ކަނބަލުންނަށް ފުރުޞަތުދެމާ! (1)

ތަފާތު ފަރާތްތަކުގެ ޙައްޤުތަކުގެ ވާހަކައަކީ މިހާރަކަށް އައިސް އެންމެ ހަރުކޮށް ފެތުރެމުންދާ އެއް ވާހަކައެވެ. އޭގެ، ތެރޭގައި އަންހެނުންގެ ޙައްޤުތަކާއި ކުޑަކުދިންގެ ޙައްޤުތަކާއި، މުސްކުޅިންގެ ޙައްޤުތަކާއި، ޒުވާނުންގެ ޙައްޤުތަކާއި، މައިންބަފައިންނާއި، އަނބިދަރިންގެ ޙައްޤުތައް ހިމެނެއެވެ. މިއިން ކޮންމެ ޙައްޤަކީވެސް ލިޔެލަން ވަރަށް ފަސޭހަ ދެތިން ކަލިމައެވެ. ނަމަވެސް އެކިފަރާތްތަކަށް ލިބިދޭންޖެހޭ ޙައްޤުތަކަކީ އެހެން ފަރާތްތަކެއްގެ ބޮލުގައި އެޅިފައިވާ، އަދާކުރަންޖެހޭ ޒިންމާތަކަކާއި ވާޖިބުތަކެއްކަން ހަނދާން ހުންނަނީ ކިތައް މީހުންބާވައެވެ. އެންމެ މީހަކަށް ލިބިދޭންޖެހޭ ޙައްޤުތަކެއް ފުރިހަމަވަނީ އެތައްބަޔަކު، އެތައް ވާޖިބުތަކެއް ފުރިހަމައަށް އަދާކޮށްގެންނެވެ. މިސާލަށް؛ ކުޑަކުދިންގެ ޙައްޤުތަކަށް ބަލައިލަމާހެއްޔެވެ؟ އެކުދިންގެ ޙައްޤުތައް ފުރިހަމަވާނީ އެކުދިންނާމެދު އެކުދިންގެ މައިންބަފައިންގެ ބޮލުގައި އެޅިފައިވާ ހުރިހާ ވާޖިބުތަކެއް ފުރިހަމައަށް އަދާކޮށްގެންނެވެ. އޭގެ އިތުރުން ދެފަރާތުން، އެކުއްޖާގެ މާމަޔާއި ކާފަޔާއި، އޭނާގެ އަޚުންނާއި އުޚުތުންނާއި، އޭނާގެ އަވައްޓެރިންނާއި، އޭނާ ދިރިއުޅެމުންދާ މުޖުތަމަޢުގެ އެންމެހާ އަފްރާދުންނާއި، އުނގަންނައިދެއްވާ އެދުރުންނާއި، އެދުރުންގެ ކަންކަން ބެލެހެއްޓުން މަތިކުރެވިފައިވާ ސްކޫލުގެ ވެރިންނާއި ވަޒީރުންނާއި، ޤައުމުގެ ސިޔާސަތުތައް އެކަށައަޅުއްވާ ބޭފުޅުންނާއި، ޢަދުލު އިންސާފުގެ ދާއިރާއާއި، މިހުރިހާ ފަރާތްތަކެއްގެ ބަލަދުވެރިކަން މަތިކުރެވިފައިވާ ޤައުމުގެ އެންމެ މަތީވެރިޔާ އަދާކުރަންޖެހޭ އެންމެހައި ވާޖިބުތައް ފުރިހަމަޔަށް އަދާކޮށްގެންނެވެ.

ޝައްކެއްނެތެވެ. އަޅުގަނޑުމެންގެ ޒުވާން ޖީލުގެ މިސްރާބުހުރީ ނުރައްކާތެރި ދިމާއަކަށް ކަން ހަމަބުއްދިހުރި ކޮންމެ ފަރާތަކުންވެސް ޤަބޫލުކުރާނެއެވެ. ތަފާތު ކުށްތަކަށް އަރައިގަތުމުގައި ފަސްނުޖެހޭ ބަޔަކަށް ވަރަށްގިނަ ޒުވާނުން ވަނީ ވެފައެވެ. މަސްތުވާތަކެތީގެ ޝިކާރައަކަށް ވަމުންދާ ޒުވާނުން އެއްދުވަހުން އަނެއްދުވަހަށް ދަނީ އިތުރުވަމުންނެވެ. ދީނީ ވާޖިބުތަކަށް ފަރުވާކުޑަކުރުމާއި، މުޖުތަމަޢުގެ އަޚްލާޤީ މިންގަޑަށް ނުފެތޭ އެތައްކަމެއް، ޒުވާނުންގެ ފަރާތުންދަނީ ފެންނަމުންނެވެ. މިއަދުގެ ޙާލަތަކީ ކޮންމެ މީހަކުވެސް މިތިބީ އެމީހެއްގެ ދަރިފުޅު ނުބައިމަގަކުން ހިނގައިދާނެކަމުގެ ބިރުގައި، ކަންބޮޑުވުމާއި ހާސްކަމެއްގެ ތެރޭގައެވެ. ގޭގައި ކިތަންމެ ރައްކާތެރިކޮށް ގެންގުޅުނަސް ސްކޫލުން އެކުދިންނާ ބައްދަލުވާ ބައެއް ކުދިންގެ ނުބައި އަސަރުކޮށްފާނެތީއެވެ. ކުޅެންގޮސް އުޅޭ މާޙައުލުން އެކުދިންގެ ސިކުނޑި ދޮވެލަފާނެކަމުގެ ބިރުގައެވެ. އަދި އެހިސާބުން ފުއްދޭކަށް ނެތެވެ. ފަހިވެފައިވާ މުވާޞަލާތީ ގުޅުންތަކުގެ ސަބަބުން، ދުނިޔޭގެ މާދުރު ހިސާބެއްގައި ތިބޭ ނުބައިބައެއްގެ ފިކުރަށް އެކުދިން ގޮސްފާނެކަމުގެ ބިރުވަކިން ކުޑައެއް ނޫނެވެ.

އަޅުގަނޑުގެ މަޤްޞަދަކީ ކަންބޮޑުވުން ކިޔައިދިނުމެއް ނޫނެވެ. މިކަމަކީ އެންމެން ދަންނަ ޙަޤީޤަތެކެވެ. އެހެނަސް މަޤްޞަދަކީ މިކަމުގެ ޙައްލާމެދު ވިސްނުމުގެ ނަޒަކުން ބަލައިލުމެވެ. އަމިއްލަ ތަޖުރިބާއިން ކޮންމެ ބޭފުޅަކުވެސް ވިސްނަވާލެއްވުމަށް ބާރުއެޅުމެވެ. ޖަރީކުރެވިފައިވާ، ޙައްޤުތަކުގެ ޝިޢާރުތަކާއި ގޮވެލިތަކުގެ އަވައިގައި ޖެހުމެއްނެތި، އިޚްލާޞްތެރި ނަޒަރަކުން މި މައްސަލައާމެދު ވިސްނާލުމަށް އެހީތެރިކަން ފޯރުކޮށް ދިނުމެވެ. މުސްލިމެއްގެ ހައިސިއްޔަތުން އަމިއްލަ ނަފްސާއި މުޖުތަމަޢަށް ފައިދާއެއް ކުރުމުގެ ނިޔަތުގައެވެ. (ނުނިމޭ)