެނިގެންދާ ކަމެއްކަމަށް ރަސޫލާ ޞައްލައްލާހު ޢަލައިހި ވަސައްލަމް ޙަދީޡް ކުރައްވާފައިވަނީ އަވައްޓެރިންނަށް ހެޔޮކޮށް ހިތުން” އައްޝައިޚް މުޙައްމަދު ސިނާން ވިދާޅުވިއެވެ.
ޖަމްޢިއްޔައްތުއްސަލަފުގެ ފަރާތުން މިރަމަޟާން މަހުގެ ކޮންމެ ދުވަހެއްގެ ޢަޞްރު ނަމާދަށްފަހު ‘އަޝްރާޠް’ ގެ ނަމުގައި ފުރުޤާން މިސްކިތުގައި ކުރިއަށްގެންދާ ދަރުސްތަކަކީ ކޮންމެ ރަމަޟަން މަހަކު އެމިސްކިތުގައި ސިލްސިލާކޮށް ކުރިއަށް ގެންދާ ދަރުސްތަކެކެވެ. މި ދަރުސްތަކުގައި ރާއްޖޭގެ ފުންނާބުއުސް ތަފާތު އެތައް ޢިލްމުވެރިންނެއްދަނީ ވާހަކަފުޅު ދައްކަވަމުންނެވެ.